އިންޓަނެޓް ސެޓެލައިޓްތަކުން އޯޒޯންފަށަލަ އާލާވުމަށް ނުރައްކާ

ހިންދު ޢަލީ 22 ޖޫން 2024

ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދިނުމުގެ ދަތުރު ފެށިގެން އައީ 1960ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. މިގޮތުން އެންމެ ފުރަތަމަ 1962 ވަނަ އަހަރު ޖައްވަށް ފޮނުވާލެވުނު މުވާސަލާތީ ސެޓެލައިޓަކީ ޓެލްސްޓަރ 1 އެވެ. މިފަދަ ކޮންމެ ޓެކްނޮލޮޖިކަލް އުފެއްދުމަކީ އޭގައި ހުންނަ އުނިކަންތައްތަކާއި ލިމިޓޭޝަންތަކާއި މައްސަލަތައް ރަނގަޅުކޮށް، މަޑުމަޑުން ތަރައްގީކުރަމުން އަންނަ ތަކެއްޗެވެ. އެގޮތުން ފުރަތަމަ އުފެދުނު ސެޓެލްއިޓަތަކުން ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތްތައް ރަނގަޅު ކުރުމަށް 1980 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަނީ ޖިއޯސްޓޭޝަނަރީ ސެޓަލައިޓްތަކެވެ. މިފަދަ ސެޓެލައިޓްތައް އާންމުކޮށް ހުންނަނީ ދުނިޔޭގެ 36،000 ކިލޯމީޓަރު މަތީގައެވެ.

މިފަދަ ސެޓެލައިޓްތަކުން ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިން ނަމަވެސް، ދިގު ރާސްތާތަކަށް ސިގްނަލްތައް ފޮނުވަން ޖެހުމުގެ ސަބަބުން ލޭޓެންސީ އިތުރުވުމުގެ މައްސަލަ ދިމާވެއެވެ. މީގެ އިތުރުން ސެޓެލައިޓް އިންޓަނެޓްގެ އަގު ބޮޑުވުމުގެ މައްސަލައާއި ބައެއް ހިސާބުތަކަށް އިންޓަނެޓްގެ ހިދުމަތް އެއްގޮތަކަށް ވެސް ނުލިބުމުގެ މައްސަލައާއި ކުރިމަތިލާންޖެހެއެވެ.

ކުރިން މިދެންނެވުނު ސެޓެލައިޓް އިންޓަނެޓްގެ ލިމިޓެޝަންތަކުން އަރައިގަތުމަށް އުފެދުނު ސެޓަލައިޓް އިންޓަރނެޓްގެ ކޮންސެޕްޓަކީ ސެޓެލައިޓް މެގަކޮންސްޓެލޭޝަންސްއެވެ. ސެޓެލައިޓް މެގަކޮންސްޓެލޭޝަނަކީ ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޓިވިޓީއަށް ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އެތައް ބައިވަރު ސެޓެލައިޓްތަކެއްގެ ނެޓްވޯކެކެވެ. މިނެޓްވޯކްގައި އެކުލެވޭ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ސެޓެލައިޓްތަކެއް އެކަތި އަނެކައްޗާއި ކަނެޓްކްކޮށް، ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެއެވެ.

މިގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް ޖައްވަށް އެތަކެއް ބައިވަރު ސެޓެލައިޓްތައް ފޮނުވާލަންޖެހެއެވެ. އަދި މިސެޓެލައިޓްތައް އޯބިޓްވަނީ ލޯ އަރތު އޯބިޓް (އެލްއީއޯ) ގައި ދުނިޔެއާއި ވަރަށް ކައިރީގައެވެ. މިއީ ދުނިޔޭގެ މަތިން ގާތްގަނޑަކަށް 160 ކިލޯމީޓަރާއި 2،000 ކިލޯމީޓަރާއި ދެމެދުގެ ދުރުމިނެކެވެ.

ދާދި ފަހުން ޕަބްލިޝްކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިހާރު އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ސެޓެލައިޓް މެގަކޮންސްޓެލެޝަންސްތަކަކީ ދުނިޔޭގެ އޯޒޯން ލެވެލް ރަނގަޅުވެ އާލާވުމަށް އޮތް ނުރައްކަލެކެވެ.

ކުރިން ފާހަގަކުރެވުނު ފަދައިން މިފަދަ ސެޓަލައިޓް މެގަކޮންސްޓެލެޝަން ނެޓްވޯކެއް އުފެދިފައިވަނީ އެތައް ބައިވަރު ސެޓެލައިޓްތަކެއް އެކުލެވިގެންނެވެ. އަދި މިފަދަ ލޯ އޯބިޓް ސެޓަލައިޓްތަކަކީ ވަރަށް އުމުރު ކުރު ސެޓަލައިޓްތަކެކެވެ. އާންމުކޮށް މީގެ ސެޓެލައިޓެއްގެ އުމުރަކީ 5 އަހަރެވެ. އެހެންކަމުން އިންޓަނެޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން، ހަލާކުވާ ސެޓެލައިޓްތަކުގެ ބަދަލުގައި ރިޕްލޭސްމަންޓް ސެޓެލައިޓްތައް ޖައްވަށް ފޮނުވައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މަތިން ދުނިޔެއާއި ވަރަށް ކައިރި ސަރަހައްދު މިހާރު ވަނީ ހަލާކުވެފައިވާ އެތަކެއް ސެޓެލައިޓްތަކަކުން ތަޣައްޔަރު ވެފައެވެ. އަދި އަހަރުން އަހަރަށް ފޮނުވާ ސެޓެލައިޓްތައް އިތުރުވުމުންދާ ވަރަކަށް ކުރިއަށް އޮތް މުސްތަގުބަލުގައި ޖައްވުގައި ކުނި އިތުރުވުމުގެ މައްސަލަ ދާނީ އެތަށް ގުނައަކަށް ބޮޑުވަމުންނެވެ.

މިކަމުގެ ސަބަބުން ހަމައެކަނި ދިމާވަނީ ކުނީގެ މައްސަލައެއް ނޫނެވެ. ގިނަދުވަސްވެ ހަލާކުވާ ސެޓެލައިޓްތަކުގެ ބައިތައް ދުނިޔޭގެ ޖައްވުގެ ސަރަހައްދަށް ވަންނަ ވަގުތު، އެތަކެތި އަނދާ ހަލާކުވެއެވެ. މިގޮތަށް ސެޓެލައިޓްގެ ބައިތައް އެނދުމުގެ ސަބަބުން އެލުމިނިއަމް އޮކްސައިޑްސްގެ ކުދިކުދި ޕާޓިކަލްތައް ޖައްވަށް ދޫވެއެވެ. މިއީ ދުނިޔެ ރައްކާތެރިކުރުމަށް އުފެދިފައިވާ އޯޒޯން ފަށަލައަށް ނުރައްކާތެރި އެއްޗެކެވެ. އޯޒޯން ފަށަލައަކީ ގެއްލުން ދެނިވި އަލްޓްރާވައޮލެޓް (ޔޫވީ) ރޭޑިއޭޝަނުން ދުނިޔެ ރައްކާތެރިކޮށްދޭ އެއްޗެކެވެ.

އެލްމިނިއަމް އޮކްސައިޑްސްގެ ސަބަބުން ކެމިކަލް ރިއެކްޝަންތަކެއް އުފެދި، އޯޒޯން ހަލާކުކޮށްލައެވެ. ފާހަގަކުރެވުނު ދިރާސާގައި ހާމަކޮށްފައިވާގޮތުން އެލުމިނިއަމް އޮކްސައިޑްސްގެ ޖައްވުގައި ހުރުމުގެ ސަބަބުން އޯޒޯން ފަށަލައިގައި ހިމެނޭ އޯޒޯން މޮލިކިއުލްއާއި އަދި ޖައްވުގައި އުފެދޭ ކްލޮރިންއާއި ދެމެދު ރިއެކްޝަނެއް އުފެދެއެވެ. އޯޒޯން ފަށަލައަށް ގެއްލުން ލިބެނީ މިރިއެކްޝަނުގެ ސަބަބުންނެވެ. މިމައްސަލަ އިތުރަށް ގޯސްވަނީ މިރިއެކްޝަންގައި އޯޒޯންއާއި ކްލޮރިން ރިއެކްޓްވި ނަމަވެސް އެލުމިނިއަމް އޮކްސައިޑްސް ރިއެކްޝަންގައި ފަނާވެއެއް ނުދެއެވެ. އެބައި ޖައްވުގައި ހަރުލަނީއެވެ. އަދި އިތުރަށް ދުނިޔޭގެ އެޓްމޮސްފިއަރގެ އެކި ފަށަލަތަކަށް އެކެމިކަލްތައް މަޑުމަޑުން ވަންނަމުން ދާވަރަކަށް އެތަށް އަހަރުތަކަކަށް މިކެމިކަލް ޖައްވުގައި ހަރުލާފައި ހުރެ ޕްރޮސެސް ރިޕީޓްވަމުން ދާނެކަމަށް ދިރާސާވެރިން ހާމަކުރެއެވެ.


ދިރާސާއިން ހާމަވެފައިވާ ބައެއް މުހިއްމު ކަންތައްތައް

- 2016 އާއި 2022 އާ ދެމެދު ދުނިޔޭގެ ޖައްވުގައި އެލުމިނިއަމް އޮކްސައިޑް ލެވެލް 8 ގުނައަށް އިތުރުވެފައިވެއެވެ. އަދި ލޯ އާރތު އޯބިޓް ސެޓެލައިޓްތަކުގެ އަދަދު މައްޗަށް ދާވަރަކަށް މިއަދަދު ދާނީ އިތުރުވަމުންނެވެ.

- ހަލާކުވެގެން ދުނިޔޭގެ ޖައްވުގެ ސަހަރައްދަށް ވަންނަ ސެޓެލައިޓްތަކުގެ ސަބަބުން 2022 ވަނަ އަހަރު އެކަނި ވެސް ޖައްވުގައި ގުދުރަތީ ގޮތުން ހިމެނޭ އެލުމިނިއަމް ލެވެލްއަށް ވުރެ %29.5 އިތުރުވިއެވެ.

- ހަލާކުވާ ކޮންމެ 250 ކިލޯގެ ސެޓެލައިޓެއްގެ ގާތްގަނޑަކަށް %30 އަކީ އެލުމިނިއަމްއެވެ. އަދި މީގެން ދުނިޔޭގެ ޖައްވަށް 30 ކިލޯގެ އެލުމިނިއަމް އޮކްސައިޑްސް ނެނޯޕާޓިކަލްސް ދޫވެއެވެ. އެލުމިނިއަމް އޮކްސައިޑްސް ނެނޯޕާޓިކަލްސްގެ ސައިޒަކީ 1 އާއި 100 ނެނޯމީޓަރސްއާއި ދެމެދުގެ އަދަދެކެވެ.

- މިގޮތުން އުފެދޭ އެލުމިނިއަމް އޮކްސައިޑްސް ޕާޓިކަލްގެ ސައިޒަށް ބިނާކޮށް ދުނިޔޭގެ ޖައްވުގެ ސްޓްރެޓޮސްފިއަރ ފަށަލައިގައި 30 އަހަރު ވަންދެން ވެސް މިކެމިކަލް ހަރުލާފާ ހުންނާނެއެވެ. އޯޒޯން ފަށަލައިގެ %90 ހިމެނެނީ ސްޓްރެޓޮސްފިއަރ ފަށަލައިގައެވެ.

- ހަލާކުވެގެން ދުނިޔޭގެ ޖައްވަށް ވަންނަ ސެޓެލައިޓްގެ ބައިތަކުން 2022 ވަނަ އަހަރު އެކަނި، 17 ޓަނުގެ އެލުމިނިއަމް އޮކްސައިޑް ދުނިޔޭގެ ޖައްވަށް ދޫވެފައިވެއެވެ.

- މިހާރު އެކިއެކި ޓެލެކޮމިޔުނިކޭޝަން ބޭނުންތަކަށް ޖައްވަށް ފޮނުވުމަށް ރާވާފައިވާ ސެޓެލައިޓް ކޮންސްޓެލޭޝަންތައް މުޅިން ޑިޕްލޯއި ކުރުމުން ކޮންމެ އަހަރަކު 360 ޓަނުގެ އެލްމިނިއަމް އޮކްސައިޑް ދޫކުރާނެ ކަމަށް ލަފާކުރެއެވެ. މިއީ ގުދުރަތީގޮތުން ހިމެނެންޖެހޭ ރައްކާތެރި ލެވެލް އަށް ވުރެ %646 އިތުރު އަދަދެކެވެ.


އޯބިޓިންގ ނައު ވެބްސައިޓުން ދައްކާގޮތުން މިހާރު ލޯ އާރތު އޯބިޓުގައި ގާތްގަނޑަކަށް 8،100 އެއްހާ ތަކެތި ހިމެނެއެވެ. މީގެ ތެރެއިން 6،000 އެއްޗަކީ ފާއިތުވި މަދު އަހަރުތަކުގައި ޖައްވަށް ފޮނުވާލި ސްޓާލިންކް ސެޓެލައިޓްތަކެވެ. މިނަންބަރުތައް ފަހަކަށް އައިސް އެހާ ހަލުވިކަމާއެކު އިތުރުވުމުގެ ފަހަތުގައިވާ ސަބަބަކީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް އޮތް ޑިމާންޑެވެ.

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޖައްވަށް ސެޓެލައިޓް ކޮންސްޓެލޭޝަން ފޮނުވުމުގެ އެންމެ ކުރީގައި އުޅެނީ ސްޕޭސްއެކްސްއެވެ. މިހާރުވެސް އެކުންފުންޏަށް 12،000 ސްޓާލިންކް ސެޓެލައިޓް ފޮނުވާލުމުގެ ހުއްދަ ލިބިފައިވާއިރު، އިތުރު 30،000 ސެޓެލައިޓް ފޮނުވުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތް ސްޕޭސްއެކްސްއިން ދަނީ ކުރަމުންނެވެ. ސްޕޭސްއެކްސްގެ އިތުރުން އެމޭޒަން އާއި އެހެން ކުންފުނިތަކުން ވެސް 3،000 އާއި 13،000 އާއި ދެމެދުގެ ސެޓެލައިޓްތަކުގެ ކޮންސްޓެލޭޝަން ހެދުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް ހަބަރުތަކުން ހާމަވެއެވެ.

1987 ގައި އެކުލަވާލެވުނު މޮންޓްރިއާލް ޕްރޮޓޮކޯލްއިން ދުނިޔޭގެ ވަށައިގެންވާ އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް، އޯޒޯން އަށް ގެއްލުންދޭ ސީއެފްސީތައް ކާމިޔާބުކަމާއެކު ރެގިއުލޭޓްކޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި އެންޓާޓިކާގެ މަތީގައި އޯޒޯން ފަށަލައިގައި އެޅިފައިވާ ލޯވަޅު ކުޑަވެ، ފަންސާސް އަހަރު ތެރޭގައި ރަނގަޅުވާނެ ކަމަށް 2021 ގައި ކުރެވިފައިވާ ދިރާސާއަކުން ދެއްކިއެވެ.

އެހެން ނަމަވެސް ފަހުގެ މިދިރާސާއިން ފެންނަ ނަތީޖާތަކުން އެލުމިނިއަމް އޮކްސައިޑްސް އިތުރުވެގެން ދާކަމަކީ، އޯޒޯން ފަށަލަ ރަނގަޅުވެ އާލާވާކަމުގެ އުފާވެރި ހަބަރު ހުއްޓުމަކަށް ގެންނަ ނަތީޖާއެކެވެ. މިއީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ކުރިން އޯޒޯން ފަށަލައަށް ލިބުނު ހުރިހާ ރަނގަޅު ނަތީޖާތަކެއް ފެނަށް ވެދާނެކަމުގެ ބިރުވެރި ހަބަރެކެވެ.

--------

މިއާޓިކަލްގައި ބުނެފައިވާ ދިރާސާ ޝާއިއުކޮށްފައިވަނީ އޯޕަން އެކްސެސް އޭޖީޔޫ ޖާނަލްއެއް ކަމަށްވާ ޖިއޯފިޒިކަލް ރިސާޗް ލެޓަރސްގައެވެ. ދިރާސާގެ ފުލް ރިޕޯޓް ބަލާލުމަށް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.