އޯޕަންއޭއައި އިން ޖީޕީޓީގެ އައު ވަރޝަން ޖީޕީޓީ-4އޯ ރިލީޒްކޮށް 13 މެއި 2024 ވީ ހޯމަދުވަހު ވަނީ އިއުލާނުކޮށްފައެވެ. އޯޕަން އޭއައިގެ ލާޖް ލެންގުއޭޖް މޮޑެލް (އެލްއެލްއެމް)ގެ އެންމެ ފަހުގެ މިވަރޝަންއަކީ ރިއަލްޓައިމްކޮށް އޯޑިއޯ، އިމޭޖް، ވިޝަން އަދި ޓެކްސްޓް ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ ވަރޝަންއެއްކަމަށް އެކުންފުނިން ހާމަކުރެއެވެ.
ޖީޕީޓީ-4އޯ ގައިވާ 'O' ގެ މާނައަކީ 'އޮމްނި' އެވެ. 'އޮމްނި' މިބަހުން ރަމްޒުކޮށްދެނީ އެއްފަހަރާ ގިނަ ބާވަތުގެ މައުލޫމާތު (ޓެކްސްޓް، އޯޑިއޯ އަދި ފޮޓޯ) ނަގައި ޕްރޮސެސް ކުރުމުގެ ގާބިލްކަން މިމޮޑެލް އަށް ލިބިފައިވާކަމެވެ.
މިމޮޑެލްއަކީ އެއް ބާވަތުގެ މައުލޫމާތު ބޭނުންކޮށްގެން އެހެން ބާވަތެއްގެ އައުޓްޕުޓް ދެއްކޭނެ މޮޑެލްއެކެވެ. މިސާލަކަށް ޖީޕީޓީ-4އޯ މޮޑެލްއަށް ތަސްވީރެއް ދައްކާ، އެތަސްވީރުން ފެންނަ އެއްޗެއް ރަމްޒުކޮށްދޭ ޅެމެއް ލިޔެވިދާނެއެވެ. ނުވަތަ ހަބަރު އާރޓިކަލްއެއް ދީފައި އެހެން ބަހަކަށް ޓްރާންލޭޓްކޮށް ވީޑިއޯއެއްގެ ސްކްރިޕްޓަކަށް ފަސޭހައިން ބަދަލުކޮށްލެވިދާނެއެވެ.
ގިނަ ބާވަތުގެ މައުލޫމާތު ޕްރޮސެސްކުރުމުގެ (ނުވަތަ މަލްޓިމޯޑަލް) ކެޕެބިލިޓީގެ އިތުރުން ކުރީގެ ވަރޝަންއާއި ހިލާފަށް ޖީޕީޓީ-4އޯ ގައި އިތުރު ބައެއް ކުރިއެރުންތައް ހިމެނެއެވެ.
ޕްރޮސެސްކުރުން ހަލުވިވެފައި ފަސޭހަވުން: ޖީޕީޓީ-4 އާއި އަޅާބަލާފައި ޖީޕީޓީ-4އޯގެ ޕްރޮސެސިންގ ސްޕީޑް ދެގުނަ ހަލުވި ވާނެކަމަށާއި، އޮޕަރޭޓް ކުރުން އިތުރަށް ފަސޭހަވާނެކަމަށް ކުންފުނިން ހާމަކުރެއެވެ.
އިތުބާރުކުރެވޭނެ އަދި ފަހުގެ ސައްހަ ޖަވާބު ލިބުން: ޖީޕީޓީ-4އޯ މޮޑެލްގައި އޭއައި ޓްރެއިނިންގގައި އެންމެ ފަހުގެ ކުރިއެރުންތައް ބޭނުންކޮށްފައިވާ ވާނެތީ، މިމޮޑެލްއިން ދޭ ޖަވާބުތަކަކީ އެންމެ ފަހުގެ އަދާހަމަ އަދި އިތުބާރުކުރެވޭނެ ޖަވާބުތައްކަމަށް އެކުންފުނިން ޔަގީންކަންދެއެވެ.
މައުލޫމާތު ރައްކާކުރެވުމާއި ދިގު ކޮންޓެކްސްޓްގައި ވާހަކަދެއްކުން: ޖީޕީޓީ-4އޯ އިން މައުލޫމާތު ރައްކާކުރެވޭތީ، މުއާމަލާތްކުރުމުގައި ވާހަކަތައް ކުރިއަށް ވުރެ ބޮޑަށް އިންސާނުންނާއި ވާހަކަ ފަދައިން ނެޗުރަލް ވާނެކަމަށް ވެއެވެ. އަދި މިމޮޑެލް މެދުވެރިވެ އެއްވާހަކައާއި އަނެއްވާހަކަ ގުޅުވާ، ދިގުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެކަމަށް ވެއެވެ.
ޗެޓްޖީޕީޓީ ފްރީ ޔޫޒަރުންނަށް މިހާރު ޖީޕީޓީ-4އޯގެ ފަހުގެ ފީޗަރސްތަކާއެކު އެކްސެސް ލިބިގެންދާނެ ކަމަށް އޯޕަން އޭއައިއިން ރިލީޒްކުރި ބަޔާނުގައިވެއެވެ. މީގެ ތެރޭގައި ޖީޕީޓީ-4 ލެވެލްގައި ބޭނުންކުރެވުމާއި، މޮޑެލް އަދި ވެބް ބޭނުންކޮށްގެން ޖަވާބު ހޯދުމުގެ ފީޗަރ ހިމެނެއެވެ. އަދި ލިޔުމަށާއި ދިރާސާކުރުމަށް އެހީތެރިވުމުގެ ގޮތުން ޑޭޓާ އެނަލައިޒްކޮށް ޗާޓް ތައްޔާރުކުރެވުން، ނަގާ ފޮޓޯތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން، ޑޮކިޔުމަންޓް ނުވަތަ ލިޔުން ހުލާސާކުރުން ފަދަ ފީޗަރސްތައް ވެސް ހިމެނެއެވެ. އެހެން ނަމަވެސް ފްރީ ޔޫސަރުންނަށް މިފީޗަރސްތައް އަދި ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ. މޮޑެލް ބޭނުންކުރެވޭ ޑިމާންޑަށް ބަލާ ކަނޑައެޅިފައިވާ މިންވަރަށް ބޭނުންކުރެވުމުން ފްރީ ޔޫސަރުންނަށް ބޭނުންކުރެވޭނީ ކުރިންވެސް ބޭނުންކުރެވޭ ޖީޕީޓީ 3.5 މޮޑެލްކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޖީޕީޓީ-4އޯގެ ފެންވަރު އަމިއްލައަށް ތަޖުރިބާ ކުރަން ބޭނުންވާ ޔޫޒަރުންނަށް އޯޕަންއޭއައި އިން ވަނީ ޑެސްކްޓޮޕް އެޕްވެސް ތައާރަފްކޮށްފައެވެ. ޑެސްކްޓޮޕް އެޕް ތައާރަފްކޮށްފައިވަނީ އަދި މެކްއޯއެސްއަށް ހާއްސަކޮށްފައެވެ. ޑެސްކްޓޮޕްގައި މަސައްކަތް ކުރަމުން ދާއިރު ފަސޭހައިން އެކްސެސް ވެވޭނެގޮތަށް ކީބޯޑް ޝޯޓްކަޓް ބޭނުންކޮށްގެން ޖީޕީޓީ-4އޯ އާއި މުއާމަލާތް ކުރެވޭނެއެވެ. އަދި ބޭނުންކުރާ އެހެން އެޕްތަކުގެ ތެރެއިން ޖީޕީޓީއާއި މުއާމަލާތްކޮށް ހިޔާލު ބަދަލުކުރެވިދާނެއެވެ.
މީގެ އިތުރުން ޑެސްކްތޮޕް އެޕްގައި އަޑު ބޭނުންކޮށްގެން ވާހަކަ ދެއްކުމަށް މަގުފަހިކޮށްދޭ ފީޗަރވެސް ހިމެނިފައިވެއެވެ. ބޭނުންކުރާ އެހެން އެޕްގެ ތެރެއިން ސްކްރީންޝޮޓް ނަގާ އެފޮޓޯތަކާއި ބެހޭގޮތުން މަޝްވަރާކޮށް އިންޓަރެކްޓިވްކޮށް ޖީޕީޓީއާއި މުއާމަލާތްކުރުމުގެ ތަޖުރިބާވެސް ކޮށްލެވިދާނެއެވެ.
ޑެސްކްޓޮޕް އެޕް ރޯލްއައުޓް ކުރުމަށް އަދި ކަނޑައެޅިފައިވަނީ ހޮވާލެވިފައިވާ ބައެއް ޔޫޒަރުންނަށް އެކަންޏެވެ. އެހެން ނަމަވެސް އޯޕަންއޭއައި އިން ރާވާފައިވަނީ މިއެކްސެސް ފުޅާކޮށް މިއަހަރުގެ ފަހުކޮޅު ވިންޑޯޒް ވާޝަނެއް ވެސް ތައާރަފްކުރުމަށެވެ.
އޯޕަންއޭއައި އިން ވަނީ ޖީޕީޓީ-4އޯގެ ފީޗަރސްތަކާއި ޑެސްކްޓޮޕް އެޕްގެ ފީޗަރސްތަކުގެ ލައިވް ޑެމޯތަކެއް ވެސް ދައްކާލާފައެވެ.
އިތުރު ތަފްސީލުތައް އަދި މަޑުމަޑުން ހާމަވަމުން ދިޔަނަމަވެސް، މިހާރުވެސް ގަބޫލުކުރެވޭ ކަމަކީ ޖީޕީޓީ-4އޯ ބޭނުންކޮށްގެން އުފައްދާ އިތުރު ގިނަ ބާރުގަދަ އެޕްލިކޭޝަންތަކެއް އަވަސް މުސްތަގްބަލެއްގައި ފެނިގެންދާނެކަމެވެ. މިއީ ކްރިއޭޓިވް ކޮންޓެންޓް ޖެނެރޭޝަން އިން ފެށިގެން ކޯޑިން އެސިސްޓެންސް އާއި ޑޭޓާ އެނަލިސިސް ފަދަ ގިނަ ކަންކަން ކުރިއަރުވާ އިތުރަށް ރަނގަޅު ކުރުމަށް ގިނަ އެޕްލިކޭޝަންތަކެއް އުފެއްދިދާނެ ގާބިލްކަން ހުރި ޓޫލެކެވެ.
ޖީޕީޓީ-4އޯ ނެރުމަކީ އާޓިފިޝަލް އިންޓެލިޖެންސްއަށް އަނެއްކާވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިޓޫލްގައި ހިމެނޭ ގިނަ ބާވަތުގެ މައުލޫމާތު ފަހުމްވުމާއި ޕްރޮސެސްކުރުމުގެ ގާބިލުކަމުގެ ސަބަބުން އިންސާނުންނާއި ކޮމްޕިޔުޓަރާއި ދެމެދުގައި ވެވޭ މުއާމަލާތްތައް އިތުރަށް ކުރިއަރުވާ ދިރިއުޅުމާއި މަސައްކަތަށް އެތަކެއް ކުރިއެރުމެއް ގެނެސްދޭނެ އައު އުފެއްދުންތައް އުފެއްދުމުގެ އެތަށް ފުރުސަތުތަކެއް ހުޅުވިގެން ދާނެކަން ކަށަވަރެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް