އިންޑިއާގެ ޔޫޕީއައި ހިދުމަތް ރާއްޖޭގައި ފަށަން ނިންމައިފި

ހިންދު ޢަލީ 14 އޯގަސްޓު 2024

ފާއިތުވި ހަފްތާގެ ތެރޭގައި ދިވެހި ސަރުކާރާއި އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއި ދެމެދު ވަރަށް މުހިއްމު އެއްބަސްވުމެއްގައި ވަނީ ސޮއެކުރެވިފައެވެ. މިއީ މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި އީކޮމަރސްގެ ދާއިރާ ކުރިއެރުވުމުގެ މަގުސަދުގައި އެޅުނު ފިޔަވަޅެއްކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މިއެއްބަސްވުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް މާލީ ބާޒާރުގައި ބައިވެރިވުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް އެވުޒާރާއިން ފާހަގަކުރެއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 10 އޮގަސްޓް 2024 ގައި އިންޑިޔާއާއި ރާއްޖެއާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. މިއެއްބަސްވުމުގުގައި ސޮއި ކުރުމުގެ އިތުރުން މިބައްދަލުވުމުގައި އިންޑިޔާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކެއް ވެސް އިފްތިތާހު ކުރެވުނެވެ.

މިއާޓިކަލްގައި އެންޕީސީއައިއާއި ރާއްޖެއާއި ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ތައާރަފް ކުރެވޭނެ ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް (އޫޕީއައި)އަށް ބަލާލާނަމެވެ.

ޔޫޕީއައި އަކީ ކޮބާ؟

ޔޫޕީއައި އަކީ ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި ސްމާޓްފޯނު ބޭނުންކޮށްގެން އެޕެއް މެދުވެރިވެ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްކުރުމަށް މަގުފަހިކޮށްދޭ ޒަމާނީ ޕޭމަންޓް ސިސްޓަމެކެވެ. މިއީ އޮންލައިންކޮށް އަދި ފިޒިކަލްކޮށް ކުރެވޭ ވިޔަފާރީގައި އިތުރު އެހެން މެދުވެރިއަކާއި ނުލާ ސީދާ ބޭންކް އެކައުންޓުން ރިއަލް ޓައިމްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ނިޒާމެކެވެ. މިނިޒާމު މެދުވެރިވެ އެކައުންޓްގެ މައުލޫމާތު އިތުރު ފަރާތަކާއި ހިއްސާނުކޮށް ފައިސާ ޓްރާންސްފަރ ކުރެވެއެވެ.

2016 ވަނަ އަހަރު އިންޑިއާގައި އުފެދުނު ފަހުން ޔޫޕީއައި އިން ވަނީ ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު ވަރަށް އީޖާދީ ގޮތަކަށް ބަދަލުކޮށްލާފައެވެ. އަދި ވަރަށް ގިނަ އެހެން ގައުމުތަކަށް ވެސް މިނިޒާމު ވަނީ ނަމޫނާއަކަށް ވެފައެވެ. މިހާތަނަށް އިންޑިޔާގެ އިތުރުން ޔޫޕީއައި ހިދުމަތް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ބޫޓާން، ނޭޕާލް، ސްރީލަންކާ، އޯމާން، ސިންގަޕޯރ، މެލޭޝިޔާ އަދި ފްރާންސް ފަދަ ގައުމުތައް ހިމެނެއެވެ.

2023ގެ ހިސާބުތަކުން ދައްކާގޮތުން އިންޑިޔާގެ ޕޭމަންޓް މާކެޓްގައި ޔޫޕީއައިގެ ހިއްސާއަކީ %64 އެވެ. މީގެ މާނައަކީ އިންޑިޔާގައި އޮންލައިންކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި ބޮޑު އިންސައްތައެއް ބޭނުންކުރަނީ ޔޫޕީއައިއެވެ. އިންޑިއާއަކީ ޑިޖިޓަލް ޕޭމަންޓްގެ ދާއިރާއިން ދުނިޔޭގެ ލެވެލްގައި ވެސް ކުރީގައި އުޅޭ ގައުމެކެވެ. ބޮސްޓަން ކޮންސަލްޓިންގ ގްރޫޕްގެ ރިޕޯޓެއްގައިވާ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު މުޅި ދުނިޔޭގައި އޮންލައިންކޮށް ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ ތެރެއިން %46 މުއާމަލާތްތައް ކުރެވިފައިވަނީ އިންޑިއާގައެވެ. މީގެ އެއް ސަބަބަކީ ހަމަގައިމުވެސް އިންޑިޔާގައި ޑިޖިޓަލް ޕޭމެންޓްގެ އިނޮވޭޓިވް ފަސޭހަ ހިދުމަތްތައް ތައާރަފްކުރެވިފައިވުމެވެ.


ޔޫޕީއައި މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟

މިހިދުމަށް ބޭނުންކުރުމަށްޓަކައި ޖެހޭނީ ޔޫޕީއައި ބޭނުންކުރެވޭނެ އެޕެއް ފޯނަށް އިންސްޓޯލްކުރާށެވެ. އަދި އެޕުން ބޭނުންކުރާ ފަރާތުގެ ބޭންކު އެކައުންޓަށް ކަނެކްޓްކުރާށެވެ. ދެން އެއަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫޕީއާއި ޕިންއެއް ސެޓްކުރަންޖެހެއެވެ. ޔޫޕީއައި ބޭނުންކުރެވޭ ބައެއް އެޕްތަކުގެ ތެރޭގައި ގޫގުލް ޕޭ، އަދި ފޯންޕޭ ފަދަ އެޕްތައް ހިމެނެއެވެ. އެކައުންޓް ރަޖިސްޓްރޭޝަނަށް ފަހު ވިޔަފާރި ކުރުމަށް ހިދުމަތުގައި ފައިސާ ލިބޭ ފަރާތުގެ ޔޫޕީއައި އައިޑީ ޖަހައިގެން ނުވަތަ އެފަރާތުގެ ކިއުއާރު ކޯޑް ސްކޭންކޮށްގެން ފައިސާ ދެއްކެއެވެ.

ޔޫޕީއައި ތައާރަފް ކުރުމުން ރާއްޖެއަށް އޮތީ ކޮން ފައިދާއެއް؟

ޔޫޕީއައި ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވެނީ ރަސްމީ ބޭންކުތައް މެދުވެރިވެކަމަށް ވާތީ، ނުރަސްމީ އަދި ގަވާއިދާ ހިލާފަށް ހިންގާ ފައިސާގެ މުއާމަލާތްތައް މަދުކުރެވި، ރާއްޖޭގެ އެތެރޭގައި ބޭރުގެ ފައިސާ ހިފެހެއްޓުމަށް އެހީތެރިވެ، ޑޮލަރުގެ އަގު ތިރިކުރެވުމުގެ ޗާންސް ބޮޑުވާނެއެވެ.

އިންޑިޔާގެ ޓުއަރިސްޓުން ރާއްޖެއަށް އިތުރުކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި މިހިދުމަތް ތައާރަފްކުރުމުން ރާއްޖެއަށް ވަރަށް ފައިދާ ބޮޑެވެ. ޓުއަރިޒަމް ދާއިރާއަށް އިންޑިޔާގެ މާކެޓް ބޮޑުވެގެން އަންނައިރު، އިންޑިއާގެ ޓުއަރިސްޓުން ރާއްޖޭގައި ފައިސާ ހަރަދުކުރަން ފަސޭހަވެއްޖެނަމަ ރާއްޖެއަށް ފައިސާ ވަންނަ މިންވަރު އިތުރުވާނެއެވެ. ޔޫޕީއައިގެ މެދުވެރިވެ ފައިސާ ދެއްކުމަށް ލިބޭ ފަސޭހަކަމުގެ ސަބަބުން އެމީހުންގެ ދަތުރުގެ ތަޖުރިބާ ރަނގަޅުވެ، ރާއްޖޭގެ ވިޔަފާރިތަކާއި ރިސޯޓްތަކުގައި އިތުރު ހަރަދުތައް ކުރުމަށް ހިތްވަރު ލިބޭނެއެވެ. އަދި އިންޑިޔާގެ ޓުއަރިސްޓުންނަށް ފައިސާގެ މުއާމަލާތްކުރުމުގެ އުނދަގޫ ކުޑަވެ، ދަތުރު ހަރަދުތައް ފަސޭހަކޮށް، ރާއްޖެއަކީ އިތުރަށް ޝައުގުވެރިވާ މަންޒިލަކަށް ވެގެންދެއެވެ.

އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ދަތިތަކަކީ އަބަދުވެސް ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ކުރިމަތިލާ މައްސަލައެކެވެ. ޔޫޕީއައިގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފަސޭހަ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް މެދުވެރިވެ ފައިސާގެ މުއާމަލާތްތައް ފަސޭހަ ކުރެވިދާނެއެވެ.

ޔޫޕީއައި އިން ސީދާ ބޭންކު އެކައުންޓްތަކުން ފައިސާގެ މުއާމަލާތް ކުރެވޭތީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ދަތިތައް ކުޑަވާނެއެވެ. ޑިޖިޓަލް މުއާމަލާތްތައް ގިނަ ކުރެވުނު މިންވަރަކަށް މިކަމުގައި ވިޔަފާރިވެރިންނަށް ފައިދާ ބޮޑުވާނެއެވެ.

ރާއްޖެއާއި އިންޑިއާއި ދެމެދު ވެވުނު މިއެއްބަސްވުމަކީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ލޭންޑްސްކޭޕްގައި ބޮޑު ކުރިއެރުމެއް ލިބުނު އެއްބަސްވުމެކެވެ. ޔޫޕީއައި ހިދުމަތް ތައާރަފްކުރުމުގެ ސަބަބުން އީކޮމާރސްގެ ހިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށާއި، އޮންލައިން ޕޭމަންޓް މެދުވެރިވެ ފައިސާއާއި ގުޅުންހުރު ހިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ލިބެއެވެ. އަދި އޭގެ ސަބަބުން އިގްތިސާދީ ގޮތުން ގައުމަށް އިތުރަށް ތަރައްގީ އަންނާނެކަން ޔަގީނެވެ.


އެހެން ނަމަވެސް ރާއްޖޭގައި ތައާރަފް ކުރެވޭ މިފަދަ އިނޮވޭޓިވް ހުރިހާ ކަމެއްގެ ފައިދާ ވީހާވެސް ބޮޑު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި ލޯކަލް ވިޔަފާރިތަކުގެ މެދުގައި ޔޫޕީއައިގެ ހިދުމަތް ބޭނުންކުރާ ގޮތާއި އޭގެން ލިބޭނެ ފައިދާތައް ދެނެގަނެ އެކަމަށް ފުޅާދާއިރާއެއްގައި ހޭލުންތެރިކަން އިތުރުކުރަން ޖެހެއެވެ. އަދި ވިޔަފާރިވެރިން ޔޫޕީއައި ބޭނުންކުރުމަށް ބާރު އެޅުމަށްޓަކައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ވިޔަފާރިތަކުގައި މިހިދުމަތް އިންޓަގްރޭޓްކުރެވޭނެ ނިޒާމެއް ގާއިމްކުރުން މުހިއްމެވެ.

މީގެ އިތުރުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ކޮންމެ ހިދުމަތެއްގައި ވެސް އެކުލެވެންޖެހޭ ފަދައިން ޔޫޕީއައި ހިދުމަތުގައި ހަރުދަނާ ސައިބަރ ސެކިއުރިޓީ ފިޔަވަޅުތަކެއް އެކުލެވިފައިވާކަން ޔަގީންކޮށް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުކުރުން މުހިއްމެވެ. 2023 ގައި ސްރީލަންކާގައި ބޭނުންކުރަން ފެށި މިހިދުމަތުން އެގައުމަށް ލިބުނު ކުރިއެރުންތަކުން ފިލާވަޅު ލިބިގަނެ ހަރުދަނާގޮތެއްގައި މިކަން އެޑޮޕްޓް ކުރެވިއްޖެނަމަ، ރާއްޖެއަށް ވެސް މިކަމުން ވަރަށް ރަނގަޅު ނަތީޖާ ހޯދިދާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.