ގޫގަލްއިން އެމެރިކާގެ ކްރޯމް ޔޫޒަރުންނަށް އާ އޭއައި ފީޗަރތަކެއް އެބަ ތައާރަފުކުރެއެވެ. މިގޮތުން ކްރޯމް ޔޫޒަރުންނަށް އޭއައި މެދުވެރިކޮށް ފޮޓޯ ޖެނަރޭޓްކުރެވޭނެ އައު ފީޗަރެއް ފާހަގަކޮށްލެވެއެވެ. ނެނޯ ބަނާނާގެ ނަމުން މަޝްހޫރުވެފައިވާ އޭއާއި އިމޭޖް ޖެނަރޭޓްކޮށް އެޑިޓުކުރާ މި ޓޫލަކީ ކްރޯމް ބްރައުޒަރަށް ޑެސްކްޓޮޕުން ލޮގްއިން ވެފައިވާ ޔޫޒަރުންނަށް ހަދާފައިވާ ފީޗަރެކެވެ.
ނެނޯ ބަނާނާއަކީ މިދިޔަ އަހަރު ގޫގަލް ޖެމިނީގައި އޭއައި ޖެނަރޭޓްކޮށް އެޑިޓްކުރުމަށް ތައާރަފުކުރި މޮޑަލެކެވެ. މި މޮޑަލަކީ އޭއައި މެދުވެރިކޮށް އޮމޭޖް ޖެނަރޭތްކުރަން ގޫގަލުން ކުރިން ބޭނުންކުރަމުން ދިޔަ މޮޑަލް އިތުރަށް ރަނގަޅުކޮށް ސީދާ ޖެމިނީގައި އެޑިޓްކުރެވޭ ގޮތައް ހަދާފައިވާ ފީޗަރެކެވެ. މި މޮޑަލް އިމޭޖް ޖެނަރޭޓްކުރުމަށް ވުރެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭތި މެދުވެރިކޮށް އަޕްލޯޑްކުރެވޭ އިމޭޖްތައް ފަސޭހަކަމާއެކު އެޑިޓްކުރެވޭކަމެވެ.
މިގޮތުން މިހާރު ކްރޯމުން ޖެމިނީ ސައިޑްބާރއެއް މެދުވެރިކޮށް މި މޮޑަލް ބޭނުންކޮށްގެން އިމޭޖް ޖެނަރޭޓްކޮށް އެޑިޓްކުރެވޭނެއެވެ. މި އާ ފިޗަރުގެ ސަބަބުން އެކިކަހަލަ ޔޫޒަރުންނަށް އިންޓަނެޓޫން އެހެން ކަންކަން ކުރަމުން ދާއިރުގައި އާ ޓެބެއް ނުކުޅުވައި ފަސޭހަކަމާއެކު އަވަހަށް އިމޭޖްތައް ހަދާ އެޑިޓް ކުރެވޭނެއެވެ.
މީގެއިތުރުން ގޫގަލް އޭއައި ޕްރޯ އަދި އޭއައި އަލްޓްރާ އެކައުންޓްތައް ބޭނުންކުރާ އެމެރިކާގެ ޔޫޒަރުންނަށް ޕާސަނަލް އިންޓަލިޖަންސް ކިޔާ އޭއައި އެސިސްޓަންޓެއް ވެސް ބޭނުންކުރެވެއެވެ. މި ފީޗަރު ބޭނުންކޮށްގެން ޔޫޒަރުންގެ ގޫގަލް އެކައުންޓާއި ގުޅާލާފައިވާ ޖީމެއިލް، ޔޫޓިއުބް. ގޫގަލް ފޮޓޮސް ފަދަ އެހެން އެޕްތަކުން ލިބޭ ޑޭޓާ ބޭނުންކޮށްގެން ޔޫޒަރުންނަށް ޕާސަނަލައިޒްކޮށްގެން މި ފީ ޗަރު މެދުވެރިކޮށް ޔޫޒަރުންނަށް ޖަވާބުދޭނެއެވެ. މީގެ އިތުރުން މިޔާއި ކުރިން ދެކެވޭ ވާހަކަތައް ހަނދާންކޮށް އެއާވެސް ދެވޭ ޖަވާބުތައް ފަރުމާކުރެއެވެ. ނެނޯ ބަނާނާއެކޭ ވެސްް އެއްފަދައިން މި ފީޗަރަކީ ކުރިން ޖެމިނީ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ ފީޗަރެކެވެ.
މި އޭއައި އޭޖެންޓް މެދުވެރިކޮށް "އޮޓޯ ބްރައުޒިން" ފީޗަރުވެސް ބޭނުންކުރެވޭނެއެވެ. އޮޓޯ ބްރައުޒިންއަކީ ގޫގަލް އޭއައި ޕްރޯ އަދި އޭއައި އަލްޓްރާ ޔޫޒަރުންނަށް ހުޅުވާލާފައިވާ ފީޗަރެކެވެ. މި ފީޗަރުމެދުވެރިކޮށް ޔޫޒަރުން ޕްރޮމްޕްޓްތަކެއް ފޯރުކޮށް ދިނުމުން ޔޫޒަރުން އެހެން ކަންތަށް ކުރަމުން ދާ ގަޑީގައި އަމިއްލަޔަށް މަސައްކަތްތައްް ފުރިހަމަކޮށްދޭ ފީޗަރެކެވެ. މިސާލަކަށް ބުނާނަމަ ޔޫޒަރުން ޗުއްޓިއަކަށް ވަކި ދުވަހަކު ދަތުރުކުރަން ރާވަން ހަވާލުކުރުމުން އެތަނަށް ދާން ބޭނުންވާ ފަލައިޓްތަކާއި ހުންނާނެ ތަނާއި ޕެކްކުރަންޖެހޭ އެއްޗެހި އަމިއްލަޔަށް ހޯދާ، ޔޫޒަރުން ބުކްކޮށް އެއްޗެހި ގަތުމަށް ތައްޔާރުކޮށް ދެވިދާނެއެވެ. އަދި މިކަންކުރާ ގަޑީގައި ޔޫޒަރުން އޮންލައިންކޮށް މެދު ނުކެނޑި އެހެންކަންތައްތަކާއި އަވަދިނެތި އުޅެމުންދާއިރު ފަސޭހަކަމާއެކު ނިންމައިދެވޭނެއެވެ.
މިއަލަށް ތައާރަފުކުރެވޭ ފީޗަރުތައް މިވަގުތު ކްރޯމުގައި ދޫކުރުމަށް ނިންމާފައިވަނީ އެމެރިކާގެ ޔޫޒަރުންނަށެވެ. ނަމަވެސް މީގެން ބައެއް ފީޗަރުތައް ޖެމިނީ އެޕް މެދުވެރިކޮށް ދުނިޔޭގެ އެހެން ތަންތަނުގައިވާ ގޫގަލްގެ ޔޫޒަރުންނަށް މިވަގުތު ބޭނުންކުރެވޭނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.