އެޕަލުން މުޅިން އަލަށް ޓަޗްސްކްރީން މެކްބުކް ޕްރޯ ލެޕްޓޮޕްއެއް ނެރުމަށް ތައްޔާރުވަމުން ދާކަމަށް ބްލޫމްބާގްގައި ރިޕޯޓްކޮށްފައިވެއެވެ. ކުރީގެ ރިޕޯޓްތަކުން މި ލެޕްޓޮޕް މި އަހަރު ފަހު ކޮޅަށް ނުވަތަ އަންނަ އަހަރު ކުރީކޮޅަށް ނެރޭނެކަމަށް އަންދާޒާކޮށްފައިވީ އިރު، ފަހުގެ ޙަބަރުތަކުން މި އަހަރު އޮކްޓޯބަރު މަސްހާ އަވަހަށް މި ލެޕްޓޮޕް ނެރެފާނެކަމަށް ބުނެވިފައިވެއެވެ.
އާ މެކްބުކް ޕްރޯގައި ފުރަތަމަ ފަހަރަށް OLED ޑިސްޕްލޭއެއް ބޭނުންކުރެވޭނެކަމަށް ކަމަށް ބުނެވިފައިވެއެވެ. މިޔަކީ މީގެ ކުރިން ފޯނުތަކާއި އައިޕެށްތަކުގައި މަޑުމަޑުން ބޭނުންކުރާފައިވާ ޓެކްނޮލަޖީއަކަށް ވީއިރު، މިޔަކީ ލެޕްޓޮޕްގައި އެޕަލް މި ޓެކްނޮލަޖީ ތައާރަފުކުރާ ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ޑިސްޕްލޭގެ ކުލަތައް މުއްސަނދިވެ، ކޮންޓްރެސްޓް ރަނގަޅުވެ، އަލިކަން ގަދަ ވެގެން ދާނެއެވެ. މީގެއިތުރުން މިހާރު ނެރެފައިވާ މެކްބުކް ޕްރޯ މޮޑެލްތަކަށް ވުރެ މި ލެޕްޓޮޕް ތުނިވެ ލުއި ވާނެ ކަމަށް ބުނެފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ލެޕްޓޮޕްގެ 14 އިންޗި އަދި 16 އިންޗީގެ ވަރޝަންތައް ވެސް ނެރެން ރާވާފައިވެއެވެ.
މި ބަދަލުތަކާއެކު އެޕަލުން ލެޕްޓޮޕްގެ ޑިޒައިނަށް ޑައިނަމިކް އައިލެންޑްއެއް ވެސް ތައާރަފުކުރާނެކަމަށް ބުނެފައިވެއެވެ. ކުރިން އައިފޯނުގައި ތައާރަފުކުރެވިފައިވާ މި ޑިޒައިނަކީ މިހާރު ކެމެރާ ހުންނަ ނޮޗްގެ ބަދަލުގައި ކެމެރާ ވަށައިގެން ހުންނާނެ ފީޗަރެކެވެ. މީގެން އައިފޯނާއި އެއްފަދައިން ނޮޓިފިކޭޝަންތަކާއި މީޑިއާ ކޮންޓްރޯލްތަކާއި އެހެނިހެން މައުލޫމާތުތައް ފެނިގެންދާނެއެވެ.
މީގެއިތުރުން އެޕަލުން މެކްއޯއެސްގައި ޓަޗް ބޭނުންކުރަން ފަސޭހަކުރުމަށްޓަކައި ބަދަލުތަކެއް ގެންނާނެކަމަށް ބުނެވިފައިވެއެވެ. މިގޮތުން ޔޫޒަރުން ބަޓަނަކަށް ނުވަތަ ކޮންޓްރޯލަކަށް ފިތާލުމުން، ޓަޗް ކޮމާންޑްތަކާއި ގުޅޭގޮތުން އޮނގޮލޮކައިރީގައި އައު ވައްތަރެއްގެ މެނޫއެއް ޔޫޒަރުން ކުރިންކޮށްފައި ހުންނަ މުއާމަލާތުތަކާއި ގުޅޭގޮތުަން ފެނިގެންދާނެކަމަށް ބްޅޫމްބާގްގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެޕަލުން ޒަމާންވަންދެން ލެޕްޓޮޕްގައި ޓަޗް ސްކްރީން ގެންގުޅުމާއި ދެބަސް ވެފައިވީ އިރު، މި ލެޕްޓޮޕް ވެގެން ދާނީ އެޕަލްގެ ޑިޒައިން ފިލޯސަފީއަށް ފަހަކަށް އައިސް ގެނެސްފައިވާ އެންމެ ބޮޑު ބަދަކަށެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.