ދިވެހިރާއްޖެ އޭއައި ތަންފީޒުކުރަން އަދި ތައްޔާރެއް ނޫން!

ހިންދު ޢަލީ 05 އޯގަސްޓު 2025

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަންފީޒު ކުރަން ދިވެހިރާއްޖެ ތައްޔާރުވެފައިވާ މިންވަރު ވަޒަންކޮށް ޔުނެސްކޯއިން ކުރި އެސެސްމަންޓަކަށް ފަހު އެކުލަވާލާފައިވާ ރިޕޯޓެއް 31 ޖުލައި 2025 ގައި ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައެވެ. މިކަން ވަޒަންކުރުމަށް ޔުނެސްކޯއިން ކުރި މަސައްކަތްތައް ފަށާފައިވަނީ 2024 ގެ ސެޕްޓެމްބަރު މަހުއެވެ. މިމަސައްކަތް ކުރިއަށް ގެންދިޔައީ އެންސީއައިޓީގެ އިސްނެގުމަށެވެ.

މިއެސެސްމަންޓުގައި ބޭނުންކޮށްފައިވަނީ ޔުނެސްކޯގެ ރެޑިނެސް އެސެސްމަންޓް މެތޮޑޮލޮޖީ (ރޭމް) އެވެ. ރޭމްއަކީ އޭއައި ބޭނުންކުރުމަށް ގައުމެއް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ބޭނުންކުރާ ވަސީލަތެކެވެ. މިޕްރޮސެސްގައި ހާއްސަކޮށް ބަލަނީ އެތިކަލްކޮށް އޭއައި ތަންފީޒުކުރަން ގައުމެއް ތައްޔާރުތޯއެވެ.

ރޭމް ޓޫލްގައި ގައުމެއް ވަޒަން ކުރަނީ މުހިއްމު ފަސް ދާއިރާއަކުންނެވެ. އެއީ:

1. ގާނޫނީ އަދި ރެގިއުލޭޓަރީ ދާއިރާ

2. އިޖުތިމާއީ އަދި ސަގާފީ ދާއިރާ

3. އިގްތިސާދީ ދާއިރާ

4. ސައިންޓިފިކް އަދި ތައުލީމީ ދާއިރާ

5. ފަންނީ އަދި އިންފްރާސްޓްރަކްޗަރ ދާއިރާ

މިހުރިހާ ދާއިރާއަކަށް ބަލާލާ، ޒިންމާދާރު ގޮތެއްގައި ގައުމެއްގައި އޭއައި ތަންފީޒުކުރުމަށް ތައްޔާރުވެފައިވާ މިންވަރުގެ އެނގޭ ފުރިހަމަ މަންޒަރެއް ލިބިގެންދެއެވެ.

މިއާޓިކަލްގައި މިދެންނެވުނު ރިޕޯޓުގައިވާ މައުލޫމާތުގެ މައްޗަށް ބަލާލާ، އޭގައިވާ ނަތީޖާގެ މައްޗަށް އަލި އަޅުވާލެވޭތޯ ބަލާލާނަމެވެ.

ޔުނެސްކޯގެ މިރިޕޯޓަށް ބަލާލާފައި އެންމެ ފުރަތަމަ ވެސް ކުރެވޭނެ ސުވާލަކީ ރާއްޖެ އޭއައިއަށް ތައްޔާރުތޯއެވެ؟

ރިޕޯޓުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރާއްޖެ މިކަމަކަށް އަދި ތައްޔާރެއް ނޫނެވެ. އޭއައިގެ އުފެއްދުންތައް ތަންފީޒުކުރުމަށާއި، އޭއައި ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ރާއްޖޭގައި ހުންނަންޖެހޭ ގިނަ މުހިއްމު ބިންގާތައް އަދި މަދެވެ. މީގެ ތެރޭގައި ގާނޫނީ އޮނިގަނޑާއި، ޓެކްނިކަލް އިންފްރާސްޓަރަކްޗަރއާއި، އާންމުންގެ ހޭލުންތެރިކަމާއި، އިންސާނީ ވަސީލަތްތައް ހިމެނެއެވެ. މިހުރިހާ ކަމެއްވެސް ރާއްޖޭގައި އަދި ބޭނުންވާ މިންވަރަކަށް ތަރައްގީއެއް ނުވެއެވެ. މިހުރިހާ ދާއިރާއަކުން އަދި ފެންނަނީ ވަރަށް ބޮޑު ހުސްކަމެކެވެ. މިހުސްކަން ފޫބައްދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެކަންކަން ހައްލު ނުކޮށް އޭއައިގެ އުފެއްދުންތައް ތަރައްގީކޮށް ބޭނުންކުރާނަމަ އެތަކެއް ނުރަނގަޅު ނަތީޖާތަކެއް ނުކުތުން ގާތެވެ. މީގެ ތެރޭގައި ނުރައްކާތެރި ގޮތުގައި ޑޭޓާ ބޭނުންކުރުމާއި އެތިކަލްކޮށް އޭއައި ބޭނުންނުކުރުން ހިމެނެއެވެ.


ރާއްޖޭގައި އޭއައި ދާއިރާ މިހާރު އޮތް ހާލަތު

ރިޕޯޓުގައި ބުނާގޮތުން އޭއައި ދާއިރާގައި ރާއްޖެ އުޅެނީ އަދި ކުރީކޮޅުގެ މަރުހަލާއެއްގައެވެ. އަދި މަޑުމަޑުން ތަރައްގީވަނީއެވެ. ދިވެހި ޅެންވެރިކަމުގެ މިސާލަކުން ބުނާނަމަ ފިކުރުކެންފަށާ ހިސާބުގައެވެ. އޭއައި އުފެއްދުމާއި ބޭނުންކުރުމުގައި ރާއްޖޭގައި ސަރުކާރާއި، ތައުލީމީ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރ އަދި މަދަނީ ޖަމިއްޔާތައް ވެސް ބައިވެރިވެއެވެ. އެހެން ނަމަވެސް ހުރިހާ ބައިވެރިންވެސް މިދާއިރާގައި އަދި އުޅެނީ ފަށައިގަންނަ ހިސާބުގައެވެ.

މުޅި ރިޕޯޓުން ފާހަގަ ކޮށްލެވޭ މުހިއްމު ބައެއް ކަންތައްތަކަކީ،

- ޔުނެސްކޯގެ އޭއައި ބޭނުންކުރުމުގައި ގެންގުޅެންޖެހޭ އަހުލާގީ މިންގަނޑުގެ ލަފާ (ރެކޮމެންޑޭޝަން އޮފް އޭއައި އެތިކްސް)، ނޮވެމްބަރ 2021 ގައި ރާއްޖެއިން ވަނީ ބަލައިގެންފައި އެހެން ނަމަވެސް ގައުމީ އޭއައި ސްޓެރެޓެޖީއެއް އަދި އެކުލަވާލާފައެއް ނެތް.

- ޗެޓްޖީޕީޓިއާއި އެހެން ލެންގުއޭޖް މޮޑެލްގެ ބޭރުން އޭއައި އަށް އާންމުންގެ ހޭލުންތެރިކަން ދަށް.

- ޑިޖިޓަލް ލިޓަރަސީ މިންވަރު، މާލެއާއި ރާއްޖޭގެ އެހެން ހިސާބުގައި ފަރަގު ބޮޑު.

- ޑިޖިޓަލް އިންފްރާސްޓަކްޗަރ ހުރި މިންވަރު، މާލެއާއި ރާއްޖޭގެ އެހެން ހިސާބުގައި ފަރަގު ބޮޑު.

- ސަރުކާރުގެ ގިނަ އިދާރާތައް ވަކިވަކިން މަސައްކަތް ކުރާތީ ޑޭޓާ ހިއްސާކުރުމަށް ދަތި.

- ގާނޫނީ އުނިކަމާއި، މިދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން އޭއައި ދާއިރާ ކުރިއަރާ މިންވަރު ލަސް.


ދެން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އޭއައި ވަޒަން ކުރާ ފަސް ދާއިރާތައް ވަކިންވަކިން ހުލާސާކޮށްލާނަމެވެ.

1. ގާނޫނީ އަދި ރެގިއުލޭޓަރީ ދާއިރާ

މިބައިގައި ބަލާފައިވަނީ އެކަށީގެންވާ ގާނޫނު، ގަވާއިދު، އުސޫލު ފަދަ އޮނިގަނޑުތައް ހުރި މިންވަރު (މިސާލަކަށް: ޑޭޓާ ޕްރޮޓެކްޝަން އަދި ޕްރައިވަސީ ގާނޫނު) އަދި ޓެކްނޮލޮޖީ އުފައްދާ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ ސިޔާސަތު ފަދަ ކަންތަކަށެވެ.

ރަނގަޅު ކަންތައްތައް

- އޭއައިގެ މާސްޓަޕްލޭނެއް (2025–2035) އެކުލަވާލުމުގެ މަސައްކަތް ކުރެވޭ.

- ބައެއް މުހިއްމު ގާނޫނު (ޑިޖިޓަލް އައިޑެންޓިޓީ ބިލް، ޑިޖިޓަލް ސަރވިސަސް ބިލު، ޑޭޓާ ޕްރޮޓެކްޝަން ބިލު ފަދަ) ޑްރާފްޓްކުރުމުގެ މަސައްކަތް ކުރެވޭ.

- 2024 ގައި ޖިނާއީ އަދުލާއި ގުޅޭ 3 ގާނޫނެއްގައި ސައިބަރ ކުށް ހިމެނުން.

މަދު ކަންތައްތައް

- އޭއައިގެ ގައުމީ ސްޓްރެޓެޖީއެއް އަދި ނެތް.

- އޭއައި ތަންފީޒުކުރުމާއި، ބޭނުންކުރުމާއި، އޭއައި ސިސްޓަމްތައް ގަތުމުގައި ބަލަންޖެހޭ އުސޫލުތަކެއް ނެތް.

- ސައިބަރ ސެކިޔުރިޓީ ދާއިރާއިން ރާއްޖެ އުޅެނީ ވަރަށް ފަހަތުގައި. އިންޓަރނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޔޫނިއަން (އައިޓީޔޫ)ގެ ގްލޯބަލް ސައިބަރ ސެކިޔުރިޓީ އިންޑެކްސް 2020 ގައި ހިމެނޭ 194 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ 177 ވަނަ ނަންބަރުގައި.

- ޑޭޓާ ހިއްސާކުރުމުގެ ދާއިރާގައި ރާއްޖެ އުޅެނީ ވަރަށް ފަހަތުގައި. އޯޕަން ޑޭޓާ ވޮޗްގެ އޯޕަން ޑޭޓާ އިންވެންޓްރީ 2024/2025 ގައި، 197 ގައުމުގެތެރެއިން %52ގެ ސްކޯއަކާއެކު ރާއްޖެ ހިމެނެނީ 111 ވަނައިގައި.

- ރާއްޖޭގައި އޭއައި ސިސްޓަމްތަކުގެ ސަބަބުން ލިބޭ ގެއްލުންތައް މޮނިޓަރ ކުރާ ވަކި ގާނޫނެއް ނުވަތަ ސިޔާސަތެއް އަދި ނެތް.


2. އިޖުތިމާއީ އަދި ސަގާފީ ދާއިރާ

މިބައިގައި ބަލާފައިވަނީ އޭއައި އުފެއްދުމުގައި އަދި ބޭނުންކުރުމުގައި އިޖުތިމާއީ ތަފާތުކުރުން ހިމެނޭތޯއާއި، އަހުލާގީ ނުވަތަ އެތިކަލް ކަންތައްތަކަށް ބަލާފައިވާ މިންވަރާއި އެފަދަ އުފެއްދުންތަކަށް އާންމުންކުރާ އިތުބާރު ފަދަ ކަންތައްތަކަށެވެ.

ރަނގަޅު ކަންތައްތައް

- ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ މިންވަރު މަތި، އަދި އަންހެނުން އިންޓަނެޓް ބޭނުންކުރާ މިންވަރު ވެސް މަތި.

- ދިވެހި ބަސް ކުރިއަރުވަން އޭއައި ޓޫލްސް ބޭނުންކުރެވޭ.

- އޮންލައިންކޮށް އާންމު ހިދުމަތް ފޯރުކޮށްދޭ މިންވަރު މަތި.

- ޑިޖިޓަލް ހެލްތު ފްރޭމްވޯކްއެއް އުފެއްދުމުގެ މަސައްކަތް ކުރެވޭ.

މަދު ކަންތައްތައް

- ސްޓެމް ދާއިރާތަކުން މަތީ ތައުލީމު އުނގެނޭ މިންވަރަށް ބަލާއިރު އަންހެނުންގެ ބައިވެރިވުން ދަށް.

- އޭއައި އުފެއްދުންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް (އެކްސެސިބިލިޓީއަށް) ވިސްނާފައެއް ނުހުރޭ.


3. އިގްތިސާދީ ދާއިރާ

މިބައިގައި ބަލާފައިވަނީ އޭއައިގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކަށެވެ. އޭއައިގެ ބޭނުންކޮށްގެން ވިޔަފާރިތައް ކުރިއެރުވުމަށާއި، އީޖާދީ އުފެއްދުންތައް އުފެއްދުމަށް ކުރެވޭ މަސައްކަތްތަކާއި ހުރި ފުރުސަތުތަކަށެވެ.

ރަނގަޅު ކަންތައްތައް

- ބައެއް ލޯކަލް ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ޑިޖިޓަލް ޓޫލްސް އުފައްދާފައިވޭ.

- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ 'ދަ ކްރިއޭޓިވް އިކޮނޮމީ: ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2024–2028' ގައި ޑިޖިޓަލް ލިޓަރަސީ، ޑިޖިޓަލް ހުނަރުތައް އިތުރުކުރުން، އަދި ޓެކް ހުނަރު ލިބިފައިވާ މަސައްކަތްތެރިން އުފެއްދުމުގެ މަސަައްކަތް ކުރެވޭ.

މަދު ކަންތައްތައް

- އޭއައި ބޭނުންކުރަން ފެށުމުން ލޭބަރ މާކެޓަށް އަސަރު ކުރާނެ ގޮތް ހައްލުކުރުމަށް ގައުމީ ސްޓްރެޓެޖީއެއް އަދި ނެތް.

- ޓުއަރިޒަމް އަދި ލޮޖިސްޓިކްސް ފަދަ އެކި އެކި އިންޑަސްޓްރީތަކުން އޭއައިއަށް ކުރާ ހަރަދު ދެނެގަނެވޭނެ ޑޭޓާއެއް ނުވަތަ ނިޒާމެއް އަދި ނެތް.


4. ސައިންޓިފިކް އަދި ތައުލީމީ ދާއިރާ

މިބައިގައި ވަޒަން ކުރަނީ ރާއްޖޭގައި އޭއައި އާއި ގުޅޭ ދިރާސާއާއި، އޭއައިގެ އީޖާދީ އުފެއްދުމާއި، ކިޔަވާދިނުމުގައި އޭއައި ހިމެނިފައިވާ މިންވަރެވެ. އަދި މީގެ އިތުރުން މިމަސައްކަތްތަކަށް މާލީ ގޮތުން އަދި އިންފްރާސްޓަރަކްޗަރގެ ގޮތުން ކުރާ އިންވެސްޓްމެންޓާއި، ގައުމީ މަންޖަހުގައި ހިމެނިފައިވާ މިންވަރު ވެސް ވަޒަން ކުރެއެވެ.

ރަނގަޅު ކަންތައްތައް

- މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ދަނީ ނޭޝަނަލް އޭއައި އަދި ޑޭޓާ ސައިންސް ޑިޕްލޮމާ ޕްރޮގްރާމެއް ތަރައްގީކުރަމުން.

- ޓީޗަރުންނަށް ބޭނުންވާ އަސާސީ އޭއައި ކޮންސެޕްޓްތައް ދަސްކޮށްދިނުމަށް ޓެކްޕާތު ފަދަ އިނިޝިއޭޓިވްތައް ބޭނުންކުރޭ.

- ގިނަ ސާނަވީ ސްކޫލްތަކުގައި އިންޓަނެޓްގެ ހިދުމަތް ލިބޭ.

މަދު ކަންތައްތައް

- ސްކޫލް ލެވެލްގައި އޭއައި ނުވަތަ ޓެކްނޮލޮޖީގެ އެތިކްސްއާއި ގުޅޭ ގައުމީ މަންހަޖެއް ނުވަތަ ސިޔާސަތުތަކެއް ނެތް.

- އޭއައިގެ ދާއިރާއިން ރާއްޖޭގައި ދިރާސާކުރާ މިންވަރު ވަރަށް ދަށެވެ. 2022 ވަނަ އަހަރުގެ ސެންޓަރ ފޯރ ސެކިއުރިޓީ އެންޑް އިމަރޖިންގ ޓެކްނޮލޮޖީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭއިން މިދާއިރާއިން ކޮށްފައިވަނީ އެންމެ 7 ޕަބްލިކޭޝަނެކެވެ. މިއީ މިދާއިރާގެ ދިރާސާތަކުގެ %0.00001 އެވެ.

- ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ނުވަތަ ކިޔަވާދޭ އިންސްޓިޓިއުޓް ޔުނިވަރސިޓީ ފަދަ އިދާރާތަކުގައި އޭއައިއަށް ހާއްސަ ޑިޕާޓްމަންޓްތަކެއް ނުހިމެނެ.

- އޭއައިގެ އެޑްވާންސް ހުނަރު ލިބިފައިވާ ދިވެހިން މަދު.


5. ފަންނީ އަދި އިންފްރާސްޓްރަކްޗަރ ދާއިރާ

މިބައިގައި ބަލާފައިވަނީ އިންޓަރނެޓް ކަނެކްޓިވިޓީ، އަދި ކޮމްޕިޔުޓަރ އިންފްރާސްޓްރަކްޗަރ އަދި ޑޭޓާގެ ގޮތުން ރާއްޖެ ހިމެނޭ ހާލަތެވެ. މިއީ އޭއައި ބޭނުންކުރުމުގައި ސަޕޯޓިވް ރޯލެއް އަދާކުރާނެ ބައިތަކެކެވެ.

ރަނގަޅު ކަންތައްތައް

- ވެރިކަންކުރާ ރަށާއި، އާބާދީ ގިނަ ސަރަހައްދުތަކަށް އިންޓަރނެޓްގެ ހިދުމަތް ރަނގަޅު.

- ގިނަ ސްކޫލްތަކާއި އާންމު މުއައްސަސާތަކުގައި އަސާސީ މިންވަރަށް އިންޓަނެޓްގެ ހިދުމަތް ލިބޭ.

- މޫސުމީ ބަދަލުތަކާއި ގުޅޭ ޑޭޓާ އެއްކުރުމަށާއި އަދި ހިއްސާކުރުމަށް ޕްލެޓްފޯމް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭ.

މަދު ކަންތައްތައް

- މާލޭ އާއި ރާއްޖެތެރޭގެ އިންޓަނެޓް ހިދުމަތުގެ ފެންވަރު ތަފާތު ބޮޑު.

- ގިނަ ސްކޫލްތަކާއި އާންމު މުއައްސަސާތަކުގައި ބޭނުންކުރެވެނީ ގިނަ ދުވަސްވެފައިވާ އައުޓްޑޭޓަޑް ކޮމްޕިއުޓަރ ސިސްޓަމްތައް.

- ސަރުކާރުގެ ގިނަ އިދާރާތައް ވަކިވަކިން މަސައްކަތް ކުރާތީ ޑޭޓާ ހިއްސާކުރުމަށް ދަތި.

- މުޅި އާބާދީއަށް ބަލާއިރު ޑިޖިޓަލް ދާއިރާއިން އަހުލުވެރިކަން އެކަށީގެންވާ މިންވަރަށް ވުރެ ދަށް.


ކޮންމެއަކަސް މަތީގައި ދެންނެވުނު ރިޕޯޓަކީ އޭއައިގެ ދާއިރާއިން ރާއްޖޭގެ މިހާރުގެ ހާލަތާއި އޭއައި ތަންފީޒުކުރުން އަވަސް ކުރުމަށް ގައުމުގައި ހުރި ހުސްކަންތައްތައް ދެނެގަނެފައިވާ ބޭނުންތެރި ރިޕޯޓެކެވެ. ކޮންމެ ޓެކްނޮލޮޖީ އެއްވެސް، އެ ބޭނުންކުރުމުގައި އެންމެ އެކަށީގެން ވާގޮތަށް ކުރުމާއި، ބޭނުންކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓެކްނޮލޮޖީއާއި އެއްވަރަށް އެތަށް ދާއިރާއަކުން ސަޕޯޓިވް ކަންތައްތަކެއް އެކުލަވާލެވިފައި ހުންނަން ޖެހެއެވެ. ރާއްޖޭގައި މިދާއިރާތަކުން ގިނަ ކަންތައްތަކެއް މިހާރު ވެސް ކުރެވެމުން ދިޔަ ނަމަވެސް އަދި ރާއްޖެ ފުރިހަމައަށް އޭއައި ތަންފީޒުކުރަން ތައްޔާރެއް ނޫނެވެ.

ފުރިހަމައަށް އޭއައި ތަންފީޒުކުރުމަށް އެތަށް ދާއިރާތަކަކުން ކުރިއެރުންތަކެއް އަވަހަށް ހޯދަން ޖެހެއެވެ. ޕޮލިސީ، ސްޓްރެޓެޖީ އާއި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި، ފަންނީ ހުނަރު ލިބިފައިވާ މީހުން އިތުރު ކުރުމާއި، ޑޭޓާ ހިއްސާކުރުން ހަރުދަނާ ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި މިހެން ގޮސް ވަރަށް ގިނަ ދާއިރާތަކެވެ.

މިރިޕޯޓްގައި ދިވެހިރާއްޖޭގެ ވާހަކަ އެކަނި ގެނެވިފައިވީ ނަމަވެސް ޖުމްލަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ އިތުރު ކަމަކީ ރާއްޖެ ފަދައިން ދުނިޔޭގެ ވަރަށް ގިނަ އެހެން ގައުމުތައް ވެސް އުޅެނީ މިފަދަ ހާލަތެއްގައެވެ. މިއީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ނޫނެވެ. އޭއައި އަކީ މުސްތަގުބަލަށް މުހިއްމު އެއްޗެއް ނޫން ކަމަށް، ނުވަތަ އެކަމާއި އަޅާ ނުލާ މިހާރު ތިބުމަކީ މޮޔަކަމެކެވެ. މިއީ މިހާރު ރާއްޖެ ހިމެނޭހެން ހުރިހާ ގައުމަކުން ވިސްނަންޖެހޭ ކަމެކެވެ.

ރިޕޯޓުގައި ފާހަގަކުރެވިފައިވާ ދާއިރާތަކުން ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އޭއައިގެ އިން ލިބިދޭ ގިނަ ގުނަ ފައިދާއާއި ފުރުސަތުތައް ނުލިބޭ ހާލަތަށް ރާއްޖެ ދިޔުން އެކަށީގެންވެއެވެ. ނުވަތަ އޭގެ ނުރައްކާތެރި އަސަރުތަކުން ސަލާމަތް ވާން އުނދަގޫ ވެދާނެއެވެ.

އޭއައިގެ ފައިދާ ނުހިފޭ ހިސާބުގައި، އެހެން ގައުމުތައް ކުރިއަރައިގެން ދާއިރު، ފަހަތުގައި ބަލަން ތިބޭ ގައުމަކަށް، ދިވެހިރާއްޖެ ވުން، މިއީ އެއްވެސް ދިވެއްސަކު އެދޭނެ ގޮތެއް ނޫނެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.