ޗައިނާގެ އިރުމަތީގެ ޒެޖިއާންގް ޕްރޮވިންސްގެ ހަންޒޫ ސިޓީގައި، ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކްލާސްތައް މަޖުބޫރުކޮށްފިއެވެ. މިކަމުގެ ސަބަބުން، ދަރިވަރުންނަށް މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މި ޓެކްނޮލޮޖީއާ ގުޅޭ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގްލޯބަލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާ ސެމިސްޓަރ އިން ފެށިގެން، ހަންޒޫގެ ސްކޫލްތަކުގައި އޭއައި ތައުލީމު ދޭން ފަށާނެއެވެ. ކޮންމެ އެކަޑެމިކް އަހަރަކު މަދުވެގެން 10 ގަޑިއިރުގެ އޭއައި ކްލާސްތައް ނަގަން ޖެހޭނެއެވެ. މިކަމަށްޓަކައި، ހަންޒޫގެ ލޯކަލް އެޑިއުކޭޝަން ބިއުރޯއިން ވަނީ ކަރިކިއުލަމްގެ ޕްލޭންތަކާއި، އޭއައި ކިޔަވައިދޭ މުދައްރިސުންނަށް ބޭނުންވާ މިންގަނޑުތައް ހިމެނޭ ދެ ލިޔުމެއް އާންމުކޮށްފައެވެ. މިކަމުގެ މަގުސަދަކީ އޭއައި ތައުލީމު ކުރިއެރުވުމާއި، މުސްތަގުބަލުގެ ޓެކްނޮލޮޖީ ދާއިރާއަށް މީހުން ބިނާކުރުން ކަމަށް ބިއުރޯއިން ބުނެއެވެ.
ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގައި އޭއައި ކިޔަވައިދިނުމަށް ތަފާތު ގޮތްތައް ބޭނުންކުރާނެއެވެ. އެގޮތުން، ހަފްތާއެއްގެ ތެރޭގައި އޭއައި ކޯސް އެއްކޮށް ނިންމާލުން ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސައިންސް ފަދަ މާއްދާތަކާ އެކު އޭއައިގެ މައުލޫމާތު ދިނުން ހިމެނެއެވެ. ސްކޫލްތަކަށް އޭއައި ޕްރޮޖެކްޓްތައް އެމީހުންގެ ކަރިކިއުލަމްގައި ހިމެނުމުގެ މިނިވަންކަން ލިބިގެންދާނެއެވެ. އަދި ސްކޫލް ނިމިގެން ދޭ ޕްރޮގްރާމްތަކުގައިވެސް އޭއައިގެ އަސާސީ ކަންތައްތައް ދަސްކޮށްދެވޭނެއެވެ.
ފުރަތަމަ އަދި ދެވަނަ ގްރޭޑްގެ ދަރިވަރުންނަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެޕްލިކޭޝަންތައް ދެނެގަތުމަށް ކިޔަވައިދޭނެއެވެ. އަދި އޭއައި ޑިވައިސްތަކާ އެކު މަސައްކަތްކޮށް، ދިރިއުޅުމުގައި އޭއައިގެ ދައުރު ދެނެގަތުމަށް ބާރުއަޅާނެއެވެ. މި ކްލާސްތަކުގައި އޭއައި ބޭނުންކުރުމުގައި އިހްލާސްތެރިކަމާއި، އަމިއްލަ ސިއްރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރާނެއެވެ.
ތިންވަނަ އަދި ހަތަރުވަނަ ގްރޭޑްގެ ދަރިވަރުންނަށް ސްކޫލް މަސައްކަތްތަކާއި ދިރިއުޅުމުގެ ކަންކަމަށް ޓެކްސްޓް، ފޮޓޯ އަދި އޯޑިއޯ ފަދަ ވަސީލަތްތައް އެއްކުރުމަށް އޭއައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ. މުދައްރިސުންގެ އިރުޝާދާއެކު، ދަރިވަރުން އޭއައިގެ އެޕްލިކޭޝަންތައް ދައްކުވައިދޭނެ ކުދި ޕްރޮޖެކްޓްތައް ޑިޒައިންކޮށް އުފައްދާނެއެވެ.
މިޑްލް ސްކޫލްގައި ދަރިވަރުންނަށް އޭއައިގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ދަސްކޮށްދޭނެއެވެ. މީގެ ތެރޭގައި ޑޭޓާ ތައްޔާރުކުރުމާއި، މޮޑެލް ޓްރެއިނިންގ ހިމެނެއެވެ. އަދި އެލްގޮރިދަމްތަކުގެ އަސާސީ އުސޫލުތައްވެސް ދަސްކޮށްދޭނެއެވެ. ހައި ސްކޫލްގައި ދަރިވަރުން އޭއައި ސިސްޓަމްތައް ޑިޒައިންކުރުމުގެ ހުނަރުތައް ތަރައްގީކުރުމަށް ޕްރޮޖެކްޓްތައް ހަދާނެއެވެ. މި ތަޖުރިބާއިން ދިރިއުޅުމުގައި އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގާބިލިއްޔަތު އިތުރުކުރާނެ ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެއެވެ.
ހަންޒޫއަކީ އޭއައި ކުންފުނި ޑީޕްސީކް (DeepSeek) އުފެދުނު ރަށެވެ. ޑީޕްސީކް އަކީ ޗެޓްޖީޕީޓީއާ ވާދަކުރާ ޗައިނާގެ އޭއައި ސްޓާޓަޕް ކުންފުންޏެކެވެ. 8 މިލިއަނާ ގާތްކުރާ އާބާދީއެއް އޮންނަ މި ސިޓީއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ސިޓީއެކެވެ. އަދި މި ސިޓީއަކީ އާ އީޖާދުތައް އުފައްދާ، ސްޓާޓަޕް ކުންފުނިތައް ގިނަ، އަދި އޭއައި ދާއިރާއަށް މީހުން ބިނާކުރުމަށް ވަރަށް ރަނގަޅު މާހައުލެއް އޮންނަ ތަނެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.