އިންސާނީ ތާރީހުގައި އެނގިފައިވާ އެންމެ ދުވަސްވީ އެއް ގިނިހިލަ ޝަވަރ ކަމަށްވާ ލައިރިޑް ގިނިހިލަ ޝަވަރ މި މަހު އޭޕްރީލް 15 އާއި 29 ދެމެދުު އަނބުރައި އަންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ. މި ޝަވަރ އެންމެ ބޮޑަށް ފެންނާނީ އޭޕްރީލް 21 އަކާއި 22 ދެމެދުކަމަށް އަންދާޒާކޮށްފައިވެއެވެ.
މި އަހަރީ ގިނިހިލަ ޝަވަރ 2،700 އަހަރަށްވުރެ ގިނަ ދުވަހު އިންސާނުންނަށް ފެނިފައިވެއެވެ. މިގޮތުން ޤަދީމީ ޗައިނާގައި މީލާދީން 687 ވަނަ އަހަރުގައިވެސް މި ގިނިހިލަ ޝަވަރ ފެނިފައިވާކަމަށް ރެކޯޑްތަކުން ފެނިފައިވެއެވެ. ޤަދީމީ ލިޔުންތަކުގައި މި މަންޒަރު 'ވާރޭ ފަދައިން ވެއްޓޭ ތަރިތަކެއް'ގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މިގޮތުން ކޮންމެ އަހަރެއްގައި ހެން މި ގިނިހިލަ ޝަވަރ ފެނިފައިވީ އިރު 1803 (ވަރޖީނިއާ)، 1922 (ގްރީސް)، 1945 (ޖަޕާން)، އަދި 1982 (އެމެރިކާ)ގައި މި ގިނިހިލަ ޝަވަރ ބޯކޮށް އައިތަން ފެނިފައިވެއެވެ.
މިގޮތުން 2025 ވަނަ އަހަރު ލިރިޑްސް ގިނިހިލަ ޝަވަރ ވަރަށް ރީތިކޮށް ދުނިޔޭގެ އުތުރުން ރޭގަނޑުގަޑީގައި ފެންނާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭނީ މި ޕީކް ގަޑި އަކީ ނިސްބަތުން ވަރަށް ކުޑަ އިރުކޮޅެއް ކަމެވެ. ދުނިޔޭގެ ދެކޮނު ފަޅިން ނިސްބަތުން މަދު ލިރިޑްސް ގިނިހިލަ ޝަވަރ ފެންނާނެކަމަށް އަންދާޒާކުރެވިފައިވީ އިރު ކޮންމެވެސް ވަރަކަށް ފެންނާނެކަމަށް ލަފާކުރެވެއެވެ.
މި ޝަވަރުގެ ވިދާ ޕޮއިންޓަކީ ލައިރާ ނަކަތުގެ އެންމެ ބޮޑަށް ވިދާ ތަރިކަމަށްވާ ވެގާ ކައިރީއެވެ. މި ނަކަތް ފެންނަ ހިސާބު ރާއްޖެއާއި ނިސްބަތުން ދަށްވި ނަމަވެސް، ފަތިހު ނުވަތަ ދަންވަރު އުޑުމަތި ސާފު ހާލަތްތަކުގައި ގަޑިއަކު 10 އާއި 15 ގިނިހިލަ ފެންނާނެކަމަށް ލަފާކުރެވެ. ބައެއް ގިނިހިލަތައް އަލިގަދަކޮށް ދިގު ނިގުލަކާއެކު ނުވަތަ އަލިފާން ބޯޅައެއްގެ ގޮތުގައި ފަޅައިގެންދާ ގޮތައް ފެނިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ލިރިޑްސް އުފެދިފައިވަނީ ތެޗަރ ގިނިހިލަ (C/1861 G1) އިންނެވެ. މި ގިނިހިލަ އިރުވަށައިގެން ދައުރުވާން ގާތްގަނޑަކަށް 415 އަހަރު ނަގާއިރު މި ގިނިހިލަ ފަލަކީ އިލްމުވެރިންނަށް އެންމެ ފުރަތަމަ ފެނިފައިވަނީ 1861 މި ގިނިހިލަ އިރާއި އެންމެ ކައިރިވީ ދުވަސްވަރާއި ކައިރީގައެވެ. ދެން މި ގިނިހިލަ އިރާއި އެންމެ ކައިރިން ފެންނާނީ 2278 ވަނަ އަހަރުގައެވެ.
މި އޭޕްރީލް މަހު ރޭގަނޑުގެ އުޑުމަތީގެ އެހެން ހިތްގައިމު މަންޒަރުތަކެއް ފެންނާނެކަމަށް ބެލެވެއެވެ. މިގޮތުން އޭޕްރިލް 24 އާއި 25 ގައި ޒުހުރަތާއި ޒުހުލު ހުޅުވިހަނދާއެކު އުޑުމަތީގައި ހިނިތުންވުމެއް ދައްކައިދޭނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފައިވެއެވެ. އަދި މިނޫންވެސްބއެތައް ހިނގައިމު މަންޒަރުތަކެއް މި މަހު ރޭގަނޑުގެ އުޑުގައި ފެންނާނެކަމަށް ލަފާކުރެވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.