1991 ވަނަ އަހަރު، ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ ކޮމްޕިއުޓަރ ސައިންސްވެރިންނަށް ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވިއެވެ. މައްސަލައަކީ އެމީހުން މަސައްކަތުގައި ތިބެފައި ކޮފީއެއް ބޯން ސައި ކޮޓަރިއަށް ދާއިރު ކޮފީ ޖަގު ހުސްވެފައި ހުރުމެވެ. މިދެންނެވުނު ކޮފީ ޖަގަކީ އެޔުނިވަރސިޓީގެ އެތަށް ގިނަ ސައިންސްވެރިންނާއި ދިރާސާވެރިންނެއް ބޭނުންކުރާ ކޮފީ ޖަގެކެވެ. މިމައްސަލައަށް ހައްލެއް ހޯދުމަށް މިސައިންސްވެރިން ބޭނުންވީ ސައިކޮޓަރިއަށް ދިޔުމުގެ ކުރިން ކޮފީ ޖަގުގައި ކޮފީ ހުރިތޯ ބެލޭނެ ގޮތެކެވެ.
މިއީ ވެބްކެމް އީޖާދު ކުރުމަށް މެދުވެރިވި ސަބަބެވެ.
ސައިންސްވެރިންނަށް ދިމާވި މިމައްސަލައަށް ހައްލު ހޯދުމަށް އެމީހުން ބޭނުންކުރީ އާދައިގެ ޑިޖިޓަލް ކެމެރާއެކެވެ. ޔުނިވަރސިޓީގެ އެތެރޭގެ ކޮމްޕިޔުޓަރ ވިއުގައާއި ގުޅާލާފައިވާ މިކެމެރާ ބެހެއްޓީ ކޮޕީ ޖަގުގެ ފޮޓޯ ނެގޭނޭ ގޮތަށެވެ. ދެން ތައްޔާރު ކުރީ ކުޑަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުން ކޮންމެ ސިކުންތަކު ކޮފީ ޖަގުގެ ފޮޓޯއެއް ނަގާފައި ނެޓްވޯކު ތެރެއިން ކޮމްޕިޔުޓަރ ސައިންސް ޑިޕާޓްމަންޓްގެ ކޮމްޕިޔުޓަރުތަކަށް އެފޮޓޯ ފޮނުވަނީ އެވެ. ފޮޓޯ ނަގާފައި ފޮނުވާ މިޕްރޮގްރާމަށް ކިޔުނު ނަމަކީ "އެކްސްކޮފީ" އެވެ.
މިހިޔާލު އުފަންވީ ކެމްބްރިޖް ޔުނިވަރސިޓީގެ ކޮމްޕިޔުޓަރ ސައިންސް ޑިޕާޓްމަންޓްގެ "ޓްރޯޖަން ރޫމް" ނަމަކަށް ކިޔުނު ކޮޓަރިއެއްގައެވެ. މިއީޖާދީ ހައްލު ހޯދުމުގައި ހަރަކާތްތެރިވީ ކޮމްޕިޔުޓަރ ސައިންސް ޑިޕާޓްމަންޓްގައި އޭރު ޕީއެޗްޑީއަށް ކިޔަވަމުން ދިޔަ ދަރިވަރެއް ކަމުގައިވާ، ކުއެންޓިން ސްޓެފޯޑް-ފްރޭޒަރ އާއި ހަމަ އެޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ ދިރާސާވެރިއެއްކަމަށްވާ ޕޯލް ޖާޑެޓްޒްކީއެވެ. މިއީޖާދުގައި ނަގާ ފޮޓޯއަކީ އާދައިގެ، ކަޅާ ހުދުގެ ވަރަށް ދަށް ކޮލިޓީގެ ފޮޓޯއެކެވެ. އެހެން ނަމަވެސް މިހައްލު ވެގެން ދިޔަައީ އެތަށް ދިރާސާވެރިންނަކަށް ކުރިމަތި ވަމުން ދިޔަ މައްސަލައެއްގެ ބޮޑު ހައްލަކަަށެވެ.
1991 އިން ފެށިގެން އެމީހުން މިކަމަށް ބޭނުންކުރީ ފޮޓޯ ކެމެރާއެކެވެ. އަދި ކޮފީ ޖަގުގެ ފޮޓޯ ބެލެނީ ޔުނިވަރސިޓީގެ އެތެރޭގެ ނެޓްވޯކުގައި ތިބި މީހުންނަށެވެ. އެހެން ނަމަވެސް 1993 ގައި ވީޑިއޯ ކެމެރާއެއް ބޭނުންކުރަން ފެށިއެވެ. އަދި ކޮފީ ޖަގުގެ ވީޑިއޯ ފީޑް އިންޓަރނެޓާއި ގުޅާލައި، ބްރޯޑްކާސްޓްކުރަން ފެށިއެވެ. އަދި ދުނިޔޭގެ ކޮންމެ މީހަކަށްވެސް އެވީޑިއޯ ބަލާލެވޭނޭ ގޮތަށް ބަދަލުކުރިއެވެ.
މިގޮތުން ބްރޯޑްކާސްކުރެވުނު "ޓްރޯޖަން ރޫމް ކޮފީ ޕޮޓް" ވެގެން ދިޔައީ އާންމުކޮށް ލިބޭގޮތަށް ކުރި ފުރަތަމަ ވެބްކެމް ސްޓްރީމް އަށެވެ. 2001 ވަނަ އަހަރު މިވީޑިއޯ ފީޑް ނިއްވާލުމުގެ ކުރިން، ދުނިޔޭގެ އެތައް ހާސް ބަޔަކު މިވީޑިއޯ ފީޑް ބެލިކަމަށް ވެއެވެ.
ވެބްކެމްއަކީ މިހާރު ވަރަށް ގިނަ ޑިވައިސްތަކުން އަަހަރުމެންނަށް ފެންނަ އެއްޗެކެވެ. ލެޕްޓޮޕާއި، ފޯނުން ފެށިގެން ގޭގޭގެ ދޮރުތަކުގައި ހަރުކޮށްފައި ހުންނަ ބެލްތަކުގައި ވެސް ވެބްކެމް ހުރެއެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަހަރުމެންގެ ރައްޓެހިންނާއި އާއިލާ މެންބަރުންނާއި ގުޅުވައިދިނުމަށާއި، އަހަރުމެންގެ ގޭގެ ރައްކާތެރިކޮށްދިނުމަށާއި، ރިއަލްޓައިމްކޮށް ސްޓްރީމްކުރުން ފަދަ ކަންކަމަށް ބޭނުންކުރާ ވަރަށް އާންމު އެއްޗެކެވެ. އެކަމަކު އެންމެ ފުރަތަމަ ވެބްކެމް އުފެއްދުމުގެ ފަހަތުގައި އޮތް މަގުސަދަކީ ރައްކާތެރިކަމެއް އަދި މުވާސަލާތު ކުރުމެއް ވެސް ނޫންކަން ގިނަ ބަޔަކަށް ނޭގޭދޯއެވެ. މިއީޖާދީ އުފެއްދުމުގެ ފަހަތުގައި އޮތް ހަގީގަތަކީ ކޮޕީ ޖަގެއްގައި ކޮޕީ ހުރި ވަރު ބެލުމެވެ.
އާދައިގެ މައްސަލައަކަށް މިއީޖާދީ ހައްލު ހޯދުމަށް މެދުވެރިވި ސާދާ ސެޓަޕަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. މިސެޓަޕްގެ ސަބަބުން ފެނިގެން ދިޔައީ ވީޑިއޯ ކެމެރާތައް ބޭނުންކޮށްގެން ދުރުގައި ތިބި މީހުން ގުޅުވައިދިނުމަށް އޮތް ފުރުސަތެވެ. އަދި މިހިޔާލުން އިތުރު އީޖާދީ ކަންތައްތައް އުފެދިގެން އިތުރަށް ތަރައްގީވެގެން ދިޔައެވެ.
ވެބްކެމް އުފެދިގެން އައީ ކޮފީ ޖަގެއް ވީޑިއޯ ކުރުމަށް ބޭނުންކުރި ވަސީލަތެއްގެ ގޮތުގައި ނަމަވެސް އެތަށް ގިނަ އިތުރު ބޭނުންތަކެއް މިހިޔާލުގެ ސަބަބުން ގޮފި ފަޅައިގެން އުފެދިގެން ދިޔައެވެ. މިސާލަކަށް؛
- ވީޑިއޯ ކޯލް ކުރުމާއި ވީޑިއޯ ކޮންފަރެންސް ކުރުން. މީގެ ސަބަބުން ވަކިވަކިން ދުރުގައި ތިބި މީހުން ގުޅުވާއިދީ ޒަމާނީ މުވާސަލާތީ ވަސީލަތަކަށް ވެގެން ދިޔައެވެ.
- ލައިވް ސްޓްރީމް ކުރުން. ކޮންސެޓްތަކާއި، ކުޅިވަރު މުބާރާތްތަކާއި، ލައިވް ހަބަރުތައް ބްރޯޑްކާސް ކުރުމަށް މީގެން މަގުފަހި ވެގެން ދިޔައެވެ.
- ސެކިޔުރިޓީ ބެލެއްޓުން. ގޭގެއާއި އާންމު އިމާރާތްތަކާއި އެހެނިހެން ތަންތަން މޮނިޓަރ ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުން ވެގެން ދިޔައީ ވެބްކެމް ޓެކްނޮލޮޖީއިން އުފެދިގެން އައި އިތުރު ބޭނުމަކަށެވެ.
- އޮންލައިންކޮށް އުނގެނުން. ވެބްކެމް ޓެކްނޮލޮޖީއަކީ ރިއަލްޓައިމްކޮށް އޮންލައިންކޮށް އުނގެނުމަށް ލިބުނު ބޮޑު ފަސޭހައެކެވެ.
މިއުފެއްދުމާއި ގުޅޭ ފާހަގަކޮށްލެވޭ ބައެއް ޝައުގުވެރި ކަންކަން
- ކޮފީ ޖަގުގެ ވީޑިއޯ 10 އަހަރު ވަންދެން ސްޓްރީމް ކުރުމަށް ފަހު ނިއްވާލީ 2001 ވަނަ އަހަރު އެވެ.
- އޮރިޖިނަލްކޮށް ވީޑިއޯ ސްޓްރީމް ކުރި ކޮފީ ޖަގު 2001 ވަނަ އަހަރު ވަނީ އީބޭގައި ވިއްކާލާފައެވެ. ޖަގު ވިއްކާލާފައިވަނީ 3،350 ޕައުންޑަށެވެ.
- އެންމެ ފުރަތަމަ ބޭނުންކުރި ފޮޓޯ ކެމެރާ ސެޓަޕްގައި އުފެއްދި ފޮޓޯގެ ރިސޮލިޔުޝަނަކީ 128x128 ޕިކްސެލްއެވެ. މިއީ މިއަދު ލިބެން ހުރި ކެމެރާ ރިސޮލިޔުޝަންތަކާއި އަޅާބަލާފައި ވަރަށް ކުޑަ އެއްޗެކެވެ.
- މިއީޖާދުން އިންސްޕަޔަރވެގެން ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ފުރަތަމަ ވެބްކެމްތައް ވިޔަފާރި ބޭނުމަށް އުފައްދަން ފެށުނެވެ.
ވެބްކެމްގެ ފެށުމަކީ އޮފީހެއްގެ ތެރޭގައި އާންމުކޮށް ދިމާވާ އުނދަގުލަކަށް ހޯދުނު ފަސޭހަ، އަމަލީ ހައްލެކެވެ. މިވެގެން ދިޔައީ އާދައިގެ ފެށުމުން ފެށުނު އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުވާސަލާތާއި ރައްކާތެރިކަމާއި މުނިފޫހިފިލުވުމުގައި ބޭނުން ކުރެވޭ ވަރުގަދަ ވަސީލަތަކަށެވެ.
އެހެންވީމާ، ވިސްނާލާށެވެ. ދެން ފަހަރަކުން އަހަރުމެންގެ ދިރިއުޅުމުގައި ވެސް އުނދަގޫ މައްސަލައެއް ދިމާވެގެން ހައްލުކުރަން އުޅުމުގެ ތެރޭގައި އުފެއްދޭ އީޖާދީ ހައްލަކީ އައު ޓެކްނޮލޮޖީއެއްގެ ބިންގާ ކަމުގައި ވެދާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް