އޮސްޓްރޭލިއާގެ ސަރުކާރުން ސޯޝަލް މީޑިއާ ބޭނުންކުރުމަށް އުމުރުގެ މިންގަނޑެއް ކަނޑައަޅައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ވިސްނަމުންދާކަން ޓެކް ރިޕޯޓްތައް ބުނެފިއެވެ.
ޓެކް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ހުއްދަ ދޭން 14 އާއި 16 އަހަރާ ދެމެދުގެ އުމުރެއް ކަނޑައަޅަން ވިސްނާ ކަމަށެވެ. މިގޮތަށް އުމުރު ކަނޑައެޅުމުގެ ބޭނުމަކީ ކުޑަކުދިން ސްކްރީނުތަކުން ދުރުކޮށް، ކުޅިވަރާއި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޑިޖިޓަލް ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެފަރާތްތަކުން ބުނާގޮތުގައި މިފަދަ ހަނިކުރުންތަކެއް ގެނައުމުން ޒުވާނުން އިތުރަށް ނުރައްކާތެރި އޮންލައިން ޙަރަކާތްތަކަށް ބާރުއަޅައި، އެކަންކަން ފޮރުވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮވެއެވެ. އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރ ކަމަށްވާ އީސޭފްޓީ ކޮމިޝަނަރުވެސް ވަނީ މިފަދަ ހަނިކުރުންތަކަކުން ޒުވާނުންނަށް ލިބެންޖެހޭ މުހިންމު އެހީތެރިކަން ހޯދުމަށް ހުރަސްއެޅިދާނެކަމަށް ބުނެފައެވެ.
ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޑޭނިއަލް އެންގަސް ބުނާގޮތުގައި މިއީ އަވަސްއަވަހަށް ނިންމާ ނިންމުމެއް ކަމަށާއި، މީގެ ސަބަބުން ޒުވާނުން ޑިޖިޓަލް ދުނިޔެއިން ބޭރުކޮށް، އިތުރު ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެއެވެ.
ސްވިންބާން ޔުނިވަރސިޓީގެ ސައިކޮލޮޖީ ދިރާސާކުރާ ޖޯޑީ ކޯފްމަން ބުނާގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާ ޒުވާނުންނަށް މިފަދަ މަނާކުރުމަކުން އިތުރު ދަތިތަކާ ކުރިމަތިލާންޖެހިދާނެއެވެ.
އޮސްޓްރޭލިއާއަކީ ދުނިޔޭގައި އިންޓަރނެޓް އެންމެ ގިނައިން ބޭނުންކުރާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެޤައުމުގެ އާބާދީގެ 80 އިންސައްތައަށްވުރެ ގިނަ މީހުން ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް ސަރުކާރާއި ޓެކްނޮލޮޖީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
2023 ގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި އޮސްޓްރޭލިއާގެ 12 އާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 75 އިންސައްތަ ކުދިން ޔޫޓިއުބް ނުވަތަ އިންސްޓަގްރާމް ބޭނުންކުރެއެވެ.
މިކަމަކީ ހަމައެކަނި އޮސްޓްރޭލިއާއަށް ޚާއްޞަ މައްސަލައެއް ނޫނެވެ. ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ މިފަދަ ހަނިކުރުންތަކެއް ގެންނަން މަސައްކަތްކޮށް، ކާމިޔާބު ނުވެފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.