އެމްއައިޓީގެ "ގްރޯވިންގ އައިލެންޑްސް" މަޝްރޫއު ރާއްޖޭގައި

ހިންދު ޢަލީ 08 ޖެނުއަރީ 2025

މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް އެކި މިންވަރަށް އަސަރުކުރެއެވެ. ދިވެހިރާއްޖެ ފަދަ ތިރި ގައުމުތަކަށް ކުރިމަތިވާ ތިމާވެށީގެ ގޮންޖެހުންތަކާއި މެދު ވަރަށް ގިނަ ގައުމުތަކުން ދިރާސާކޮށް، މިގޮންޖެހުންތަކުން އަރައިގަންނާނެ އައު ހައްލުތަކެއް ދަނީ ހޯދަމުންނެވެ.

މިގޮތުން ކްލައިމެޓް ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނި އިންވީނާއާއި އެމެރިކާގެ މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ސެލްފް އެސެމްބްލީ ލެބް ގުޅިގެން، ރަށް ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ހައްލު ހޯދުމަށް ހިންގާ "ގްރޯވިންގ އައިލެންޑްސް" މަޝްރޫއަކީ 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ދާދި ފަހުން އެމްއައިޓީގެ ވެބްސައިޓުގައި ޕަބްލިޝްކޮށްފައިވާ އާޓިކަލްއެއްގައި ބުނާގޮތުން ގްރޯވިންގ އައިލެންޑްސް މަޝްރޫއަކީ ގުދުރަތީގޮތުން އުފެދޭ ރާޅާއި، ކަޑުގައި އުފެދޭ އޮއިވަރު ބޭނުންކޮށްގެން ރަށްތައް ގިރުމުގެ މައްސަލައަށް ހައްލު ހޯދާ، އައްސޭރިފަށް އާލާކުރުމުގެ މަސައްކަތްކުރާ މަޝްރޫއެކެވެ. މިމަޝްރޫއުގައި ކަނޑުއަޑީގައި ސްޓަރކްޗަރތަކެއް ބިނާކޮށް އެތަކެތީގެ އެހީގައި، ރާޅާއެކު އަންނަ ވެލި ޖަމާކޮށް، ގިރައިގެން ގޮސްފައިވާ އައްސޭރި އަލުން ބިނާކުރެއެވެ.

2019 ވަނަ އަހަރު އެންމެ ފުރަތަމަ މިޓީމުން ރާއްޖޭގައި ހިންގީ މިކޮންސެޕްޓް މަސައްކަތް ކުރާގޮތުގެ ފީލްޑް އެކްސްޕެރިމެންޓް ތަކެކެވެ. މިއެކްސްޕެރިމެންޓްތަކުން ކުރީގައި ދެންނެވުނު ފަދައިން ކަނޑުގައި ސްޓަރކްޗަރތަކެއް އެކުލަވާލާ ގުދުރަތީ ގޮތުން ޖަހާ ރާޅު ބޭނުންކޮށްގެން އައު ރަށް އުފެއްދުމަށް ނުވަތަ ގިރައިގެން ގޮސްފައިވާ އައްސޭރިފަށްތައް އަލުން އާލާކުރުމުގެ ޕްރޮސެސް ފެނިގެން ދިޔައެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން މިއެކްސްޕެރިމަންޓް ކުރިއަށް ގެންގޮސް މިހާރު ވަނީ މިކަމުގައި ބޭނުންކުރާ ސްޓްރަކްޗަރއަށް އެކި ބަދަލުތައް ގެނެސްފައެވެ. އެމްއައިޓީއިން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގައި މިމަޝްރޫއު ކުރިއަށްދާ ގޮތުން ތަފްސީލާއި ޓައިމްލައިން ހިމަނާފައިވެއެވެ.

އެމްއައިޓީ ސެލްފް އެސެމްބްލީ ލެބްގެ ފައުންޑަރ އަދި އެމްއައިޓީގެ ޕްރޮފެސަރ އޮފް ޑިޒައިން ރިސަރޗް، ސްކައިލަރ ޓިބިޓްސް، ދީފައިވާ ޓެޑް ޓޯކްސް ވީޑިއޯގައި މިމަޝްރޫއު ފެށުނުގޮތާއި ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލު ހިމެނެއެވެ.

ރަށްރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ބޭނުންކުރާ ސްޓްރެޓެޖީތަކުގައި އާންމުކޮށް ވިސްނާފައި ހުންނަނީ ކަނޑާއި "ހަނގުރާމަ" ކުރާ ވިސްނުމެއް ކަމަށް މިޓީމުން ބުނެއެވެ. ކަޑުގެ އޮއިވަރު ހުއްޓުވުމާއި، ރާޅުތައް މަތަކުރެވޭނެ ގޮތްތަކެއް ހޯދުމުގެ ވިސްނުމެވެ. އަދި ޖެޓީތައް ހެދުމާއި، ތޮށިތައް ރޭނުމާއި ކަޑުގެ ވެލިގަނޑު ކޮނެގެން ނަގާ، އަހަރުމެން ބޭނުންވާ ގޮތަށް އަލުން ތަރުތީބު ކުރުމުގެ ވިސްނުމެވެ. މިފަދަ ކަނޑާއި ދެކޮޅަށް ކުރާ "ހަނގުރާމައިގައި" ބައެއް ފަހަރަށް ފެންނަ ނަތީޖާއަކީ ކަނޑު މޮޅުވުމެވެ. އަދި އަހަރުމެން އުފައްދާ ގޮތްތައް ފެއިލްވެ އަހަރުމެންގެ ތިމާވެށި ހަލާކުވާ މިންވަރު ބޮޑުވެއެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރިން ގިނައިން ބޭނުންކުރަމުން އަންނަ ގޮތްތަކުގެ ތެރޭގައި ޑްރެޖްކުރުމާއި ރަށް ވަށާ ތޮށި ބިނާކުރުން ފަދަ ގޮތްތައް ހިމެނެއެވެ. ތިމާވެށީގެ ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި މިފަދަ ގޮތްތަކުން ގިނަ ފަހަރަށް ރަށްގިރުމުގެ މައްސަލައަށް ލިބެނީ ވަގުތީ ލުޔެކެވެ. އަދި މިގޮތްތަކުން ތިމާވެއްޓަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ރާއްޖޭގެ ރަށްތަކުގައި ވެސް ރަށް ގިރުމުން ރަށް ހިއްކުމަށްޓަކައި ކަނޑުން ވެލި ޑްރެޖްކޮށްގެން ރަށް އާލާކުރުމަކީ އާންމުކޮށް ފެންނަ ކަމެކެވެ.

އެމްއައިޓީގެ ސެލްފް އެސެމްބްލީ ލެބްގެ މިމަޝްރޫއުގައި ރަށް އާލާކުރުމަށް ބޭނުންކުރާ އުސޫލަކީ ޑްރެޖްކޮށްގެން ބިން ހިއްކުމުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް ދިމާނުވާނޭ ގޮތެއް ކަމަށް މިޓީމުން ފާހަގަކުރެއެވެ. މިކަމަކީ ހަމައެކަނި ބިން ހިއްކުމަށް ބޭނުން ކުރެވޭނެ ގޮތެއް ނޫން ކަމަށާއި އައްސޭރިފަށް ހިމާޔަތްކުރުމަށް ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައިވެސް މިގޮތް ބޭނުން ކުރެވިދާނެ ކަމަށް މިޓީމުން ބުނެއެވެ.

ގުދުރަތާއި ދެކޮޅަށް ކުރާ ކަންތައްތަކާއި ތަފާތުކޮށް، ގްރޯވިންގ އައިލެންޑްސް މަޝްރޫއުގައި މަސައްކަތް ކުރަނީ ގުދުރަތާ އެއްކޮށެވެ. ގުދުރަތީ ގޮތުން ކަނޑުގައި އުފެދޭ ރާޅު ބޭނުންކޮށްގެން ރާޅާއި އޮޔާއި މަސައްކަތް ކުރާ ފަދަ އެއް އުސޫލަކުންނެވެ. ވެލި ޖަމާކުރަން ބޭނުންވާ ސަރަހައްދެއްގައި ރާޅު ޖަހާ ގޮތްތައް ދިރާސާކޮށް އެސަރަހައްދަކަށް އެންމެ އެކަށީގެންވާ ގޮތަށް ކަނޑުއަޑީގައި ސްޓްރަކްޗަރތަކެއް އަތުރަނީއެވެ. އަދި ރާޅުގެ އެހީގައި ބޭނުންވާ ތަންތަނުގައި ވެލި ޖަމާކުރުމަށް ބާރުއަޅަނީއެވެ. މީގެ ސަބަބުން ގުދުރަތީ ގޮތުން ރަށް އުފެދޭގޮތް ކޮޕީކޮށް ބޭނުންވާ ސަރަހައްދުގައި ރަށް އުފެއްދުމަށް މަގުފަހިވެއެވެ.

Growing Islands Exhibit in MIT Museum, Photo: Anna Olivella

ރާއްޖޭގައި ކުރިއަށްދާ ފީލްޑްވޯކްގެ އިތުރުން މިމަޝްރޫއުގެ ދަށުން މިގޮތަށް ރަށް އާލާކުރުމުގެ ގޮތް ދައްކައިދޭ އެގްޒިބިޓެއް އެމްއައިޓީ މިއުޒިއަމްގައި އެބަހުއްޓެވެ. މިއެގްޒިބިޓްގައި ފެނާއި ވެލި ހިމެނޭ ބޮޑު ޓޭންކެއްގައި، ޕަމްޕުތަކެއް އެހީގައި ގުދުރަތީ ރާޅު ސިމިއުލޭޓްކޮށް އުފައްދައެވެ. އަދި ރާޅުތަކާއި އަޑީގައި ބަހައްޓާފައިވާ ސްޓްރަކްޗަރގެ ސަބަބުން ވެލި ޖަމާވާގޮތް އެގްޒިބިޓަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދައްކާލައެވެ. މިއިންޓަރެކްޓިވް ޑިސްޕްލޭއަކީ، ރަށް ގިރުމާއި ކަޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާތަކުން ރަށްތައް ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް އާންމުންނަށް އުނގަންނައިދޭ އެގްޒިބިޓެއް ކަމަށް އެމްއައިޓީއިން ފާހަގަކުރެއެވެ.

ގްރޯވިންގ އައިލެންޑްސް މަޝްރޫއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލުހޯދުމުގައި ގުދުރަތީ އުސޫލުތައް ބޭނުންކުރާ ގުދުރަތީ ގޮތްތަކުން އިންސްޕަޔަރވާ، ދެމެހެއްޓެނިވި ހައްލު ހޯދުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށްގިރުމުގެ މައްސަލަތަކަށް ހައްލުގެނެސްދޭ، ކަނޑުގެ އޮޔާއި ރާޅު ބޭނުންކުރާ މިގޮތަކީ އެމްއައިޓީގެ ސެލްފް އެސެމްބްލީ ލެބާއި އިންވީނާ ކުންފުނިން އަލަށް ތަޖުރިބާކުރާ، އެހެންނަމަވެސް ވަރަށް އުންމީދީ ނަތީޖާ ފެންނަން ފަށާފައިވާ ބަދަލެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.