އެއަރޗެޓް: އޯޑިއޯއަށް ފޯކަސް ކުރާ ސޯޝަލް އެޕް

ހިންދު ޢަލީ 17 އޭޕްރީލު 2024

އަބަދު އަބަދު އެއް ވައްތަރެއްގެ، އެއްގޮތަކަށް ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްތައް ސްކްރޯލް ކޮށްކޮށް ފޫހިވެއްޖެދޯ؟ އެހެންކަމަށްވާނަމަ، ދާދި ފަހުން ރިލީޒްކުރި އެއަރޗެޓްގެ އަޖުމަ ބަލާލުން ވަރަށް ރަނގަޅެވެ. އެއަރޗެޓަކީ އޯޑިއޯ މެސެޖުތަކަށް ފޯކަސްކޮށްގެން އުފައްދާ ތައާރަފްކުރި އެޕެކެވެ. މިސޯޝަލް މީޑިއާ އެޕްގައި މީގެ ކުރިން ބޭނުންކުރާ އެޕްތަކާއި ތަފާތުކޮށް، އެކަކު އަނެކަކާއި ގުޅުވައިދެނީ ވާހަކަދައްކައިގެންނެވެ.

މިއެޕް އުފެއްދީ އެންޖެލްލިސްޓްގެ ފައުންޑަރ، ނަވާލް ރަވީކާންތު އަދި ކުރިން ޓިންޑަރ އެޕްގެ ޕްރޮޑަކްޝަން އެކްޒެކެޓިކްގެ މަގާމުގައި މަސައްކަތް ކުރި ބްރައެން ނޯގާޑް ގުޅިގެންނެވެ.

އެއަރޗެޓްގެ ކުރީގެ ވަރޝަނެއް 2023 ގެ މެއި މަހު ރިލީޒްކުރެވުނު ނަމަވެސް އެޕަށް ގިނަ ބަލަދުތަކެއް ގެނައުމަށް ފަހު އަލުން ރިލީޒް ކުރީ 13 އެޕްރީލް 2024 ގައެވެ. އެއަރޗެޓް އަދި ބޭނުންކުރެވެނީ އެޕް ބޭނުންކުރާ ފަރާތެއްގެ އިންވިޓޭޝަންއެއް ލިބިގެންނެވެ. ރިލީޒް ކުރިތާ 4 ދުވަސް ތެރޭގައި އެޕަލް އެޕްސްޓޯރުގެ ސޯޝަލް މީޑިއާއެޕްގެ ނަންބަރު 27ގައި މިހާރު ވެސް ހިމެނޭ މިއެޕްގެ އައިއޯއެސް އަދި އެންޑްރޮއިޑް ވަރޝަން ވެސް ވަނީ ރިލީޒްކޮށްފައެވެ.

މީގެ ކުރިން ބޭނުންކުރަމުން އަންނަ އެޕްތަކާއި ތަފާތުކޮށް އެއަރޗެޓުން އަހަރުމެންނާއި ގުޅުވާދޭ މީހުންގެ މެސެޖުތައް އެމީހުންގެ އަސްލު އަޑު އަހަރުމެންނަށް އިވޭނެއެވެ. މިއެޕްގައި މެސެޖުތައް ޓައިޕްކުރާކަށް ނުޖެހެއެވެ. އެއަރޗެޓްގައި، އަހަރުމެންގެ ޚިޔާލުތަކާއި، ވާހަކަތައް، ނުވަތަ މަޖާ ވާހަކަތައް ހިއްސާކުރުމަށް ބޭނުންކުރަނީ ކުރު އޯޑިއޯ މެސެޖުތަކެވެ. އަދި ޗެޓްރޫމްތަކުގައި ކުރިއަށްދާ ޑިސްކަޝަންތަކުގައި ވެސް ބައިވެރިވެ، ޝައުގުވެރިވާ މައުލޫތަކަށް ދައްކާ ވާހަކަތައް އަޑުއަހާލެވޭނެއެވެ.

އެއަރޗެޓަކީ އެހެން ސޯޝަލް މީޑިއާ އެޕްތަކެކޭ އެއްފަދައިން ބޭނުންކުރުމަށް ފަސޭހަ އާންމުކޮށް މިފަދަ އެހެން އެޕްތަކުގައި ހިމެނޭ ފީޗަރސްތަކެއް އެކުލެވޭ އެޕެކެވެ. އެޕް ޔޫސަރުން ފޮލޯކުރުމާއި، ޕޯސްޓްތައް 'ލައިކް' ކުރުމާއި، 'ރިޕްލައި' ކުރުމާއި، 'ޝެއަރ' ކުރުން ފަދަ އާންމު ފީޗަރސްތައް ހިމެނެއެވެ. ތަފާތަކީ ޕޯސްޓަތަކާއި ޕޯސްޓަށް ފޮނުވާ ރިޕްލައިތައް ފޮނުވަނީ އޯޑިއޯ ރިކޯޑިންގ މެދުވެރިވެއެވެ.

މިއީ ކުރީ ޒަމާނުގައި އަހަރުމެން ތަޖުރިބާ ކުރި ވޯކީ-ޓޯކީގެ ކޮންސެޕްޓްތައް ހަނދާނަށް ގެނެސްދޭ އެޕެކެވެ. ޝައުގުވެރިވާ މައުލޫއަކަށް ވާހަކަ ދެކެވޭ ޗެޓް ރޫމަކަށް ވަދެ، ބަހުސްކުރެވޭ ވާހަކަތައް އަޑުއަހާ އަދި އެމައުލޫއަށް ތިބާއަށް ހުށަހެޅޭނެ ހިޔާލެއް އޮތްނަމަ ވާހަކަ ދައްކަންވީއެވެ. އެއަރޗެޓްގައި އޭއައި މެދުވެރިވެ މީހުން ދައްކާ ވާހަކަތައް ޓެކްސްޓަށް ވެސް ބަދަލުކުރެއެވެ. އެއީ އަޑުއެހުމުގެ ބަދަލުގައި ކިޔަން އިހްތިޔާރުކުރާ ފަރާތްތަކަށް އެފުރުސަތު ދިނުމަށެވެ.

މިއީ ސޯޝަލް މީޑިއާއެޕެއްގައި އޯޑިއޯ މެދުވެރިވެ މުއާމަލާތްކުރެވޭގޮތަށް ތައްޔާރުކުރެވުނު ފުރަތަމަ އެޕެއް ނޫނެވެ. މީގެ ކުރިން ފެނިފައިވާ ކްލަބްހައުސްއަކީ މުޅިން ވާހަކަ ދެއްކޭ ގޮތަށް އުފެއްދުނު އެޕެކެވެ. އަދި ޓްވިޓަރ ސްޕޭސަސް އަކީ ވެސް ވާހަކަ ދެއްކައިގެން މުއާމަލާތް ކުރުމަށް ޓްވިޓަރއަށް އުތުރުކުރި ފީޗަރއެކެވެ. އެހެން ނަމަވެސް މިއެޕްތަކާއި އަޅާ ބަލާއިރު އެއަރޗެޓްގެ ތަފާތަކީ އެއްވަގުތަކު އެއްފަހަރާ އެންމެން އެކީގައި ވާހަކަ ދެއްކުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް ވަކިވަކިން އޯޑިއޯ މެސެޖުތައް ޕޯސްޓްކޮށް އެއަށް އޯޑިއޯ ރެކޯޑިން މެދުވެރިވެ ރިޕްލައި ކުރެވުމެވެ. ކްލަބް ހައުސްއާއި ޓްވިޓަރ ސްޕޭސަސްގައި އާންމުކޮށް ވާހަކަ ދައްކާ މުއާމަލާތްކުރެވުނީ ލައިވްކޮށް އެންމެން އެކީގައި އެއްވަގުތަކު އޮންލައިންވެ ތިބެއެވެ. ބްރައެން ނޯގާޑް ބުނާގޮތުން ގިނަ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން އުނދަގޫވާ މީހުން ނުވަތަ 'ސްޓޭޖް ފްރައިޓް' ހުންނާތީ ކުރިން ވާހަކައިގައި ބައިވެރި ނުވާ މީހުންނަށް މިއީ ފަސޭހަ އެޕަކަށް ވާނެއެވެ. އެއީ އެމީހެއްގެ މެސެޖު އެމީހަކު ބޭނުންވާ ގޮތަކަށް ރެކޯޑްކޮށް އެތަށް ފަހަރެއްގެ މަތިން ކޮށާމަށާ، ކޮމްޕޯސްކޮށް ފޮނުވޭނެތީއެވެ.

މިއެޕްގައި ބޭނުންކުރާ މީހުންގެ ތަޖުރިބާ ވީހާވެސް ރަނގަޅުކުރުމަށާއި ރައްކާތެރިކަމަށް ވިސްނާ ކޮންޓެންޓް މޮޑެރޭޓްކުރުމުގެ ފީޗަރސްތައްވެސް ހިމެނޭނެކަމަށް ވެއެވެ. މިފީޗަރސްތައް ހިމަނާފައިވަނީ އަޑުއަހަން ބޭނުންނުވާ މީހުން ބްލޮކްކުރުމަށާއި ސްޕޭމްކުރުމާއި ޓްރޯލްކުރުން ފަދަ ކަންތައްތައް ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުންކަމަށް އެޕްގެ ފައުންޑަރ ރަވީކާންތު ފާހަގަކުރިއެވެ.

މިހާރަކަށް އައިސް ފެންނަމުންދާ ސޯޝަލް މީޑިއާ އެޕްތަކާއި ތަފާތު ނަމަވެސް އެއަރޗެޓް އަކީ އެންމެން އިހްތިޔާރު ކުރާ ބާވަތުގެ އެޕަކަށް ނުވެދާނެއެވެ. އޯޑިއޯއަށް ފޯކަސް ކުރެވޭ އެޕެއްކަމަށް ވާތީ، ވީޑިއޯއާއި ނުލާ ނަމަވެސް ސޯޝަލް މީޑިއާގައި ވާހަކަދައްކަން ޖެހިލުންވާ ފަރާތްތަކަށް މިއީ ރަނގަޅު ފިޓަކަށް ނުވެދާނެއެވެ. ނުވަތަ ޓެކްސްޓް މެދުވެރިވެ މުއާމަލާތް ކުރުމަށް އިސްކަންދޭ ފަރާތްތަކަށް ވެސް މިއެޕް ކަމުނުގޮސްދާނެއެވެ.

ޖުމްލަކޮށް ބަލާއިރު އެއާޗެޓަކީ ސޯޝަލް މީޑިއާގެ ދުނިޔެއަށް އަލަށް ތައާރަފް ކުރެވުނު އުއްމީދީ އެޕެކެވެ. މިއެޕުގައި އަޑު ބޭނުންކުރެވޭތީ އެކަކު އަނެކަކާއި ގުޅުވައިދޭ ގުޅުން އެހެން އެޕްތަކާއި އަޅާބަލާފައި އިތުރަށް ގާތްވެފައި އިންޓަރެކްޓިވްވެއެވެ. މިއީ ސޯޝަލް މީޑިއާއަށް އަންނަ އެންމެ ބޮޑު ބަދަލުކަން އެނގޭނީ އަދި މީހުން މިއެޕް ބަލައިގަންނަ މިންވަރަކަށް ބަލާފައެވެ. ކޮންމެއަކަސް މިހާރަށް ވުރެ ބޮޑަށް ޝައުގުވެރި ސޯޝަލް މީޑިއާ ތަޖުރިބާއެއް ބޭނުންވާ ނަމަ އެޕްގައި ހުރި ފެންވަރެއް ތަޖުރިބާކޮށްލުން މުހިއްމެވެ.

އެއަރޗެޓް އެޕް ބޭނުންކުރާނެގޮތް ކިޔާދީފައިވާ އާޓިކަލްއެއް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.