ދަތުރުފަތުރުގެ ދާއިރާއަކީ އާންމު ގޮތެއްގައި ދުނިޔޭގެ ފެންވަރުގައި ވެސް ޓެކްނޮލޮޖީގެ ބޭނުން ގިނައިން ކުރާ ދާއިރާއެކެވެ. ދަތުރުފަތުރާއި ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކުގައި ވެސް މޯބައިލް އެޕްލިކޭޝަންތައް ބޭނުންކުރުމަކީ މިހާރު އާންމު ކަމެކެވެ. ދަތުރުފަތުރު ކުރުމާއި ގުޅޭ ކަންކަމުގައި ގިނަ ބަޔަކު އެޕްތަކުގެ ބޭނުން ހިފަނީ މިފަދަ ތަކެތިން އަވަސް އަދި ލުއި ފަސޭހަ ހިދުމަތްތައް ލިބިގެން ދާތީއެވެ. މިގޮތުން 'ރައިޑް ހެއިލިންގ' އެޕްތަކަކީ މިޒަމާނުގައި އެއާއިނުލާ އުޅެން އުނދަގޫވާނޭ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އޫބަރ، ގްރޭބް، ބޯލްޓް ފަދަ އެޕްތަކަކީ ދުނިޔޭގެ ލެވެލްގައި މިހިދުމަތުގައި މަޝްހޫރު އެޕްތަކެވެ. މިފަދަ ޕްލެޓްފޯމްތަކުގައި ވަގުތުން ވެހިކަލް ބުކިންގ ހެދުމާއި، ރިއަލް ޓައިމްކޮށް ވެހިކަލް ޓްރެކްކުރުމާއި، ރައްކާތެރިކަމާއެކު ފައިސާ ދެއްކުން ފަދަ ފީޗަރތައް އާންމުކޮށް ލިބިގެންދެއެވެ. ޓްރެފިކް ބޯ، ދަތުރުފަތުރުގެ ގޮންޖެހުންތައް ގިނަ ސިޓީތަކުގައި މިފަދަ އެޕްތަކުގެ އެހީގައި ދިރިއުޅުން އެތައް ގުނައަކަށް ފަސޭހަކޮށްދެއެވެ.
މާލެއަކީ ވެސް މިދެންނެވުނު ފަދައިން އެއްގަމުގެ ދަތުރުފަތުރު ކުރުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާ ސިޓީއަކަށް ވާނެއެވެ. އެގޮތުން މާލެ ސިޓީގައި ދަތުރުކުރުމަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބޭ އެއް ހިދުމަތަކީ އަވަސް އެޕް އިން ފޯރުކޮށްދޭ ހިދުމަތްތަކެވެ. ހަމަގައިމުވެސް އަވަސް އެޕަކީ ރާއްޖޭގައި މިހިދުމަތް ފޯރުކޮށްދޭތާ އެންމެ ގިނަދުވަސް ވެފައިވާ އެއް އެޕަށް ވާނެއެވެ.
އަވަސް އެޕް (ކުރީގެ ނަމުން އަވަސް ރައިޑް) އެންމެ ފުރަތަމަ ލޯންޗްކުރީ 2019 ވަނައަހަރުއެވެ. އަވަސް އެޕް އުފައްދާފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑުންނެވެ. އެކުންފުނިން ހާމަކުރާގޮތުގައި މިއެޕްގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގައި ޓެކްސީ ބުކް ކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނައުމެވެ. އަދި އަވަސްކަމާއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމެވެ. އަވަސް ރައިޑް ރީބްރޭންޑްކޮށް 'އަވަސް އެޕް' ރިލީޒް ކުރީ 2025 ޖެނުއަރީ މަހުގައެވެ.
އަވަސް އެޕްގެ ސަބަބުން މާލޭގައި މީހުން ދަތުރުކުރާ ގޮތަށް ބަދަލުތަކެއް އައިސްފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. މިއީ ހަމައެކަނި ޓެކްސީ ބުކިން އެޕްއެއް ނޫންކަމަށާއި މާލޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާނެ ހިދުމަތެއްކަމަށް އެފަރާތުން ހާމަކުރެއެވެ. މިއީ މުޅިން ދިވެހި އުފެއްދުމެކެވެ. ޒުވާން ދިވެހި ޑިވެލޮޕަރުންގެ ލޯކަލް ޓެކް ޕްރޮޑަކްޓެކެވެ.
އަވަސްގެ އެމްޑީ މުހައްމަދު ޔާނިއު ރަމީޒް ބުނާގޮތުން އަވަސް އެޕް އުފެއްދުމުގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫނެވެ. "މިމަސައްކަތަކީ ވަރަށް ޗެލެންޖިންގ މަސައްކަތެއް. ބައެއް ފަހަރު ވަރަށް ފްރަސްޓްރޭޓްވާ ފަހަރުވެސް ދިމާވޭ. އެހެން ނަމަވެސް ކޮންމެ ނާކާމިޔާބަކީ ކުރިއަރަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައިގެން ކުރިއަށް މިދަނީ".
މިއެޕް ފެށިގެން އައީ މާލޭގައި ދަތުރުފަތުރު ފަސޭހަ ކުރުމުގެ އަމާޒާ އެކުގައެވެ. އެހެން ނަމަވެސް އޭގެ އިތުރުން މިހާރު ބޭނުންކުރާ އަވަސް އެޕްގެ ސްކޯޕް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަކެއްވެސް އެބަކުރެވެއެވެ. އަވަސް އެޕްއަކީ އަވަސް ރައިޑްއިން ކުރީގައި ލިބެން ހުރި ފީޗަރސްތައް އިތުރަށް ރަނގަޅުކޮށް އުފައްދާފައިވައިވާ އެޕެކެވެ. ފަހުގެ ވަރޝަން ތައްޔާރުކޮށްފައިވަނީ ކުރީގައި ދިމާވާ ދަތިތައް ހައްލުކޮށް، އަދި ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކަށް ބަލާ އިސްލާހުކޮށް، ސްމާޓް ފީޗަރސްތައް ވެސް ހިމަނައިގެންނެވެ.
އަވަސްގެ ސީޓީއޯ މުޙައްމަދު އާތިކް ރިޒާ ހާމަ ކުރިގޮތުގައި ކުރީގެ އެޕް ޑިވެލޮޕް ކުރެވިފައިވާ ގޮތުން ބޭނުންވާ މިންވަރަށް ފުޅާކުރުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އެޕް އަޕްގްރޭޑްކޮށް އައު ބައިތައް ހިމެނުމަށްޓަކައި އެޕް މުޅިން އެކީ އަލުން ޑިވެލޮޕްކުރީއެވެ. މިއަހަރު ޖެނުއަރީ މަހު އެޕް ރިލީޒްކުރެވުނީ 6 މަސް ދުވަހުގެ ބުރަ މަސައްކަތުން، މޯބައިލް އެޕްއާއި އޭގެ ބެކްއެންޑް ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުއެވެ. އަދި ވެސް ވަރަށް ގިނަ ކުރިއެރުންތައް ގެނައުމުގެ ޕްލޭން އެބައޮތެވެ. ކޮންމެ ދުވަހަކުވެސް އެޕް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އަދި ފީޗަރތައް ހިމަނާފައިވަނީ އެތަށް ޓެސްޓްތަކެއް ކުރުމަށް ފަހުއެވެ.
އަވަސް އެޕްގައި ފާހަގަކޮށްލެވޭ ގިނަ ފީޗަރތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި:
- ދަތުރު ބުކްކުރުން
މިފަދަ އެޕެއްގެ އެންމެ މުހިއްމު ފީޗަރއަކަށް ވާނީ ދަތުރު ބުކްކުރުމުގެ ފީޗަރއެވެ. މިފީޗަރ ހިމެނިފައިވަނީ އެޕްގެ ފުރަތަމަ ޕޭޖުން ފަސޭހައިން އެކްސެސް ކުރެވޭގޮތަށެވެ. ދަތުރު ފަށާ ހިސާބާއި، ނިމޭ ހިސާބު ފާހަގަ ކުރުމަށް ފަހު ބޭނުންވާ ވެހިކަލެއްގެ ބާވަތް ހިޔާރުކުރަންޖެހެއެވެ. ބުކްކުރުމުގެ މިމަރުހަލާގައި އިތުރު އެހެން ފީޗަރތައްވެސް ހިމެނިފައިވެއެވެ. ދާގީނާއެއް އުފުލަން ބޭނުންވާނަމަ އެކަން އެންޓަރ ކުރެވެއެވެ. މީގެ އިތުރުން ހަމަހިމޭން ދަތުރެއް ކުރުމަށް ވެސް ހިޔާރުކުރެވޭ ފީޗަރ ހިމެނެއެވެ. އަދި ދަތުރުގައި އިތުރު އެހީއެއް ބޭނުންވާ ނަމަ އެކަން ވެސް ހަމަޖެއްސެއެވެ. އަދި ބޭނުންނަމަ އެޕް މެދުވެރިކޮށް ޑްރައިވަރަށް އިތުރު އިރުޝާދު ދިނުމަށް މެސެޖް ވެސް ކޮށްލެވޭގޮތަށް ހިމެނިފައެވެއެވެ.
- ކުރިއާލާ ޝެޑިއުލްކޮށް ދަތުރު ބުކްކުރުން
އެޕްގައި ހިމެނޭ ސެޑިއުލް ފީޗަރ ބޭނުންކޮށްގެން ކުރިއާލާ ބޭނުންވާ ދުވަހެއް އަދި ގަޑިއެއް ހިޔާރުކޮށް ދަތުރު ބުކްކުރެވެއެވެ.
- ބުކް ކުރާ ވެހިކަލް ރިއަލްޓައިމްކޮށް ޓްރެކްކުރެވުން
ވެހިކަލްއެއް ބުކްކުރުމަށް ފަހު، ވެހިކަލް އޮތް ހިސާބެއް އެޕް މެދުވެރިކޮށް ބަލާލެވެއެވެ. މިފީޗަރގައި ވެހިކަލް ކަސްޓަމަރާއި ހަމައަށް ދާން ނަގާނެ ވަގުތު ލަފާކޮށްފައި ދައްކައެވެ.
- ޑްރައިވަރ އަދި ވެހިކަލްއާއި ގުޅޭ މައުލޫމާތު ބަލާލެވުން
ދަތުރެއް ބުކްކުރުމުން ވެހިކަލްގެ ނަންބަރާއި، މޮޑެލް، ކުލަ އަދި ޑްރައިވަރުގެ ފޮޓޮއާއި ނަން، ދަތުރުކުރާ ފަރާތަށް ފެނެއެވެ.
- ދަތުރުކުރަން ބޭނުންވާ އެޑްރެސްތައް ސޭވްކުރުން
ދަތުރު ފަށާ އަދި ނިންމާ މަންޒިލްގެ އެޑްރެސް އެޕްގައި ސޭވްކުރެވެއެވެ. މިސާލަކަށް ދިރިއުޅޭ އެޑްރެސް، އޮފީސް އެޑްރެސް ފަދަ އެޑްރެހެވެ. މިފީޗަރގެ ސަބަބުން އެއް އެޑްރެހެއް ރިޕީޓްކުރަން ޖެހޭނަމަ ފަސޭހަ ވެގެން ދާނެއެވެ.
- ކާޑުން ފައިސާ ދައްކުން
ކޭޝްއިން ފައިސާ ދެއްކުމުގެ އިތުރުން އަވަސް އެޕްއިން ކާޑު ބޭނުންކޮށްގެން ވެސް ފައިސާ ދެއްކެއެވެ. އެޕްވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭއާއި އިންޓަރގްރޭޓް ކުރެވިފައެވެ. ބޭނުންނަމަ އެޕްގައި ކާޑުގެ މައުލޫމާތު ސޭވްކުރުމުގެ އޮޕްޝަންވެސް ލިބެއެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު ކާޑުގެ މައުލޫމާތު އެންޓަރ ކުރާކަށް ނުޖެހޭނެއެވެ. ކޭޝްލެސް ޕޭމަންޓް ހިޔާރުކުރައްވާ ފަރާތްތަކަށް މިއީ ފަސޭހަ ފީޗަރއަކަށް ވާނެއެވެ.
- ކުރާ ދަތުރުތަކުން ހިސްޓްރީ ބަލާލެވުން
ދަތުރު ކުރުމަށް ފަހު، ކުރި ދަތުރާއި ގުޅޭ މައުލޫމާތު ބަލާލެވެން ހުރެއެވެ. ދަތުރު ކުރި ރޫޓާއި، ދެއްކި ފައިސާ އަދަދުގެ އިތުރުން އެހެން ގިނަ މައުލޫމާތު މިބައިގައި ފެންނަ ގޮތަށް ހިމެނިފައިވެއެވެ. މިފީޗަރ މެދުވެރިވެ، ޑްރައިވަރު ރޭޓްވެސް ކުރެއެވެ.
- ދަތުރު ކެންސަލް ކުރުން
އެއްވެސް ސަބަބަކާއި ގުޅިގެން ދަތުރު ކެންސަލްކޮށްލަން ޖެހިއްޖެނަމަ އެކަން ކުރުމުގެ ފީޗަރވެސް އެޕްގައި ހިމެނިފައިވެއެވެ.
ދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަކަރުމަށް ހިމެނިފައިވާ ހާއްސަ ފީޗަރސްތަކެއްވެސް އިތުރަށް ފާހަގަކޮށްލާނަމެވެ.
- ޝޯޓްކޯޑް 1630
އެޕް ބޭނުންކޮށްގެން ދަތުރުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހާއްސަ ހެލްޕްލައިނެއް ހިމެނިފައިވާކަން އަވަސް އެޕްއިން ހާމަކުރެެއެވެ. މިއީ މިފަދައިން ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމުގައި ބޭނުންކުރާ ފުރަތަމަ ހެލްޕްލައިނެވެ.
- ކޯލް މާސްކުކުރުން
ދަތުރުކުރާ ފަރާތްތަކާއި ޑްރައިވަރުންގެ ފޯނު ނަންބަރުތައް މާސްކުކުރުން ނުވަތަ ފޮރުވާލުން މިއީ ރައްކާތެރިކަމަށް އެޅިފައިވާ ހާއްސަ ފިޔަވަޅެކެވެ.
- އެހެން ފަރާތްތަކަށް ވެހިކަލް ބުކްކޮށްދިނުން
އަވަސް އެޕްގެ އެކައުންޓް ބޭނުންކޮށްގެން އެޕް ބޭނުންނުކުރާ ފަރާތްކަށް ވެހިކަލް ބުކްކޮށްދިނުމުގެ ފީޗަރއަކީ ހާއްސަކޮށް ފާހަގަ ކޮށްލެވޭ ބައެކެވެ. މިސާލަކަށް ސްމާޓް ފޯނެއް ނުގެންގުޅޭ އުމުރުން ދުވަސްވީ ފަރާތަކަށް ވެހިކަލް ބުކްކުރަންޖެހޭ ހާލަތުގައި މިއީ މުހިއްމު ފީޗަރއަކަށް ވެގެންދާނެއެވެ.
- އެކްސެސިބިލިޓީ ވޭން
ރައިޑް ބުކްކުރުމުގެ ތެރެއިން ބޭނުންވާ ވެހިކަލްގެ ބާވަތް ނަގާ ހިސާބުން އެކްސެސިބިލިޓީ ވޭންއެއް ބުކްކުރުމުގެ އިހްތިޔާރު އެޕްގައި ހިމެނިފައިވެއެވެ. މިއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ވެހިކަލް ބުކްކުރުމުގެ ފީޗަރއެކެވެ. މިއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ގޮވައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހަކަށް ވާނެއެވެ.
މީގެ ކުރިން މާލޭގައި ޓެކްސީއެއް ހޯދުމަށް ޖެހެނީ ޓެކްސީ ސެންޓަރުތަކަށް ފޯނުން ގުޅައިގެންނެވެ. ވަރަށް ގިނަ ހާލަތުގައި ފޯނުކޮށްގެން ވެސް ޓެކްސީއެއް ނުލިބެއެވެ. މަގުމައްޗަށް ނުކިމެ ޓެކްސީ އެއް ލިބޭތޯ އެތަށް ވަގުތެއް ހޭދަކުރަންޖެހެއެވެ. ނުވަތަ ޓެކްސީ ސެންޓަރުތަކަށް ދާންޖެހޭ ފަހަރުވެސް އާދެއެވެ.
މާލޭގެ މިހާލަތަށް ބަލާ، އަވަސް އެޕް ބިނާ ކޮށްފައިވަނީ ދިމާވާ އުނދަގޫތައް ހައްލުކުރުމަށެވެ. ރިއަލް ޓައިމްކޮށް ވެހިކަލް ޓްރެކްކުރުމާއި، ވަގުތުން ޓެކްސީ ބުކްކުރުން ފަދަ ފީޗަރތައް ހިމެނިގެންނެވެ. އަވަސް އެޕް ޓީމުން ހާމަކުރިގޮތުގައި ވިސްނުން ހުރީ އޫބަރ، ގްރޭބް ފަދަ ބައިނަލްއަގްވާމީ އެޕްތައް ކޮޕީއެއް ކުރުމަކަށް ނޫނެވެ. އެފަދަ އެޕްތަކުން އިންސްޕަޔަރ ވި ނަމަވެސް، ރާއްޖޭގެ މާހައުލާއި ހާލަތާއި ގުޅޭ ބަދަލުތައް ވެސް ގެނެސްފައިވާނެއެވެ.
މިފަދަ އެހެން އެޕްތައް ފަދައިން އަވަސް އެޕްގައި ކާޑުން ފައިސާ ދެއްކުމާއި، ކޯލް މާސްކުކުރުމާއި، ވެހިކަލްގެ މޫވްމަންޓްގެ ރިއަލް ޓައިމް ޓްރެކިންގ ހިމެނުމާއި ޑްރައިވަރުން ރޭޓްކުރުން ފަދަ ފީޗަރތައް ހިމެނޭއެވެ. އެހެން ނަމަވެސް އޭގެ އިތުރުން، އެހެން މީހަކަށް ޓެކްސީ ބުކްކޮށްދިނުން ފީޗަރ ފަދަ ރާއްޖޭގެ މާހައުލަށް ފެތޭ ފީޗަރތައްވެސް ހިމަނާފައިވެއެވެ.
އަވަސް އެޕްގެ ޓީމުން ހާމަކުރާ ގޮތުގައި އެޕްގެ ހިދުމަތް ފުޅާކުރުމަށްޓަކައި ޓެކްސީ ނުވަތަ ރައިޑް ސަރވިސަސްގެ އިތުރުން އެހެން ހިދުމަތްތަކެއް ހިމެނުމަށް ވަނީ ވިސްނާފައެވެ. މިހާރުވެސް މިބައިތައް ޑިވެލޮޕް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެއީ
އަވަސް ބައިޓްސް: މިއީ ރެސްޓޯރެންޓް ކެފޭތަކުން މީހުން އޯޑަރު ކުރާ ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތެކެވެ. މިއީ ގްލޯބަލްކޮށް ބޭނުންކުރާ މަޝްހޫރު އޫބަރ އީޓްސް ނުވަތަ ޑޯޑޭޝް ފަދައިން މަސައްކަތް ކުރާނޭ ރާއްޖެއަށް ހާއްސަކުރެވޭނެ ހިދުމަތެކެވެ.
އަވަސް އެކްސްޕްރެސް: މިއީ ކެފޭ ރެސްޓޯރަންޓް ނުހިމެނޭހެން، އެހެނިހެން މުދާ ޑެލިވަރީ ކުރުމާއި ލޮޖިސްޓިކްސް މެނޭޖުކުރުމަށް ބޭނުންކުރާނޭ ހިދުމަތެކެވެ. މި ހިދުމަތް ވާނީ އިންސްޓަކާރޓް އަދި ބިގްބާސްކެޓް ފަދަ ޕްލެޓްފޯމްތަކާއި އެއްފަދަ ހިދުމަތް ފޯރުކޮށްދޭ ޕްލެޓްފޯމަކަށެވެ.
މިކަންކަމުގެ އިތުރުން ހިދުމަތްދޭ ފަރާތްތަކުގެ ރިއަލް ޓައިމް ލޮކޭޝަން ޓްރެކިންގ އާއި އޭއައިގެ އެހީގައި ދަތުރުކުރާ ރޫޓްތަކާއި ޔޫޒަރ އެކްސްޕީރިއަންސް ރަނގަޅު ކުރުމަށް ބޭނުންވާ ފީޗަރސްތައް ޑިވެލޮޕްކުރުން ޕައިޕްލައިންގައި ކުރިއަށް އެބަހުރިކަމަށް ޓީމުން ހާމަކުރެއެވެ. މިބަދަލުތަކާއެކު ގްރޭޓަރ މާލޭ ސަރަހައްދުން ބޭރަށް، މުޅި ރާއްޖޭއަށް ހިދުމަތްތައް ފުޅާކުރުމަށް ވެސް ރާވާފައިވެއެވެ.
އަވަސް ޑްރައިވަރ: އަވަސް އެޕްގެ އިތުރު ޕްރޮޑަކްޓެއްގެ ގޮތުގައި އަވަސް ޑްރައިވަރ އެޕް ވެސް މިހާރު ބޭނުންކުރެވެއެވެ. މިއީ އަވަސް އެޕްގެ އެކި ހިދުމަތްތަކުގައި ޓެކްސީ ކުރުމަށް ނުވަތަ ޑިލިވަރީ ކުރުމަށް ބޭނުންވާ ޑްރައިވަރުން ރަޖިސްޓަރވެ ބޭނުންކުރާ އެޕެވެ.
އަވަސް އެޕް އިން ދަނީ ރާއްޖޭގައި އެއްގަމު ދަތުރުފަތުރު ކުރުމާއި އެހެނިހެން ޑެލިވަރީ އަދި ލޮޖިސްޓިކްސް ހިދުމަތްތައް ޒަމާނާއި އެކަށީގެންވާ ގޮތަށް ބަދަލު ކުރަމުންނެވެ. ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށާއި ދިމާވާ ދަތިތައް ދިރާސާކޮށް ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި މިފަދަ ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްތައް މިސާލަކަށް ބަލާ ދިވެހިރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނެ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. ތަރައްގީވަމުންދާ ވަރަކަށް، އަވަސް އެޕްއަކީ، މުޅި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޭނުންކުރެވޭނެ، މިދާއިރާގެ ހިދުމަތް ފޯރުކޮށްދޭ މައިގަނޑު ޕްލެޓްފޯމަކަށް ވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް