ޓެކު ބަހުރުވައަށް އަހުލުވެރި ނުވާ މީހާއަށް ވެސް، 'ބަގް' މިބަހަކީ އައު އެއްޗަކަށް ނުވެދާނެއެވެ. ކޮމްޕިޔުޓަރަކަށް ނުވަތަ މޯބައިލް ޑިވައިސްއަކަށް ނުވަތަ އޭގައި އިންސްޓޯލްކޮށްފައިވާ އެޕްލިކޭޝަނެއްގައި މައްސަލައެއް ޖެހިއްޖެ ނަމަ އޭގައި ބަގެއް އުޅޭ ވާހަކައަކީ އަބަދުވެސް އަޑު އިވޭ އާންމު ވާހަކައެކެވެ. މިބަހަކީ މިހާރު ޓެކް ދުނިޔޭގެ ބޭރުން ދިރިއުޅުމުގެ އެހެން ކަންތައްތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ ވެސް މީހުން ބޭނުންކުރާ ބަހެކެވެ.
'ބަގް' މި ލަފުޒު މިމާނައިގައި އުފަންވީ ކޮމްޕިއުޓަރުގެ ޒަމާނުގައެއް ނޫނެވެ. އޭގެ ކުރިން އިންޖިނިއަރުން ބޭނުންކުރާ މެޝިންތަކުގައި ހުންނަ ކުދިކުދި މައްސަލަތަކަށް ވެސް ބަގޭ ކިޔުނެވެ.
އެހެން ނަމަވެސް މި ބަސް މިމާނައިގައި ގިނައިން ބޭނުންކުރެވި މަޝްހޫރުވީ 1947 ވަނަ އަހަރު ދިމާވި ހާދިސާއަކާއި ގުޅިގެން އޭގެ ފަހުންނެވެ. އެއީ ހާވަރޑް ޔުނިވަރސިޓީގެ ސައިންސްވެރިން ތަކެއް، އެޒަމާނުގެ ބޮޑު ކޮމްޕިޔުޓަރެއް ކަމުގައިވާ 'މާކް II' ގައި މަސައްކަތް ކުރަމުން ދަނިކޮށް ދިމާވި ހާދިސާއެކެވެ. ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ އެ ކޮމްޕިޔުޓަރ ހަމަ ކުއްލިއަކަށް އެއް ދުވަހަކު ހުއްޓިއްޖެއެވެ. ދެން ދިމާވެގެން އުޅޭ މައްސަލައެއް ތަހުގީގުކުރުމަށްޓަކައި އެމީހުން ކޮމްޕިޔުޓަރ ހުޅުވައިގެ ބަލަން ފެށިއެވެ. އެމީހުން އެ ހުޅުވާލިއިރު އެމީހުންނަށް ފެނުނީ އޭގެ ސަރކިޓުތަކުގެ ތެރޭގައި ތާށިވެފައި އޮތް މޮތެކެވެ. ދިވެހި ބަހުން ބުނާނަމަ ބަޅިނދެކެވެ.
މި ސޫފި ފެނުނީ މާކް II ގައި މަސައްކަތް ކުރި ކޮމްޕިޔުޓަރ އިންޖިނިއަރުންގެ ޓީމަށެވެ. އެޓީމްގައި އެންމެ އިސްކޮށް އުޅުނީ ހާވާރޑުގެ ސައިންޓިސްޓް ވިލިއަމް ބީ ބަރކްއެވެ.
އެދުވަހު މާކް II މަރާމާތު ކުރުމަށް އެ ސޫފި ނަގާ، ސައިންވެރިންގެ ލޮގް ފޮތެއްގައި އެމީހުން އޭތި ޓޭޕްއަޅާ ތަތް ކުރިއެވެ. އަދި އެދުވަހުގެ 15:45 ގައި ހިނގި ކަމެއްގެ ގޮތުގައި އެއާއެކު "First actual case of bug being found (ހަގީގީ ބަގެއް ފެނުނު ފުރަތަމަ ކޭސް)" މިގޮތަށް ނޯޓު ކޮށްފައިވެއެވެ.
މިދެންނެވުނު ލޮގް ފޮތް، ޓޭޕް އަޅާފައިވާ 'ބަގް' އާއި އެކު މިހާރު ވަނީ އެމެރިކާގެ "ސްމިތްސޯނިއަން ނޭޝަނަލް މިއުޒިއަމް އޮފް އެމެރިކަން ހިސްޓްރީ" ގައި ރައްކާކުރެވިފައެވެ. މިފޮތުގެ ފޮޓޯ އޮންލައިންކޮށް އެމިޔުޒިއަމްގެ ވެބްސައިޓުން ވެސް ފެންނަން އެބަހުރިއެވެ.
އެވަގުތު ހާވަރޑް ޔުނިވަސިޓީގައި މަސައްކަތް ކުރަމުން ދިޔަ އަންހެން ކޮމްޕިޔުޓަރ ސައިންޓިސްޓެއް ކަމަށް ވާ ގްރޭސް ހޮޕަރ ވެސް އެދުވަހު އެލެބްގައި ހުއްޓެވެ. އަދި އެ ހާދިސާއަށް ފަހު ވަރަށް ގިނަ ފުރުސަތުތަކުގައި އޭނާ މިހާދިސާއަށް ނިސްބަތްކޮށް ފުޅާދާއިރާއެއްގައި މިވާހަކަތައް ހިއްސާ ކުރިއެވެ. މިއީ މިބަސް މިމާނައިގައި ވައިގައި ހިފާލާ މަޝްހޫރު ވެގެން ދިޔަ އެއް ސަބަބެވެ.
މިހާދިސާ ހިނގީ 19 ސެޕްޓެމްބަރ 1947 ގައެވެ. އެއަށް ފަހު އެ ކުޑަ ކުޑަ ސޫފި ތާރީހުގެ ތެރެއަށް ވަދެގެން ދިޔައެވެ. އޭގެ ފަހުން ކޮމްޕިއުޓަރެއްގައި މައްސަލައެއް އުޅޭ ކޮންމެ ފަހަރަކު މީހުން ކިޔަނީ 'ބަގް' އެއް އުޅޭކަމަށެވެ.
- 'މާކް II' އޭ ކިޔުނު ކޮމްޕިޔުޓަރ ޕްރޮގްރާމް ކުރަން އޭރު ބޭނުންކޮށްފައިވަނީ މެޝިން ކޯޑާއި އެސެމްބްލީ ލެވެލް ލެންގުއޭޖްއެވެ. މިއީ އަހަރުމެންނަށް މިހާރު ފެންނަ ޔޫއައި ބޭސްޑް ފަސޭހަ ޕްރޮގްރާމިންގ ލޭންގުއޭޖްތަކާއި ހިލާފަށް ސީދާ މެޝިނަށް ހާއްސަކުރެވޭ އިންސްޓްރަކްޝަން ތަކަކުން ކޮމްޕިޔުޓަރުގެ ހާރޑްވެއަރ މަސައްކަތް ކުރަންވީ ގޮތް ބުނެދޭ ލޭންގުއޭޖެކެވެ.
- މާކް II ކޮމްޕިޔުޓަރ އޭރު ބޭނުންކުރަނީ މީހުންނަށް މެނުއަލްކޮށް ނުކުރެވޭ ބޮޑެތި ކަލްކިއުލޭޝަންތައް ހެދުމަށެވެ. އޭގެ ތެރޭގައި އެމެރިކާގެ ނޭވީގެ އެކި މަސައްކަތްތަކަށާއި ފިޒިކްސް އަދި އިންޖިނިއަރިންގ ދާއިރާގެ ދިރާސާއާއި މަސައްކަތްތަކަށް ބޭނުންވާ އުނދަގޫ ހިސާބުތައް ހެދުން ހިމެނެއެވެ.
- ކޮމްޕިޔުޓަރ އީޖާދު ކުރުމުގެ ކުރިން 1800ގެ އަހަރުތަކުގައި އިންޖިނިއަރިންގ ދާއިރާގައި 'ބަގް' މިބަސް ބޭނުން ކުރެވުނު ކަމަށް ރެކޯޑް ކުރެވިފައި އެބަހުރިއެވެ. އެންމެ ފުރަތަމަ 'ބަގް' މިބަސް މެޝިނަކަށް ދިމާވި މައްސަލައެއްގެ މާނައިގައި ރެކޯޑު ކުރެވިފައިވަނީ 1878 ގައި ތޯމަސް އެޑިސަން ލިޔެފައިވާ ސިޓީއެއްގައެވެ.
- 'ބަގް' ފިލުވުމުގެ މަސައްކަތް ބަޔާންކުރަން އިނގިރޭސި ބަހުން ބޭނުންކުރާ 'ޑީބަގިންގ' މިބަސް އެންމެ ފުރަތަމަ ބޭނުންކުރެވުނީ 1944 ގައި އެއަރކްރާފްޓް އިންޖިނިއަރިންގ ދާއިރާގެ ތެރެއިންނެވެ. އަދި ކޮމްޕިޔުޓަރ ޕްރޮގްރާމިންގ މަސައްކަތުގައި ދިމާވާ ކޯޑިންގ މައްސަލަތައް ހައްލުކުރުމަށް 'ޑީބަގިންގ' މިބަސް ބޭނުންކުރަން ފެށުނީ 1950 ހިސާބުގައެވެ. މިބަސް ވެސް ވައިގައި ހިފާ މަޝްހޫރު ވެގެން ދިޔައީ ކޮމްޕިޔުޓަރ ސައިންސް ދާއިރާއިންނެވެ.
'ބަގު' މިބަސް އެހާ ފަސޭހައިން ވައިގައި ހިފާލާ، ގިނައިން ބޭނުންކުރަން ފެށުނީ ސަބަބަކީ މާކް IIގައި ސޫފި ތާށިވި ހާދިސާއަކީ ހަނދާނީ ހާދިސާއަކަށްވުމާއި އަދި ބަސް ކިޔާލަން ފަސޭހަވުމެވެ. "އަހަރެންގެ ކޮމްޕިޔުޓަރުގައި ނުވަތަ ޕްރޮގްރާމެއްގައި ޓެކްނިކަލް މައްސަލައެއް އެބައުޅެޔޭ" ބުނުމަށް ވުރެ، "ކޮމްޕިޔުޓަރުގައި ބަގެއް އެބަ އުޅެއޭ" ބުނުމަކީ މިހާރު ފަސޭހަ ވެފައި ފަރިތަގޮތެވެ. އަދި އޭގެން އަހަރުމެންނަށް ސިފަ ކޮށްދެނީ ސޫތްޕެއް ފަދަަ ކުޑަ ކުޑަ ކަމަކުން ކޮމްޕިޔުޓަރ އާންމުކޮށް މަސައްކަތް ކުރާ ކުރުމަށް ބުރޫ އަރުވާ ކަމުގެ ތަސްވީރެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް