ކުރީގެ ކޮމްޕިއުޓަރުތަކާއި ގެޖެޓުތަކާއި ކުޅެވޭ ދާރުލްއާސާރެއް

އަޝްނާ ރަޝީދު 05 ޖުލައި 2024

މި ޒަމާނުގައި ހުރިހާކަމަކަށްހެން ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބޭނުންކުރަމުންދެއެވެ. ނަމަވެސް ޓެކްނޮލޮޖީ ތަރައްޤީވެގެން ދިޔަގޮތާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފެދިފައި އޮވެދާނެވެ. މިގޮތުން، ކެމްބްރިޖްގެ ސެންޓަރ ފޯ ކޮމްޕިއުޓިންގް ހިސްޓްރީއަށް ޒިޔާރަތްކުރުމުން އެކި ޒަމާންތަކުގެ ކޮމްޕިއުޓަރ ޓެކްނޮލޮޖީ ތަޖުރިބާކުރެވިދާނެއެވެ.

ކެމްބްރިޖުގައި ހުނަނަ މި ދާރުލްއާސާރު އުފެދިގެން އައީ ޖޭސަން ފިޓްޒްޕެޓްރިކްގެ އަމިއްލަ ކަލެކްޝަނުންނެވެ. މި ކަލެކްޝަނުގައި ހުންނަތަކެތީގެ އަދަދު ގިނަވުމުގެ ސަބަބުން 2006 ވަނަ އަހަރު 'އެޑިއުކޭޝަނަލް ޗެރިޓީ' އެއްގެ ސިފައިގައި ސެންޓަރ ފޯ ކޮމްޕިއުޓިންގް ހިސްޓްރީ އުފަންވެގެން ދިޔައެވެ.


މި ދާރުލްއާސާރުގައި 38,000އަށް ވުރެ ގިނަ ތަކެތި ވާކަމަށް ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 1,200އަށްވުރެ ގިނަ އާސާރީ ކޮމްޕިއުޓަރު ހިމެނެއެވެ. މީގެ ތެރޭގައި 1974 ވަނަ އަހަރު އެމްއައިޓީއިން އުފެއްދި ދުނިޔޭގެ އެންމެ ފުރަތަމަ ގޭގައި ބޭނުންކުރެވޭ ކޮމްޕިއުޓަރުކަމަށްވާ އަލްޓެއަށް 8800 ވެސް ހިމެނެއެވެ. މީގެއިތުރުން، ޒަމާންތަކުގައި ބޭނުންކުރަމުންދިޔަ ގޭމްކޮންސޯލުތަކާއި، ކެލްކިއުލޭޓަރުތަކާއި އެހެނިހެންވެސް އިލެކްޓްރޯނިކް ސާމާނުވެސް މިތަނުން ފެންނަން ހުންނާނެއެވެ.

އެހެން ދާރުލްއާސާރުތަކާއި ޚިލާފަށް، މިތަނަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް މައުރަޒުގައި ހުންނަތަކެތި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން، ކޮމްޕިއުޓިންގްއާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ އެކިއެކި ވަރކްޝޮޕްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ދާރުލްއާސާރަށް ދާދިފަހުން ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގެ އިނާމު ވެސް ހާސިލްކޮށްފައިވެއެވެ. މުސްތަޤުބަލުގައި ކޮމްޕއުޓިންގ ޓެކްނޮލަޖީ އިންސާނީ ތަރައްޤީއަށް އިންތިހާއަށް މުހިންމުވަމުންދާ ދަނޑިވަޅެއްގައި މި ޓެކްނޮލޮޖީ ތަރައްޤީވަމުންއައިގޮތް ރައްކާތެރިކޮށް، ދެނެގަތުން ވަރަށް މުހިންމުވެގެންދާނެއެވެ.

އިތުރަށް ކިޔާލުމަށް

ދަތުރު ކުރުމުގެ ކުރިން ވާޗުއަލް ކޮށް އެތަނެއް ދައްކާލަނީ

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.