ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ ފިޝިންގ ސްކޭމެއް އާންމުވަނީ!

ހިންދު ޢަލީ 05 މޭ 2024

އިންޓަނެޓަކީ މިހާރު އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބަޔެކެވެ. މުވާސަލާތު ކުރުމާއި، ވިޔަފާރިކުރުމާއި، މަޢުލޫމާތު ހޯދުން ފަދަ އަދަދު ނުކުރެވޭހާ ގިނަ ބޭނުންތައް ހިފޭ އެއްޗެކެވެ. އެހެން ނަމަވެސް އިންޓަރނެޓަކީ އެތަކެއް ނުރައްކަލެއްވެސް އެކުލެވޭ ޕްލެޓްފޯމެކެވެ. އޭގެ އެއް މިސާލަކީ އޮންލައިން ސްކޭމްތަކެވެ.

އޮންލައިން ސްކޭމަތަކުގެ އެއް ބާވަތެއްކަމުގައިވާ ފިޝިންގ ސްކޭމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުންނަށް އަމާޒުކޮށްގެން އޮޅުވާލައިގެން މީހުންގެ ފައިސާ ނުވަތަ ޒާތީ މައުލޫމާތު ވަގަށް ނެގުމަށް ހިންގާ ޖަރީމާތަކެކެވެ. މިއީ މީހުންނާއި މުއާމަލާތްކުރުމުގެ ކޮންމެވެސް ޒަރީއާއަކުން މެސެޖުފޮނުވާ އޮޅުވާލައިގެން، ފައިސާ ނުވަތަ އެހެން މައުލޫމާތުތަކެއް ހޯދުމަށް ކުރާ ކަމެކެވެ. އާންމުކޮށް މިފަދަ މެސެޖުތަކަކީ މީހުންގެ އަވަސް ސަމާލުކަން ހޯދާ އަދި އަވަހަށް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ބުނާ މެސެޖުތަކެކެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް މިފަދަ ފިޝިންގ ސްކޭމްތަކެއް ވަނީ އާންމު ވާން ފަށާފައެވެ. ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި މިފަދަ މެސެޖުތަކެއް ލިބެމުންދާކަމަށް އެކި އެކި ގޮތްގޮތުން ދަނީ ހަބަރު ލިބެމުންނެވެ. މިސްކޭމް މެސެޖުގެ ތަފްސީލަށް އިތުރަށް ބަލާލާ، މިފަދަ ސްކޭމްތައް މަސައްކަތް ކުރާގޮތާއި، މިފަދަ މެސެޖުތައް ދެނެގަންނާނެގޮތާއި މީގެން ދިމާވެދާނެ ނުރައްކާތައް ދެނެގަނެ އަހުލުވެރިވުން ވަރަށް މުހިއްމެވެ.

ރާއްޖޭގެ ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖު

މިމެސެޖުތަކުގައި ބުނެފައިވަނީ ޕޯސްޓް އޮފީހަށް ލިބިފައިވާ ޕެކެޖެއްގައިވާ އެޑްރެސްގެ މައުލޫމާތު ގޯސްކަމަށާއި، އެމައުލޫމާތު ރަގަޅުކުރުމަށް ބްރައުޒަރެއް މެދުވެރިވެ ފޮނުވާފައިވާ ލިންކަކަށް ދިޔުމަށެވެ. އަދި އެމެސެޖަށް ޖަވާބުދިނުމަށް އިތުރު އިރުޝާދުތަކެއްވެސް ފޮނުވާފައި ހުރެއެވެ. ކެނެޑާގެ ނަންބަރަކުން ފޮނުވާފައިވާ މިމެސެޖު ލިޔެފައިވަނީ ދިވެހި ބަހުންނެވެ. މި މެސެޖަށް ވަރަށް ރަނގަޅަށް ބަލާލައިފިނަމަ، މެސެޖުގައި ދިވެހި ބަސް ލިޔެފައިވާ ގޮތުން، އިނގިރޭސި ނުވަތަ އެހެން ބަހަކުން ޓްރާންސްލޭޓްކުރާ ޓޫލެއް މެދުވެރިވެ ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ކަމަށް ފާހަގަވެއެވެ.

މިއީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫންކަމަށް ބޭރުގެ ބައެއް ހަބަރުތަކުން ފެންނަންވެސް އެބަހުރިއެވެ. ދިވެހި ބަހުން ލިޔެފައިވާ މިމެސެޖާއި ވަރަށް އެއްގޮތް އިނގިރޭސި ބަހުން ލިޔެފައިވާ މެސެޖުތަކެއް އެހެން ބައެއް ގައުމުތަކުގައި ދައުރުވާކަން މިހަބަރުތަކުގައި ފާހަގަ ކުރެއެވެ.

އޮސްޓްރޭލިޔާގައި ޕޯސްޓް އޮފީހުގެ ނަމުގައި ލިބޭ ސްކޭމް މެސެޖުތަކެއްގެ ހަބަރު

އޮސްޓްރޭލިޔާގެ ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖެއް

ނިއުޒީލެންޑް ޕޯސްޓްގެ ނަމުގައި ހިންގާ ފިޝިންގ ސްކޭމްގެ ހަބަރު

ނިއުޒީލެންޑް ޕޯސްޓް އޮފީހުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖެއް


މީގެ ތެރެއިން ގިނަ މިސާލުތަކުގައި މިފަދަ މެސެޖުތައް އަންނަނީ އެގައުމުތަކުގެ ޕޯސްޓް އޮފީސް އިދާރާގެ ނަމުގައެވެ. ޕޯސްޓް އޮފީހުގެ އިތުރުން ބޭންކުތަކުގެ ނަމުގައިވެސް ބައެއް މެސެޖުތައް ފޮނުވާފައި ހުރެއެވެ. ގިނަ ހަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި މެސެޖުތަކުގައި ހިމެނޭ ލިންކްތަކުން ދަނީ މީހުންގެ ޑިވައިސް އިންފެކްޓް ކުރާނެ ނުވަތަ ޒާތީ މައުލޫމާތު ވަގަށްނަގާނެ ނުވަތަ ބޭންކް އެކައުންޓްތަކަށް ނުރައްކާ ވެދާނެ ފޭކު ސައިޓްތަކަށެވެ.

އާންމުކޮށް އޮންލައިންކޮށް މުދާ ގަނެ ފޯސްޓް އޮފީސް މެދުވެރިވެ ތަކެތި ގެންނަ ފަރާތްތަކަށް މިފަދަ މެސެޖެއް ލިބުމުން، މިއީ ސައްހަ މެސެޖެއްކަމަށް ބަލާ މެސެޖުގައިވާ ލިންކަށް ދިއުމުން، މީހާގެ ޒާތީ މައުލޫމާތު ނުވަތަ ފައިސާ ހޯދުމަށް މަސައްކަތްކުރެއެވެ. މިފަދަ މެސެޖެއް ލިބިއްޖެނަމަ އަވަސްއަރުވާނުލާ، ފަރުވާތެރިކަމާއެކު އެމެސެޖު ރަނގަޅަށް ކިޔާލާ، އޭގައިވާ ބަހުރުވަ އަދި ލިންކު ފަދަ ކަންތައްތައް ރަނގަޅަށް ބަލާލުން މުހިއްމެވެ. ގިނަ ފަހަރަށް މެސެޖުތަކުގައި ބޭނުންކޮށްފައި ހުންނަ އިބާރާތްތަކުގައި ކުށް ހުންނާނެއެވެ. އަދި ލިންކުތައް ވެސް ހުންނާނީ އެއިދާރާއެއްގެ ލިންކުތައް އާންމުކޮށް ހުންނަ ގޮތާއި ތަފާތު ގޮތްގޮތަށެވެ. އެހެން ކަމުން މިފަދަ މެސެޖެއް ލިބުން އެއިދާރާއަކަށް ގުޅާ މެސެޖުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަޖުރިބާ ކާރުން ލަފާދެއެވެ. އަދި ކަމާބެހޭ އިދާރާތަކަށް މައްސަލަ ރިޕޯޓްކުރުން ވެސް މުހިއްމެވެ.

ރާއްޖޭގައި މިފަދަ ސައިބަރ ކްރައިމްގެ މައްސަލަތައް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އިތުރުވަމުން އަންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2023 ގައި ސައިބަރ ކްރައިމްކަމަށް ގިންތިކުރެވޭ 250 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު އޭގެ ތެރެއިން %50 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ އަހަރުގެ ފަހު ކުއާޓަރގައެވެ. މިފަދަ މައްސަލަތަކުގެ ޓްރެންޑް މަޑުމަޑުން ދަނީ މައްޗަށެވެ.

2023ގެ ފެބްރުއަރީ މަސް ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ވެސް ފިޝިންގ މެސެޖުތަކެއް ވަނީ ދައުރުވެފައެވެ. އަދި ތިމާގެ މީހުންނާއި ރައްޓެހިންގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިވެ މެސެޖު ފޮނުވާ، މަކަރުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ގިނަ ގިނައިން ފެނެއެވެ.

މިހާރު އާންމުވެގެން އުޅޭ ޕޯސްޓް އޮފީހުގެ ނަމުގައި ލިބެމުންދާ ފިޝިންގ މެސެޖުތަކުގެ މައްސަލަތައް ޕޮލިހަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވާކަމަށާއި، މިމައްސަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅަމުންދާކަމަށް އެއިދާރާތަކުން ހާމަކުރެއެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވަމުން އަންނަ މައްސަލައެއް ނޫނެވެ. އޮންލައިން ސްކޭމަތަކާއި ފިޝިންގ ހަމަލާތައް އިތުރުވެ އޭގެ ނުރައްކާ ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ދުވަހެއް ދުވަހަކަށް އެފަދަ މައްސަލަތަކުގެ އަދަދުތަކާއި، އެފަދަ މައްސަލަތަކުން އާންމުންނަށް ލިބޭ މާލީ ގެއްލުމުގެ މިންވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ.

މިފަދަ މެސެޖުތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށް އާންމު ފަރުދުންނަށް މިފަދަ ކަންތަކުގެ މައުލޫމާތު ފޯރުކޮށްދީ އަހަލުވެރިކުރުވުން މުހިއްމެވެ. މިމައްސަލަތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުން ފިޔަވަޅުތައް އަޅަމުންދާއިރު، ފަރުދީ ޒިންމާ އަދާކުރުން ވެސް ވަރަށް މުހިއްމެވެ. މިފަދަ މައްސަލަ ދިމާވާ ފަރާތްތަކުން ގިނަ ބަޔަކަށް އެނގޭ ގޮތަށް އެކަން އާންމުކޮށް، އެކަމަށް ސަމާލުވެ ތިބުމަށް ބާރުއެޅިދާނެއެވެ. ޝައްކު ކުރެވޭ މިފަދަ ހަރަކާތްތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަކީ، މިނުރައްކާތެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުޖުތަމައު ރައްކާތެރިކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.