ސިންގަޕޫރުގެ ނަންޔަންގ ޓެކްނޮލޮޖިކަލް ޔުނޮނިވާސިޓީއާއި ސްވިސާލެންޑގެ ޔުނިވަރސިޓީ އޮފް ޖެނީވާގެ ސައިންސްވެރިންގެ ޓީމެއެވަނީ އެންޓިބަޔޮޓިކް އަސަރު ނުކުރާ ބެކްޓީރިޔާގެ ސަބަބުން ދިމާވާ ދިގުދެމިގެންދާ ޒަޚަމްތަކަށް ފަރުވާއެއް ހޯދާފައެވެ. ހަކުރުބަލި ފަދަ ބަލިތަކުގެ ސަބަބުން ދިމާވާ ދިގުދެމިގެންދާ ޒަޚަމްތައް މި ފަރުވާގެ ސަބަބުން އަވަހަށް ރަނގަޅު ވާނެކަމަށް މިޔާގުޅިގެން ސައިންސް އެޑްވާންސޭސްގައި ޝާއިރުކޮށްފައިވާ ދިރާސާގައި ބުނެފައިވެއެވެ.
އެމީހުންގެ ދިރާސާއިން ވަނީ އާންމުކޮށް ފެތުރިފައިވާ ބެކްޓީރިއާއެއްކަމަށްވާ އެންޓިރޯކޮކަސް ފޭކަލިސް ޒަޚަމް ރަނގަޅުވުން ހުއްޓުވާ ގޮތް ބަޔާންކޮށްފައިވެއެވެ. ވިހަ މާއްދާތައް ދޫކޮށް ޓިޝޫތަކަށް ގެއްލުންދޭ ގިނަ ބެކްޓީރިއާތަކާ ހިލާފަށް، މި ބެކްޓީރިއާ އިން ހައިޑްރޯޖަން ޕެރޮކްސައިޑް ފަދަ ރިއެކްޓިވް އޮކްސިޖަން ސްޕީޝީސް (ROS) އުފައްދައި، އިންސާނާގެ ހަމުގެ ސެލްތަކުގައި އޮކްސިޑޭޓިވް ސްޓްރެސް އުފެދާފައި ޒަޚަމް ރަނގަޅުވުން ހުއްޓުވައެވެ. މިކަންތައް ހާސިލްކުރުމަށް ކުރިން ދެނެގެފައިނުވާ، އެކްސްޓްރާސެލިއުލަރ އިލެކްޓްރޯން ޓްރާންސްޕޯޓް (އީއީޓީ) ކިޔާ ނިޒާމަކުން ހައިޑްރޯޖަން ޕެރޮކްސައިޑް އުފައްދައެވެ. މީގެ ސަބަބުން ހަމުގެ ޒަޚަމްތައް ރަނގަޅުކުރާ އަންފޮލްޑަޑް ޕްރޮޓީން ރެސްޕޮންސް (ޔޫޕީއާރް) ފަދަ ނިޒާމުތައް ހުއްޓުވައެވެ.
މި ދިރާސާގެ ހޯދުންތަކުން އީ.ފެކަލިސް ފަދަ ބެކްޓީރިޔާ ޒަޚަމްތައް ރަނގަޅުވުން ހުއްޓުވާ ނިޒާމުވެސް ވަނީ ކަށަވަރުކޮށްފައެވެ. މި ދިރާސާގައި އީ.ފެކަލިސްގައި އީއީޓީ ނިޒާމު ނަގާފައިވާ ޖެނެޓިކަލީ މަޑީފައިޑް ސްޓްރޭންޑްތަކުގައި ޒަޚަމްތައް ރަނގަޅުވުމަށް އެެއްވެސް ވަރަކަށް ބުރޫއަރާފައިނުވާކަމަށް ފާހަގަކުރެވިފައިވެއެވެ. މި ސްޓްރޭންޑްތަކުގައި ހައިޑްރޯޖަން ޕެރޮކްސައިޑް އުފައްދާ އަދަދު ކުޑަވުމުގެ ސަބަބުން މި ބަދަލު އައިސްފައިވާކަމަށް ދިރާސާވެރިންނަށް ބެލެވެއެވެ. މި ހޯދުންތަކުގެ އަލީގައި ދިރާސާވެރިން މި ބެކްޓީރިޔާ ނައްތާލުމުގެ ބަދަލުގައި އޭގެން ނިކުންނަ ނޭދެވޭ ވިހަތަކެތި ނައްތާލުމަށް މަސައްކަތްކުރިއެވެ.
އެންޓީޔޫގެ ޓީމުން ހޯދާފައިވާގޮތުން ހައިޑްރޯޖަން ޕެރޮކްސައިޑް ނިއުޓްރަލައިޒް ކުރުމަކީ މި އަސަރު ހުއްޓޭނެއެވެ. މިކަންތައް ހާސިލުކުރުމުގެ ގޮތުން އެ ދިރާސާވެރިން އަސަރުވެފައިވާ ހަންތަކަށް ގުދުރަތީގޮރުން ފަރުވާދޭ އެންޒައިމެއްކަމަށްވާ ކެޓަލޭޒް ބޭނުންކުރެއެވެ. މި އެންޒައިމްގެ އެހީގައި ހަމުގެ ސެލްތަކަށް ދިމާވާ ސްޓްރެސް މަދުކޮށްދެއެވެ. މި ހޯދުންތަކުގެ އަލީގައި މިފަދަ އެންޒައިމްތައް މެދުވެރިކޮށް ހަކުރުބަލީގެ ސަބަބުން އުފެދޭ ފައިގެ އަލްސާރުތައް ފަދަ ދިގުދެމިގެންދާ ޒަޚަމްތަކަށް އައު އެންޓިބަޔޮޓިކްތަކާއި ފަރުވާތައް ހޯދޭނެކަމަށް ދިރާސާވެރިން ޤަބޫލުކުރެއެވެ.
މިވަގުތު މި ހޯދުންތަކުގެ އަލީގައި ވަގުތުން ބޭނުންކުރެވޭ ފަރުވާއެއް ނެތް ނަމަވެސް، މުސްތަޤުބަލުގައި މީގެން ދިގުދެމިގެންދާ ޒަޚަމްތަކަށް ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ. މިކަމާ ގުޅިގެބް މިހަރު ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓުކުރަމުން ދާއިރު، މުސްތަޤުބަލުގައި މި ފަރުވާ ދެވޭނެ އެންމެ ރަނގަޅު ނިޒާމު ދެނެގަތުމަށް ފަހު އިންސާނުންގެ ކްލިނިކަލް ޓްރައިލްތަކަށް އެންޓީޔޫއިން ކުރިޔަށް ދާނެކަމަށް ބުނެފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.