ސްކޭމް ހުއްޓުވަން ފުލުހުން ޚާއްޞަ އެޕެއް ތަރައްޤީކުރަނީ

އަޙްމަދު ދާއޫދު 20 އޮކްޓޯބަރު 2025

ސްކޭމްގެ ޝިކާރައަކަށް ވެ މިލިއަނުން ރުފިޔާ ގެއްލެމުންދާ ދިވެހި މުޖުތަމަޢަށް އައު އުންމީދެއް ގެނެސްދިނުމުގެ ގޮތުން، ސްކޭމްކުރާ ފަރާތްތަކުގެ ނަންބަރުތަކާއި ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ހާމަކުރާ މޮބައިލް އެޕްލިކޭޝަނެއް ފުލުހުން ތަރައްގީކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ. މި އެޕްލިކޭޝަންގެ ސަބަބުން ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، މި އެޕްލިކޭޝަންގައި ސްކޭމަރުން ބޭނުންކުރާ ފޯނު ނަންބަރުތަކާއި، ބޭންކް އެކައުންޓް ނަންބަރުތައް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ފިޝިންގ ލިންކްތަކާއި، ސްކޭމްކުރުމަށް ބޭނުންކުރާ މެސެޖް ފޯމެޓްތަކުގެ މައުލޫމާތު ވެސް މި އެޕުން ފެންނާނެއެވެ. ސަދަ

އަޒީފް ވިދާޅުވި ގޮތުގައި، އެޕްލިކޭޝަން ބޭނުންކުރާ މީހަކަށް ސްކޭމް ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، އެ މައުލޫމާތު އެޕްލިކޭޝަނަށް އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެ މައުލޫމާތުގެ ތެދުކަން ކަށަވަރު ކުރުމަށްފަހު، ކޮންމެ އަށް ގަޑިއިރަކުން އެޕްލިކޭޝަންގައި އާންމުކުރެވޭނެއެވެ. މިއީ ސްކޭމްކުރާ ފަރާތްތަކުގެ މައުލޫމާތު އަބަދުވެސް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތެއް ކަމަށް އަޒީފް ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުން ހިމެނޭހެން ބައިނަލް އަޤްވާމީ ގިނަ ފުލުހުންގެ އިދާރާތައް ގުޅިގެން ހިންގި އެންޓި ސްކޭމް އޮޕަރޭޝަން ފްރޮންޓިއަރ ޕްލަސް

"އޭގެ ސަބަބުން މިޓިގޭޓްކުރުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކުރެވޭ. ސްކޭމް ކޯލެއްކަން ޝައްކުވާ ނަމަ އެޕްގައި ޖަހައިގެން ސާޗްކުރެވޭނެ. ލިންކު ވެސް ބެލޭނެ،" އަޒީފް ވިދާޅުވި އެވެ.

މިފަދަ އެޕްލިކޭޝަނެއްގެ ސަބަބުން، މީހަކު ސްކޭމްގެ ޝިކާރައަކަށް ވުމުގެ ކުރިން ރައްކާތެރިވުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. ޝައްކުކުރެވޭ ނަންބަރަކުން ނުވަތަ ލިންކަކުން މައުލޫމާތު ހޯދައި، އެއީ ސްކޭމެއްކަން އެނގުމުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެއެވެ.

ސްކޭމް ހިންގާ ފަރާތްތަކުގެ މައުލޫމާތު އެޕްލިކޭޝަންގައި ޕަބްލިޝްކުރުމަށްފަހު، އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުން އަވަސް ފިޔަވަޅު އެޅުމުގެ މުހިންމުކަން އަޒީފް ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްވުމަކީ ސްކޭމްގައި ޖެހޭ މީހުންގެ އަދަދު އިތުރުވާ ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ސްކޭމްތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި މުހިންމު ބައިވެރިވުމެއް ކަމުގައި ފުލުހުން ދެކެއެވެ.

ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމަށްފަހު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އަޕްޑޭޓް ނުލިބޭކަމަށް ބުނެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާކަން ފުލުހުން ފާހަގަކުރެއެވެ. މިކަމަށް ހައްލެއްގެ ގޮތުން، އަލަށް ލޯންޗުކުރާ އެޕް މެދުވެރިކޮށް އެފަދަ މައްސަލަތަކުގެ އަޕްޑޭޓް ވެސް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށް އަޒީފް ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ފަސޭހަވެފައިވީ ނަމަވެސް، ސްކޭމަރުން ވެސް ދަނީ އެމީހުންގެ އުކުޅުތައް ބަދަލުކޮށް، ޓެކްނޮލޮޖީގެ ނަހަމަ ބޭނުން ކުރަމުންނެވެ. އެހެންކަމުން، މިފަދަ ޓެކްނޮލޮޖީ ބޭސްޑް ހައްލުތަކަކީ ސްކޭމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެކެވެ. މި އެޕްލިކޭޝަނަކީ ސްކޭމްގެ ޝިކާރައަކަށް ވުމުގެ ކުރިން ރައްކާތެރިވުމަށް، އަދި ސްކޭމްކުރާ ފަރާތްތަކަށް ހުއްޓުމެއް ގެނައުމަށް ފުލުހުން އަޅާ މުހިންމު ފިޔަވަޅެކެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގެ އާންމުންނަށް ސައިބަރ ކްރައިމްތަކުން ރައްކާތެރިވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.