ޗައިނާގެ މަޝްހޫރު އޭއައި ކުންފުނި އިންޖިން އޭއައި އިން ތަޢާރަފްކުރި ރޮބޮޓެއް ފުރަތަމަ ފަހަރަށް ފްރަންޓް ފްލިޕް ޖަހައިގެން (ކުރިމައްޗަށް ބުރުއަޅައިގެން) ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
އިންޖިން އޭއައިގެ ޕީއެމް01 ރޮބޮޓަކީ ފްރަންޓް ފްލިޕް ޖެހި ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ކަމަށް ވާއިރު، މި ކުންފުނިން ވަނީ އެ ރޮބޮޓް މި ޙަރަކާތް ކުރާ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ވީޑިއޯގައި ދައްކާގޮތުން، ރޮބޮޓް ފްރަންޓް ފްލިޕް ޖަހާ ނިމުމުން އަޑުއިވެނީ އަތްތިލަބަޑި ޖަހާ އަޑެވެ. ވީޑިއޯގެ ފަހު ބައިގައި، ޕީއެމް01 ރޮބޮޓް ޝެންޒެން ޓޫރިސްޓް އިންފޮމޭޝަން ސެންޓަރުގައި ހިނގާ އުޅޭ މަންޒަރު ދައްކައެވެ.
ޝެންޒެންގައި މައި އޮފީސް ހުންނަ އިންޖިން އޭއައިން ޕީއެމް01 ތަޢާރަފުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިއީ އެ ކުންފުނީގެ އެސްއީ01 ނަމަކަށް ކިޔާ ބޮޑު ސައިޒުގެ ރޮބޮޓުގެ ކުޑަ ވަރޝަނެކެވެ.
އިންޖިން އޭއައިން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެސްއީ01 ރޮބޮޓް އިންސާނުންނާ އެއްގޮތަށް ހިނގާ މަންޒަރު ދައްކައި، ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. ޕީއެމް01 ވެސް އިންސާނުންނާ އެއްގޮތަށް ހިނގާކަން ފާހަގަކުރެވެއެވެ.
އިންޖިން އޭއައިގެ ޕީއެމް01 އަދި އެސްއީ01 ރޮބޮޓުތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް ވައިރަލްވަމުންދާއިރު، ފަހަކަށް އައިސް މި ރޮބޮޓުތައް ތަމްރީނުކުރާ މަންޒަރާއި، މަގުމަތީގައި ފުލުހުންނަށް އެހީތެރިވާ މަންޒަރާއި، އާންމުންނާ މުޢާމަލާތްކުރާ މަންޒަރު ދައްކާ ވީޑިއޯތައް ގިނަވަމުންދެއެވެ.
ޗައިނާގެ ސަރުކާރުގެ މީޑިއާތަކުން ބުނާގޮތުގައި، ޝެންޒެންގެ ފުލުހުންގެ އިދާރާއިން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސްއާއި ޤާނޫނު ތަންފީޒުކުރުން އެއްކޮށްލުމުގެ ތަޖުރިބާ މަޝްރޫޢެއްގެ ދަށުން ޕީއެމް01 ރޮބޮޓުތައް ޓެސްޓުކުރަމުންނެވެ.
ޕީއެމް01 ރޮބޮޓުގެ ފްރަންޓް ފްލިޕް ވަރަށް ފާހަގަކުރެވޭ ކަމެއް ނަމަވެސް، ބޮޑު ސައިޒުގެ އެސްއީ01 ރޮބޮޓަށް މިކަން ކުރަން އުނދަގޫވާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެހެނީ ޕީއެމް01 ގެ އުސްމިނަކީ 1.38 މީޓަރު ކަމަށްވާއިރު، އެސްއީ01 އަށްވުރެ 27 ސެންޓިމީޓަރު ކުރުއެވެ. އަދި ޕީއެމް01 ގެ ބަރުދަނަކީ 40 ކިލޯގްރާމް ކަމަށްވާއިރު، އެސްއީ01 އަށްވުރެ 8 ކިލޯގްރާމް ލުއެވެ.
މާހިރުން ބުނާގޮތުގައި އިންސާނުންނަށް އަދި ރޮބޮޓުތަކަށް ވެސް ފްރަންޓް ފްލިޕް ޖެހުމަކީ ބެކް ފްލިޕް (ފަހަތަށް ބުރުއެޅުން) މަށްވުރެ މާ އުނދަގޫ ކަމެކެވެ. ބެކް ފްލިޕް ޖަހާއިރު ހަށިގަނޑުގެ ބަރުދަން ހުންނަނީ އެއް ހަމައެއްގައި ކަމަށްވާއިރު، ފްރަންޓް ފްލިޕް ޖަހާއިރު ބަރުދަން ކުރިއަށް ޖެހެއެވެ. މިއީ ބެލެންސް ހިފެހެއްޓުމަށް އުނދަގޫވާ ކަމެކެވެ. އަދި ބެކް ފްލިޕް ޖަހާއިރު ފައިން ވަރުގަދައަށް ޕުޝް ކުރެވޭއިރު، ވައިގައި އުދުހޭ ވަގުތު ބަދަލުތައް ގެނައުމަށް ވެސް ވަގުތު ލިބެއެވެ. ފްރަންޓް ފްލިޕް ކާމިޔާބުވި ނަމަވެސް، ބިމަށް ފައިބާއިރު ބެކް ފްލިޕްއަށްވުރެ ގަދައަށް ތެޅެއެވެ.
ކުރު ހިއުމަނޮއިޑް ރޮބޮޓުތަކަށް ފްރަންޓް ފްލިޕް ޖެހުމަށް ފަސޭހަވަނީ އެ ރޮބޮޓުތަކުގެ ބަރުދަން ހުންނަ ހިސާބު ތިރީގައި ވާތީއެވެ. މިފަދަ ރޮބޮޓުތައް ވެއްޓުމަށް އުނދަގޫވެ، ދައުރުވުމަށް ބޭނުންވާ ބާރު ވެސް ކުޑައެވެ. އަދި ބޮޑެތި ހިއުމަނޮއިޑް ރޮބޮޓުތަކަށް ބިމަށް ފައިބާއިރު ކުރާ އަސަރު ހިފެހެއްޓުމަށް ވަރުގަދަ ޖޮއިންޓުތައް ބޭނުންވެއެވެ.
ޕީއެމް01 ރޮބޮޓަކީ ޔުނިޓްރީ ޖީ1 އަދި ބޫސްޓަރ ރޮބޮޓިކްސްގެ ޓީ1 ފަދަ ޗައިނާގެ އެހެން ކުރު ހިއުމަނޮއިޑް ރޮބޮޓުތަކާ ވާދަކުރާ ރޮބޮޓެކެވެ. މި ތިން ރޮބޮޓަކީ ވެސް މައިގަނޑު ގޮތެއްގައި ދިރާސާކުރާ ފަރާތްތަކާއި ޑިވެލޮޕަރުންނަށް އަމާޒުކޮށްފައިވާ ރޮބޮޓުތަކެކެވެ. ޕީއެމް01 ފާހަގަކުރެވެނީ ޖީ1 ގެ އަގު ކަމަށްވާ 16,000 ޑޮލަރަށްވުރެ ވެސް އަގު ހެޔޮވުމުންނެވެ.
ދުނިޔޭގައި ބެކް ފްލިޕް ޖެހި ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓަކީ ބޮސްޓަން ޑައިނަމިކްސްގެ އެޓްލަސް ރޮބޮޓެވެ. މި ރޮބޮޓުން ބެކް ފްލިޕް ޖަހާފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ހައިޑްރޯލިކް ބާރުން މަސައްކަތްކުރާ މި ރޮބޮޓުގެ ފުރިހަމަ ބެލެންސާއި، ކޯޑިނޭޝަނާއި، ކޮންޓްރޯލް އޭރު ފާހަގަކުރެވުނީ އާ ހޯދުމެއްގެ ގޮތުގައެވެ.
ޔުނިޓްރީގެ އެޗް1 ރޮބޮޓަކީ ބެކް ފްލިޕް ޖެހި ފުރަތަމަ ފުލީ އިލެކްޓްރިކް ހިއުމަނޮއިޑް ރޮބޮޓެވެ. މި ރޮބޮޓުން ބެކް ފްލިޕް ޖަހާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އެޓްލަސް ރޮބޮޓުގެ އިލެކްޓްރިކް ވަރުޝަނުން ބެކް ފްލިޕް ޖަހާ މަންޒަރު ދައްކުވައިދީފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.