ރާއްޖޭގެ އިންޓަނެޓް ގަވަރނަންސް ފޯރަމް 2024 ބާއްވަނީ

ހިންދު ޢަލީ 16 އޮކްޓޯބަރު 2024

މޯލްޑިވްސް އިންޓަނެޓް ގަވަރނަންސް ފޯރަމް 2024، މިމަހުގެ 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ބާއްވާ ދެވަނަ އިންޓަނެޓް ގަވަރނަންސް ފޯރަމެވެ. ފޯރަމްގެ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައެވެ.

މޯލްޑިވްސް އިންޓަނެޓް ގަވަރނެންސް ފޯރަމްއަކީ ރާއްޖޭގައި އިންޓަނެޓް ހިންގުމާއި އިންޓަނެޓް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އެކި ފަންތީގެ މީހުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މަގްސަދުގައި ބާއްވާ ފޯރަމްއެކެވެ. މިފޯރަމްގައި ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި ތައުލީމީ ދާއިރާ އަދި ޓެކްނޯލޮޖީ ދާއިރާ ތަމްސީލުކުރާ މަންދޫބުން އެއްތަނަކަށް ޖަމާވެ، ގައުމީ ލެވެލްގައި ރާއްޖެއަށް މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ގްލޯބަލް ކޮމިއުނިޓީތަކުގައި ރާއްޖެއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަހަރީކޮށް ކުރިއަށް ގެންދާ މިފޯރަމްގައި މިއަހަރު މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު މައުލޫއަަކަށެވެ. އެއީ،

1. ރާއްޖެ އަދި ދުނިޔޭގެ ބޮޑެތި މަައްސަލަތަށް ފޯކަސްކޮށްގެން ޑިޖިޓަލް އިނޮވޭޝަން ކުރިއެރުވުން.

2. ޓެކްނޮލޮޖީގެ އެހީގައި ދިވެހި މުޖުތަމައު ބާރުވެރިކުރުން.

3. ދެމެހެއްޓެނިވި ތަރައްޤީ އަދި ޑިޖިޓަލް ގަވަރނެންސް ކުރިއެރުވުން.

4. ސައިބަރ ސެކިއުރިޓީ އަދި މަޢުލޫމާތުގެ ސައްހަކަން ހަރުދަނާކުރުން.


މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މިފޯރަމް އިންތިޒާމު ކުރަނީ ޔޫއެސްއެއިޑް، ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެންނެވެ. މިފޯރަމަކީ ރާއްޖޭގެ ޑިޖިޓަލް ގަވަރނަންސް ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ފޯރަމްއިން ދައްކުވައިދޭނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި، ރައްކާތެރި، ހުރިހާ ރައްޔިތުން ޝާމިލްވާ، އަދި ހުރިހާ ހާލަތަކަށްވެސް އެކަށީގެންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާރއެއް ތަރައްޤީކުރުމުގެ އަމާޒެވެ.

މިފޯރަމް ސަބަބުން އިންޓަނެޓް ގަވަރނަންސްއާއި ގުޅޭ މައުލޫމާތު ބަދަލުކުރެވި، އެކަމުގެ ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން އިންޓަނެޓް ބޭނުންކުރުމުގައި ރާއްޖޭއަށް ދިމާވާ މައްސަލަތަކާއި އަދި އިންޓަނެޓް ހިންގުމުގައި ރާއްޖެއަށް އެންމެ ރަނގަޅު އުސޫލުތައް ކަނޑައެޅުމަށް، ސްޓޭކްހޯލްޑަރުންނާއި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިފޯރަމްގައި އެކި ބާވަތުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި ޕެނަލް ޑިސްކަޝަން، ވޯކްޝޮޕް، ލައިޓްނިންގ ޓޯކްސް، ރައުންޑް ޓޭބަލް ޑިސްކަޝަން، ހޮޓް ސީޓް، ފޯކަސް ގްރޫޕް ޑިސްކަޝަންތައް ހިމެނެއެވެ.

ފޯރަމްގެ ސެޝަންތައް ކުރިއަށް ދާނީ އާންމުންނަށް ހުޅުވާލައިގެންނެވެ. ވީހާވެސް ގިނަބަޔަކަށް މިފޯރަމްގެ ސެޝަންތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި ބައެއް ސެޝަންތައް މޯލްޑިވްސް އައިޖީއެޕްގެ ފޭސްބުކް އަދި ޔޫޓިއުބް އިން ލައިވްވެސް ކުރާނެއެވެ.

ފޯރަމްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް މުހިއްމު ސެޝަންތަކުގެ މައުލޫތައް ފާހަގަކޮށްލާނަމެވެ.

- އުމުރުން ދުވަސްވީ މީހުންގެ ސައިބަރ ސޭފްޓީ: އިންޓަނެޓް އަދި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން

- ޑިޖިޓަލް އިޤްތިސާދުގައި އަންހެނުން ބާރުވެރިކުރުން: ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް

- ނޫސްވެރިންނަށް އޮންލައިންކޮށް ކުރާ ފުރައްސާރައާއި ގޮންޖެހުންތަކާއި ގުޅޭ މަޝްވަރާތައް

- އޮންލައިން ޕްލެޓްފޯމުތަކުން އާމްދަނީ ހޯދުން

- އޭއައި އީޖާދުތަކުން ދިވެހިރާއްޖެ އަދި ދިވެހި ބަސް ކުރިއެރުވުން

މީގެ އިތުރުންވެސް ސަރުކާރާއިި، ދައުލަތުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން އަދި އަމިއްލަ ފަރާތްތަކުން ގިނަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.


މޯލްޑިވްސް އިންޓަނެޓް ގަވަރނެންސް ފޯރަމްއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ މޯލްޑިވްސް އައިޖީއެފް 2024 ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް އެމްވީއައިޖީއެފް ވެބްސައިޓް އަށް ޒިޔާރަތް ކުރައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.