އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން އަހަރެމެން އޮންލައިންކޮށް ކުރާ ހުރިހާ ކަމެއް ހަމަ ހަގީގަތުގައިވެސް މަޑުމަޑުން ދަނީ ބަދަލުވަމުންނެވެ. އޭއައި މެދުވެރިވެ އުފައްދާފައިވާ ކޮންޓެންޓްތައް އިންޓަނެޓްގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހާއްސަކޮށް ފޮޓޯއާއި ވީޑިއޯފަދަ ތަކެއްޗެވެ.
އޭއައި މެދުވެރިވެ އަސްލާއި އެއްގޮތް ފޮޓޯއާއި ތަސްވީރުތައް އުފެއްދުމާއި ގުޅިގެންނާއި އަދި ފަހަކަށް އައިސް ތައާރަފްކުރެވުނު އަސްލާއި އެއްގޮތް އޭއައި ޖެނެރޭޓެޖް ވީޑިއޯ އުފެއްދުން ވަނީ ސޯޝަލް މީޑިއާގައި މިފަދަ ތަކެތި ހިއްސާކުރާ މިންވަރު އިތުރުކުރުވި ކަމަކަށެވެ. މިހާރަކަށް އައިސް ފެންނަ ފޮޓޯ އަދި ވީޑިއޯތަކަކީ އަސްލުކަމެއް ފޭކުކަމެއްވެސް ނޭގޭ ފަދަ ފެންވަރު ރަނގަޅު ކޮންޓެންޓެވެ. މިފަދަ ތަކެތި މިއީ ހަގީގީ މަންޒަރުތޯ ނުވަތަ ކޮމްޕިޔުޓަރ ޖެނެރޭޓެޑް ތަކެތިތޯ ވަކިކުރަން ގިނަ ފަރާތްތަކަށް ވަރަށް އުނދަގުލެވެ.
ޑިޖިޓަލް ޒަމާނަށް އުފަންވެފައިވާ ޒުވާން ބައެއް ކުދިންނަށް ވެސް ދެނެގަންނަން އުނދަގޫ މިފަދަ ތަކެތީގެ ސަބަބުން ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް އެތަށް ދަތިތަކެއް ކުރިމަތިވެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި (ހާއްސަކޮށް ފޭސްބުކްގައި) ބައެއް ސްކޭމަރުން މިފަދަ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރަނީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޮޅުވާލުމަށެވެ. ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރާ މީހުންގެ އުމުރުފުރައަށް ބަލާއިރު ފޭސްބުކްއަކީ އާންމުކޮށް ހުރިހާ އުމުރެއްގެ ފަރާތްތައް ހިމެނޭ ޕްލެޓްފޯމެކެވެ. އެހެން ނަމަވެސް އެންމެ ގިނައިން އުމުރުން ދުވަސްވީ ފަރާތްތައް ބޭނުންކުރާ ޕްލެޓްފޯމަކީ ފޭސްބުކްއެވެ. ސައިންސް ޑައިރެކްޓްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އުމުރުން 50 އަހަރުން މަތީ ފަރާތްތަކުން އެންމެ ގިނައިން ބޭނުންކުރާ އެޕަކީ ފޭސްބުކްއެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށް އޮޅުވާލުމުގެ ނިޔަތުގައި ސްކޭމަރުން ގިނައިން އޭއައި ޖެނެރޭޓަޑް ކޮންޓެންޓް ހިއްސާކުރަނީ ފޭސްބުކްގައެވެ.
އޭއައި މެދުވެރިވެ އުފައްދާފައިވާ ތަކެތި ބޭނުންކޮށްގެން އުމުރުން ދުވަސްވީ ފަރާތްތަކަށް އޮޅުވާލާ ގޮތާއި، މީގެ ފަހަތުގައިވާ ސަބަބުތަކާއި، މިކަމުން އެފަރާތްތަކަށް ކުރާ އަސަރުތަކާއި، މިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް ބަލާލުން މުހިއްމެވެ. އެއީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ވެސް ރައްކާތެރިކަމާއެކު އިންޓަރނެޓްގައި އެކުލެވޭ މައުލޫމާތު ބޭނުންކުރުމަށާއި ރައްކާތެރިކަމާއެކު އޮންލައިންކޮށް އުޅުމުގެ ހައްގު އޮންނަންވާނެކަން ގަބޫލުކުރެވޭތީއެވެ.
ލޯބި ލޯބި ކުޑަކުދިންނާއި ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުން ސްކީ ކުރާ ކަމަށް ދައްކާ ފޮޓޯތަކާއި، ގަނޑުފެނުގައި އަތުވަޑާން ކޮށްފައިވާ އާދަޔާ ހިލާފު ބޮޑު ބޯޓެއްގެ ފޮޓޯތަކާއި ވޫލްއިން ވިޔެފައިވާ ބޮޑެތި ބުޅާ ފަދަ ފޮޓޯތަކަކީ މިގޮތަށް ފޭސްބުކްގައި ހިއްސާކޮށްފައިވާ ފޭކު ފޮޓޯތަކުގެ ބައެއް މިސާލުތަކެވެ. މިއީ މުޅިންވެސް އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ތަސްވީރުތަކެވެ. މިތަކެއްޗަކީ އޭއައިއިން ޖެނެރޭޓްކޮށްފައިވާ ތަކެތިކަން ހުރިހާ ފަރާތްތަކަށް ދެނެގަންނަން އުދަގުލެވެ. ހާއްސަކޮށް ޖެނެރޭޝަން X އޭ ބުނާ އުމުރާއި އެއަށް ވުރެ ދުވަސްވީ (1980 އަށް ވުރެ ކުރިން އުފަންވެފައިވާ) ފަރާތްތައް މިފަދަ ފޭކް ތަސްވީރުތަކަށް ހެއްލޭކަމަށް އެފަދަ ޕޯސްޓްތަކުގެ ކޮމެންޓްތަކަށް ބަލާލީމާ ދެނެގަނެވެއެވެ. ބައެއް ޓިކްޓޮކް ވީޑިއޯ އުފައްދާ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުން މިފަދަ ތަސްވީރުތައް ފެނިފައި އެއީ ހަގީގީ މަންޒަރުތައްކަމަށް ގަބޫލުކޮށް އުމުރުން ދުވަސްވީ މީހުން ކޮމެންޓްކޮށްފައި ހުރެއެވެ.
ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން ފޭސްބުކްއަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި އެންމެ މަގްބޫލު ޕްލެޓްފޯމެކެވެ. ޒުވާނުންގެ މެދުގައި ފޭސްބުކްގެ މަގްބޫލުކަން ދުވަހެއް ދުވަހަކަށް ދަށަށް ދިޔަ ނަމަވެސް، އަދިވެސް އުމުރުން ދުވަސްވީ ފަރާތްތައް އެންމެ ގިނައިން އުޅެނީ ފޭސްބުކްގައެވެ. މިޕްލެޓްފޯމަށް ފަރިތަވުމާއި، އައު އެޕްތައް ނޭގުމަކީ މީގެ ފަހަތުގައިވާ ބައެއް ސަބަބުކަމަށް ވެދާނެއެވެ. މުނިފޫހި ފިލުވުމަށާއި މައުލޫމާތު ހޯދުމަށާއި ހަބަރު ކިޔުމަށާއި ރައްޓެހިންނާއި ވާހަކަދައްކާ މުއާމަލާތްކުރުމަށާއި އައު ރައްޓެހިން ހޯދުމަށްވެސް އުމުރުން ދުވަސްވީ ބައެއް ފަރާތްތަކުން ފޭސްބުކް ބޭނުންކުރެއެވެ.
ސްޓޭންފޯޑް ޔުނިވަރސިޓީއާއި ޖޯޖްޓައުން ޔުނިވަރސިޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފަހަކަށް އައިސް ފޭސްބުކްގައި ކޮންޓެންޓް ހިއްސާ ކުރާ ފަރާތްތަކުން ތަކެތި ވިއްކުމުގެ ބޭނުމުގައި ނުވަތަ ފޮލޮވަރުން އިތުރުކުރުމުގެ މަގުސަދުގައި އޭއައި ޖެނެރޭޓެޑް ފޮޓޯތައް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިފަދަ ތަސްވީރުތައް ބަލާ ފަރާތްތަކަށް ފޭސްބުކްގެ އަލްގޮރިދަމްއިން މިފަދަ މަންޒަރުތައް ފެންނަ މިންވަރު އިތުރަށް އިތުރުކުރެއެވެ.
އޭއައި ޖެނެރޭޓެޑް ތަސްވީރުތަކުން މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާއި ބެހޭގޮތުން ސައިންވެރިންނަށް ކަނޑައެޅިގެން އަދި ޖަވާބެއް ލިބޭކަށް ނެތެވެ. އެއީ މިފަދަ ޓެކްނޮލޮޖީތައް އަދި އާންމުވިތާ މާގިނަ ދުވަސްތަކެއް ނުވާތީއެވެ. އެތައް މިލިއަން ތަސްވީރު ބޭނުންކޮށްގެން ޓްރެއިންކޮށް އުފައްދާފައިވާ އޭއައި މޮޑެލްތަކުގެ މައްޗަށް އުފައްދާފައިވާ ޑާލް-އީ، މިޑްޖާނީ، އަދި އެޑޯބީ ފަޔަރފްލައި ފަދަ ފޮޓޯ ޖެނަރޭޓިންގ އެޕްތައް އާންމުކޮށް ލިބެންފަށިތާ އަދި ވާނީ ދެތިން އަހަރެވެ.
އެހެންނަމަވެސް ތަޖުރިބާކާރުންނަށް ލަފާ ކުރެވޭ ބައެއް ސަބަބުތައް ފާހަގަކޮށްފައި އެބަހުއްޓެވެ. އަހަރުމެންގެ އުމުރުން ދުވަސްވީ ރައްޓެހިންނާއި ގާތްތިމާގެ މީހުން މިފަދަ ފޭކް ތަކެއްޗަށް ހެއްލިގެން ދިޔުމުގެ ފަހަތުގައިވާ ސަބަބެއް އެނގުމަކީ ސްކޭމް ނުވަތަ ގެއްލުން ހުރި ގޯސް މައުލޫމާތުތަކުގެ ޝިކާރައިން ރައްކާތެރިވުމަށް ލިބޭނެ ފިލާވަޅުތަކެކެވެ.
ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި މުވާސަލާތީ އެކި އެކި އުފެއްދުންތަކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރާ އަސަރުތައް ދެނެގަތުމަށް ދިރާސާކުރާ ނިއުރޯސައިންޓިސްޓް، ބިޔޯން ހަރމަން ފާހަގަކުރާ ގޮތުގައި މިކަން ދެނެގަތުން މުހިއްމުވާ އެއް ސަބަބަކީ އާންމުކޮށް އެޕްތައް އުފައްދާ ކުންފުނިތަކުން އެޕްތައް ޓެސްޓުކުރުމުގެ މަރުހަލާގައި އުމުރުން ދުވަސްވީ ފަރާތްތައް ނުހިމަނާތީއެވެ. ގިނަ އައު ޓެކްނޮލޮޖީ އުފެއްދުމާއި އެތަކެތި ބޭނުންކުރުމުގެ ސަބަބުން އެ އުމުރުފުރައިގެ މީހުންނަށް ކުރާ އަސަރަށް ނުވިސްނައެވެ.
އުމުރުން ދުވަސްވުމާއި ގުޅިގެން ކުރިމަތިވާ ވިސްނުމުގެ ކޮށިކަމަކީ މީގެ ފަހަތުގައިވާ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިޒަމާނުގެ "މެޝިން-ޕަވަރޑް" އުފެއްދުންތަކާއި އަޅާ ކިޔާލާފައި އެފަރާތްތަކުގެ ވިސްނުމާއި ފަރަގު ބޮޑުވަނީކަމަށް ބުނެއެވެ. އަދި މިއުމުރުފުރައިގެ ފަރާތްތަކުގެ ކިބައިގައި ފަހުގެ އުފެއްދުންތަކާއި އޭއައި ބޭނުންކުރުމުގެ ތަޖުރިބާއާއި އަހުލުވެރިކަން ކުޑަވުމަކީ ވެސް މިކަމުގެ ފަހަތުގައިވާ ސަބަބެއް ކަމަށް ބައެއް ދިރާސާތަކުން ފާހަގަވެއެވެ. ޒުވާން އުމުރުފުރާތަކާއި އަޅާބަލާފައި މިފަދަ އުފެއްދުންތަކަށް އެފަރާތްތަކުގެ ތަޖުރިބާ އާއި އަހުލުވެރިކަމުގެ ފަރަގު ބޮޑެވެ. ޔުނިވަރސިޓީ އޮފް ޝިގާގޯއިން 2023 ގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި އުމުރުން 50 އަހަރުން މަތީ ފަރާތްތަކުގެ ތެރެއިން އޭއައި "ރަނގަޅަށް" އެނގެނީ އެންމެ %17 މީހުންނަށެވެ.
އޭއައި ޖެނެރޭޓެޑް އަދި ހިއުމަން ޖެނެރޭޓަޑް ތަސްވީރުތަކުގެ ފަރަގު ދެނެގަނެވޭތޯ ބަލުމަށްފަހު، ސައިންޓިފިކް ރިޕޯޓްސް ޖަރނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި އޭއައި ޖެނެރޭޓެޑް ތަސްވީރުތަކަކީ އިންސާނުން އުފައްދާފައިވާ ތަސްވީރުތައް ކަމަށް ގަބޫލު ކުރަނީ ގިނައިން އުމުރުން ދުވަސްވީ ފަރާތްތަކެވެ.
އޭއައި ޖެނެރޭޓަޑް ކޮންޓެންޓްތަކާއި މެދު މީހުން ދެކޭގޮތް ބަލާ ދިރާސާ މަދު ނަމަވެސް، ކުރިން ދެންނެވުނު ދިރާސާއިން ފާހަގަވި ފަދަ ނަތީޖާއެއް ދައްކާ އެހެން ދިރާސާއެއްވެސް ފާހަގަކޮށްލާނަމެވެ. މިއީ އޭއައި ޖެނެރޭޓެޑް އޯޑިއޯ އަދި އިންސާނުން އުފައްދާފައިވާ އޯޑިއޯ ހިމަނައިގެން، ދިރާސާގެ ބައިވެރިންނަށް އެތަކެތި ވަކިކުރެވޭތޯ ކޮށްފައިވާ ދިރާސާއެކެވެ. ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގައި ކޮށްފައިވާ މިދިރާސާއިން ދައްކާގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން ޒުވާނުންނާއި އަޅާބަލާފައި އުމުރުން ދުވަސްވީ ފަރާތްތަކަށް އޯޑިއޯގެ ބާވަތް ވަކިކުރަން އުނދަގޫވިއެވެ.
މިނަތީޖާތަކުން ފާހަގަވަނީ އޭއައި ޖެނެރޭޓެޑް ކޮންޓެންޓް (އެއީ ފޮޓޯ، އޯޑިއޯ އަދި ވީޑިއޯކަމަށް ވިޔަސް)، އުމުރުން ދުވަސްވީ ފަރާތްތަކަށް އޮޅުވާލުމަށް ފަސޭހައިން ބޭނުންކުރެވިދާނެކަމެވެ. މީގެ ފަހަތުގައިވާ ސަބަބަކީ އެފަރާތްތަކުގެ އާންމު ދިރިއުޅުމުގައި އޭއައި ޖެނެރޭޓެޑް ކޮންޓެންޓް ތަޖުރިބާ ކުރެވިފައިވާ މިންވަރު މަދުވުމާއި އެކަމަށް އަހުލުވެރި ނުވުންކަމަށް މިދިރާސާކުރި ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވިސްނުންކޮށިވުމާއި، ފެނުމާއި އަޑުއެހުމުގެ ހިއްސުގެ ކޮށިވުން ވެސް މީގެ ސަބަބަކަށް ވެދާނެކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިއުމުރުގެ ފަރާތްތަކަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި މިފަދަ ކޮންޓެންޓް ފެނިއްޖެނަމަ ފަސޭހައިން އެފަދަ ތަކެއްޗަށް ހެއްލި ފޭކު ތަކެތި ގަބޫލުކުރެވިދާނެ ބައެކެވެ.
އިންޓަނެޓުގައާއި ސޯޝަލް މީޑިއާގައި އޭއައި ޖެނެރޭޓެޑް ފޭކް ކޮންޓެންޓްތައް ގިނަވީވީހެން، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އޭގެން ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. ހަގީގަތުގައި އޭއައި ޖެނެރޭޓެޑް ކޮންޓެންޓްގެ ނުރައްކާތެރިކަން ޒުވާން ޖީލުތަކަށް ވުރެ ގިނައިން އުމުރުން ގިނަ ދުވަސްވީ މީހުންނަށް ފަސޭހައިން ދެނެގަނެވިދާނެއެވެ. ބައެއް ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ޒުވާން ޖީލުތަކަކީ މުޅިން އިންޓަނެޓްގެ ދުނިޔެއަށް އުފަންވެ، އޭގެ މަތީގައި ބޮޑުވެގެން އައިސްފައިވާ ބަޔަކަށްވާތީ، އެމީހުންނަށް ވެސް ބައެއް ގޮންޖެހުންތައް ކުރިމަތިވެއެވެ. މިގޮތުން ޒުވާނުންނާއި އަޅާބަލާފައި އުމުރުން ދުވަސްވީ މީހުންނަށް އޭއައިގެ ހުރި ނުރައްކާތެރިކަން ދެނެގަންނަށް ބައެއް ފަހަރު ފަސޭހަވެސް ވެއެވެ.
2023 ގައި 2،000 އަށް ވުރެ ގިނަ މީހުން ހިމަނައިގެން ނަގާފައިވާ ޕޯލްއަކުން ދައްކާ ގޮތުގައި ޖެން Z އަދި މިލޭނިއަލްސް އުމުރުފުރައިގެ މީހުންނާއި އަޅާބަލާފައި ބޫމަރސް އަދި ޖެން X އޭ ބުނާ އުމުރުފުރައިގެ މީހުން އާންމުކޮށް އިންޓަނެޓުގައި ހިމެނިދާނެ ޑީޕްފޭކް އުފެއްދުންތަކާއި މެދު މާ ބޮޑަށް ކަންބޮޑުވެއެވެ. އަދި މިފަދަ ޓެކްނޮލޮޖީ ރެގިއުލޭޓް ކުރުމަށް ބޭނުންވާ މީހުންނާއި އޮންލައިންކޮށް އުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށް އިތުރު އިންވެސްޓްމަންޓް ބޭނުންވާކަމަށް ގިނައިން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
އޮންލައިންކޮށް ފެންނަ ހަބަރުތަކުގެ ދޮގު ތެދު ދެނެގަތުމަށްވެސް ދުވަސްވީ މީހުންނަށް ކުޅަދާނަކަމަށް ދިރާސާތަކުން ހާމަވެއެވެ. އެންމެ ކުޑަމިނުން ޒުވާނުންނާއި ހަމަ ހަމަ މިންވަރަކަށް އެފަރާތްތަކަށް ވެސް ފޭކް ހަބަރުތަކާއި ހެޑްލައިންތައް ދެނެގަނެވޭކަމަށް ވެއެވެ. އެއީ ޒުވާނުންނާއި އަޅާބަލާފައި އުމުރުން ދުވަސްވީ މީހުން ގިނައިން ހަބަރުތައް ކިޔާތީ، ގިނަ ކަންތައްތަކާއި މެދު އަހުލުވެރިވެ، އެމީހުންނަށް އޮޅުވާލަން ދަތިވާކަމަށްވެސް ފާހަގަވެއެވެ. އެހެން ނަމަވެސް މިކަމުގައި އިތުރަށް ވިސްނަން ޖެހޭ ކަމަކީ ކޮންޓެންޓުގެ މައުލޫއެވެ. ޒުވާނުން ޝައުގުވެރިވާ މައުލޫތަކަށް ހުންނަ ކޮންޓެންޓް ޒުވާނުންނަށް އޮޅުވާލަން އުނދަގޫ ވާފަދައިން، އުމުރުން ދުވަސްވީ ފަރާތްތަކުން ތަޖުރިބާކޮށްފައިވާ އަދި އެނގޭ ކަންތައްތަކުގައި އެމީހުންނަށްވެސް އޮޅުވާލަން އުނދަގޫވާނެކަމަށް ދިރާސާވެރިން އިތުރަށް ފާހަގަކުރެއެވެ.
ކޮންމެއަކަސް، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އެފަރާތްތަކަށް އޮޅުވާލުމަށް މޮޅެތި ޖެނެރެޓިވް އޭއައި ޓޫލް ބޭނުންކޮށްގެން ކޮންޓެންޓް އުފެއްދުން މިހާރަކަށް އައިސް ވަނީ ގިނަވެފައެވެ. ދާދި ފަހަކުން ހަބަރެއްގައި ކާފައަކަށް އޭނާގެ ކާފަ ދަރިފުޅު ސިފަވާގޮތަށް ޑީޕްފޭކް އޯޑިއޯ އަދި ފޮޓޯ ބޭނުންކޮށްގެން ފައިސާ ފޭރުމުގެ މައްސަލައެއްވެސް ވަނީ ފެނިފައެވެ. އަދި ތިމާގެ މީހުން ސިފަވާ ގޮތަށް ފޭކު އޯޑިއޯ ކޯލްކޮށް ފައިސާ ފޭރޭ މައްސަލަތައްވެސް ފެނިފައިވެއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް މިކަންތަކުން ރައްކާތެރިވުމަށް އޭއައިގެ މައުލޫމާތު ގިނައިން ފޯރުކޮށްދިނުމާއި، އެފަދަ ތަކެތި ދެނެގަންނާނެ ގޮތްތައް ދަސްކޮށްދީ އަހުލުވެރިކުރުވުން ވަރަށް މުހިއްމެވެ. މިސާލަކަށް ޑިސްކަވަރ މެގަޒިންގައި ފާހަގަކޮށްފައިވާ ފަދައިން އޭއައި ޖެނެރޭޓެޑް މަންޒަރުތައް ދެނެގަތުމަށް ބެލިދާނެ ކަންތައްތައް އެފަރާތްތަކަށް ކިޔާދެވިދާނެއެވެ.
- މީހުން ހިމެނޭ މަންޒަރުތަކުގައި މީހުންގެ އަތާއި އަނގަޔަށް ބޮޑަށް ފަރުވާތެރިވުން މުހިއްމެވެ. އިނގިލިތަކާއި ދަތްތައް ފެންނަ މަންޒަރުތަކުގައި އެބައިތައް ރަނގަޅަށް ބަލައިފިނަމަ، އާދަޔާ ހިލާފު ގޮތްތަކެއް ގިނަ މަންޒަރުތަކުގައި ފާހަގަވާނެއެވެ.
- މީހުންގެ ހަމުގައި އާދަޔާ ހިލާފު ގޮތްތަކެއް ފާހަކުރެވުން. މިސާލަކަށް އާދަޔާ ހިލާފަށް ހަން އޮމާންވުން ނުވަތަ އާންމުކޮށް މީހެއްގެ މޫނުގައި ރޫ ހުންނަ ތަންތަނުގައި ރޫ ނެތުން.
- މަންޒަރުތަކުގައި ނުގުޅޭ ބައިތަކެއް ހުރުން. މިސާލަކަށް ސީދަލަށް ހުންނަން ޖެހޭ ތަންތަން ބައެއްފަހަރު އެގޮތަށް ނެތުން. ނުވަތަ މަންޒަރުން ބައެއް މަދުވުން ނުވަތަ ގިނަވުން. ހެދުން ފަދަ ތަކެތި އެއްބަޔާއި އަނެއްބައި ދިމާނުވާފަދަ ގޮތަކަށް ހުރުން.
- އެންމެ މުހިއްމު ކަމަކީ މަންޒަރުން ފެންނަ ކަންތައްތައް އިތުރަށް އިންޓަނެޓުގައި ހޯދާ ދިރާސާކޮށްލުމެވެ. އިތުބާރުކުރެވޭ އެހެން ތަންތަނުން ހަބަރު ޗެކްކޮށް، އޭގައި ހިމެނޭ ކަންތައްތައް ކަށަވަރުކުރުން.
މީގެ އިތުރުންވެސް އަހަރުމެންގެ ގާތްތިމާގެ އަދި ރައްޓެހި އުމުރުން ދުވަސްވީ ފަރާތްތަކަށް ސޯޝަލް މީޑިއާގެ އެލްގޮރިދަމްތައް މަސައްކަތް ކުރާ ގޮތާއި، އެފަދަ އެޕްތަކުން ބައެއް ފަހަރަށް އެމީހުންނަށް އަމާޒުކޮށް ކޮންޓެންޓް އުފައްދާކަން ކިޔާދީ އަހުލުވެރި ކުރެވިދާނެއެވެ. އަދި ހަބަރުތައް ޗެކްކުރުމަށް ބޭނުންކުރާނެ އިތުބާރު ކުރެވޭނެ ކަހަލަ މީހުންނާއި، ހަބަރު ޗެނަލްތައް ކިޔާދެވިދާނެއެވެ.
ޑީޕްފޭކް އާއި އެހެނިހެން އޭއައި އުފެއްދުންތައް ދުވަހެއް ދުވަހަކަށް ކުރިއަރާ ވަރަކަށް، އެންމެ ޓެކް ދަންނަ، ތަޖުރިބާކާރުންނަށް ވެސް މިފަދަ ތަކެތި ދެނެގަތުމަށް ދާނީ ދަތިވަމުންނެވެ. ތިމާ އަމިއްލަ ނަފްސަށް މިފަދަ ތަކެތި ދެނެގަންނަން އިނގޭނެކަމަށް ހީވި ނަމަވެސް އޭއައި މޮޑެލްތައް ކުރިއަރަމުންދާ މިންވަރުން، ދެން އަންނަ ކުރިއެރުމެއްގައި ހިމެނޭ ކަމަކުން މިހާރު ހީކުރާގޮތް ނުވެދާނެއެވެ. މިސާލަކަށް "ދިސް ޕާރސަން ޑަޒް ނޮޓް އެގްޒިސްޓް" މިވެބްސައިޓްގައި މިހާރުވެސް ފެންނަން ހުރި ފޮޓޯތަކަކީ ބަލާލާފައި އެއްގޮތަކަށްވެސް ފޭކުހެން ހީވެސް ނުވާ ފަދަ ތަސްވީރުތަކެކެވެ. މިވެބްސައިޓް ރިފްރެޝްކޮށްލާ ކޮންމެ ފަހަރަކު ފެންނަ ކޮންމެ ތަސްވީރަކީ ކޮމްޕިޔުޓަރ ޖެނެރޭޓެޑް ތަސްވީރެކެވެ.
ބައެއް ޓެކް ކުންފުނިތަކާއި، ދިރާސާވެރިން ދަނީ ފޭކު މަންޒަރުތައް ހިމެނޭ ފޮޓޯ، ވީޑިއޯ ފަދަ ތަކެތި އޮޓޮމެޓިކުން ދެނެގަނެވޭނެ ޓޫލްތައް އުފައްދަމުންނެވެ. އެހެން ނަމަވެސް މިޓޫލްތައްވެސް %100 ސައްހަކަމާއެކު ބައެއް ފަހަރު މަސައްކަތެއް ނުކުރެއެވެ. އަދި އޭއައިގެ މޮޑެލްތައް އުފައްދާ މިންވަރު ހަލުވިކަމުން މިފަދަ ޓޫލްތައް އުފެއްދުން އެއްހަމައެއްގައި ހިފަހައްޓާ ނުލެވިދާނެއެވެ. މިސާލަކަށް މީގެކުރިން މިޑްޖަރނީއިން އުފައްދާ ފޮޓޯތަކުގައި އަސްލާ އެއްގޮތަށް މީހުންގެ އަތް ޖެނެރޭޓްކުރަން އުނދަގޫ ވީނަމަވެސް، ފަހުން ރިލީޒް ކުރި ވަރޝަންތަކުގައި މިމައްސަލަ ވަނީ ހައްލުކޮށްފައެވެ.
ފޭކް ކޮންޓެންޓުން ކުރާ އަސަރުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއި ގަވާއިދުތައް ބޭނުންވާކަމަށާއި އެފަދަ ތަކެތި އުފައްދާ ކުންފުނިތައް ޒިންމާ ކުރުވުން އެއީ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން ވަކި އުމުރު ފުރައެއް ނުބަލާ، މިކަންތަކާއި މެދު ވާހަކަ ދައްކާ، މިކަމުގައި ހުރި ނުރައްކާތެރިކަމާއި، ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި މެދު އަހުވެރިކުރުވުން މުހިއްމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް