ގަނޑުފެނުގެ ވައި ބަބަލްތަކުގައި މައުލޫމާތު ރައްކާކުރެވޭނެެ

އަޝްނާ ރަޝީދު 30 ޖޫން 2025

ގަނޑުފެނުގެ އެތެރޭގައި ތާށިވެފައި ހުންނަ ވައި ބަބަލްތަކުގެ އެހީގައި މެސެޖުތައް އެންކޯޑުކޮށް ރައްކާކުރެވޭނެ އާ ގޮތެއް ސައިންސްވެރިން ހޯދައިފިއެވެ. ސެލް ރިޕޯޓްސް ފިޒިކަލް ސައިންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ދައްކާގޮތުގައި ގްލޭޝިއަރތަކުގައި ގުދުރަތީ ގޮތުން އުފެދޭ ބަބަލްތައް ކޮންޓްރޯލްކޮށްގެން މައުލޫމާތު ރައްކާކުރެވޭނެއެވެ. މި ހޯދުމުގެ ސަބަބުން އެހެން ގޮތްތަކުން މައުލޫމާތު ރައްކާކުރުމަށް ދަތި ފިނިހިސާބުތަކުގައި ޑޭޓާ ރައްކާކުރުމުގެ އާގޮތެއް ފެނިގެންދެއެވެ.

ޗައިނާ، ކޮރެއާ އަދި ޗެކް ސައިންސްވެރިންގެ ބައިނަލްއަގްވާމީ ޓީމަކުން އުފައްދާފައިވާ މި ނިޒާމު މަސައްކަތްކުރަނީ ފެން ފިނިވުމުގެ ޕްރޮސެސް ކޮންޓްރޯލްކޮށްގެންނެވެ. ފެން ފިނިވާވަރަކަށް ގިރާފައިވާ ގޭސްތައް ފިއްތާލައިގެން ގަނޑުފެނުގެ ތެރޭގައި ވައިގެ ބަބަލްތަކުއް އުފެދެއެވެ. ފެން ގަނޑޫވާ ރޭޓާއި ގަނޑުވާ ސަރަހައްދުގެ އޭންގަލުން ބަދަލުކޮށްގެން ދިރާސާވެރިންނަށް މި ބަބަލްތަކުގެ ބޮޑުމިނާއި ބައްޓަން ބަދަލު ކުރެވެއެވެ. މީގެ އެހީގައި ބައިނަރީ ނުވަތަ މޯރސް ކޯޑުން ގަނޑުފެނުގައި މައުލޫމާތު އެންކޯޑްކޮށް، ރައްކާކުރެވޭނެއެވެ.

މީގެން ލިޔެވޭ މެސެޖުތައް ކިޔުމަށްޓަކައި ގަނޑުފެނުގެ ފޮޓޯނަގައި ގްރޭސްކޭލަށް ބަދަލު ކުރެއެވެ. މިހެން ހެދުމުން ގަނޑުފެނަށްވުރެ ބަބަލްތަކުގެ ކުލަ މަޑުވުމުގެ ސަބަބުން ފޮޓޯއިން ފެންނަން ފަސޭހަވެއެވެ. ކޮމްޕިއުޓަރ ޕްރޮގްރާމަކުން މި ބަބުލްތަކުގެ ޕެޓަރންތައް ކިޔައި އަލުން ޑީކޯޑުކުރެއެވެ.

މެސެޖް ރައްކާކޮށް ހެދުމުގެ އިތުރުން މި ޓެކްނޮލޮޖީގެ ސިނާއީ ބޭނުންތައް ވެސް ހުރެއެވެ. މިގޮތުން ގަނޑުފެނުގައި ހުންނަ ބަބަލްތައް ބޭނުންކޮށްގެން އުޅަނދުތަކާއި މަތިންދާބޯޓުތަކާއި ބޯޓުތަކުގައި ހިފާފައިވާ ގަނޑުފެން ފަޅާލުމާއި ދަގަނޑު ސްމެލްޓުކުރުމާއި އުފެއްދުމުގަޔާއި ގަނޑުފެނުން ރީތި ސްކަލްޕްޗަރުތައް ހެދުން ފަދަ ކަންކަމަށްވެސް ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން އެންޓާޓިކާ އަދި އާކްޓިކް ފަދަ ފިނި ތަންތަނުގައި އިލެކްޓްރޯނިކްސް ނުވަތަ ކަރުދާސް ފަދަ ލިބެން އުނދަަގޫ އަދި އަގުބޮޑު އުކުޅުރަކުގެ ބަދަލުގައި އިތުރު ހަކަތަޔަކާއި ނުލާ ފަސޭހަކަމާއެކު ފެންގަނޑުކުރުން ކޮންޓްކޮށްގެން ޑޭޓާ ރައްކާކުރެވެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.