ގޫގަލްގެ އޭއައި ޓޫލްސް ވީއޯ އަދި އިމޭޖަން 3 ތައާރަފްކޮށްފި

ގޫގަަލް އިން ރޭ ވަނީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސް ބާއްވައި، އޭއައި ގެ އާ އުފެއްދުންތައް ތަޢާރަފް ކޮށްފައެވެ.

ކެލިފޯނިއާގެ މައުންޓަން ވިއުގައި ބޭއްވި ގޫގަލް އައި/އޯ އިން ވަނީ އޭއައިއާ އެކު މުސްތަގުބަލް ފެންނާނެ ގޮތުގެ މަންޒަރެއް ދައްކައިލައިފައެވެ. މި ހަރަކާތުގައި ގޫގަލް އިން ވަނީ އާ ޖެނެރޭޓިވް އޭއައި ޓޫލްސް ކަމަށްވާ ވީއޯ އަދި އިމޭޖަން3 ވެސް ތައާރަފްކޮށްފައެވެ. ޓެކްސްޓް ޕްރޮމްޕްޓްތަކުން ވީޑިއޯ ޖެނެރޭޓް ކުރުމަށް ވީއޯ ބޭނުން ކުރެވޭއިރު، އިމޭޖަން 3 އަކީ ގޫގަލްގެ އެންމެ "ސޮފިސްޓިކޭޓެޑް ޓެކްސްޓް ޓު އިމޭޖް މޮޑެލް" ގެ ގޮތުގައި މިހާތަނަށް ސިފަކުރެވިފައިވާ މޮޑެލްއެވެ.

އާ ދެ އޭއައި ޓޫލް އިއުލާނުކުރަމުން ގޫގަލް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖެނެރޭޓިވް މީޑިއާ ޓެކްނޮލޮޖީގެ ފެންވަރު މަތިކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ކްރިއޭޓިވް ކޮމިއުނިޓީއާ ގުޅިގެން ޖެނެރޭޓިވް އޭއައި އިން ކްރިއޭޓިވް ޕްރޮސެސްއަށް އެންމެ ފުރިހަމައަށް އެހީތެރިވެދެވޭނެ ގޮތްތައް ދެނެގަތުމަށާއި، ގޫގަލްގެ އޭއައި ޓޫލްސްތަކަކީ ކޮންމެ މަރުހަލާއެއްގައި ވެސް ބޭނުންތެރި ވަސީލަތްތަކަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ތައާރަފްކުރަނީ އަޅުގަނޑުމެންގެ އެންމެ ފަހުގެ އަދި އެންމެ ޒަމާނީ ވީޑިއޯ ޖެނެރޭޝަން މޮޑެލް ވީއޯ އާއި އަދި މިހާތަނަށް އަޅުގަނޑުމެންގެ އެންމެ ފެންވަރު ރަނގަޅު ޓެކްސްޓް-ޓު-އިމޭޖް މޮޑެލް، އިމޭޖަން 3" ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީ ރޭގެ ކޮންފަރެންސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޑައިރެކްޓަރު ޑޮނަލްޑް ގްލޯވާ އާއި އޭނާގެ ކްރިއޭޓިވް ސްޓޫޑިއޯ، ގިލްގާއާ އެކު ދާދި ފަހުން ކުރި ބައެއް މަސައްކަތްތަކާއި، އާޓިސްޓުން ކަމަށްވާ ވައިކްލެފް ޖީން، މާކް ރެބިލެޓް އަދި ލަވަކިޔުންތެރިޔާ ޖަސްޓިން ޓްރާންޓާ ގެ މިއުޒިކް އޭއައި ސޭންޑްބޮކްސްގެ އެހީގައި ތައްޔާރުކުރާ އާ ޑެމޯ ރެކޯޑިންތައް ވެސް ހިއްސާ ކުރަމުން އަންނަ ކަމަށް ޕިޗާއީ ވިދާޅުވިއެވެ.

ގޫގަލްގެ ވީއޯ

ގޫގަލް އިން މިހާތަނަށް އެންމެ އެޑްވާންސް ވީޑިއޯ ޖެނެރޭޝަން މޮޑެލް ކަމަށް ބުނާ ވީއޯ އަކީ ތަފާތު ސްޓައިލްތަކުގައި ފެންވަރު ރަނގަޅު 1080ޕީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ޓޫލެކެވެ. "ޓައިމްލެޕްސް" އާއި "އޭރިއަލް ޝޮޓްސް" ފަދަ ސިނަމެޓިކް ކޮންސެޕްޓްތައް މި އޭއައި އަށް ވިސްނޭއިރު، ފިލްމު އުފައްދާ މީހެއްގެ ވިސްނުމަށް ވަފާތެރިކަމާއެކު ތަބާވާ ވީޑިއޯތައް އުފެއްދުމުގެ ފުރުސަތު ވެސް ފަހިކޮށްދެއެވެ.

އޯޕަންއޭއައި އިން ދާދި ފަހުން ޓެކްސްޓް ޓު ވީޑިއޯ ޖެނެރޭޓަރ ސޯރާ ތައާރަފްކުރި ފަހުން، ގޫގަލް އިން މި ދާއިރާގައި އޯޕަންއޭއައިއާ ވާދަކުރާ ކަމަށް ބުނެވިދާނެ އެވެ.

ވީއޯގެ ގާބިލްކަން ދައްކުވައިދިނުމުގެ ގޮތުން ގޫގަލް އިން ވަނީ މަޝްހޫރު ޑައިރެކްޓަރު ޑޮނަލްޑް ގްލޯވާ އާއި އޭނާގެ ކްރިއޭޓިވް ސްޓޫޑިއޯ، ގިލްގާއާ ގުޅިގެން މަސައްކަތްކޮށްފައެވެ. އެ މީހުންގެ ޖޮއިންޓް ޕްރޮޖެކްޓުން ޕްރޮފެޝަނަލް ފިލްމް އުފެއްދުމުގައި ވީއޯގެ ގާބިލުކަން ދައްކުވައިދީ، އޭއައި އަކީ ކްރިއޭޓިވް ޕްރޮސެސްގެ މުހިއްމު ބަޔަކަށް ހެދޭނެ ކަމުގެ އިޝާރާތެއް ދިނެވެ. ގޫގުލް އިން ވީއޯ ރިފައިން ކުރަމުން އަންނައިރު، ވީޑިއޯއެފްއެކްސްގައި އެ ކުންފުނީގެ މަސައްކަތްތައް ދެނެގަތުމަށް ޕްރައިވެޓް ޕްރިވިއުއެއްގައި ބައިވެރިވުމަށް ހޮވާލެވޭ ކްރިއޭޓަރުންނަށް ވެސް ވަނީ ދައުވަތު ދީފައެވެ.

އިމޭޖަން 3

ގޫގަލް އިން ވަނީ އިމޭޖަން 3 ތައާރަފުކޮށް ޓެކްސްޓް ޕްރޮމްޕްޓްތަކުން މަތީ ފެންވަރުގެ ފޮޓޯތައް އުފައްދާފައެވެ. ގޫގަލް އިން ބުނި ގޮތުގައި މި މޮޑެލް ރަމްޒުކޮށްދެނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އިމޭޖަން 3 އަކީ ޓެކްސްޓް ޕްރޮމްޕްޓްތަކުގެ ނުކުތާތައް ދެނެގަނެ މާނަކުރުމުގައި އޭގެ ކުޅަދާނަކަން ދައްކައި، ބޭނުންކުރާ މީހުންގެ ސްޕެސިފިކޭޝަންތަކާ ވަރަށް ގާތުން ފެތޭ ފޮޓޯތަކެއް އުފެއްދުމުގެ މަގު ފަހިކޮށްދޭ އެއްޗެކެވެ.

ތަފްސީލީ ވައިލްޑްލައިފް ޕޯޓްރެއިޓްތަކުން ފެށިގެން ޑައިނަމިކް ލޭންޑްސްކޭޕް ޝޮޓްތަކާ ހަމައަށް އިމޭޖަން 3 ގެ ގާބިލުކަން ސިލްސިލާކޮށް ޖެނެރޭޓެޑް ފޮޓޯތަކެއް މެދުވެރިކޮށް ދައްކާލާފައިވާއިރު، އެއިން ކޮންމެ ފޮޓޯއަކުން ވެސް ވަކި ޕްރޮމްޕްޓެއްގެ ކޮމްޕްލިކޭޝަން އާއި ސްޓައިލް ދައްކުވައިދެއެވެ. މި މޮޑެލްގެ އެންހޭންސްޑް ޓެކްސްޓް ރެންޑަރިން ފީޗާގެ ސަބަބުން ޕާސަނަލައިޒްޑް މެސެޖިން އާއި ޕްރޮފެޝަނަލް ޕްރެޒެންޓޭޝަންތަކަށް ވެސް މި މޮޑެލްގެ އެޕްލިކޭޝަން ފުޅާވެގެން ދެއެވެ.

ގޫގަލްގެ ބްލޮގް ޕޯސްޓްގައި ބުނެފައިވަނި އިމޭޖަން 3 އަކީ ގޫގަލްގެ އެންމެ ފެންވަރު ރަނގަޅު ޓެކްސްޓް ޓު އިމޭޖް މޮޑެލް ކަމަށާއި، މީގެ ސަބަބުން ވަރަށް ފުރިހަމަ ތަފްޞީލެއް އުފައްދައި، ފޮޓޯރިއަލިސްޓިކް، ލައިފްލައިކް ފޮޓޯތައް އުފައްދައި ދޭނެކަމަށެވެ.

މިއަދުން ފެށިގެން އިމޭޖްއެފްއެކްސްގެ ޕްރައިވެޓް ޕްރިވިއުގައި ވެއިޓްލިސްޓުގައި ބައިވެރިވުމުން އިމޭޖަން 3 ލިބެން ހުންނާނެކަމަށާއި، އިމޭޖަން 3 ވަރަށް އަވަހަށް ވާޓެކްސް އޭއައި އަށް އަންނާނެކަމަށް ގޫގުލްގެ ބްލޮގް ޕޯސްޓުގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލުމަށް

އޯޕަންއޭއައިގެ ޓެކްސްޓް-ޓު-ވީޑިއޯ ޓޫލް ސޯރާ ދައްކާލައިފި

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.