ސްކޫލްގައި ކިޔަވާ މާއްދާތަކަށް އިތުރު އެހީ ހޯދުމުގެ ޓިއުޝަން ނެގުމަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެންވެސް ކުރާކަމެކެވެ. ޓިއުޝަން ނެގުމަށް އާންމުކޮށް ކުރީގައި ހިންގަނީ ފިޒިކަލް ކްލާސްތަކެވެ. ނުވަތަ ޓީޗަރަކު ގެއަށް ގެންނަނީއެވެ. މިއީ މިހާރުވެސް ބައެއް ފަރާތްތަކުން މިކަން ކުރާ ގޮތް ކަމަށް ވެދާނެއެވެ. ފިޒިކަލް ޓިއުޝަން ކްލާސްތައް ވެގެންދަނީ ގިނަ ކުދިންތަކެއް ޖަމާވެ، ސްކޫލްގެ ކްލާސްތައް ފަދައިން ސްޓަކްޗަރ ކުރެވިފައިވާ މާހައުލަކަށެވެ.
އެހެންނަމަވެސް އަހަރެމެން ކުރާ ހުރިހާ ކަމެއް ޑިޖިޓަލް ވެފައިވާ ޒަމާނުގައި ތައުލީމު ދިނުމާއި އުނގެނުމުގެ ދާއިރާ ވެސް މިހާރު މިދަނީ ބަދަލުވަމުންނެވެ. ޓެކްނޮލޮޖީ އެހީގައި ކުދިންނަށް ކިޔަވާދިނުމަށް ބޮޑު ކުރިއެރުންތަކެއް އަންނަމުންދެއެވެ. އެގޮތުން ޓިއުޝަން ދިނުން ވެސް މިހާރު މިވަނީ ބަދަލުކޮށްލާ، އޮންލައިންކޮށްލާފައެވެ.
2019 ގައި ތައާރަފްކުރެވުނު ބްރައިޓް މައިންޑްސްއަކީ މިފަދަ އޮންލައިން ޓިއުޝަން ދިނުމުގެ ހިދުމަތެކެވެ. ބްރައިޓް މައިންޑްސް އެޑިޔުކޭޝަންގެ މިޕްލެޓްފޯމުން ޓިއުޝަން ދިނުމުގެ ހިދުމަތް ޒަމާނީ ކޮށްލައިފިއެވެ. މިއީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ވަގުތު ބޭކާރުނުކޮށް، ގޭގެ ރައްކާތެރި މާހައުލުގައި ތިބެގެން ޓިއުޝަން ހޯދޭނެ ފަސޭހަ ގޮތެކެވެ. ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އަތްފޯރާފަށަށް ގެނެސްދޭ ހިދުމަތެކެވެ. މިޕްލެޓްފޯމު މެދުވެރިވެ ކޮންމެ ދަރިވަރަކަށްވެސް އެންމެ ބޭނުންވާނެ ޕަރސަނަލައިޒްޑް އެހީ ލިބޭނޭ ގޮތްތައް އިހްތިޔާރު ކުރެވޭނެއެވެ. މިއީ ކިޔަވާ ކުދިންގެ ބިޒީ ޝެޑިއުލްތަކަށް ޖާގަ ލިބޭނޭ ބަދަލެކެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް ލިބޭ ފަހި ފުރުސަތެކެވެ.
ބްރައިޓް މައިންޑްސްއަކީ ކިޔަވާދިނުމުގެ ތަޖުރިބާ އަދި ޝައުގުވެރިކަން ހުރި އަދި ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ރޯލް އިތުރުކުރެވިދާނެ ގޮތްތައް ދިރާސާކޮށް އެކަމާއި ގުޅޭ އަމަލީ މަސައްކަތް ކުރާ 3 ބޭފުޅެއްގެ އުފެއްދުމެކެވެ. ބްރައިޓް މައިންޑްސްގެ ފައުންޑަރުން ކަމަށްވާ، ޢަލީ އަފްލަހު، ޒައިފް ހަސަން ފަޒާލް އަދި ހުމާމް އަޙްމަދު މުޖާހު ހާމަކުރެއްވި ގޮތުގައި މިޕްލެޓްފޯމް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިހިދުމަތަށް ބޭނުންވާ ހުރިހާ ކުދިންނަށް އެއް ފެންވަރެއްގައި ކޮލިޓީ ރަނގަޅު ޓިއުޝަން ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.
ބްރައިޓް މައިންޑްސް އޮންލައިން ޕްލެޓްފޯމް ފެށިގެން އައީ ބްރައިޓް މައިންޑް އެޑިޔުކޭޝަނުން ކުރިއަށް ގެންދިޔަ ފިޒިކަލް ޓިއުޝަން ކްލާސްތައް ކޮވިޑް ލޮކްޑައުންގެ ތެރޭގައި ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އޮންލައިން ޕްލެޓްފޯމް އުފައްދާ ކޮވިޑް ޕެންޑެމިކް ތެރޭގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން ހިލޭ އޮންލައިން ކްލާސްތައް ކުރިއަށް ގެންދެވުނެވެ. އަދި ރާއްޖޭގެ އެކި ހިސާބުން ދަރިވަރުން ކްލާސްތަކުގައި ބައިވެރިވެ، މިކަމަށް އޮތް ޑިމާންޑް އިތުރުވާން ފެށުމުން މިމަސައްކަތް އިތުރަށް ފުޅާކުރެވުނެވެ.
ބްރައިޓް މައިންޑްސް ޕްލެޓްފޯމުން ގްރޭޑް 6 އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް، ސްކޫލް ދަރިވަރުންނަށް ޓިއުޝަން ފޯރުކޮށްދެއެވެ. ބްރައިޓް މައިންޑްސް އެޑިކޭޝަނުން ހާމަކުރިގޮތުގައި މިޕްލެޓްފޯމްގައި ކިޔަވާ ދޭނީ ފެންވަރު ރަނގަޅު، ތަޖުރިބާކާރު ޓީޗަރުންނެވެ. ޓިއުޝަން ނެގުމަށްޓަކައި އާންމުކޮށް ބެލެނިވެރިން ގިނަ ހަރަދުތަކެއް ކުރަން ޖެހެއެވެ. ބްރައިޓް މައިންޑް ޕްލެޓްފޯމަކީ އަގުހެޔޮކަމާއި ފަސޭހަކަމާއެކު އޮންލައިން ތައުލީމް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ބްރައިޓް މައިންޑްސް ޕްލެޓްފޯމުގައި ލައިވް ކްލާސްތަކާއި އަދި ރެކޯޑްކޮށްފައިވާ ކްލާސްތައް ހިމެނެއެވެ. ލައިވް ކްލާސްތަކަކީ އާންމުކޮށް ޓިއުޝަން ކްލާސް ހިންގާ ފަދައިން ކަނޑައެޅިފައިވާ ވަކި ޓައިމްޓޭބަލަކަށް ވަކި ވަގުތުތަކެއްގައި ކުރިއަށްދާ ކްލާސްތަކެކެވެ. ހަފްތާއަކު ކޮންމެ މާއްދާއަކަށް 2 ނުވަތަ 3 ލައިވް ކްލާސްތައް ކުރިއަށް ދާނެކަމަށް ޕްލެޓްފޯމްގައި ވެއެވެ. މިކްލާސްތަކުގައި ވޯކްޝީޓް، އޮންލައިން ކުއިޒް އަދި އެހެނިގެން ރިސޯސްތައް ބޭނުންކޮށްގެން ކުދިން ޓެސްޓްތަކަށް ތައްޔާރުކޮށްދިނުމަށް އެހީތެރި ވެދޭނެއެވެ.
މީގެ އިތުރުން ކްލާސްތަކުގެ ރެކޯޑިންގވެސް ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ. ރެކޯޑްކޮށްފައިވާ ކްލާސްތަކުގެ ބޭނުމަކީ ދަރިވަރުންނަށް އެއްވެސް ސަބަބަކާއި ހެދި ބައިވެރި ނުވެވުނު ކްލާސްތައް ބަލާލުމަށް ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި ކްލާސްތައް އަލުން ބަލާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
ބްރައިޓް މައިންޑް ޕްލެޓްފޯމުގައި ފިލާވަޅުތަކުގެ ލައިބްރަރީ ފީޗަރއެއްވެސް ހިމެނެއެވެ. މިބައި މެދުވެރިވެ ކޮންމެ މާއްދާއެއްގެ ސިލަބަސްގައި ހިމެނޭ ހުރިހާ ފިލާވަޅުތައް އެއްކޮށް ބަލާލެވޭނެއެވެ. މިއީ ކިޔަވާދެވުނު ހުރިހާ ފިލާވަޅުތައް މުރާޖައާކޮށް ދަރިވަރުން ޓެސްޓްތަކަށް ތައްޔާރުވުމަށް ލިބޭނެ އެހީއެކެވެ.
ދަރިވަރުން ބޭނުންވެއްޖެ ހާލަތެއްގައި މިޕްލެޓްފޯމް މެދުވެރިވެ ޓީޗަރުންނާއި ސީދާ މުއާމަލާތްކުރެވޭނެއެވެ. މިއީ އިތުރަށް ސާފުކުރަން ބޭނުންވާ ކަމެއްގައި ނުވަތަ ފުރިހަމަ ކުރެވުނު ފިލާވަޅަކާއި ބެހޭގޮތުން ފީޑްބެކް ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މިޕްލެޓްފޯމް އުފައްދާފައިވަނީ ކަސްޓަމައިޒްޑް ސޮފްޓްވެއަރ އުފެއްދުމުގެ ތަރުޖިބާ ހުރި ސޮފްޓްވެއަރ ޑިވެލޮޕަރުންގެ އެހީއާއިއެކުގައެވެ. އަދި ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް އަބަދުވެސް ކުރެވޭކަމަށް ކުންފުނިން ހާމަކުރިއެވެ.
ބްރައިޓް މައިންޑްސް ކުންފުނިން ހާމަކުރިގޮތުގައި ޕްލެޓްފޯމް އޮޕަރޭޓްކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮންލައިންކޮށް ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ޓީޗަރުން ހޯދުމެވެ. މިކަން ހައްލުކުރުމަށްޓަކައި ކިޔަވާދިނުމަށް ލޯބިކުރާ އަދި ތަޖުރިބާ ހުރި ޓީޗަރުން ހޯދާ، އޮންލައިންކޮށް ކިޔަވާދިނުމަށް ބޭނުންވާ އިތުރު ޓްރެއިނިންގ ފޯރުކޮށްދެއެވެ. ދަރިވަރުންނަށް ބޭނުންވާ އެކި އެކި މާއްދާތަކަށް ޕްލެޓްފޯމްގައި ކްލާސްތައް ފޯރުކޮށްދިނުމަށް މިހާރު 25 ޓީޗަރުން ހަރަކާތްތެރިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. ޓީޗަރުންގެ އިތުރުން 12 ފުލްޓައިމް ސްޓާފުން އޮޕްރޭޝަނަލްކޮށް ޕްލެޓްފޯމްގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ.
މިފަދަ އޮންލައިން ޕްލެޓްފޯމެއްގެ ކާމިޔާބު މިންކުރެވޭނީ ޕްލެޓްފޯމެއް ބޭނުންކުރާ ފަރާތްތަކުގެ އަދަދުންނެވެ. ބްރައިޓް މައިންޑް އެޑިޔުކޭޝަނުން ހާމަކުރިގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިޕްލެޓްފޯމް ބޭނުންކުރާ ދަރިވަރުން ހިމެނެއެވެ. ޖުމްލަ ގޮތެއްގައި ގުރޭޑު 6 އިން 12 އަށް ހުރިހާ އާންމު މާއްދާ ކްލާސްތަކުގައި 1500 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ދެއެވެ.
ބްރައިޓްމައިންޑް އެޑިޔުކޭޝަނުން ހާމަކުރިގޮތުގައި މިމަސައްކަތުގެ އެންމެ ބޮޑު މަގުސަދަކީ ދަރިވަރުންނަށް ތައުލީމީގޮތުން ކުރިއެރުން ހޯދާދިނުމަށް އެހީތެރިވެދިނުމެވެ. ޕްލެޓްފޯމްގެ އެހީގައި ކިޔަވާ ދަރިވަރުން ކިޔެވުމުގެ ނަތީޖާ ރަނގަޅު ވެގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ޕްލެޓްފޯމްގައި އެންމެ އިސް ދައުރެއް އަދާ ކުރާ ޓީޗަރުން ޕްލެޓްފޯމާއި މެދު ހިތްހަމަޖެހުމަކީ ލިބޭ ކުރިއެރުމެއްކަމަށް ހާމަކުރިއެވެ.
ޒަމާނުއްސުރެ ވެސް ރާއްޖޭގައި ޓްރެޑިޝަނަލްކޮށް ކުރެވެމުން ދިޔަ މަސައްކަތެއް، ޒަމާނާއި އެކުގައި ކުރިއަރުވާ، ކޮވިޑް އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، އުފެއްދުންތެރި އީޖާދީ ހިޔާލުތަކަކާއި އެކު އެކަން ހައްލުކުރެވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ކުންފުނީގެ އަމާޒަކީ ޕްލެޓްފޯމް މެދުވެރިވެ ރާއްޖޭގައި މިހާރަށް ވުރެވެސް ގިނަ ދަރިވަރުންނަށް ތަޢުލީމު އުނގެނުމުގައި އެހީ ފޯރުކޮށްދިނުންކަމަށާއި، ގްލޯބަލް ލެވެލްއަށް އެކަށޭނެ މިންވަރަށް އިތުރަށް ޕްލެޓްފޯމް ފުޅާކުރުމެވެ.
ބްރައިޓް މައިންޑްސް ފޭސްބުކް ވީޑިއޯ
މިޕްލެޓްފޯމް މެދުވެރިވެ ކިޔަވާދޭ ޓީޗަރުންނާއި ކިޔަވާދޭ މާއްދާތަކާއި ޝެޑިއުލްއާއި ބެހޭގޮތުން އިތުރު މައުލޫމާތު، ބްރައިޓް މައިންޑްސްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން ލިބެނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް