ގޫގަލް ވަނީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ހިތްތަކުގައި އިންޓަނެޓުން އެއްޗެހި ހޯދުމާއި ގުޅުވާލެވިފައެވެ. މިގޮތުން އާންމު ބަހުރުވައިގައި އިންޓަނެޓުން އެއްޗެހި ހޯދުމަށް 'ގޫގަލްކުރުން' ވެސް ބޭނުންކުރަމުންދެއެވެ. ނަމަވެސް މިޔަކީ އަޅުގަނޑުމެން އިންޓަނެޓުން އެއްޗެހި ހޯދޭނެ ހަމައެކަނި ސާރޗް އިންޖިނެއް ނޫނެވެ. މިހާރު އެމެރިކާގެ ޑިޕާޓްމަންޓްަ އޮފް ޖަސްޓިސް ގޫގަލް އިންޓަނެޓުން އެއްޗެހި ހޯދުމަށް ކުރާ ނުފޫޒު ކުޑަކުރުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެހެން ސާރޗް އިންޖިންތަކަށް ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދެއެވެ. މިގޮތުން ސާރޗް ކުރުމުން ތިމާވަށްޓަށާއި އެހެނިހެންކަންތަކަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވިދާނެ 3 ސާރޗް އިންޖީނެއް ބަލާލަމާތޯއެވެ.
އީކޯސިއާއަކީ ތިމާވަށްޓާއި އަހުލުވެރިކޮށް ފަރުމާކޮށްފައިވާ ސާރޗް އިންޖިނެކެވެ. އީކޯސިއާ ބުނާގޮތުގައި އެމީހުންނަކީ ކާބަން-ނެގަޓިވް ބަޔެކެވެ. ކޮންމެ ސާރޗަކުން އެމީހުން 1 ކިލޯ CO2 ވައިން އެމީހުންގެ އޮޕަރޭޝަނުން ނަގައެވެ. މިގޮތުން އެމީހުންގެ ސާވަރުތައް މަސައްކަތްކުރަނީ ސޯލާ ޕެނަލުން ލިބޭ ހަކަތައިންނެވެ. މީގެ އިތުރުން މި ސާރޗް އިންޖިން ބޭނުންކޮށްގެން ސާރޗްކުރާ ކޮންމެ 45 ފަހަރަކު އެމީހުން ގަހެއް އިންދައެވެ. މީގެއިތުރުން އެމީހުންގެ މަސައްކަތުން ލިބޭ ފައިދާގެ %80 ގަސްއިންދުމަށް ހަރަދުކުރެއެވެ.
އިކޯސިއާގެ ހަމައެކަނި ފާޑުކިޔުމަކީ ކޮންމެވެސް ވަރަކަށް ޔޫޒަރުންގެ ޑޭޓާ ކަލެކްޓުކުރާކަމެވެ. ނަމަވެސް މި ޑޭޓާއެހެން ފަރާތްތަކަށް އެމީހުން ނުވިއްކައެވެ. އަދި އެއް ހަފްތާ ތެރޭގައި އެނޯނިމައިޒްވެސް ކުރެއެވެ. މިގޮތުން ޑޭޓާ ކަލެކްޓްކުރަން ހުއްދަ ދޭން ބޭނުންނުވާ މީހުންނަށް ސެޓިންގްސްއިން ޑޫނޮޓް ޓްރެކް އޮންކުރުމުން މި ޑޭޓާ ކަލެކްޓް ނުކުރުމަށް އިޚްތިޔާރުވެވިދާނެއެވެ.
ޔޫ ކެޔާއަކީ 2020 ގައި ތައާރަފުކޮށަފައިވާ، އެކިކަންކަމަށް ޑޮނޭޓުކުރާ ސާރޗް އިންޖިނެކެވެ. ޔޫކެޔާ އެހެން ސާރޗް އިންޖިންތަކާއި އެއްފަދައިން އާމްދަނީ ހޯދަނީ ސާރޗް ރިޒަލްޓްތަކާއެކު ފެންނަ އިސްތިހާރުތަކުންނެވެ. މިގޮތުން މި ސާރޗް އިންޖިނުން ލިބެ % 80 އާމްދަނީ ބައިވެރިވެފައިވާ ޗެރިޓީތަކަށް ދެއެވެ. މިގޮތުން ތައުލީމާއި، ތިމާވަށްޓާއި، އިންސާނުންގެ ހައްގުތަކާއި، ސިއްހަތާއި ޖަނަވުންގެ ދުޅަހެޔޮކަން ފަދަ ކަންކަމުގައި މި ޔޫކެޔާ ބައިވެރިވެފައިވެއެވެ.
ޔޫކެޔާއިން ތިމާވަށްޓަށް ކުރާ އަސަރުކުޑަކުރުމަށްޓަކައި އެމީހުން ފިޔަވަޅުތަކެއްވެސް އަޅައެވެ. މިގޮތުން އެމީހުންގެ މަސައްކަތުގައި ނެރޭ CO2 ގެ % 100 އޮފް ސެޓްކުރުމަށްޓަކައި އީޑަން ރިފޮރަސްޓޭޝަން ޕްރޮޖެކްޓް މެދުވެރިކޮށް ދުނިޔެ ވަށައި ގަސް އިންދައެވެ.
އޯޝަންހީރޯއަކީ ތިމާވަށްޓަށް އަމާޒުކޮށް މަސައްކަތްކުރާ އެހެން ސާރޗް އިންޖިނެކެވެ. އޯޝަންހީރޯ އީކޯސިއާއާއި އެއްފަދައިން އިސްތިހާރުން ލިބޭ އާމްދަނީ އިރުދެކުނު އޭޝިއާގެ ކަނޑުން ޕްލާސްޓިކު ނެގުމަށް ހަރަދު ކުރެއެވެ. އެމީހުންގެ މަސައްކަތް އދ.ގެ މެރިން އެންޑް ފްރެޝްވޯޓާ ބްރާންޗްގެ ހެޑް ސޭޓިފައިކޮށްފައިވެއެވެ. މިގޮތުން މިކަމުގައި ޕްލާސްޓިކް އެއްކުރުމަށް އާމްދަނީ މަދު މީހުންނަށް ޕްލާސްޓިކް ހޮވުމަށް އިނާޔަތްދެއެވެ.
މިގޮތުން އޯޝަންހީރޯގެ ޔޫޒަރުންނަށް ސަރޗް ކުރުމާއި، ޓެބް ހުޅުވުމާއި، ޓްރިވިއާ އަށް ޖަވާބު ދިނުމުން "ޝެލްސް" ލިބެއެވެ. މިގޮތުން ޔޫޒަރުން ހޯދާ ކޮންމެ 100 ޝެލްއަކުން އެއް ޕްލާސްޓިކް ފުޅި ހޮވަން ފައިސާ ހަރަދުކުރެއެވެ. މީހުންނަށް އުނދަގޫ ނުވާކަހަލަ އިޝްތިހާރުތަކުން ފައިސާ ހޯދައިގެން ޕްލާސްޓިކް ބޭންކް، ވޭސްޓް ފްރީ އޯޝަންސް، އަދި ޓްރެޝް ވޭސްޓް ސޮލިއުޝަންސް ފަދަ ޖަމިއްޔާތަކާ ގުޅިގެން މޫދުންހޮވާ ޕްލާސްޓިކު ރީސައިކަލް ކުރުމުގެ މަސައްކަތްތަކަށް އެހީތެރިވެދެއެވެ. މިގޮތުން އިންޑޮނޭޝިއާގައި ޕްލާސްޓިކް ކުނިން އިމާރާތްކުރުމަށް ބޭނުންކުރާ ގާ ހެދުން ފަދަ މައިކްރޯ ރީސައިކަލް ޕްލާންޓްތަކަށް އެމީހުން ހަރަދުކުރާކަން ފާހަގަކުރެވެއެވެ.
އަހަރަކު ކަނޑުތަކަށް 10 މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް ވަދެއެވެ. މި މައްސަލަޔާމެދު އޯޝަންހީރޯގެ ޔޫޒަރުން އަހުލުވެރިކުރުމުގެ ގޮތުން ހިތްގައިމު ވިޝުއަލްތަކާއި ، މައުލޫމާތު ލިބިދޭ މެސެޖުތަކާއި ސުވާލުތަކުގެ އެހީގައި ގޭމިފައިޑް އެކްސްޕީރިއަންސެއް ފޯރުކޮށްދެއެވެ.
މިނޫންވެސް އެހެނިހެން ސާރޗް އިންޖިނުތައް ވެސް އެކިއެކި ކަންކަމަށް ފަރުމާކޮށްފައިވާއިރު، އަޅުގަނޑުމެން ގޫގަލްއަކަށް މި ޒަމާނުގައި ބަރޯސާވާކަށް ނުޖެހެވެ. އޭގެ ބަދަލުގައި އެކޯސިއާ، އޯޝަންހީރޯ އަދި ޔޫކެޔާ ފަދަ ސާރޗް އިންޖިނުތައް ބޭނުންކުރުމުން ތިމާވަށްޓާއި އެހެނިހެން ކޯސްތަކަށް ސަޕޯޓުކޮށްދެވޭނެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.