ޖީމެއިލް އަށް އޭއައި އިންބޮކްސް ކިޔާ އައު ފީޗަރއެއް ތައާރަފް ކޮށްފައިވާ ކަމަށް ގޫގުލް އިން 8 ޖެނުއަރީ 2026 ގައި ވަނީ އިއުލާނުކޮށްފައެވެ. މިފީޗަރ އަކީ ގޫގުލްގެ ޖެމިނައި އޭއައި ޓެކްނޮލޮޖީ ހިމެނޭ ފީޗަރއެކެވެ.
އޭއައި އިންބޮކްސް އަކީ އާންމުކޮށް ޖީމެއިލްއިން އަހަރުމެންނަށް ފެންނަ އީމެއިލް ލިސްޓްގެ ބަދަލުގައި އަހަރުމެންނަށް ލިބޭ އީމެއިލްތައް ހުލާސާކޮށް، ކޮންމެ މީހަކަށް ޕާސަނަލައިޒްކޮށް މުހިއްމު މައުލޫމާތު ދައްކާލާ ފީޗަރއެއް ކަމަށް ގޫގުލްއިން ހާމަކުރެއެވެ.
މިފީޗަރއިން، އަހަރުމެންނަށް ލިބިފައިވާ އީމެއިލްތަކަށް ބިނާކޮށް އަހަރުމެން ކުރަންވީ ކަންތައްތައް (ޓު-ޑޫ ލިސްޓް) އަދި އީމެއިލްތަކުން ފޮލޯ-އަޕް ކުރަން ބޭނުންވާ ކަންތައްތައް، އެކި އެކި ޓޮޕިކްތަކަށް ބަހާލާ ހުލާސާކޮށް ދައްކާނެ ކަމަށްވެއެވެ.
މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ޖީމެއިލްއަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލެވެ. އޭއައި ހިމަނައިގެން ޖީމެއިލްއަށް ގެނެސްފައިވާ މިބަދަލުތަކުގެ ސަބަބުން އަަހަރުމެންގެ އީމެއިލްތައް މެނޭޖުކުރުމާއި، އެއަށް ޖަވާބު ދިނުމުގެ މަސައްކަތް އެތަށް ގުނައެއް ފަސޭހަ އަދި އަވަސް ވެގެންދާނެކަމަށް ގޫގުލްއިން ބުނެއެވެ. މިއީ އާންމުކޮށް މަސައްކަތުގެ މާހައުލުގައި ވަރަށް ގިނަ އީމެއިލްތައް ކިޔާ، އެއަށް ޖަވާބުދީ، މިހާރުވެސް ޖީމެއިލް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކޮށް، ޓު-ޑޫ ލިސްޓް ފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް ލިބޭނެ ފަސޭހައެއް ކަމަށް ވާނެއެވެ.
އޭއައި އިންބޮކްސްއިން އީމެއިލްތައް ހުލާސާކޮށް އެންމެ މުހިއްމުކަން ދޭންޖެހޭ ކަންކަން ވަކި ޓޮޕިކްތަކަށް ބަހާލާ ދައްކާލައެވެ. އަދި ކޮންމެ ބަޔަކާއި ގުޅޭ އީމެއިލްގެ ލިކްނުތައްވެސް ދައްކާލައެވެ. ގޫގުލް އިން އާންމުކޮށްފައިވާ ޑެމޯ ވީޑިއޯގައި އޭއައި އިންބޮކްސް މެދުވެރިވެ، އެޕޮއިންޓްމަންޓް ޝެޑިއުލް ކުރުމާއި، އީމެއިލްއަށް ޖަވާބު ދިނުމާއި، ފައިސާ ދައްކަން ޖެހޭ ފަދަ ކަންކަމަށް ފައިސާ ދެއްކުން ފަދަ ފީޗަރތައް ހިމަނާފައިވެއެވެ.
ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި އޭއައި އިންބޮކްސް ފީޗަރއިން އަހަރުމެން އާންމުކޮށް އީމެއިލް ކުރާ މީހުންނާއި، ކޮންޓެކްޓް ލިސްޓްގައި ހިމެނޭ މީހުންނާއި އީމެއިލްތަކުގެ ކޮންޓެންޓުތައް ބަލާ އަހަރުމެންނާއި ގުޅުންހުރި ފަރާތްތައް ދެނެގަންނާނެއެވެ. އަދި އެފަރާތްތަކަކީ ވީއައިޕީގެ ގޮތުގައި ކަނޑައަޅާ، އީމެއިލްތަކުގައި ބުނާ ކަންތައްތައް ސަމަރައިޒްކޮށް ކުރަން ޖެހޭ ކަންތައްތައް ދައްކާނެއެވެ.
މީގެ އިތުރުން ޑެޑްލައިން ކައިރިވެފައިވާ މަސައްކަތްތަކާއި، ވަކި ދުވަހަކަށް ޖަވާބު ދޭންޖެހޭ އީމެއިލްތަކާއި، ޝެޑިއުލް ކުރަންޖެހޭ އެޕޮއިންޓްމަންޓް ފަދަ ކަންތައްތަކަށް އަލިއަޅުވާލާ އޭއައި އިންބޮކްސްއިން އަހަރުމެންގެ ސަމާލުކަމަށް އެކަންކަން ގެންނާނެއެވެ.
އޭއައި އިންބޮކްސް ފީޗަރ 8 ޖެނުއަރީ 2026 އިން ފެށިގެން ފުރަތަމަ ރޯލްއައުޓު ކޮށްފައިވަނީ "އިތުބާރު ކުރެވޭ ޓެސްޓަރުންނަށް" ކަމަށް ގޫގުލްއިން ހާމަކުރެއެވެ.
އޭއައި އިންބޮކްސް ފީޗަރގެ އިތުރުން ގޫގުލްގެ ޖެމިނައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރާ އިތުރު ފީޗަރސް ތަކެއްވެސް ޖީމެއިލްއަށް އަންނާނެކަމަށް ގޫގުލްއިން އާންމުކޮށްފައިވާ ބްލޮގް ޕޯސްޓްގައި ހާމަކޮށްފައިއެވެ. މިއީ މިހާރުވެސް ގޫގުލް ވަންގެ ޕްރޮޑަކްޓްތަކުން ސަބްސްކްރައިބްކޮށްގެން ބައެއް ކަސްޓަމަރުންނަށް ލިބޭ ފީޗަރތަކެކެވެ.
މިފީޗަރއަކީ ގިނަ އީމެއިލްތައް މެނޭޖުކުރާ ފަރާތްތަކުގެ މަސައްކަތް ވަރަށް ފަސޭހަކޮށްދޭނެ ފީޗަރއެކެވެ. މިއީ އީމެއިލްތަކުގައި ހުރި ކޮންޓެންޓް އަދި އެހެން މައުލޫމާތު ސަރޗްކުރެވޭ އޭއައި ފީޗަރއެކެވެ. ގޫގުލް ސަރޗްގައި ހިމެނޭ އޭއައި އޯވަރވިއު ފީޗަރ ފަދައިން، ޖީމެއިލްގައި ހިމެނޭ އޭއައި އޯވަރވިއުގައި ވެސް އީމެއިލްތަކުގައި ހިމެނޭ މައުލޫމާތުތަކަށް ބިނާކޮށް އަހަރުމެން ކުރާ ސުވާލުތަކަށް ޖަވާބުދޭނެއެވެ. އެތަކެއް ގިނަ އީމެއިލްތަކެއް ހިމެނޭ ދިގު އީމެއިލް ތްރެޑެއްގައި ދައްކާފައިވާ މައުލޫމާތެއް ހޯދުމަށް ވަކި ވަކި އީމެއިލް ނުބަލާ އޭއައި އޯވަރވިއު ފީޗަރއިން މުހިއްމު ޕޮއިންޓްތައް ފާހަގަކޮށް ހުލާސާކޮށްދޭނެއެވެ.
ޖީމެއިލްގެ އޭއައި އޯވަރވިއު ފީޗަރއިން އަހަރުމެން އީމެއިލްތަކާއި ހިމެނޭ މައުލޫމާތަކާއި ގުޅޭ ގޮތުން ސުވާލެއް ކޮށްފިނަމަ ގޫގުލްގެ ޖެމިނައި މެދުވެރިވެ ޖަވާބު ދޭނެއެވެ. ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކީވޯޑެއް ޖަހައިގެން ސަރޗް ކުރުމުގެ ބަދަލުގައި ގޫގުލް ސަރޗް އިންޖީންގައި ޖަހާ ފަދައިން ޖީމެއިލްގައިވެސް އާންމުކޮށް މީހުން ވާހަކަ ދައްކާ ބަހުރުވައިން ބޭނުންވާ ސުވާލެއް ކުރެވޭނެއެވެ.
އޭއައި އޯވަރވިއު ފީޗަރ 8 ޖެނުއަރީ 2026 އިން ފެށިގެން ހުރިހާ ޖީމެއިލް ކަސްޓަމަރުންނަށް ލިބޭނެކަމަށް ވެއެވެ. އެހެން ނަމަވެސް އިންބޮކްސް އާއި ސުވާލު ކުރުމުގެ ފީޗަރ ލިބޭނީ ހަމައެކަނި ގޫގުލް ވަން އޭއައި ޕްރޯ އަދި އޭއައި އަލްޓްރާއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.
8 ޖެނުއަރީ 2026 ގެ އަޕްޑޭޓަށް ފަހު ޖީމެއިލްގެ "ހެލްޕް މީ ރައިޓް" ފީޗަރ ހުރިހާ ޖީމެއިލް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ގޫގުލް އިން ހާމަ ކުރެއެވެ. މިއީ އީމެއިލް ޑްރާފްޓްތައް ލިޔެފައި އިބާރާތް ރަނގަޅު ކުރުމަށް ނުވަތަ އީމެއިލް ޑްރާފްޓް ތައްޔާރުކުރުމަށް ބޭނުންކުރާ އޭއައި ފީޗަރއެކެވެ.
މީގެ އިތުރުން "ސަޖެސްޓެޑް ރިޕްލައިސް" ފީޗަރ ވެސް މިހާރު ހުރިހާ ފަރާތްތަކަށް ލިބޭނެއެވެ. މިއީ އީމެއިލް ލިޔަމުން ދާއިރު އީމެއިލްގެ ކޮންޓެންޓަށް ބިނާކޮށް އެންމެ ކްލިކްއަކުން ލިޔަން އުޅޭ ޖުމްލަ ފުރިހަމަ ކުރުމަށް އޮޕްޝަން ދޭ ފީޗަރއެކެވެ.
"ޕްރޫފްރީޑް" ފީޗަރ އަކީ ލިޔާ އީމެއިލްގެ ގްރެމަރ އަދި ސްޓައިލް ޗެކްކޮށް އީމެއިލް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންކުރާ ފީޗަރއެކެވެ. މި ފީޗަރ ލިބެނީ ހަމައެކަނި ގޫގުލް ވަން އޭއައި ޕްރޯ އަދި އޭއައި އަލްޓްރާއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.
މިހާރު ގެނެވުނު މިބަދަލުތައް އަދި ގެނެސްފައިވަނީ އެމެރިކާގެ ސަރަހައްދުތަކަށާއި، ހަމައެކަނި އިގިރޭސި ބަހުން ޖީމެއިލް ބޭނުންކުރާ ކަސްޓަމަރުންނަށް އެކަންޏެވެ. އެހެންނަމަވެސް އިތުރު ސަރަހައްދުތަކަށާއި އެހެން ބަސްތަކުން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ވެސް މިފީޗަރ ކުރިއަށް އަންނަން ހުރި މަސްތަކުގެ ތެރޭގައި ރޯލްއައުޓު ކުރަން ޕްލޭންކުރާކަމަށް ގޫގުލް އިން ހާމަކުރެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް