ސަރުކާރުގެ ރެކޯޑްތައް ގެއްލުނީމަ ގެއްލުނީ! ޒިންމާވަނީ ކާކު؟

ހިންދު ޢަލީ 02 ޖެނުއަރީ 2025

2024 ޑިސެމްބަރ 12 ވީ ބުރާސްފަތި ދުވަހު ހެނދުނު ސަރުކާރުގެ ތިން އިދާރާއެއް ހިންގަމުން އައި އިމާރާތްތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގެ އިތުރުން މުހިއްމު ރެކޯޑުތަކެއް ވެސް ވަނީ އަނދައިގެން ގޮސްފައެވެ. މި ހާދިސާގައި ހައުސިންގ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ ރެކޯޑްތަކެއް ގެއްލުނުކަމަށް ރިިޕޯޓްކުރެވުނެވެ.

ޑިސެމްބަރ 14 ވަނަ ދުވަހު ދެއްވި އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި ގޮތުގައި ހައުސިންގ މިނިސްޓްރީގެ އެތެރޭގައި ހުރި ސަރވަރ ސަލާމަތް ނުކުރެވޭ ކަމަށާއި، އަދި އޭގައި ހުރި ޑޭޓާ ގެއްލިގެން ދިޔުމަކީ ވަރަށް ބޮޑު ގެއްލުމެއްކަމަށް ވެސް ވިދާޅުވިއެވެ. އެއާއެކު 16 ޑިސެމްބަރ ވަނަ ދުވަހު މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިގޮތުގައި ރޯވި އިމާރާތުގެ ތެރޭގައި ހިންގި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްގެ ގިނަ ލިޔުންތަކެއްވެސް ވަނީ މިހާދިސާގައި ގެއްލިފައެވެ. ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހަކީ އުފަންދުވަހުގެ ސެޓްފިކެޓާއި މަރުވާ މީހުންގެ ރެކޯޑުތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތީގެ ރެޖިސްޓްރޭޝަން ބަލަހައްޓަމުން އަންނަ އިދާރާއެވެ.

މިހާދިސާ ހިނގިފަހުން މިހާރު 3 ހަފްތާއަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވީ ނަމަވެސް، އަދި މިހާތަނަށް އެއްވެސް އިދާރާއަކުން ގެއްލުނު ރެކޯޑްގެ އަދަދެއް ނުވަތަ ތަފްސީލެއް ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން އެންމެ ފަހުން ލިބުނު ހަބަރަކީ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަން އިންޑިޔާއިން ޓީމެއް އަންނަ ވާހަކައެވެ.

މިއާޓިކަލްގައި ހާއްސަކޮށް އަލިއަލުވާލަން ބޭނުންވަނީ މިހާދިސާގައި ގެއްލިގެން ދިޔަ ސަރުކާރުގެ ރެކޯޑްތަކަށެވެ. މިހާދިސާއިން ފާހަގަ ކުރެވޭ މުހިއްމު އެއް ކަމަކީ ސަރުކާރުގެ ޑޭޓާ މެނޭޖްމަންޓް ޕޮލިސީތަކުގައި ހުރި އުނިކަމެވެ. ރަނގަޅު ޑޭޓާ ބެކަޕް ޕޮލިސީތަކެއް ނެތުމެވެ. ޑޭޓާ ބެކަޕް ކުރުމާއި ޑިޒާސްޓަރ ރިކަވަރީއަށް ޕޮލިސީތަކެއް އެކުލަވާލާފައި ނެތުމެވެ. ނުވަތަ ހުރި ނަމަވެސް އެކަން އިމްޕްލިމެންޓް ނުކުރުމެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ހަރުދަނާ ކްލައުޑް ސޮލިއުޝަންތަކާއި އޮފްސައިޓް ރިޑަންޑަންސީ ފަދަ އޮޕްޝަންތައް ހުރި ޒަމާނެއްގައި، އަޅުގަނޑުމެންގެ ގައުމުގެ ކޮމްޕިޔުޓަރ އިންފްރާސްޓްރަކްޗަރާއި ރައްޔިތުންގެ ޑޭޓާއާއި މެދު އަދިވެސް އެހާ ފަރުވާކުޑަވަނީ ކީއްވެގެން ހެއްޔެވެ؟


އައިޓީއާއި ގުޅުންހުރި ޕޮލިސީތައް އިންޕްލިމެންޓް ނުކުރެވުން

ސަރުކާރުގެ ޓެކްނޮލޮޖީއާއި ގުޅޭ އިދާރާތަކުން ރައްޔިތުންނަށް އަބަދުވެސް ދައްކާ މޫނަކީ ދިވެހިރާއްޖެއަކީ މިޒަމާނުގެ އެންމެ ކުރިއަރާފައިވާ އެންމެ މޮޅެތި ޓެކްނޮލޮޖީ ބޭނުންކުރާ، އެތަކެތީގެ އެހީގައި ރައްޔިތުންގެ ހިދުމަތްތަކާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާ ސަރުކާރެއްގެ ގޮތުގައެވެ. މިއީ ވަކި ސަރުކާރަކަށް ނިސްބަތްކޮށް ބުނާ އެއްޗެއް ނޫނެވެ. މިއީ ހަމަ ކޮންމެ ސަރުކާރަކުން ވެސް ދައްކާ ވާހަކައެވެ.

ފެންނަ ހަބަރުތަކުން ރާއްޖެއަކީ ޑިޖިޓަލް ޒަމާނަށް ވަރަށް ތައްޔާރު ވަރަށް ކުރިއަރާފައިވާ ގައުމެއް ކަމަށް ދޭހަވެއެވެ. އަދި ސަރުކާރުން ވެސް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ނުވަތަ ޑިޖިޓަލްކޮށް ފޯރުކޮށްދެމުންދާ ހަބަރުތައް އަބަދުވެސް އަޑުއިވެއެވެ. މީގެ އިތުރުން އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ރާއްޖެ ތައްޔާރުކަމަށް ވެސް ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް މިހާދިސާއިން ސާފުވާ އެންމެ ދެރަކަމަކީ ކޮމްޕިޔުޓަރ ސިސްޓަމެއްގެ އެންމެ ބޭސިކް އެއް މަސައްކަތް ކަމަށްވާ ބެކަޕް ކުރުމުގެ ޕޮލިސީ މިއުޅެނީ ވަރަށް ފަހަތުގައެވެ.

މީގެ 20 ވަރަކަށް އަހަރު ކުރިން ވެސް ރާއްޖޭގައި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަވަސް ކުރުމުގެ ބޭނުމުގައި ކޮމްޕިޔުޓަރ ސިސްޓަމްތަކާއި ސޮފްޓްވެއަރ އެޕްލިކޭޝަންތައް ބޭނުންކުރެއެވެ. މިއަދާއި ހަމައަށް އައިއިރުވެސް ބައެއް ކަންތައްތަކުގައި އަމަލީ މަސައްކަތް ހުރީ މީގެ 20 އަހަރު ކުރިން ވެސް ކުރިގޮތަށެވެ.

މެނުއަލްކޮށް ކުރާ މަސައްކަތްތައް ޑިޖިޓައިޒްކޮށް ކޮމްޕިޔުޓަރ އެޕްލިކޭޝަން ތަކުގައި މައުލޫމާތު ރައްކާކުރަން ފެށުނީއްސުރެވެސް ސަރުކާރުގެ ގިނަ އިދާރާތަކުން އެއިދާރާއެއްގެ ޑޭޓާ އެހެން ފަރާތްތަކާއި ހިއްސާކުރުމަށް ޖެހިލުންވެ، އެކަމާ ދެކޮޅު އުސޫލުތަކެއް ގެންގުޅެއެވެ. މިހާރު ވެސް ސަރުކާރުގެ ކޮންމެ އިދާރާއަކުން ސޮފްޓްވެއަރ ތައްޔާރުކޮށް އެތަކެތީގައި ޑޭޓާ ރައްކާކުރުމަށާއި ބެކަޕް ކުރުމަށާއި، އަދި ދެންވެސް އެއާއި ގުޅޭ އެހެނިހެން ކަންތައްތައް ކުރަނީ އެއިދާރާއެއްގެ އައިޓީ ޑިޕާޓްމަންޓުން ބޭނުންވާ ގޮތަކަށެވެ. 20 މިނިސްޓްރީއެއް ހުރި ނަމަ އެކަން ކުރާނީ 20 ގޮތަށެވެ. ކޮންމެ އިދާރާއަކުން ވެސް އެބައެއްގެ ސެކިޔުރިޓީގެ ނަމުގައި، އެބައެއްގެ ޑޭޓާގައި ވަރަށް ބާރަށް ބަގުޑި ބައްދައެވެ.


ރާއްޖޭގައި ސަރުކާރުގެ އައިޓީ ކަންކަން ބަލަހައްޓަން ހާއްސަ އެކިއެކި ސެންޓްރަލް އިދާރާތައް ކަނޑައެޅިފައި އެބަހުއްޓެވެ. ސަރުކާރު އިދާރާތަކުގެ އައިޓީ މަސައްކަތްތަކާއި ގުޅޭ އެކިއެކި ޕޮލިސީތަކާއި ސްޓޭންޑަރޑްތައް އެކުލަވާލާ އެތަކެތި ތަންފީޒުކުރުމާއި މޮނިޓަރ ކުރުމުގެ މެންޑޭޓް ހަވާލުކުރެވިފައިވާ އިދާރާއެއް އެބަހުއްޓެވެ. ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރާ އިދާރާއެއް އެބަހުއްޓެވެ. ރާއްޖޭގައި ސައިބަރ ސެކިޔުރިޓީ އިދާރާއެއް އެކުލަވާލާ އެކަމުގައި މަސައްކަތްތަކެއް ކުރާ އިދާރާއެއް އެބަހުއްޓެވެ. ސަރުކާރު ހުރިހާ އިދާރާތަކުން ބަލަހައްޓާ ޑޭޓާ ރައްކާކުރުމާއި ގުޅޭ ސްޓޭންޑަރޑް އަދި ބެކަޕްކުރުމާއި ގުޅޭ ސްޓޭންޑަރޑްތައް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތްވެސް މީގެން ކޮންމެސް ވެސް އެއް އިދާރާއެއްގެ މެންޑޭޓުގައި ހިމެނޭނެއެވެ. އެހެންނަމަވެސް ނަތީޖާ ކޮބައި ހެއްޔެވެ؟ ކަރުދާހުގައި ލިޔެވިފައިވާ މިންގަނޑުތަކާއި އުސޫލުތައް ހުރި ނަމަވެސް މިކަންތައް ތަންފީޒެއް ނުކުރެވެއެވެ. އައިޓީއާއި ގުޅޭ މަސައްކަތް ކުރަން ކަނޑައެޅިފައިވާ އިދާރާތަކަށް ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑެތި ހަރަދު ކުރާއިރު ނަތީޖާއެއް ނުފެނެއެވެ. ރައްޔިތުންގެ ޑޭޓާ ރައްކާކުރުމާއި ބެހޭގޮތުން ރައްޔިތުންނަށް ސުވާލުކުރުމުގެ ހައްގު ލިބެއެވެ. އެހެން ނަމަވެސް ޖަވާބުދެނީ ކާކުހެއްޔެވެ؟

މިހާރު ޒަމާނީ، ރައްކާތެރި، އަދި ޚަރަދު ކުޑަ ސެންޓްރަލް ޑޭޓާ ސްޓޯރޭޖް ސޮލިއުޝަންތައް ލިބޭ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ގިނަ އިދާރާތަކުން އަދިވެސް އިހްތިޔާރު ކުރަނީ އެއިދާރާއެއްގެ އަމިއްލަ ކޮންޓްރޯލް އޮންނަ، އިދާރާތެރޭގައި ހުންނަ ސަރވަރއެއްގައި ޑޭޓާ ރައްކާކުރުމަށެވެ. މިކަމާ މެދު ސުވާލު ކުރުމުން ގިނަ ފަހަރަށް އެއިދާރާތަކުގެ މިނިންމުން ބިނާ ކުރާ އެންމެ އާންމު ބައެއް ސަބަބުތައް ފާހަގަކޮށްލާނަމެވެ.

1. ޑޭޓާ ރައްކާ ކުރާ އިންފްރާސްޓަރޗްގެ ކޮންޓްރޯލް ހިފެހެއްޓުން

"ސެންޓްރަލް އިދާރާއެއްގައި އަހަރުމެންގެ ޑޭޓާ ބެހެއްޓުމުން އަހަރުމެންނަށް އޭގެ ކޮންޓްރޯލް ގެއްލޭނެ. އެހެން އިދާރާއަކަށް އަހަރުމެންގެ ޑޭޓާ ރައްކާތެރިކަމާއެކު ބަލަހައްޓާނެ ކަމުގެ އިތުބާރެއް ނެތް"

ޒަމާނީ ޑޭޓާ ސެންޓަރުތަކުގައި އެބައެއްގެ ޑޭޓާ އެބައެއް ބޭނުންވާ މިންވަރަކަށް ކޮންޓްރޯލް ކުރުމުގެ އޮޕްޝަން ލިބެއެވެ. މިއީ ސެންޓްރަލް ޑޭޓާ މެނޭޖްމަންޓް ސަރވިސްތަކުގައި ފަސޭހައިން ލިބެން ހުންނާނެ ފީޗަރސްއެވެ. ސެންޓްރަލް ލޮކޭޝަނެއްގައި ރައްކާކުރުމުން ލިބޭ އަނެއް އެޑްވާންޓޭޖަކީ އިދާރާތަކުގެ ލޮކޭޝަންއެއްގައި ފިޒިކަލްކޮށް ސަރވަރތަކެއް ހުންނަން ނުޖެހުމެވެ. މީގެ އިތުރުން ޑޭޓާ ބަލަހައްޓާ އިދާރާއަކަށް ކުރާ އިތުބާރާއި މެދު ބުނެވޭނެ އެއްޗަކީ އަމިއްލަ ޑޭޓާއަށް އެހެން ބަޔަކު އެކްސެސް ކުރޭތޯ ނުވަތަ ބަދަލުގެނޭތޯ ބެލޭނެ މެކޭނިޒަމްތައްވެސް އެބަޔަކު އުފައްދާ އެޕްލިކޭޝަންގައި ހިމެނެނޭއެވެ.


2. ސިސްޓަމް ބޮޑުވާ މިންވަރަކަށް ސްޓޯރޭޖް ސްކޭލްކުރަން ކުރަން ފަސޭހަވުން

"އަހަރުމެން ސިސްޓަމް އަޕްގްރޭޑް ކުރަން ބޭނުންވެގެން އެދުމުން ސެންޓްރަލް ލޮކޭޝަންގައި އެހިދުމަތް ލިބޭކަށް ނުހުރޭ ނުވަތަ އެކަމަށް ވަގުތު ނަގާ"

ތެދެކެވެ. މިހާރުވެސް ސެންޓްރަލް ޑޭޓާ ސެންޓަރުގައި ހޯސްޓުކުރާ އިދާރާތަކުން ބޭނުންވެގެން ސްޓޯރޭޖް އިތުރުކުރަން ބުނެގެން އެހިދުމަތް ނުލިބުމުގެ ނުވަތަ ލަސްވުމުގެ ޝަކުވާކުރެއެވެ. މިކަމުގެ ހައްލަކަށް ވާނީ ސަރުކާރުގެ ސެންޓަލް ޑޭޓާ ސްޓޯރޭޖްގެ މެންޑޭޓް ހަވާލު ކުރެވިފައިވާ އިދާރާއަކުން ސަރުކާރުގެ ހުރިހާ އިދާރާއަކަށް ބޭނުންވާ ސިސްޓަމް ނީޑްސްގެ ދިރާސާކޮށް ކުރު ރާސްތާ އަދި ދިގު ރާސްތާ ޕްލޭންތައް އެކުލަވާލުމެވެ. އަދި ކުރިއާލާ އިދާރާތަކަށް ބޭނުންވާނެކަމަށް ލަފާކުރާ ސްޓޯރޭޖްއާއި އެހެނިހެން އިންފްރާސްޓްރަކްޗަރ ދެނެގަތުމެވެ. މިކަން ރަނގަޅަށް ކުރާ ފަރާތްތަކުން އެންމެ މަދުވެގެން 5 ވަރަކަށް އަހަރަށް ސަރުކާރުގެ ސިސްޓަމްތައް ސްކޭލް ވާނެ މިންވަރު ވެސް ދެނެގަނެ ތައްޔާރުވެއެވެ.


3. އެތެރޭގައި ބެހެއްޓުމުން ބޮޑަށް ރައްކާތެރިކަމަށް ހީވުން

"އަހަރުމެންގެ ލޮކޭޝަންއެއްގައި، އަހަރުމެން ބޭނުންވާ ތަނެއްގައި ޑޭޓާ ބެހެއްޓުމުން ބޭރުން އަންނަ ސައިބަރ އެޓޭކްތަކުން ރައްކާތެރިވާނެ."

މިއީ މުޅިން ކުށްހީއެކެވެ. ރައްކާތެރިކަން ލިބެނީ ހުންނަ ލޮކޭޝަނަކުން ނޫނެވެ. އެކަން ކަށަވަރު ވަނީ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅުތަކުންނެވެ. އޮފީސް އެތެރޭގައި ހުރި ސަރވަރތަކުގައި ހޯސްޓުކޮށްފައިވާ ސަރުކާރުގެ އިދާރާތަކާއި ބޮޑެތި ކުންފުނިތަކުން ވެސް މީގެ ކުރިން ރެންސަމްވެއަރ އެޓޭކް ފަދަ ކަންތައް ވަނީ ތަޖުރިބާކޮށްފައެވެ. ގިނަ ދުވަސްވެފައިވާ އައުޓްޑޭޓެޑް ސިސްޓަމްތަކަށް ސައިބަރ އެޓޭކްތައް އައުމުގެ ބިރު މާބޮޑެވެ. އަދި ގިނަ ފަހަރަށް ބަޖެޓުގެ ދަތިކަމާއި ހެދި، ސިސްޓަމް އަޕްގްރޭޑް ކުރުމާއި ރައްކާތެރިކަން ބަލަހައްޓާނެ މުވައްޒަފުން ހޯދުމަކީ އުނދަގޫ ކަންތަކެވެ. ޑޭޓާ ސެންޓަރުތަކުގައި އާންމުކޮށް ހުންނާނީ ޑޭޓާބޭސް މެނޭޖްކުރުމަށާއި ސެކިޔުރިޓީއަށް ބޭނުންވާ ސްކިލްޑް މީހުން ހިމަނާފައެވެ.

4. ހަރަދު ކުޑަކުރުން

"އޮފީސް ތެރޭގެ ސަރވަރގައި ބެހެއްޓުމުން ހަރަދު ކުޑަވާނެ"

އެންމެ ފުރަތަމަ ސަރވަރއެއް ގަންނަން އެހާބޮޑު ހަރަދެއް ނުދިޔަ ނަމަވެސް ގިނަ ދުވަސް ތަކަކަށް ސިސްޓަމްތައް އަޕްގްރޭޑްކޮށް، ފަހުގެ ސެކިޔުރިޓީ ފީޗަރތައް ހިމެނުމަށް އިތުރަށް ބޮޑެތި ހަރަދުތަކެއް ހިނގައެވެ. އަދި އެތެރޭގެ ސަރވަރއެއް އެކަނި ހޯދުމަކުން ނުފުދެދޯއެވެ. ފިޒިކަލް ސެކިޔުރިޓީ ވެސް ވަރުގަދަކޮށް، ކަރަންޓާއި، ފިނިކުރުމާއި، މުވައްޒަފުންނަކީ ވެސް އިތުރަށް ހިނގާނޭ ހަރަދެވެ. ސަރުކާރުގެ ކޮންމެ އިދާރާއެއްގައި މިހަރަދުތައް ތަކުރާރު ކުރަންވީމާ ސަރުކާރުގެ ބަޖެޓަށް ވާނީ ބުރައެވެ. ސެންޓްރަލް ޑޭޓާ ސެންޓަރެއް ބޭނުންކުރާނަމަ ހަރަދު ކުޑަވާނެއެވެ.


ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސް

ދުނިޔޭގެ ފެންވަރުގައި ގިނަ ގައުމުތަކުގައި މިފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން، ރައްކާތެރި، ސެންޓްރަލް ޑޭޓާ ސްޓޯރޭޖް ސިސްޓަމްތަކަށް ނުވަތަ ޑޭޓާ ސެންޓަރުތައް އެކުލަވާލުމަށް ދަނީ ބަދަލުކުރަމުންނެވެ.

މިއީ ކޮންމެ އިދާރާއެއްގެ ސަރވަރތައް ވަކި ވަކިން އެއިދާރާއެއްގައި މެނޭޖްކުރުމަށް ވުރެ ހަރަދު ކުޑަ ރައްކާތެރި ގޮތެވެ. އަދި ޑޭޓާ ރައްކާކުރުމަށާއި ބެކަޕްކުރުމަށާއި ރިޑަންޑަންސީ އަދި ޑިޒާސްޓާރ ރިކަވަރީއަށް ނިޒާމުތަކެއް އެކުލަވާލާ އެކަން ތަންފީޒުކުރުމެވެ.

ރާއްޖޭގައިވެސް ނޭޝަނަލް ޑޭޓާ ސެންޓަރއެއް އެކުލަވާލާ ބައެއް އިދާރާތަކުގެ ސިސްޓަމްތަކާއި ޑޭޓާ މިހާރުވެސް މިޑޭޓާ ސެންޓަރުގައި ރައްކާކުރެއެވެ. އެހެން ނަމަވެސް މިހާރު މިޑޭޓާ ސެންޓަރުގައި ސިސްޓަމްތަކާއި މައުލޫމާތު ހޯސްޓް ކުރުމަށް އޮންނަ އުސޫލަކީ އިދާރާއަކުން އެކަމަށް ބޭނުންވުމެވެ. އެހެން ނަމަވެސް މިއީ އޮޕްޝަނަލް ކަމެއް ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް ހުރިހާ އިދާރާއަކުން މިކަމަށް އަމަލުކުރަން ޖެހުން އެއީ ބެސްޓް ޕްރެކްޓިސްއެވެ. މިއީ ދުނިޔޭގައި ކުރިއަރާފައިވާ އީގަވަމަންޓް ނިޒާމުތައް ހިންގާ ގައުމުތަކުގައި ކަންތައް ކުރާ ގޮތެވެ. އަދި މިކަމަށް މަގު ފަހި ކުރުމަށް ކޮންމެ އިދާރާތަކަށް ވަކި ވަކިން އިންފްރާސްޓްރަކްޗަރ ހޯދުމުގެ ބަދަލުގައި ސެންޓްރަލް ޑޭޓާ ސެންޓަރުގެ އިންފްރާސްޓަކްޗަރ އިތުރުކުރުން މުހިއްމެވެ. މިކަމުން މުޅި ސަރުކާރުގެ އައިޓީއަށް ކުރާ ހަރަދު ވެސް ކުޑަވެގެން ދާނެއެވެ.


އިހުމާލުގެ އަގަކީ ކޮބާ؟

މިފަހުން ދިމާވެގެން އުޅޭ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ކުރަންޖެހެނީ ހަމައެކަނި ގެއްލުނު ރެކޯޑްތަކުގެ އަދަދަކުން ނޫނެވެ. ގެއްލުން ލިބުނު އިމާރާތުގެ އަގަކުން އެކަންޏެއް ނޫނެވެ. މިކަމުގައި ހިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ ވަގުތު ހިމަނަން ޖެހެއެވެ. ސަރުކާރުގެ އޮޕަރޭޝަންތަކަށް އައި ބަދަލުތައް ހިމަނަން ޖެހެއެވެ. އަދި އެތަށް ދުވަހެއް ފަހުން ރެކޯޑްތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި މިކަމުން އުފެދޭނެ ފްރޯޑްތައް އަގުކުރަން ޖެހެއެވެ. ގެއްލުނު މައުލޫމާތު އަދާހަމަކުރަން ރައްޔިތުންނާއި ސަރުކާރު ހޭދަކުރަން ޖެހޭ ވަގުތާއި ކުރަންޖެހޭ މަސައްކަތް އަގުކުރަން ޖެހެއެވެ. އަދި އެންމެ އަދަދު ކުރަން އުނދަގޫ ވާނެ އެއްކަމަކީ ސަރުކާރަށް ކުރާ އިތުބާރެވެ.

ސަރުކާރުގެ އިދާރާތަކުގެ އައިޓީ އިންފްރާސްޓްރަކްޗާރ ބެލެހެއްޓުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް މިހާރުވެސް ހަރަދުކުރެއެވެ. އެހެން ނަމަވެސް ހަރުދަނާ ޑޭޓާ ބެކަޕް އަދި ޑިޒާސްޓަރ ރިކަވަރީ އުސޫލުތަކެއް ނެތުމުން ދޭހަވަނީ މިހަރަދުތަކުގެ އެއްވެސް މާނައެއް ނެތްކަމެވެ. ކުރިން ހަރަދު ކުޑަކުރުމަށް ބެކަޕް ޕްރޮޓޮކޯލްތަކެއް އެކުލަވާނުލުމުގެ ސަބަބުން މިހާރު ކުރަންޖެހޭ ހަރަދު މާބޮޑެވެ.

މިފަދަ ހާދިސާތަކުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކާމެދު އާންމުންގެ އިތުބާރު ގެއްލިގެންދެއެވެ. އިދާރާތަކުން ބަލަހައްޓަންޖެހޭ މުހިންމު ޑޭޓާ ރައްކާތެރިކުރުމަށް ނާކާމިޔާބުވެގެން ދާތަން ފެނުމުން އެވަނީ އިދާރާގެ ވެއްޓުމަކަށެވެ. މިކަމުން ދޭހަވަނީ ރައްޔިތުންގެ މައުލޫމާތުގެ ރައްކާތެރިކަމަކީ އިދާރާތަކަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.


މިކަމުގައި ޒިންމާވާނީ ކާކު؟

ޑިޖިޓަލް އެތައް ކުރިއެރުމެއް ލިބިފައިވާ ޒަމާނެއްގައި، އިދާރާތަކުގައި ޑޭޓާ މެނޭޖްކުރުމަށް އެންމެ ފަހުގެ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅެން ނުކުޅެދުންތެރިވުމަކީ ނުވަތަ އެގޮތަށް އެކަން ކުރަން ބޭނުންނުވުމަކީ އަހަރުމެންނަށް ލިބޭ ނިކަމެތި ކަމެކެވެ. ބޭކާރު ވެގެން ދާ ބޮޑު ފުރުސަތެކެކެވެ. ދުނިޔޭގެ ފެންވަރުގައި އެހެން ސަރުކާރުތަކުން އިންވެސްޓް ކުރަމުންދަނީ ކޮންޓިނިއުޓީއާއި ރެސިލިއެންސް ކަށަވަރުކޮށްދޭ ހަރުދަނާ، ސެންޓްރަލް ނިޒާމުތަކަށެވެ. މިފަދަ ނިޒާމުތައް ލިބެން ހުރި އިރު މިކަންތައް ކުރުމަށް ނުކުޅެދުމުގެ ނަތީޖާއަކަށް ވެގެންދަނީ ރައްޔިތުންނާއި ޤައުމު ކުރިނޭރުމެވެ. ކުރި އަރަނީ ނަމެއްގައެވެ. ނުވަތަ ކަރުދާހުގައެވެ. އަމަލީ ގޮތުން ގައުމު އޮންނަނީ ވަރަށް ފަހަތުގައެވެ.

އަސްލު އެންމެ ބޮޑު ސުވާލަކީ މި ގެއްލުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ އެއީ ހަމައެކަނި ޓެކްނޮލޮޖީގޮތުން ލިބުނު ވެއްޓުމެއް ހެއްޔެވެ؟ ނޫންނަމަ ޒިންމާ އަދާކުރަންޖެހޭ ބައެއްގެ ވެއްޓުމެއް ހެއްޔެވެ. މި ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުމާއި، ގެއްލިގެން ދިޔަ ޑޭޓާގެ ތަފްސީލެއް ހާމަ ނުކުރުމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއް ހެއްޔެވެ؟ ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައެވެ. ސަރުކާރު ބަލަހައްޓަނީ ރައްޔިތުންގެ މައުލޫމާތެވެ. ރައްޔިތުންނަށް ޖަވާބުދާރީ ވުން ލަސްވަނީ ކީއްވެ ހެއްޔެވެ؟


ދެން ހަދާނީ ކިހިނެއް؟

އާންމު ރައްޔިތުންގެ ހައިސިއްޔަތުން ގިނަބަޔަކު އެއްބަސް ވާނެ އެއް ކަމަކީ ސަރުކާރުގެ ޑޭޓާ ސްޓޯރޭޖް އަދި ޑޭޓާ ބެކަޕްގެ އުސޫލުތައް އެކުލަވާލުން މުހިއްމުކަމެވެ. މިފަދަ އުސޫލުތަކެއް އެކުލަވާފައި ހުރި ކަމެއް ނެތްކަމެއް ވެސް ގިނަ ބަޔަކަށް ނޭގެއެވެ. ސެންޓްރަލް ޑޭޓާ ސެންޓަރ މެނޭޖް ކުރާ ބަޔަކު އަމަލުކުރާ ވަކި އުސޫލުތަކެއް ހުރުން އެކަށީގެންވެއެވެ. އަދި ވަކި ވަކި އިދާރާތަކުން އަމަލުކުރާ އުސޫލުތަކެއް ވެސް ހުރެދާނެއެވެ. އެހެން ނަމަވެސް ދެރަކަމަކީ އެއް ފެންވަރެއްގައި އެއް މިންގަނޑަކުން އެކަން ތަންފީޒު ނުކުރެވޭކަމެވެ. މިޒަމާނަށް އެކަށޭނެ، ހުރިހާ އިދާރާއަކުން އަމަލުކުރާ، ޑޭޓާ ސްޓޯރޭޖް އަދި ބެކްއަޕް އުސޫލުތަކެއް އެކުލަވާލާ ތަންފީޒުކުރުން މިހާރުވެސް މާލަސްވެއްޖެއެވެ. މިކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރުމާއި، އެއަށް އަމަލުކުރުމަށް އިދާރާތައް ޒިންމާދާރުކުރަން ވެއްޖެއެވެ.

ކޮންމެއަކަސް މިއުސޫލުތައް ނެތްނަމަ އެކުލަވާލާ، ޒަމާނީ ކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިހާރު ދިމާވެގެން މިއުޅޭ އަލިފާނުގެ ހާދިސާ ވެގެން ދާނީ ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ ކާރިސާތަކުގެ އިންޒާރަކަށެވެ. ދެން ކުރިމަތި ވެދާނެ ހާދިސާއަކަށް ވެސް ރައްކާވެ ތިބިއްޔާ ދަތުރެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.