އާޓިފިޝަލް އިންޓެލިޖަންސްދަނީ ދުނިޔޭގެ އެކިއެކި ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ފާއިތުވެގެން ދިޔައަހަރު، މިކަމުގެ ސަބަބުން މުނިފޫހިފިލުވުމުގެ ސިނާއަތައްކުރާނެ އަސަރާމެދު ވަރަށް ގިނަ ބަޔަކު ކަނބޮޑުވުން ފާހަގަކޮށްފައިވެއެވެ. މިގޮތުން އެމެރިކާާގެ ގިނަ ލިޔުންތެރިންނާއި އެކްޓަރުންވަނީ މިކަން ގަވާއިދަކާއިނުލާކުރުމުންކޮށްފާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކޮށް، ހަޅުތާލުވެސްކޮށްފައެވެ. ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއި އެކުވެސް، މުނިފޫހިފިލުވުމުގެ ސިނާއަތުވެސްވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ވިންދުގައި ޖެހިފައެވެ.
މިގޮތުން، ހޮލީވުޑްގެ ބޮޑެތި ކުންފުނިތަކުން އޭއައި އާއި ދިމާލަށް ބަލަމުންދާކަމަށް ޚަބަރު ލިބިފައިވެއެވެ. މިހާރު، އެކިއެކި ފިލްމުތައް ހަދަމުންދާ ފަރާތްތައް މަޑުމަޑުން އޭއައި ބޭނުންކުރަން ފަށާފައިވެއެވެ. ނަމަވެސް މިކަމާ މެދު ވަރަށް ގިނަ ދެބަސްވުންތަކެއް އުފެދިފައިވެއެވެ. ފާއިތުވެދިޔަ އަހަރު ހިނގައިދިޔަ ހަރުތާލުގައި ހާމަކޮށްފައިވާ ކަންބޮޑުވުންތައް މީހުންގެ ހިޔާލުން އަދި ފިލައިންގޮސްފައި ނުވެއެވެ. މިކަމުގެ ސަބަބުން މިދާއިރާގައި އަދި ހާމަކަންބޮޑު ގޮތެއްގައި އޭއައި ބޭނުންކުރަން ފަށާފައެއް ނުވެއެވެ.
މިކަމުގެ ރައްދުގައި މި ކަންބޮޑުވުންތައް މަދުކުރުމުގެ މަސައްކަތްތައް އެކިފަރާތްތަކުން ފަށާފައެއް ނުވެއެވެ. މިގޮތުން މުނިފޫހިފިލުވުމުގެ ސިނާއަތުގައި އުޅޭ ބައެއް އޭޖަންސީތަކުން ފިލްމުކުޅުންތެރިންގެ ސޫރަ ފަދަ ޑިޖިޓަލް އެސެޓުތައް ބޭނުންކުރުމުގެ ހުއްދަ ފިލްމުކުޅުންތެރިންގެ އަތައް ރައްދުކުރުމަށް ބައެއް އޭޖަންސީތަކުން މަސައްކަތް ކުރަން ފަށައިފިއެވެ. ހޮލީވުޑްގެ އެންމެ ބޮޑު އެއް ޓެލެންޓް އޭޖަންސީ އެއްކަމަށްވާ ކްރިއޭޓިވް އާޓިސްޓްސް އޭޖަންސީ ފަދަ އޭޖަންސީތަކުންދަނީ މިކަންކަމުގައި އެމީހުންގެ ފަންނުވެރިން ތަމްސީލުކޮށް އެމީހުންގެ ސޫރަތައް ބޭނުންކުރުމުގެ ހައްގުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
މީގެ އިތުރުން ހޮލީވުޑްގެ ސްޓޫޑިއޯތައްވެސް ދަނީ އޭއައިއަށް ހެއްލެމުންނެވެ. މިގޮތުން ވަރނަރ ބްރަދޭސްއާއި ސޮނީ ފަދަ ސްޓޫޑިއޯތަކުން ވަނީ އޭއައި މެދުވެރިކޮށް ފިލްމުތައް ހެދުމަށް ޝައުގުވެރިކަން ހާމަކޮށްފައެވެ. އެހެން ކުންފުނިތަކުންވެސް ދަނީ މަޑުމަޑުން އޭއައި ބޭނުންކުރަން ފަށަމުންނެވެ. ދާދިފަހުން އޭ24ގެ "ސިވިލް ވަރ" ފިލްމުގެ ޓްރެއިލަރުތަކުގައި އޭއައި ބޭނުންކޮށްގެން މީހުންގެ ދެބަސްވުންތަކެއް އުފެދިފައިވެއެވެ.
އޯޕަންއޭއައި، ގޫގަލާއި މެޓާފަދަ ކުންފުނިތަކުންވެސް ދަނީ ހޮލީވުޑަށް ވަންނަން މަސައްކަތްކުރަން ފަށާފައިވެއެވެ. ހޮލީވުޑް ސްޓޫޑިއޯތަކުން މިކަމަށް އެކި މިންވަރަށް ޝައުގުވެރިކަން ދައްކާފައިވާއިރު، ހުރިހާއެންމެން އެއްމިންވަރަކަށް ބައިވެރިވުމަށް ވިސްނާފައެއް ނުވެއެވެ. މިގޮތުނަ ބައެއް ފަރާތްތަކުން އެމީހުންގެ ކޮންޓެންޓު ލައިސަންސްކުރުމަށް އެއްބަސްވެފައިވީއިރު، އަނެއްބައިފަރާތްތަކުން މިކަމަށް އެއްބަސްވެފައެއް ނުވެއެވެ.
މިގޮތަށް އެކި ސްޓޫޑިއޯތަކުން ކޮންޓެންޓް ލައިސަންސްކޮށްފިނަމަ، މީގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ ފަންނާނުނެވެ. ފަންނާނުންގެ އަޑާއި ސޫރަ އެފަންނާނުންގެ ހުއްދަޔާއިނުލާ ބޭނުންކުރުމުގެ މައްސަލަޔަކީ މިކަމުގައި އޭއައި ބޭނުންކުރުމުން ދިމާވާ އެންމެ ބޮޑުއެއް މަސަލައެވެ.
މިކަމާ ދެކޮޅަށް ފަންނާނުން ވަނީ އަޑުއުފުލައި މަސައްކަތްކުރަން ފަށާފައެވެ. މިދިޔަ އަހަރި މިކަމާ ދެކޮޅަށް ބޮޑެތި އަދަދުތަކެއްގެ ފަންނާނުން ހަރުތާލުކޮށް، މިމައްސަލަޔާއި ދިމާލަށް މީހުންގެ ސަމާލުކަން ގެނެސްފައިވެއެވެ. އަދި ފަންނާނުންގެ ހުއްދަޔާއި ނުލައި އެފަންނާނުންގެ އަޑާއި ސޫރަ ބޭނުންކުރާ ފަރާތްތަކުން ކޯޓަށްވެސް ގެންގޮސްފައިވެއެވެ.
މިގޮތުން ދާދި ފަހުން ނިންމިފައިވާ މަޝްހޫރު މައްސަލަޔަކަށް ސްކާލެޓް ޖޯންސަންގެ ކޭސް ވެފައިވެއެވެ. އޯޕަން އޭއައިގެ ޗެޓްބޮޓުގައި ބޭނުންކުރި އަޑު ސްކާލެޓްގެ އަޑާއި އެއްފަދަވުމުން އުފެދު ދެބަސްވުމުގެ ތެރޭގައި ސްކާލެޓްވަނީ ކާމިޔާބުކަމާއެކު އެ އަޑު އޯޕަން އޭއައިގެ ޗެޓްބޮޓުން ނަގާފައެވެ.
ފަންނާނުންގެ ހައްގުތައް މި ދަނޑި ވަޅުގައި ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރަން ފަށާފައިވެއެވެ. މިދިޔަ މޭ މަހުގައި އެމެރިކާގެ ސެނެޓުން "ނޯ ފޭކްސް އެކްޓް" ހުށްހަޅާފައިވެއެވެ. މި ގާނޫނު ފާސްވެއްޖެނަމަ، ފަންނާނުންނާއި ލަވަކިޔުންތެފިންގެ އަޑާއި ސޫރަ އެފަރާތްތަކުންނާއި އެފަރާތްތަކުންގެ ވާރިސުންގެ ހުއްދަޔާ ނުލައި ބޭނުންކުރުމަށް ހުރަސް އެޅިގެން ދާނެއެވެ. އަދި އެފަރާތްތަކުންނަށް މިތަކެތި ލައިސަންސް ކުރުމުގެ ބާރު ލިބިގެން ދާނެއެވެ.
މިޔަކީ އެމެރިކާގައި މިފަދަ ޤާނޫނެއް ހުށަހަޅާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މިހާރުވެސް އެމެރިކާގެ އެހެން ސްޓޭޓުތަކުން ވަނީ މިފަދަ ޤާނޫނުތަކެއް ތަންފީޒުކުރަން ފަށާފައެވެ. ސެނެޓުން ފާސްކުރަން މި މަސައްކަތްކުރާ ޤާނޫނުގެ ސަބަބުން ޓެނަސީގެ "އެލްވިސް އެކްޓް" ފަދަ އެހެން މިފަދަ ޤާނޫނުތަކާއެއްކޮށް، ނުވަތަ ބަދަލުގައި ފަންނާނުންގެ ހައްގުތައް ރައްކާތެރިކުރެވޭނެއެވެ.
އާޓިފިޝަލް އިންޓެލިޖަންސް ހޮލީވުޑުގައި މުސްތަޤުބަލުގައި ބޭނުންކުރާނެގޮތާ މެދު ވަރަށް ގިނަ ބަދަލުތަކެއް ފާއިތުވެގެން ދިޔައަހަރު ފެނިފައިވެއެވެ. މި އައު ޓެކުނޮލަޖީއާއި އެކު، ފަންނާނުންނާއި، ފިލްމުތައް އުފައްދަން މަސައްކަތްކުރާ ފަރާތްތަކުނަނާއި ސްޓޫޑިއޯތަކުން މަސައްކަތްކުރާ ގޮތައް ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި އަންނަ ބަދަލުތަކަކީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެދެވޭ ބަދަލުތަކަކަށް ވެގެން ދާނެތޯ؟ މި ދަނޑި ވަޅުގައި ފާސްވާ ޤަވާއިދުތަކާއި އެއްބަސްވުންތައް ވެގެން ދާނީ މުސްތަޤުބަލުގައި މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަރަށް މުހިންމު އެއްޗެހިތަކަކަށެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.