އައު އިންޓެލިޖެންސް ފީޗަރތައް ތަޢާރަފުކުރުމަށްފަހު، އެޕަލްއިން ބުދަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައި.އޯ.އެސް 18.2 އަޕްޑޭޓް ނެރެފިއެވެ. މި އަޕްޑޭޓާއެކު އިމޭޖް ޕްލޭގްރައުންޑް، ޖެންމޯޖީ އަދި ޗެޓްޖީޕީޓީ އިންޓަގްރޭޝަން ފަދަ އައު ފީޗަރތައް ތަޢާރަފުކޮށްފައިވެއެވެ.
އައި.އޯ.އެސް 18.2 އަޕްޑޭޓް ލިބޭނީ ކުރިން އައި.އޯ.އެސް 18 އަޕްޑޭޓް ލިބުނު ހުރިހާ އައިފޯނު މޮޑެލްތަކަކަށެވެ. ނަމަވެސް، އެޕަލް އިންޓެލިޖެންސް ފީޗަރތައް ލިބޭނީ އައިފޯނު 16 ސީރީޒް، އައިފޯނު 15 ޕްރޯ އަދި އައިފޯނު 15 ޕްރޯ މެކްސް އަށެވެ.
މި އަޕްޑޭޓާއެކު އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ސޮފްޓްވެއަރ އޮސްޓްރޭލިއާ، ކެނެޑާ، އަޔަލޭންޑް، ނިއުޒީލޭންޑް، ސައުތު އެފްރިކާ އަދި ޔޫކޭ ފަދަ އިނގިރޭސި ބަހުން ވާހަކަދައްކާ އިތުރު ޤައުމުތަކަށް ފޯރުކޮށްދޭން ފަށާފައިވެއެވެ.
ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަން ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގައި މި އޭ.އައި ފީޗަރތައް ލިބެން ހުންނާނެއެވެ. ޔޫރަޕިއަން ޔޫނިއަންގައި މި ފީޗަރތައް ތަޢާރަފުކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
އައި.އޯ.އެސް 18.2ގެ އައު ފީޗާތައް
އެޕަލްއިން އައި.އޯ.އެސް 18.2 އަޕްޑޭޓާއެކު ތަޢާރަފުކޮށްފައިވާ އައު ފީޗަރތަކުގެ ތެރޭގައި އިމޭޖް ޕްލޭގްރައުންޑް، ޖެންމޯޖީ އަދި އިމޭޖް ވޯންޑް ހިމެނެއެވެ.
އިމޭޖް ޕްލޭގްރައުންޑަކީ ޓެކްސްޓް ޕްރޮމްޕްޓްތަކަށް ބިނާކޮށް އެނިމޭޝަން ނުވަތަ އިލަސްޓްރޭޝަން ފަދަ ތަފާތު ސްޓައިލްތަކުގައި އިމޭޖް އުފައްދާ އެޕެކެވެ. ޖެންމޯޖީއަކީ އީމޯޖީތައް އުފެއްދުމަށް ބޭނުންކުރެވޭ އެޕެކެވެ. މި އެޕްތަކުން އުފައްދާ އިމޭޖްތަކާއި އީމޯޖީތައް މެސެޖަސް، ނޯޓްސް އަދި ކީނޯޓް ފަދަ އެޕްތަކުގައި ޙިއްޞާކުރެވޭނެއެވެ.
އިމޭޖް ވޯންޑްގެ ޒަރީއާއިން ނޯޓްސް އެޕްގައި ކުރަހާފައިވާ ކުރެހުމެއް އެއާ ގުޅުންހުރި އިމޭޖަކަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، ލިޔެފައިވާ ނުވަތަ ޓައިޕްކޮށްފައިވާ ޓެކްސްޓަކަށް ބިނާކޮށް އިމޭޖެއް އުފެއްދުމުގެ ޤާބިލުކަންވެސް މި އެޕްގައި ހިމެނެއެވެ.
އޮކްޓޯބަރ މަހު ތަޢާރަފުކުރި ރައިޓިންގ ޓޫލްސްގެ ޤާބިލުކަން އިތުރަށް ފުޅާކޮށްފައިވެއެވެ. "ޑިސްކްރައިބް ޔުއަރ ޗޭންޖް" ނަމަކަށް ކިޔާ އައު އޮޕްޝަނެއް ތަޢާރަފުކޮށްފައިވާއިރު، މި އޮޕްޝަނުން ލިޔުން އިތުރަށް ފުރިހަމަކޮށްލުން ފަދަ ކަންކަން ކުރެވޭނެއެވެ.
މި އައު އޮޕްޝަން ކުރިން ތަޢާރަފުކޮށްފައިވާ ރީރައިޓް، ޕްރޫފްރީޑް އަދި ސަމަރައިޒް ފަދަ ޓޫލްތަކާއެކު ސިސްޓަމް ވައިޑްކޮށް އަދި ތާޑް ޕާޓީ އެޕްތަކުގައި ލިބެން ހުންނާނެއެވެ.
އައިފޯނު 16 ސީރީޒްގެ ބޭނުންކުރާ ފަރާތްތަކަށް މިހާރު ވިޝުއަލް އިންޓެލިޖެންސް ފީޗަރ ބޭނުންކުރެވޭނެއެވެ. މިއީ ކެމެރާ ކޮންޓްރޯލް ބަޓަން މެދުވެރިކޮށް ތަކެއްޗާއި ތަންތަނާ ބެހޭ މަޢުލޫމާތު ވަގުތުން ދެނެގަތުމަށް އެހީވެދޭ ވިޝުއަލް ލުކްއަޕް ޓޫލެކެވެ. މި ފީޗަރއިން ޓެކްސްޓް ޚުލާޞާކޮށް ކޮޕީކުރުމާއި، އެއް ބަހުން އަނެއް ބަހަށް ތަރުޖަމާކުރުމާއި، ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ދެނެގަނެ ކޮންޓެކްޓްތަކަށް އިތުރުކުރުމުގެ އިޚްތިޔާރު ލިބިދެއެވެ. މީގެ އިތުރުން، ބޭނުންވާ އުފެއްދުމެއް ގޫގުލްގައި ހޯދުމާއި، ހިސާބު މައްސަލައެއް ޙައްލުކުރުމާއި، އަދި ޗެޓްޖީޕީޓީ މެދުވެރިކޮށް އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިދެއެވެ.
ޗެޓްޖީޕީޓީ މިހާރު ވަނީ އައިފޯނަށް ތަޢާރަފުކޮށްފައެވެ. އެޕަލްގެ ވޮއިސް އެސިސްޓެންޓް ކަމުގައިވާ ސިރީއަށް މިހާރު އޯޕަންއޭއައިގެ އޭއައި ޗެޓްބޮޓްގެ ޤާބިލުކަން ބޭނުންކޮށްގެން ސުވާލުތަކަށް އިތުރަށް ފުންކޮށް ޖަވާބުދިނުމާއި، ލިޔެކިޔުންތަކާއި އިމޭޖްތައް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.
ސިރީއަށް މިހާރު ވަކި ބާވަތެއްގެ ރިކުއެސްޓްތަކަށް ޗެޓްޖީޕީޓީ ބޭނުންކުރުމަށް ހުށަހެޅުމާއި، ސީދާ ޖަވާބު ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. އަދި ނޭޓިވް ރައިޓިންގ ޓޫލްސް ބޭނުންކޮށްގެން ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަންވެސް ލިބިގެންދާނެއެވެ. މި ފީޗަރ ބޭނުންކުރުމަށް އޮޕްޝަނަލް ސައިން-އިން ބޭނުންވާނެކަމަށް އެޕަލްއިން ބުނެއެވެ. އަދި ޗެޓްޖީޕީޓީގެ ޕެއިޑް އެކައުންޓެއް އޮންނަ އައިފޯނު ބޭނުންކުރާ ފަރާތްތަކަށް އޯޕަންއޭއައިގެ އިތުރަށް ޤާބިލު މޮޑެލްތަކަށް އެކްސެސް ލިބޭނެއެވެ.
އޯޕަންއޭއައިއިން ރިކުއެސްޓްތައް ރައްކާނުކުރާކަމަށާއި، އެ ޑޭޓާ އެ ފަރާތުގެ މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންނުކުރާކަމަށް އެޕަލްއިން ބުނެއެވެ. އަދި ސެޝަންތައް ގުޅުވައިނުލެވޭނެ ގޮތަށް އައިޕީ އެޑްރެސްތައް ފޮރުވާފައިވާ ކަމަށްވެސް ބުނެއެވެ.
ކުރިއަށް އޮތް ތަނުގައި
އެޕަލްއިން ބުނާގޮތުގައި، ކުރިއަށް އޮތް މަސްތަކުގައި އެޕަލް އިންޓެލިޖެންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރެވިގެންދާނެއެވެ. ސިރީއަށް ކޮންޓެކްސްޗުއަލް އެވެއަރނެސް ލިބި، އެކަމާ ގުޅޭ ޖަވާބުތައް ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، އެޕަލްގެ އެޕްތަކާއި ތާޑް ޕާޓީ އެޕްތަކުގައި އޮން-ސްކްރީން އެވެއަރނެސްއާއެކު އައު އެކްޝަންތައް ހިންގުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ތަޢާރަފުކުރެވޭނެކަމަށް ލަފާކުރެވޭ ފީޗަރތަކުގެ ތެރޭގައި ޕްރައިއޮރިޓީ ނޯޓިފިކޭޝަންސް އަދި އިމޭޖް ޕްލޭގްރައުންޑަށް އައު ސްކެޗް ސްޓައިލެއް ވެސް ހިމެނެއެވެ.
މިއަޕްޑޭޓްތައް ލިބޭނެ ވަކި ތާރީޚެއް އެޕަލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.