ގޫގަލް ޕިކްސަލް ފޯލްޑު 2އިން ފެންނާނީ ކޮން ކަމެއް؟

އަޝްނާ ރަޝީދު 21 މާރިޗު 2024

ޒަމާންތަކާއި ގުޅިގެން އަޅުގަނޑުމެން ގެންގުޅޭ ފޯނުތަކައް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި ފޯނުތައް ލުއިވެ، ކެމަރާ މޮޅުވެ، އަދި ޑިސްޕްލޭ ބޮޑުވަމުން ގޮސްފައިވެއެވެ. އަދި ފަހުން ފަހުން އައިސް ލައްޕާ ހުޅުވައިގެން ޑިސްޕްލޭ ބޮޑުކުރެވޭފަދަ ފޯލްޑު ފޯނުތައް ވެސް ވަނީ މަޑުމަޑުން އާންމުވާން ފަށައިފައެވެ. މިގޮތުން، ސެމްސަންގ، ވަންޕްލަސްއާއި މޮޓޮރޯލާ މިކަހަލަ ފޯލްޑަބަލް ފޯނަށް މަޝްޙޫރުވެފައިވާ އިރު، ގޫގަލުން މިއަހަރު ނެރޭނެކަމަށް ބުނެވޭ ޕިކްސަލް ފޯލްޑް 2 މި ފަދަ ފޯނުތަކާއި ވާދަކުރެވޭނެ ބާވައެވެ؟

ގޫގަލްއިން މި ފޯނުގެ 2ވަނަ ޖެނަރޭޝަން މިއަހަރުގެ ތެރޭގައި ފެނިގެން ދާނެކަމަށް މާހިރުން ބުނެފައިވާއިރު، މި ފޯނާއި ބެހޭ ގިނަ ދެބަސްވާ ޚަބަރާއި ސުވާލުތައް އުފެދިފައިވެއެވެ. ނަމަވެސް ގިނަ ބަޔެއްގެ ސުވާލަކަށް ވެފައިވަނީ މި ފޯނުވާނީ ފޯލްޑަބަލް ފޯނުތަކަށް އައު އިންޤިލާބެއް ގެނެސްދޭނެ މޮޑެލްއަކަށްތޯ؟ ނުވަތަ މި މޮޑެލް އެހެން ފޯނުތަކާއި ތަފާތެއް ނެތި ނިމިގެންދާނެތޯ؟

ކުރިން ގޫގަލްއިން އަމަލުކޮށްފައިވާ ގޮތަށް ބިނާކޮށްފައި ގިނަ ބަޔަކު ޤަބޫލުކުރަނީ މި ފޯނާއި ބެހޭ ރަސްމީ މައުލޫމާތު މި އަންނަ މެއި މަހުގައި ބާވަން ހަމަޖެހިފައިވާ ގޫގަލް އައި/އޯ 2024 ގައި ލިބިގެން ދާނެކަމަށެވެ. އަނެއްބައި މާހިރުން ލަފާކުރާގޮތުގައި މި ފޯނު ނެރޭނީ އަދި މިއަހަރުގެ ތަންކޮޅެއް ފަހުންކަމަށް ލަފާކޮށްފައި ވެއެވެ. ނަމަވެސް މި އަހަރު ފެބްރުއަރީއިން ފެށިގެން ވަނީ މި އައު ފޯނާއި ގުޅޭގޮތުން އެކިކަހަލަ ވާހަކަ ދެކެވެން ފަށާފައެވެ. މި އައު ފޯނުން ފެންނާނެކަމަށް ބެލެވޭ ބައެއްކަންތައްތައް ބަލާލަމާތޯ؟

ޑިސްޕްލޭ

ޕިކްސަލް ފޯލްޑު 2އާއި ގުޅޭގޮތުން ބަލާލާއިރުގައި އެ ފޯނުގެ ޑިސްޕްލޭ ވެފައިވަނީ އެއާއި ބެހޭގޮތުން އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އެއް ފީޗަރެވެ. ޑިސްޕްލޭ މާހިރެއް ކަމަށްވާ ރޮސް ޔަންގ ކޮށްފައިވާ ޓްވީޓެއް ހާމަކޮށްފައިވާގޮތުން މި ފޯނުގެ އެތެރެ ޑިސްޕްލޭ "8.02 ފުޅާވާއިރު، މީގެ ބޭރު ޑިސްޕްލޭގެ ފުޅާމިނަކީ "6.29 އެވެ. މީގެ ކުރިން ޙަބަރު ލިބިފައިވާ ގޮތުން ބޭރު ޑިސްޕްލޭގެ ފުޅާމިނަކީ "6.4 ކަމަށް ބުނެވިފައިވާއިރު، މިތަނުން ސައްހަ މައުލޫމާތަކީ ކޮބައިތޯ އަދި ޔަޤީނެއް ނުވެއެވެ. ކޮންމެކަސް، މިވެގެންދާނީ މިހާތަނަށް ލެއްޕޭ ފޯނަކަށް ހަދާފައިވާ އެންމެ ބޮޑު ޑިސްޕްލޭ އަކަށެވެ.

ކޮންމެއަކަސް، މިވެގެންދާނީ މިހާތަނަށް ލެއްޕޭ ފޯނަކަށް ހަދާފައިވާ އެންމެ ބޮޑު ޑިސްޕްލޭ އަކަށެވެ. މިދިޔަ އަހަރު ނެރުނު ޕިކްސަލް ފޯލްޑުގެ އެތެރެ ޑިސްޕްލޭގެ ފުޅާމިނަކީ "5.8 އަދި ބޭރު ޑިސްޕްލޭގެ ފުޅާމިނަކީ "7.6 އެވެ. ނިސްބަތުން ބަލާއިރު، އެންމެ ފަހުގެ މޮޑަލު އެހެން ކުންފުނީގެ މިފަދަ ފޯނަތަކާއި އަޅާ ބަލާއިރުވެސް ބޮޑުވާނެކަމަށް ޤަބޫލުކުރެވެއެވެ. މިގޮތުން ސެމްސަންގ ގެ ގެލެކްސީ ޒީ ފޮލްޑް 5ގެ އެތެރެ ޑިސްޕްލޭގެ ފުޅާމިނަކީ "6.2 އަދި ބޭރު ޑިސްޕްލޭގެ ފުޅާމިނަކީ "7.6 އެވެ.

މީގެ އިތުރުން، މި އައު ފޯނުގެ ފަލަމިން 0.4 މިލިމީޓަރަށް ކުޑަކުރާނެކަމަށް މާހިރުން ލަފާކޮށްފައިވެއެވެ.

ކެމެރާ

މިހާތަނައް ފެނިފައިވާ އިންޖިނިޔަރިންގ ސަމްޕަލްތައް ދައްކާ ގޮތުގައި، މިފަހަރުގެ ޕިކްސަލް ފޯލްޑު 2ގެ ކެމެރާތައް ގޫގަލްގެ އެހެން ފޯނުތަކާއި އަޅާބަލާއިރު ވަރަށް ތަފާތުވާނެކަމަށް ބެލެވެއެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ފަހަތު ކެމެރާއަށް އަންނާނެކަމަށް ބެލެވޭ ބަދަލުތަކެވެ. ފަހުގެ ބައެއް ޙަބަރުތައް ދައްކައިދޭގޮތުން، މި ފޯނުގެ ފަހަތު ކެމަރާތައް އަތުރާފައި އިންނަ ގޮތް ގޫގަލްއިން އާންމުކޮށް ބޭނުންކުރާ ގޮތާއި ތަފާތުވެއެވެ. ގޮޅިއެއްހެން ކެމަރާތައް އަތުރާފައި އިންނަ މި ޑިޒައިން ވަނީ ވަންޕަލްސް އާއި ވީވޯ ފަދަ އަތްފޯރާފަށުގައިވާ ފޯނުތަކުގެ ކޮޑް-ކެމަރާ ސިސްޓަމްތަކާއި އެއްގޮތްކޮށްފައިވެއެވެ.

ގޫގަލްްއިން ސްލްފީ ކެމަރާއަށްވެސް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވެއެވެ. އެންމެ ފަހުން ފެނިފައިވާ ރެންޑަރތައް ދައްކައިދޭގޮތުން މި ފޯނުގެ ސެލްފީ ކެމެރާ ވާނީ އެތެރެ ސްކްރީނުގެ މަތީ ކަނާތްކަނުގައެވެ. މި ކެމެރާ ވާނީ ޑިސްޕްލޭ ދަށުގައިކަމަށް ބުނެވެއެވެ. މިޔަކީ ކުރިން ނެރުނު މޮޑަލުގައި ނެތް، އަލަށް ތަޢާރަފުކުރެވޭ ފީޗަރެކެެވެ.

ޗިޕް ސެޓު

މިފޯނުގައި ބޭނުންކުރެވޭނެ ޗިޕްސެޓެއް ކަށަވަރެއް ނުވެއެވެ. ބައެއް މާހިރުން ޤަބޫލުކުރާގޮތުގައި މި ފޯނުގައި ބޭނުންކުރެވިގެން ދާނީ ޓެންސޯ ޖީ4 ކަމަށް ލަފާކުރެވެއެވެ. ޓެންސޯ ޖީ4އަކީ ގޫގަލްއިން ސެމްސަންގއާއި ގުޅިގެން މިއަހަރު ފަހުކޮޅު ތައާރަފުކުރަން ރާވާފައިވާ ކޮންމެސް ވަރަކަށް ކަސްޓަމައިޒުކޮށް ހަދާފައިވާ ޗިޕްސެޓެކެވެ. މިޔަކީ ގޫގަލްއިން މިގޮތައް ހަދާނެ އެންމެފަހު ޗިޕްސެޓްކަމަށް ބުނެވޭ އިރު، މީގެ ފަހުން ޗިޕްތައް ޓީ.އެސް.އެމް.ސީ އިން އެއްކޮށް ކަސްޓަމައިޒްކޮށް ހަދަން ރާވާފައިވެއެވެ.

ޓެންސޯ ޖީ4 އާއި އެއްކޮށް މި ފޯނު ނެރޭނަމަ، މި ފޯނު މި އަހަރު ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރު ނެރުން އެކަށީގެންވެއެވެ. މި ޗިޕްސެޓާއި ބެހޭ މާގިން މައުލޫމާތު ލިބިފައި ނުވިކަމުގައި ވިޔަސް، ޚަބަރު ލިބިފައިވާ ގޮތުން މި ޗިޕްވެގެން ދާނީ ގޫގަލުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ފަރުމާކުރާ ފުރަތަމަ ޗިޕަށެވެ. މީގެއިތުރުން، ކުރީގެ ޗިޕްތަކާއި އަޅާބަލާއިރު މި ޗިޕް މޮޅޫވެ، އަވަސްވާނެކަމަށް ލަފާކުރެވެއެވެ.

ނަމަވެސް މި ޗިޕްސެޓް އަދި ނެރެން ލަފާކޮށްފައި ވަނީ މިއަހަރުގެ ފަހުކޮޅުކަމުގައި ވުމުން، މި ޗިޕްސެޓާއި އެއްކޮށް މިފޯނު މި މެއި މަހު ނުނެރެވޭނެކަމަށް ޚަބަރުލިބިފައިވެއެވެ. މިގޮތުން ގޫގަލް އައި/އޯ 2024ގައި މި ފޯނު ނެރޭނަމަ ޓެންސޯ ޖީ3 ބޭނުން ކުރެވޭނެ ކަމަށް ބެލެވެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.