އެޕަލް އިން އެ ކުންފުނީގެ މަޝްހޫރު އެއަރޕޮޑްސްއަށް ލައިވް ކޮންވަރސޭޝަން ތަރުޖަމާ ކުރުމުގެ ފީޗަރެއް ތަޢާރަފު ކުރަން ނިންމައިފިކަމަށް ބްލޫމްބާގް އިން ރިޕޯޓު ކޮށްފިއެވެ. މި ފީޗަރ ތަޢާރަފު ކުރެވޭނީ އައި.އޯ.އެސް 19 އަޕްޑޭޓާ އެކުގައި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އައު ފީޗަރ މެދުވެރިކޮށް އެއަރޕޮޑްސް ބޭނުންކުރާ ފަރާތްތަކަށް ދެ ބަހަކުން ވާހަކަ ދައްކާ ދެ މީހުންގެ ވާހަކަ ރިއަލް ޓައިމްގައި ތަރުޖަމާ ކުރެވޭނެއެވެ. މިކަން ކުރެވޭނީ އައިފޯނުގެ ޕްރޮސެސަރ ބޭނުންކޮށްގެންނެވެ.
މި ފީޗަރ މެދުވެރިކޮށް، އިނގިރޭސި ނޫން އެހެން ބަހަކުން ވާހަކަ ދައްކާ މީހެއްގެ ވާހަކަ އެއަރޕޮޑްސް މެދުވެރިކޮށް އިނގިރޭސި ބަހުން އަޑުއިވޭނެއެވެ. އަދި އެ މީހާއަށް ޖަވާބު ދޭ އިރު، އެ ޖަވާބު އޭނާގެ ބަހަށް ތަރުޖަމާ ކުރެވި އައިފޯނުގެ ސްޕީކަރުން އިވޭނެއެވެ.
މިފަދަ ފީޗަރެއް މިހާރުވެސް ގޫގުލްގެ ޕިކްސެލް ބަޑްސް ހެޑްސެޓްގައި ލިބެން ހުރެއެވެ.
އެޕަލްއިން ކުރިން ވެސް އެއަރޕޮޑްސް ހިއަރިންގ އެއިޑެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ވަނީ ތައްޔާރު ކޮށްފައެވެ.
އިތުރު ރިޕޯޓުތަކުން ދައްކާ ގޮތުގައި އެޕަލްއިން ވަނީ ކެމެރާ އާއި އާޓިފިޝަލް އިންޓެލިޖެންސް ފީޗަރތައް ހިމެނޭ އެއަރޕޮޑްސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މި އައު ފީޗަރ ތަޢާރަފު ކުރެވޭނެ ސީދާ ތާރީޚެއް އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް އައި.އޯ.އެސް 19 އަޕްޑޭޓާ އެކު މި އަހަރުގެ ފަހު ކޮޅު މި ފީޗަރ ލިބޭނެ ކަމަށް ލަފާ ކުރެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.