ކުރަން ބޭނުންވާ ކޮންމެ ކަމެއް ވަގުތުން ކުރެވޭ މިހާރުގެ ހަލުވި ޒަމާނުގައި، ތަރައްގީއާއި އެކުއެކީގައި އެއް ސަފެއްގައި އެކަމާއި ގުޅޭ މައްސަލަތަކާއި ދަތިތަކާއި ވެސް ކުރިމަތި ލާންޖެހެއެވެ. ތަރައްގީގެ އެދެވޭ އަސަރުތަކާއި އެކުގައި ނޭދެވޭ އަސަރުތަކެއްވެސް ކުރިމަތިވެއެވެ. އިންޓަނެޓުން ލިބޭ ތެދު އަދި ފައިދާ ހުރި މައުލޫމާތާއި އެއްހަމައެއްގައި (ނުވަތަ އެއަށްވުރެވެސް ހަލުވިކޮށް) ދޮގު މައުލޫމާތާއި ފޭކު ހަބަރުތައްވެސް ފެތުރެއެވެ. ދޮގު މައުލޫމާތު ފެތުރުމުން މީހުންނަށް އެންމެ ބޮޑަށް އަސަރުކުރާ އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ.
އަހަރުމެންގެ ސިއްހަތާއި ގުޅޭ އަދި ސިއްހީ ދާއިރާގެ އެކިއެކި މައުލޫ އާއި ގުޅޭ ދޮގު މައުލޫމާތު ކެނޑިނޭޅި އިންޓަނެޓާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. މިކަން ގިނަވަނީ ހަމައެކަނި ބޮޑު ބަލިމަޑުކަމެއް ފެތުރިގެން އުޅޭ ދުވަސްވަރެއްގައި އެކަންޏެއް ނޫނެވެ. މިގޮތަށް ފަތުރާ މައުލޫމާތަކީ އަހަރުމެންނަށް ފަސޭހައިން ދެނެގަނެވިދާނެ ކަންތައްތައް ކަމަށާއި އެއީ އޭގެ ގެއްލުން އެހާ ބޮޑު ނުވާނެ ބޭކާރު ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. އެހެން ނަމަވެސް މިއީ ހަމަގައިމުވެސް ސިއްހީދާއިރާގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި މެޑިކަލް ޕްރޮފެޝަނަލުން ކަންބޮޑުވާ މައްސަލައެކެވެ.
ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީވެސް ބަލިމީހުންނަށް ފަރުވާ ދިނުމަށާއި، އެމީހުންގެ ކުރާ އެހެނިހެން ހުރިހާ މަސައްކަތްތަކާއި ނިންމުންތައް ނިންމުމަށް ސައިންސްގެ މައްޗަށް ބަރޯސާވާ ބައެކެވެ. ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ޕްރެކްޓިސްގެ އިތުރުން މެޑިކަލް ޕްރޮފެޝަނަލުން މިހާރު އިންފޮމޭޝަން އޯވަލޯޑްގެ އަސަރުތަކާއި ވެސް ކުރިމަތިލާންޖެހެއެވެ.
ބަލިމީހުންގެ ތެރެއިން ބައެއް ފަރާތްތަކުން މިހާރު ޑޮކްޓަރާއި ހަމައަށް އަންނަނީވެސް އަމިއްލަ ދިރާސާކޮށް އެމީހަކަށް ކުރިމަތިވާ ބަލިތަކާއި ބެހޭ މައުލޫމާތު އެކި އެކި ދިމަދިމާލުން ހޯދައިގެންނެވެ. ބައެއް ފަރާތްތަކުން އެމައުލޫމާތު އަމިއްލައަށް ނުހޯދި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ އެކި އެކި ޕޯސްޓްތަކުން ހުންނާނީ ފެނިފައެވެ. ދެރަކަމަކީ އޮންލައިން ފޯރަމްތަކުން ފެންނަ ކޮންމެ ކޮންމެ މައުލޫމާތަކީ ތެދުކަމަށް ނުވާތީއެވެ. އެކި ގޮތްގޮތުން މީހުންނަށް ގޯސް މެޑިކަލް މައުލޫމާތުތައް ލިބޭ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ޑޮކްޓަރުން ކުރިމަތިލާން ޖެހޭ ދަތިކަމަކީ މިއީއެވެ. ބަލި މީހާގެ ބަލި ޑައިގްނޯސް ކުރުމުގެ އިތުރުން ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ބަލި މީހުން އަޑުއަހާފައިވާ ދޮގު ވާހަކަތައް ސާފުކޮށްދިނުންވެސް މިއީ ޑޮކްޓަރުންގެ މަސައްކަތުގެ ބަޔަކަށް މިހާރު ވަނީ ވެފައެވެ.
ނެދަރލޭންޑްސްގެ އޮގަނައިޒޭޝަން ފޯ އެޕްލައިޑް ސައިންޓިފިކް ރިސަރޗް (NOS) އާއި ރޮޔަލް ޑަޗް މެޑިކަލް ފެޑެރޭޝަން (KNMG) ގުޅިގެން ކޮށްފައިވާ ދިރާސާއަކަށް ބަލާލާނަމެވެ. މިދިރާސާކޮށްފައިވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ސަބުބުން ޑޮކްޓަރުންނާއި މެޑިކަލް ޕްރޮފެޝަނަލުންނަށް ކުރިމަތިވާ ދަތިތައް ދެނެގަތުމުގެ ގޮތުންނެވެ. ނެދަރލޭންޑްސްގައި ހަރަކާތްތެރިވާ 670 ޑޮކްޓަރުން ވަނީ މިދިރާސާގައި ބައިވެރިވެފައެވެ.
ދިރާސާގައި ބައިވެރިވި ބައެއް ޑޮކްޓަރުން ވަނީ އެމީހުންނަށް ކުރިމަތިވާ ބައެއް ފޭކު ހަބަރުތައް ހިއްސާކޮށްފައެވެ. މިސާލަކަށް ހޯއްގޮވާ ކެއްސުން (whooping cough) އަކީ ކުޑަކުދިންގެ ހެދިބޮޑުވުމަށް ފައިދާ ހުރި ބައްޔެކަމަށް ބުނާ ބައެއް ބަލިމީހުންނާއި ދިމާވެފައިވާކަމަށް ވެއެވެ. އަދި މީގެ އިތުރުން އަހަރުމެން ގަޔަށް ޖަހާ ބޮޑީ ސްޕްރޭ ނުވަތަ ޑިއޯޑްރަންޓްއަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެއްކަމަށް ވެސް ބައެއް ފަރާތްތަކުން ހާމަކުރާ ކަމަށްވެއެވެ. އިރުގެ ނުރައްކާތެރި އަސަރުތަކުން ރައްކާތެރިވުމަށް ގައިގާލާ ސަންސްކްރީން ލޯޝަނަކީ ކެންސަރަށް މަގުފަހިވެދާނެ އެއްޗެއްކަމަށް ބުނާ ކޭސްވެސް ފެނިފައި އެބަހުއްޓެވެ.
ދިރާސާގައި ބައިވެރިވި ޑޮކްޓަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ (%55) ޑޮކްޓަރުން ހާމަކުރިގޮތުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު ގޯސް މައުލޫމާތު ލިބިފައިވާ ބަލިމީހަކާއި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ޖެހެއެވެ. %14 ޑޮކްޓަރުން މިކަމާއި ކޮންމެ ދުވަހަކު ކުރިމަތިލާންޖެހެއެވެ.
ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި އެންމެ އާންމުކޮށް ބަލިމީހުންނާއި ވާހަކަ ދައްކައްޖެހޭ ދޮގު މައުލޫމާތުގެ މައުލޫތަކަކީ ވެކްސިން ދިނުމާއި، އެކި އެކި އެލަރޖީތަކާއި، ވިޓަމިންސްއާއި ގުޅޭ، އަދި ދޭތެރެދުރުކުރުމާއި ގުޅޭ ކަންތައްތަކެވެ.
މިއީ ޑޮކްޓަރުންނަށް ކުރިމަތިވާ ވަރަށް ބޮޑު ބުރައެއް ކަމަށް ކޭއެންއެމްޖީގެ ޗެއާމަން ރެނޭ ހެމަން ބުނެއެވެ. ޑޮކްޓަރުންގެ ވޯކްލޯޑް އާންމުގޮތެއްގައިވެސް ބޮޑު ކަމަށާއި، އިތުރަށް އެކިއެކި ކަންކަމުގައި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަކީ ގިނަ ވަގުތު ނަގާ ކަމެއް އޭނާ ހަމަކުރިއެވެ. މީގެ އިތުރުން ވަގުތަށް ބިނާކޮށް ބަލިމީހާއަށް ފަރުވާދޭ ހާލަތުގައި މިއީ ބަލިމީހާ ކުރަންޖެހޭ ހަރަދު ވެސް ބޮޑުވެގެންދާކަމެކެވެ. އެހެން ކަމުން މިއީ ޑޮކްޓަރަށާއި ބަލިމީހާއާއި ދެބައި މީހުންނަށް ވެސް އެކަމުން ކަންބޮޑުވުންތަކާއި ކުރިމަތި ލާންޖެހޭ ކަމެކެވެ.
ޑޮކްޓަރުންނަށް "ޑިޓެކްޓިވުންނަށް" ވާން މިހާރު ވަނީ މަޖުބޫރުވެފައެވެ. ބަލިމީހުން ގެންނަ އެކިއެކި މައުލޫމާތުތަކުގައި ހުރި ތެދުދޮގު ދިރާސާކުރަން ޖެހެއެވެ. ބައެއް ފަހަރު ބަލިމީހާ ހިފައިގެން އަންނަ މައުލޫމާތު ގޯސްކަމަށް ހަމައެކަނި ބުނުމަކުން ނުފުދެއެވެ. އެކަން ގަބޫލު ކުރެވޭ މިންވަރަށް ބަލިމީހާއަށް ޔަގީންކޮށްދޭންޖެހެއެވެ.
ދިރާސާގައި ބައިވެރިވި ބައެއް ޑޮކްޓަރުން ހާމަކުރިގޮތުގައި ބަލިމީހުން ހިފައިގެން އަންނަ މިފަދަ މިސްއިންފޮމޭޝަން އަދި ޑިސްއިންފޮމޭޝަންއާއި ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހެއެވެ. މިކަހަލަ ކޭސްތަކުގައި ބަލިމީހާ މައުލޫމާތު ހޯދިތަނެއް ދެނެގަނެ، އެކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދަންޖެހެއެވެ. އަދި އެކަމުގައި ނުރަނގަޅު ކަންތައްތަކެއް ހިމެނޭކަން ބަލިމީހާއަށް ގަބޫލުކުރޭ މިންވަރަށް ކިޔާދޭންޖެހެއެވެ. ބައެއް މީހުން ކިޔާފައިވާ އެއްޗެއް އެއީ ގޯސްކަން ގަބޫލުކުރާކަށް ބޭނުމެއް ނުވާކަމަށް ބައެއް ޑޮކްޓަރުން ހާމަކުރެއެވެ. އަދި އެމީހުންގެ ހިޔާލު ބަދަލުކޮށްލެވޭ މިންވަރަށް ވާހަކަދައްކާ، ހެކި ދެއްކުމަށް ގިނަ ވަގުތުތަކެއް ނަގާކަމަށް ވެސް އެފަރާތްތަކުން ހާމަކުރެއެވެ.
ދިރާސާގައި ބައިވެރިވި ބައެއް ޖެނެރަލް ޕްރެކްޓިޝަނަރސް ހާމަކުރި ގޮތުގައި ބައެއް ބަލިމީހުން އަންނަނީ އެމީހުންނަށް ކުރިމަތިވެފައިވާ ބައްޔަކާއި ބެހޭގޮތުން ވަރަށް ދިރާސާކޮށް ވަރަށް ޔަގީންކަމާއެކު އެއީ ކޮން ބައްޔެއްކަންވެސް އެނގި ތިބެއެވެ. އެފަދަ ބަލިމީހުން އަންނަނީ ހަމައެކަނި އެމީހުންގެ ސިކުޑީގައި ނިންމައިގެން އައި ނިންމަށް ޑޮކްޓަރުގެ ފަރާތުން އާނ ބަސް ހޯދަން އެކަނިހެން ބައެއް ފަހަރު ހީވާކަމަށް ވެއެވެ. އަދި އެމީހުން ބޭނުންވަނީ އަވަހަށް ވަކި ޓެސްޓްތަކެއް ހެދުމަށް ނުވަތަ ބޭހެއް ލިޔެދީފައި ނިންމާލުމަށެވެ. ބަލިމީހުން ބައެއް ފަހަރު ޑޮކްޓަރުން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވުން ނުވަތަ ޑޮކްޓަރަށް އިތުބާރު ނުކުރުން ފަދަ ކަންތައްތަކާއި ކުރިމަތިލާންޖެހޭ ކަމަށް މިފަދަ ޑޮކްޓަރުން ބުނެއެވެ. ޑޮކަޓަރުންނަށް ފާހަގަވާ ގޮތުގައި ބަލިމީހުން ހީކުރަނީ އެމީހުންނަށް ޑޮކްޓަރަށް ވުރެ މާރަނގަޅަށް އެނގޭކަމަށެވެ.
ޑޮކްޓަރުން ކުރިމަތިލާންޖެހޭ ދޮގު މެޑިކަލް މައުލޫމާތު ފެތުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ނެދަރލޭންޑްސްގެ ޑޮކްޓަރުން މިހާރު ދަނީ ސޯޝަލް މީޑިއާގެ ބޭނުންކުރަން ފަށާފައެވެ. މިސާލަކަށް ޑޮކްޓަރުންގެ ގްރޫޕަކުން ވޭޕިންއާއި ދެކޮޅަށް އޮންލައިން ކެމްޕޭނެއް ހިންގަމުން އެބަދެއެވެ. މީގެ އިތުރުން އާންމުކޮށް ފޭކު ހަބަރުތައް ފެތުރޭ ބައެއް މައުލޫތަކާއި ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ޓިކްޓޮކް ވެސް ބޭނުންކުރެއެވެ. އަދި ވެކްސިން އާއި ގުޅިގެން ފެތުރޭ ދޮގު މައުލޫމާތާއި ދެކޮޅަށް އެގައުމުގައި ހަރަކާތްތެރިވާ ސޯޝަލް މީޑިއާ އިންފްލުއެންސަރސް އާއި ގުޅިގެން ޑޮކްޓަރުންނާއި ކަމާބެހޭ ތަޖުރިބާކާރު ޕްރޮފެޝަނަލުން، ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި މަސައްކަތް ވަނީ ފަށާފައެވެ.
ސިއްހީ ދާއިރާގެ (އަދި އެހެން ދާއިރާގެވެސް) އެކި މައުލޫތަކަށް ފެތުރޭ ގޯސް މައުލޫމާތާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ ނިމުމެއް ނެތް ހަނގުރާމައެއް ކަމަށް ބައެއް ފަހަރު ހީވެއެވެ. އަދި މިއީ ވަކި ގައުމަކަށް އެކަނި އޮތް ނުރައްކަލެއްވެސް ނޫނެވެ. މިކަމުގައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހެއެވެ. ޕްރޮފެޝަނަލް ފަރާތްތަކަށް މިކަމުގައި އޮތް ޒިންމާއަކީ ހެއްކަށް ބިނާކުރެވޭ ރަނގަޅު މައުލޫމާތުތައް ގިނަ ގިނައިން ހިއްސާކުރުމެވެ. އަދި ނުރަނގަޅު މައުލޫމާތު ފެތުރޭ ހާލަތްތަކުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރަނގަޅު މައުލޫމާތު ފެތުރުމެވެ.
އާންމުންނަށް މީގައި ކުރެވޭނެ ކަމަކީ ފެންނަހާ ހުރިހާ އެއްޗަކީ ހަގީގަތްކަމުގައި ގަބޫލު ނުކޮށް އެކަމާއި ބެހޭ އެންމެ ފަހުގެ ރަނގަޅު މައުލޫމާތު ހޯދުމެވެ. އަދި އެފަދަ ދާއިރާގެ މައުލޫމާތު އެނގޭނޭ ފަރާތްތަކާއި ވާހަކަ ދައްކާ ވީހާވެސް ގިނަ މައުލޫމާތު ހޯދުމެވެ. މީގެ އިތުރުން ފޭކު މައުލޫމާތު ފެތުރުނަ ނުދިނުމަށް އިންޓަނެޓުގައި ނުވަތަ ސޯޝަލް މީޑިއާގައި ފެންނަހާ އެއްޗެއް ހަގީގަތެއް ބަލާނުލާ ނުފެތުރުންވެސް މިއީ މުހިއްމު ކަމެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް