ސިއްހީ ނިޒާމުގެ ތެރޭގައި ޗެޓްޖީޕީޓީގެ ދައުރު އިންތިހާއަށް ބޮޑުވެ ކޮންމެ ދުވަހަކު 40 މިލިއަން ސިއްހީ ލަފާގެ މައުލޫމާތު ޗެޓްޖީޕީޓީން ހޯދާކަމަށް ޗެޓްޖީޕީޓީ އުފެއްދި މަޝްހޫރު އޭއައި ކުންފުނި އޯޕަންއޭއައި އިން ބުނެފިއެވެ.
އޯޕަންއޭއައި އިން ޖެނުއަރީ 2026 ގައި ނެރުނު ތަފްސީލީ ރިޕޯޓެއް ބުނާގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އަކީ މިހާރު ސިއްހީ ނިޒާމުގެ ތެރޭގައި އާންމުންނާއި ޑޮކްޓަރުންނަށް ނުހަނު ބޭނުންތެރި "އެކުވެރިއަކަށް" ވަނީ ވެފައެވެ. ދުނިޔޭގެ އެކި ކޮޅުތަކުން ޗެޓްޖީޕީޓީ ބޭނުންކުރާ 800 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން، ކޮންމެ ހަތަރު މީހަކުން އެކަކީ ކޮންމެ ހަފްތާއަކު ސިއްހީ ކަންކަމުގައި މި ވަސީލަތުގެ އެހީ ހޯދާ މީހެކެވެ.
މި ބަދަލު އަންނަން މެދުވެރިވީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކާއި، ހަރަދުތައް ބޮޑުވުމުގެ ސަބަބުން އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމާ ގުޅިގެންނެވެ. އެމެރިކާގެ ސިއްހީ ނިޒާމަށް އާންމުން ދީފައިވަނީ ވަރަށް ދަށް މާކްސްއެއް ކަމަށްވާއިރު، ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރާ ގޮތުގައި މިހާރުގެ ނިޒާމު ވަނީ މުޅިން ބަނގުރޫޓުވެފައެވެ. މި ހާލަތުގައި އަމިއްލަ ސިއްހީ ކަންކަމުގައި ގޮތް ނިންމުމަށް ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ހާއްސަކޮށް ސިއްހީ އިންޝުއަރެންސްގެ އޮޅުންބޮޅުން ބޮޑު ކަންކަން ދެނެގަތުމަށް ކޮންމެ ހަފްތާއަކު ދެ މިލިއަނާ ގާތްކުރާ އަދަދަކަށް މެސެޖު ޗެޓްޖީޕީޓީއަށް ފޮނުވައެވެ. މީގެ ތެރޭގައި އިންޝުއަރެންސް ޕްލޭންތައް އަޅާކިޔުމާއި، ބިލްތަކުގައި ހުންނަ މައްސަލަތައް ދެނެގަތުމާއި، އަދި އިންޝުއަރެންސް ކުންފުނިތަކުން ހިދުމަތް ނުދޭން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ހާދިސާއަކީ، ސެން ފްރެންސިސްކޯގައި ހުރި މީހަކު އޭނާގެ މަންމައަށް ދިމާވި ސިއްހީ ކުއްލި މައްސަލައެއްގައި ޗެޓްޖީޕީޓީގެ އެހީ ހޯދި ހާދިސާއެވެ. އޭނާގެ މަންމަގެ ލޮލުގެ ފެނުން ކުއްލިއަކަށް ގެއްލުމުން، އެއީ ވަރުބަލިވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އާއިލާއިން ހީކުރި ނަމަވެސް، ޗެޓްޖީޕީޓީން ވަނީ އެއީ ސްޓްރޯކެއްގެ ނިޝާނަކަށް ވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މި މައުލޫމާތުގެ އެހީގައި ވަގުތުން ފަރުވާ ހޯދުމުގެ ސަބަބުން އޭނާގެ މަންމަގެ ލޮލުގެ ފެނުން ވަނީ ގާތްގަނޑަކަށް މުޅިން އިއާދަވެފައެވެ.
ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ފަރަގުތައް ނައްތާލުމަށްވެސް އޭއައި މުހިންމު ދައުރެއް އަދާކުރެއެވެ. "ހޮސްޕިޓަލް ޑެޒާޓްސް" ނުވަތަ ހޮސްޕިޓަލަކަށް ދިޔުމަށް 30 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން، ސިއްހީ މައުލޫމާތު ހޯދުމަށް ޗެޓްޖީޕީޓީއަށް ބަރޯސާވާ މިންވަރު އިތުރެވެ. މިފަދަ ސަރަހައްދުތަކުން ކޮންމެ ހަފްތާއަކު ހަލައްކައެއްހާ މެސެޖު ސިއްހީ ސުވާލުތަކާ ގުޅޭގޮތުން ފޮނުވާކަމަށް މި ރިޕޯރޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މީހުންގެ މެދުގައިވެސް އޭއައިގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު އޭއައި ބޭނުންކުރި ޑޮކްޓަރުންގެ އަދަދު 38 އިންސައްތައިގައި ހުރިއިރު، 2024 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 66 އިންސައްތައަށް އަރާފައެވެ. ޑޮކްޓަރުން މި ވަސީލަތް ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި ބަލިމީހުންގެ ނޯޓްސްތައް ތައްޔާރުކުރުމަށާއި، ބަލި ދެނެގަތުމަށް އެހީތެރިވުމަށެވެ.
ސިއްހީ ދިރާސާތަކުގެ ދާއިރާއަށް ބަލާއިރު، "GPT-5 Pro" ފަދަ ކުރިއަރާފައިވާ މޮޑެލްތައް ބޭނުންކޮށްގެން، މިހާރު ހުރި ބޭސްތައް އެހެން ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެތޯ ސައިންސްވެރިން ދަނީ ބަލަމުންނެވެ. އަދި ޕާކިންސަން ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް، އޭއައިގެ އެހީގައި ދެގުނަ އަވަސްވެ، ހަރަދުތައް ބޮޑުތަނުން ކުޑަވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ސްޓެންފޯޑް ޔުނިވަރސިޓީ ފަދަ މުއައްސަސާތަކުން މިހާރު ދަނީ އޭއައި ބޭނުންކޮށްގެން ސިއްހީ ދާއިރާއަށް ކިޔަވާ ކުދިން ތަމްރީނުކުރުމުގެ އާ ނިޒާމުތައް ތައާރަފުކުރަމުންނެވެ. "ކްލިނިކަލް މައިންޑް އޭއައި" ފަދަ ޕްލެޓްފޯމްތަކުގެ އެހީގައި، ހަގީގީ ބަލިމީހުންނާ މުއާމަލާތްކުރުމުގެ ކުރިން، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބަލިމީހުންނާއެކު ދަރިވަރުންނަށް ފަރިތަކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
އޯޕަންއޭއައި އިން ބުނާ ގޮތުގައި، ސިއްހީ ދާއިރާގައި އޭއައި ބޭނުންކުރުން ރައްކާތެރިކުރުމަށާއި ފުޅާކުރުމަށްޓަކައި، 2026 ވަނަ އަހަރުގެ ކުރީކޮޅު ހާއްސަ ސިޔާސަތުތަކެއް އާންމުކުރާނެއެވެ. މި ސިޔާސަތުތަކުގެ ތެރޭގައި ސިއްހީ މައުލޫމާތު ރައްކާތެރިކަމާއެކު ބޭނުންކުރުމާއި، އޭއައި މެދުވެރިކޮށް އުފައްދާ ސިއްހީ ވަސީލަތްތަކަށް ހުއްދަ ދިނުމުގެ ކަންކަން ހިމެނޭނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.