Download Logo
Copy Logo

އައިފޯނުގެ ސިރީ އޭއައި ވަރޝަންގައި ބޭނުންކުރަނީ ގޫގުލްގެ ޖެމިނައި

ހިންދު ޢަލީ 15 ޖެނުއަރީ 2026

އެޕަލް ކުންފުނީގެ ޕްރޮޑަކްޓްތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރސް ތަރައްގީ ކުރަމަށް އެޕަލް އާއި ގޫގުލްއާއި އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް އިއުލާނުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ދެ ކުންފުނިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މިއެއްބަސްވުމަކީ ގިނަ އަހަރުތަކަކަށް ކުރިއަށް ދާނެ، ދެ ކުންފުނި ގުޅިގެން އޭއައިގެ މަސައްކަތްތަކެއް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މިޕާޓްނަރޝިޕްގެ ދަށުން ދެން އަންނަ ޖެނެރޭޝަންގެ އެޕަލް ޕްރޮޑަކްޓްގެ އިންޓެލިޖެންސް ފީޗަރސްތައް އުފައްދާނީ ގޫގުލްގެ އޭއައި މޮޑެލް ޖެމިނައި އަދި ކްލައުޑް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި މިއަހަރު އަންނަން އޮތް ސިރީގެ އޭއައި ވަރޝަން ހިމެނެއެވެ.

މިޕާރޓްނަޝިޕްގެ އެހީގައި ގޫގުލްއިން އެޕަލްގެ އޭއައި ގާބިލިއްޔަތު އިތުރު ކުރިކަމުގައި ވީނަމަވެސް، އެޕަލް ފީޗަރސްތައް ޑިޒައިންކުރުމުގެ މަސައްކަތާއި އެޕަލް ޕްރޮޑަކްޓްތައް ބޭނުންކުރާ މީހުން ޑިވައިސްއާއި މުއާމަލާތް ކުރާނެ ގޮތް ޑިޒައިން ކުރާނީ އަދިވެސް އެޕަލްއިން ކަމަށް އެކުންފުނިން ބުނެއެވެ.

އެޕަލްއިން ހާމަކުރި ގޮތުގައި އެކުންފުނިން މިނިންމުން ނިންމީ ވަރަށް ގިނަ އޭއައި މޮޑެލްތައް ދިރާސާ ކުރުމަށް ފަހުއެވެ. އަދި އެޕަލް ފައުންޑޭޝަން މޮޑެލްތަކަށް އެންމެ އެކަށީގެންވާ އޭއައި މޮޑެލްއަކީ ގޫގުލްގެ ޓެކްނޮލޮޖީކަމަށް ފެންނާތީއެވެ.

މި އެއްބަސްވުމުގެ ފަހަތުގައިވާ ފައިސާއާއި ގުޅުންހުރި އެއްވެސް ތަފްސީލެއް ދެކުންފުނިންވެސް އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް 2025 އޯގަސްޓް މަހުގައި ބްލޫމްބަރގް ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން އެޕަލްއިން ގޫގުލްއާއި ގުޅިގެން ސިރީއަށް ހާއްސަކޮށްގެން ގޫގުލް ޖެމިނައިގެ ހާއްސަ ވަރޝަނެއް ތައްޔާރުކުރުމަށް މަޝްވަރާ ކުރެވުނެވެ. އަދި ގޫގުލްގެ އޭއައި ބޭނުން ކުރުމަށް އެޕަލްއިން އަހަރަކު 1 ބިލިއަން ޑޮލަރުގެ ޑީލެއް ހަދާނެ ކަމަށް ވެސް ރިޕޯޓް ކުރެވިފައިވެއެވެ.

މިއެއްބަސްވުމަކީ ގޫގުލްގެ އޭއައި އެޖެންޑާ ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް އެހީތެރިވެދޭނެ މުހިއްމު އެއްބަސްވުމެކެވެ. އަދި ހަމަ އެހެންމެ މިއީ އޯޕަންއޭއައި އާއި ވާދަކުރުމަށް ގޫގުލްއިން ކުރާ މަސައްކަތުގައި ކުރިއަށް އެޅި ފިޔަވަޅެކެވެ.

އެހެން ބޮޑެތި ޓެކް ކުންފުނިތަކާއި އަޅާ ބަލާފައި އެޕަލްއިން އޭއައިގެ މަސައްކަތުގައި އުޅެނީ ހީކުރި ވަރަށް ވުރެ ފަހަތުގައެވެ. އެޕަލްގެ އޭއައި ޑިވެލޮޕްމަންޓް މަސައްކަތްތައް އެކަށީގެންވާ ފެންވަރުގައި ކުރިއަށް ނުދާކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އެޕަލް ކުންފުންޏަށް މީގެ ކުރިން ވަނީ އަމާޒުވެފައެވެ. މިފާޑުކިޔުން ބޮޑަށް އަމާޒު ވަނީ ފަހުގެ އަހަރުތަކުގައި އެޕަލްގެ ވޮއިސް އެސިސްޓަންޓް އެޕް، ސިރީ އަށް އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާކަމަށް ބުނެއެވެ.

އެޕަލްއިން ފާހަގަކުރި ގޮތުގައި އެކުންފުނީގެ ސިރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ލަފާ ކުރި ޓައިމްލައިންނާއި އެއް ގޮތަށް ތަންފީޒު ނުކުރެވި ވަނީ ލަސްވެފައެވެ. ނަމަވެސް މިޕާރޓްނަރޝިޕާއިއެކު، 2026 ގެ ފަހުކޮޅުގައި ސިރީއަށް ކުރިއެރުން ތަކެއް އަންނާނެއެވެ.

މީގެ ކުރިން އެޕަލްގެ އޭއައި ޑިވެލޮޕްމަންޓް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، އެޕަލްއާއި އޯޕަންއޭއައި އާއި ގުޅިގެން ވެސް މަސައްކަތްތަކެއް ކުރާ ކަމަށްވެއެވެ. އެއީ ޗެޓްޖީޕީޓީއާއި ސިރީ އަދި އެޕަލް އިންޓެލިޖެންސް އެޕްލިކޭޝަން އިންޓަރގްރޭޓް ކުރުމުގެ މަސައްކަތެވެ. އެޕަލްއިން ހާމަކުރިގޮތުގައި ގޫގުލްއާއި އެކު މިއުފެދުނު އައު ޕާރޓްނަޝިޕްގެ ސަބަބުން އޯޕަންއޭއާއި އެކު މިހާރު އޮތް ޕާޓްނަޝިޕަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.