"މޯލްޑިވްސް ޑޭޓާތޯން 2024" ގައި ބައިވެރިވުމަށް ހުޅުވާލައިފި

ހިންދު ޢަލީ 13 އޮކްޓޯބަރު 2024

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިންތިޒާމުކޮށްގެން "މޯލްޑިވްސް ޑޭޓާތޯން 2024" ނަމުގައި ހެކަތޯންއެއް ކުރިއަށް ގެންދިޔުމަށް ރާވާފަައިވާކަމަށް އިއުލާނުކޮށްފިއެވެ. މިޑޭޓާތޯންގެ ތީމް އަކީ "ފިޔުޗަރ އޮފް ވޯކް" ނުވަތަ މަސައްކަތުގެ މުސްތަގްބަލް އެވެ. މިއިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 25 އަދި 26 ގައެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޑޭޓާތޯންގައި ފިޒިކަލް އަދި އޮންލައިން ޓީމްތަކަށް ވެސް ބައިވެރިވެވޭނެއެވެ. މާލޭ ސަރަހައްދުގައި ތިބި ބައިވެރިންގެ ޓީމްތައް އިވެންޓްގައި ބައިވެރިވާނީ ފިޒިކަލްކޮށްނެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުން ބައިވެރިވާ ޓީމްތަކަށް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ. ކޮންމެ ޓީމެއްގައި ހިމެނޭނީ މަދުވެގެން 3 އަދި ގިނަވެގެން 5 ބައިވެރިންނެވެ. އެމްބީއެސްއިން ހާމަކުރާ ގޮތުގައި އާންމު ފަރުދުންގެ ޓީމްތަކުގެ އިތުރުން ސްކޫލް، ކޮލެޖް ނުވަތަ ޔުނިވަރސިޓީ ތަމްސީލްކުރާ ޓީމްތަކަށް ވެސް މިޑޭޓާތޯންގައި ބައިވެރިވެވޭނެއެވެ.

އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މޯލްޑިވްސް ޑޭޓާތޯން 2024 ގައި އެންމެ ރަނގަޅު ހައްލެއް އުފައްދާ ޓީމަކަށް 25,000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައެޅިފައެވެ.

މިއިވެންޓް ކުރިއަށް ގެންދަނީ ޔުނިސެފް މޯލްޑިވްސް، އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ ބައިވެރިވުމާއެކުގައި ކަމަށް އެމްބީއެސް އިން ހާމަކުރެއެވެ.

މޯލްޑިވްސް ޑޭޓާތޯން 2024ގެ މަގުސަދު

އެމްބީއެސް އިން ހާމަކުރާގޮތުގައި މިއިވެންޓްގެ އެންމެ މުހިއްމު އެއް މަގުސަދަކީ ޒުވާނުންގެ މެދުގައި ސްޓެޓިސްޓިކްސް އަށް ހޭލުންތެރިކަން އިތުރުކުރުމެވެ. އެމްބީއެސްއިން ޖެނެރޭޓްކުރާ ރަސްމީ ތަފާސްހިސާބުތައް ވީހާވެސް ގިނަ ބަޔަކަށް ބޭނުންކުރެވޭނެގޮތަށް ހުޅުވާލުމާއި، ތަފާސްހިސާބުގެ އެހީގައި ސިޔާސަތުތަކާއި ނިންމުންތައް ނިންމުމަށް ބާރުއެޅުމެވެ. ރާއްޖެއަށް ދިމާވެފައިވާ އެކި މައްސަލަތަކަށް ބިގް ޑޭޓާ (ނުވަތަ ބޮޑެތި ޑޭޓާ ސެޓް) ބޭނުންކޮށް ކްރިއޭޓިވް އެޕްލިކޭޝަންތަކެއް އުފެއްދުމަށް ބާރު އެޅުމެވެ. މީގެ އިތުރުން ރާއްޖޭގައި ތިބި މިކަމުގެ ޓެކްނިކަލް ތަޖުރިބާކާރުންނާއި ޑޭޓާ ސައިންޓިސްޓުންނާއި ގުޅިގެން، މިފަދަ މައްސަލަތައް ހައްލުކުރުމަށް އައު ހިޔާލުތަކާއި އުފެއްދުންތައް އުފެއްދުމަކީވެސް މިއިވެންޓްގެ މުހިއްމު މަގުސަދެކެވެ.

ޑޭޓާ ވިޝުއަލައިޒޭޝަން ހިމެނޭ ގޮތަށް އައު އުފެއްދުންތަކާއި ވަސީލަތްތައް ފަރުމާކޮށް، އޯޕަން ޑޭޓާ ނުވަތަ އާންމު ބޭނުމަށް ހުޅުވާލާފައިވާ ޑޭޓާ ބޭނުންކުރުމަށް އިންސްޕަޔަރ ކުރުމަކީ މިޑޭޓާތޯންއިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެވެ. މޯލްޑިވްސް ޑޭޓާތޯން މެދުވެރިވެ ރަސްމީ ތަފާސްހިސާބުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، އިތުރު ދިރާސާ ކުރުމަށް ބާރުއެޅުމާއި ޓެކްނިކަލް ކޮމިއުނިޓީއާއެކު ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް ވެސް އެހީތެރިވާނެކަމަށް އެމްބީއެސް އިން ހާމަކުރެއެވެ.


މޯލްޑިވްސް ޑޭޓާތޯން 2024ގެ ސްކޯޕް

މި ޑޭޓާތޯންގައި ފޯކަސްކުރާނީ ލޭބަރ މާކެޓްގެ އެކި މައްސަލަތަކަށް ހައްލުހޯދުމަށެވެ. މީގެ ދަށުން ގައުމީ ތަރައްގީގެ ޕްލޭންގައި އިސްކަންދޭ ގިނަ ދާއިރާތައް ހިމެނެއެވެ. ޑޭޓާތޯންގެ ބައިވެރިން މަސައްކަތް ކުރާނީ މިދާއިރާތަކުން ކުރިމަތިވާ އެކި އެކި މައްސަލަތަކަށް ހައްލު ހޯދުމަށެވެ.

- ރާއްޖޭގެ މަސައްކަތްތެރިންނާއި ވަޒީފާއާއި ގުޅޭ މައްސަލަތައް

- ޒުވާނުންގެ ވަޒީފާއާއި ގުޅޭ މައްސަލަތައް

- ބިދޭސީ މަސައްކަތްތެރިން (މައިގްރަންޓް ވޯކްފޯސް) އާއި ގުޅޭ މައްސަލަތައް

- ޓުއަރިޒަމް ދާއިރާގެ ވަޒީފާއާއި ގުޅޭ މައްސަލަތައް

- މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކުރުމާއި ތަމްރީން ދިނުން

- މަސައްކަތްތެރިންގައި ހިމެނޭ ހުނަރުތަކާއި ވަޒީފާދޭ ފަރާތްތައް ބޭނުންވާ ހުނަރު ތަފާތުވުން

- ވަކި ދާއިރާއަކަށް ބަރޯސާވުމާއި ގުޅިގެން އަންނަ އިގްތިސާދީ ނާޒުކުކަން

- އަންހެނުންނަށް ކުރިމަތިވާ ވަޒީފާގެ ފުރުސަތުގެ އަދި އުޖޫރައިގެ ތަފާތުގެ މައްސަލަތައް

- އިގްތިސާދު ޑައިވަރސިފައި ކުރެވޭނެ ގޮތްތައް

- ދެމެހެއްޓެނިވި އިގްތިސާދާއި ތަރައްގީ

- ނުރަސްމީ މަސައްކަތް ކުރާ މަސައްކަތްތެރިންގެ ދަތިތައް

- ވޮލަންޓިއަރުން އަދި މުސާރަ ނުލިބޭ ޓްރޭނީން ފަދަ އެހެން މަސައްކަތްތައް ކުރާ މަސައްކަތްތެރިންގެ ދަތިތައް


މޯލްޑިވްސް ޑޭޓާތޯން 2024ގައި ބައިވެރިވާ ހުރިހާ ޓީމުތަކުން ވާދަކުރަނީ މަތީގައި ދެންނެވުނު ދާއިރާތަކުގެ ތަފާސްހިސާބުތަކުގައި ހިމެނޭ ޑޭޓާ ގެޕް ދެނެގަނެ، އެކަމަށް ހައްލު ހޯދޭނެ އެންމެ ރަނގަޅު ސޮލިޔުޝަނެއް އުފެއްދުމަށެވެ. މިކަމަށް އީޖާދީ އުފެއްދުމެއް އުފައްދާނީ ރާއްޖޭގައި މިދާއިރާތަކުން މިހާރު ލިބެންހުރި ތަފާސްހިސާބާއި ބިގް ޑޭޓާގެ އެހީގައެވެ. އުފައްދާ ސޮލިޔުޝަން ވާންވާނީ މަތީގައި ލިސްޓުކުރެވުނު ދާއިރާތަކުން ކަނޑައެޅޭ ޕޮލިސީތައް އުފެއްދުމަށް އެހީތެރިވެދޭނެ ސޮލިޔުޝަނަކަށެވެ.


ޑޭޓާތޯންއަކީ ކޮބާ؟

ޑޭޓާތޯންއަކީ ހެކަތޯންގެ ބާވަތެކެވެ. ޑޭޓާތޯން ވެސް ކުރިއަށް ދާނީ ހެކަތޯންއެއް ކުރިއަށްދާ ފޯމެޓަށެވެ. އެއީ ކަނޑައެޅިފައިވާގެ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ ވަކި ތީމެއްގެ ދަށުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް އައު ހިޔާލެއް ހޯދާ، ޕްރޮޑަކްޓެއް އުފައްދާ، އެހިޔާލު ޖަޖުންނަށް ޕިޗްކޮށް، އެންމެ ރަނގަޅު އުފެއްދުންތަކެއް ހޮވަނީއެވެ.

ހެކަތޯންއެއްގައި އާންމުކޮށް ބައިވެރިން އުފައްދަން މަސައްކަތްކުރާނީ ވަކި ބާވަތެއްގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެހީތެރިވާނެ އެޕްލިކޭޝަނެއް ނުވަތަ ސޮފްޓްވެއަރއެއް ކޯޑްކޮށް އޭގެ ޕްރޮޓޮޓައިޕެއް އުފައްދާށެވެ.

ހެކަތޯންއާއި ޑޭޓާތޯންގެ ހުރި ތަފާތަކީ ޑޭޓާތޯންއެއްގައި ބައިވެރިން ފޯކަސް ކުރަނީ ޑޭޓާ އެނަލިސިސް، ސްޓެޓިސްޓިކްސް، އަދި މެޝިން ލާނިންގ ބޭނުންކޮށްގެން ވަކި މައްސަލަތަކެއް ހައްލުކުރުމަށެވެ. ޑޭޓާތޯނެއްގެ އަމާޒަކީ ބޮޑެތި ޑޭޓާސެޓްތަކުގެ ބޭނުންކޮށްގެން އުފެއްދުންތަކެއް ނުވަތަ ޑޭޓާއަށް ބިނާކޮށް ސޮލިއުޝަންތަކެއް އުފެއްދުމެވެ.


މޯލްޑިވްސް ޑޭޓާތޯން 2024ގައި ބައިވެރިވުމަށް

މިޑޭޓާތޯންއަކީ ޑޭޓާއަށް ޝައުގުވެރިވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ދިވެހިރާއްޖޭގައި ވަޒީފާގެ ދާއިރާއާއި މަސައްކަތްތެރިންގެ މުސްތަގުބަލު ބައްޓަން ކުރުމަށް ކުރާ މިމަސައްކަތުގައި ވީހާވެސް ގިނަ ބައެއް ބައިވެރިވުމަށް އެމްބީސީން އެދެއެވެ. މިޑޭޓާތޯން ކުރިއަށް ދާނެގޮތުގެ ޝެޑިއުލާއި، ޑޭޓާތޯންގެ ގަވާއިދުތަކާއި، ބައިވެރިވެވޭނެ ގޮތާއި، އުފައްދާ އުފެއްދުންތައް ޖަޖްކުރާނޭ ގޮތާއި އަދި އިތުރު ތަފްސީލްތައް އެމްބީސީގެ ވެބްސައިޓުން ބަލާލެވޭނެއެވެ. ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޓީމެއް އެކުލަވާލާ މިލިންކު ބޭނުންކުރާއްވައިގެން ރަޖިސްޓަރ ކުރައްވާށެވެ. ރަޖިސްޓަރ ކުރުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 17 އޮކްޓޯބަރ 2024 އެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.