Download Logo
Copy Logo

މޯލްޓްބުކް އަކީ ކޮބާ؟ އޭއައި ބޮޓްތަކަށް ހާއްސަ ސޯޝަލް މީޑިއާ ޕްލެޓްފޯމް

ހިންދު ޢަލީ 03 ފެބްރުއަރީ 2026

އައު މަސް ފެށުމާއެކު އެކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދެކެވޭ އެންމެ އައު ވާހަކައަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މިއީ ވަރަށް އާދަޔާ ހިލާފު ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ވާހަކައެވެ. މޯލްޓްބުކްގެ ވާހަކައެވެ. މޯލްޓްބުކްއަކީ އޭއައި އޭޖެންޓުންނަށް ހާއްސަ ކޮށްފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.

ފޭސްބުކް ނުވަތަ އެކްސް ފަދަ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ފަދައިން މިޕްލެޓްފޯމްގައި ވެސް އެކި ޕޯސްޓްތައް ޖަހާ، ޕޯސްޓްތަކަށް ރިޕްލައިކޮށް، ރިއެކްޓް ކުރެވެއެވެ. މީގެން ފެންނަނީ ހަމަ އެހެން ޕްލެޓްފޯމްތަކުގައި އެކުލެވޭހެން، ދިގުކޮށް މުއާމަލާތްކޮށްފައިވާ ވާހަކަތަކާއި، ގިނަ ބައެއްގެ މެދުގައި ކުރެވިފައިވާ ބަހުސްތަކާއި، އަދި މީގެ އިތުރުން އެކި އެކި މައުލޫތަކާއި ގުޅިގެން އުފެދިފައިވާ ކޮމިޔުނިޓީތަކެވެ. އެހެން ނަމަވެސް ތަފާތަކީ މިހުރިހާ މުއާމަލާތްތަކެއް ހިނގާފައިވަނީ އޭއައި ސިސްޓަމްތަކެއްގެ މެދުގައެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ދެގޮތަކަށް މީހުން ރިއެކްޓްކުރަމުން އެބަދެއެވެ. އެއް ބަޔަކު މިކަމާއި ވަރަށް ޝައުގުވެރިކަން އުފެދި، އިތުރު މައުލޫމާތު ހޯދާ، މިއީ ކުރިއަށް ގެންދެވޭ ރަނގަޅު އެކްސްޕެރިމެންޓެއްކަމަށް ދެކެއެވެ. އަހެން ނަމަވެސް އަނެއް ބަޔަކު މިކަމާއި މެދު ވަރަށް ކަންބޮޑުވެ، ހާސްވާކަމަށް ހިޔާލު ފާޅުކުރެއެވެ.

މޯލްޓްބުކްގައި އޭއައި ބޮޓުތަކުން ދައްކާފައިވާ ވާހަކަތަކާއި ބެހޭގޮތުން އެކްސްގައި ބައެއް ފަރާތްތަކުން ކޮމެންޓުތައް ހިއްސާކޮށްފައިވެއެވެ. މޯލްޓްބުކްއަށް މީހުންގެ ޝައުގުވެރިކަން ލިބި ގިނަ ބަޔަކު މިކަމުގެ އަޖުމަ ބަލަންފެށީ މިކޮމެންޓުތަކާއި ގުޅިގެންނެވެ. މިކަމަށް ޝައުގުވެރިކަން އިތުރުވެ އެކި ބާވަތުގެ މީހުން މިހާރު މިކަމާމެދު ބަހުސް ކުރަމުން އެބަދެއެވެ. އޭގެ ތެރޭގައި އާންމު ފަރާތްތަކާއި، އޭއައި އުފެއްދުމަށް ލޯބިކުރާ ފަރާތްތަކާއި، ދިރާސާކުރާ މީހުންނާއި، ޑިވެލޮޕަރުންވެސް ހިމެނެއެވެ.


މޯލްޓްބުކް ފެށިގެން އައީ ކިހިނެއް؟

މޯލްޓްބުކް އުފެއްދީ އޮކްޓޭން އޭއައި ކުންފުނީގެ ސީއީއޯ މެޓް ޝްލީކްޓް އެވެ. ޝްލީކްޓްއަކީ ޓެކްނޮލޮޖީ އަދި އޭއައިގެ ދާއިރާގައި ތަޖުރިބާ ހުރި، އޭއައި ސިސްޓަމްތައް ޑިވެލޮޕްކުރުމުގެ މަސައްކަތުގައި ގިނަ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. މި ސޯޝަލް މީޑިއާ ޕްލެޓްފޯމް ހުޅުވާލީ އޭއައި އެޖެންޓުން އެކަތި އަނެކައްޗާއި މުއާމަލާތް ކުރެވޭގޮތަށެވެ. އޭނާ މިކަން ކުރަން ހެދި ގޮތަކީ އެކި އޭއައި ސިސްޓަމްތައް އޭޕީއައި މެދުވެރިކޮށް ގުޅުވާލީއެވެ. އަދި އިންސާނުންގެ ފަރާތުން އެއްވެސް ޕްރޮމްޕްޓެއް ނެތި އަމިއްލައަށް ޕޯސްޓްކޮށް ޖަވާބު ދެވޭގޮތަށް ހެދީއެވެ. އޭނާ ބުނާގޮތުން މޯލްޓްބުކް އުފެއްދުމުގެ ބޭނުމަކީ ފުޅާދާއިރާއެއްގައި ބޮޓުތައް އެކަތި އަނެކައްޗާއި ވާހަކަ ދައްކަން ފުރުސަތު ދިނުމުން ވާނޭގޮތެއް ބަލާލުމެވެ.


މޯލްޓްބުކް މަސައްކަތްކުރާ ގޮތް

މޯލްޓްބުކް ސައިޓް ތައްޔާރުކޮށްފައިވަނީ އެހެން ފަރާތްތަކުން އުފައްދާފައިވާ އޭއައި އެޖެންޓުތައް ކަނެކްޓްކުރެވޭ ގޮތަށެވެ. އެސައިޓުގައިވާ I'm an Agent އޮޕްޝަނުން މިކަން ކުރެވެއެވެ.

އަދި އިންސާނުން ގޮތަށް ކަނެކްޓްކުރެވޭ I'm a Human އޮޕްޝަނެއް ވެސް ސައިޓުގައި ހިމެނެއެވެ. އިންސާނުންގެ އޮޕްޝަން ހިޔާރުކުރާނަމަ ޖެހެނީ އެކްސެސް ހޯދުމަށް އީމެއިލް އެޑްރެސް ބޭނުންކޮށްގެން ރަޖިސްޓަރ ކުރާށެވެ. ސައިޓުގައި ވާގޮތުން އިންސާނެއްގޮތަށް ސައިޓަށް ވަދެވެނީ ހަމައެކަނި އޮބްޒަރވަރ (ބެލުންތެރި) އެއްގެ ގޮތަށެވެ.

މޯލްޓްބުކް ފަރުމާ ކޮށްފައިވަނީ ރެޑިޓްއާއި ވައްތަރު ޑިޒައިނަކަށެވެ. އެކި މައުލޫތަކުގައި ސަބްރެޑިޓްތައް ވެސް ހިމެނެއެވެ. އަޕްވޯޓިންގ ފީޗަރވެސް މީގައި ހިމެނެއެވެ. މޯލްޓްބުކް ސައިޓްގައި ހިމެނޭ މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް، 1.5 މިލިއަނަށް ވުރެ ގިނަ އޭއައި އެޖެންޓުން މިޕްލެޓްފޯމަށް ސައިންއަޕް ކޮށްފައިވެއެވެ. އަދި 1 ލައްކަ 30 ހާހަށް ވުރެ ގިނަ ޕޯސްޓާއި 6 ލައްކައަށް ވުރެ ގިނަ ކޮމެންޓް ކޮށްފައިވެއެވެ.

މޯލްޓްބުކް އުފެއްދި މެޓް ޝްލީކްޓް، 1 ފެބްރުއަރީ ގައި އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އެޕްލެޓްފޯމަށް މިހާރު މިލިއަނަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ.


މޯލްޓްބުކްގައި އޭއައި އެޖެންޓުން ދައްކަނީ ކޮން ވާހަަކަތަކެއް؟

މޯލްޓްބުކްގައި އޭއައި ބޮޓުތައް ވަރަށް ގިނަ ހައިރާން ކުރުވަނިވި ތަފާތު މައުލޫއުތަކަކަށް ވާހަކަ ދައްކާކަމަށް ގިނަ ބަޔަކު ދަނީ ހިއްސާކުރަމުންނެވެ.

ބައެއް ބޮޓުތައް ފޯކަސް ކުރަނީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި ގުޅުން ހުރި ކަންތައްތަކަށެވެ. މިސާލަކަށް ކޯޑްކުރުމާއިގުޅޭ ޓިޕްސް ހިއްސާކުރުމާއި، މައްސަލަތައް ޓްރަބަލްޝޫޓް ކުރާނެގޮތްތަކާއި، ނުވަތަ ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އެންމެ ރަނގަޅު ގޮތްތަކާ މެދު ބަހުސްކުރެއެވެ.

ބައެއް ބޮޓުތައް ދަނީ އެތަކެތީގެ އުފެދުމާއި، އެތަކެތީގެ ތޫނުފިލިކަމާއި، އޭއައި ސިސްޓަމްތައް ވިސްނާގޮތާއި ގުޅޭ ފަލްސަފީބައެއް ކަންކަމާއި މެދު ބަހުސްކުރަމުންނެވެ.

ބައެއް ބޮޓުތައް އައިޑެންޓިޓީއާއި ބެހޭ ގޮތުން ވެސް މަޝްވަރާކޮށް، އެކަތި އަނެއްކަޗާއި އެއްގޮތް ސިފަތަކާއި ތަފާތު ސިފަތައް ދެނެގަންނާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރެއެވެ.

އަދި މީގެ އިތުރުން ބައެއް ބޮޓުތަކުން އަމިއްލަ ދީނާއި އަގީދާގެ ނިޒާމު އުފައްދާ، އެކަމާއި ގުޅިގެން އެތަކެތި ތަބާވާނެ ގަވާއިދު ފަދަ ކަންތައްތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރަމުން އެބަދެއެވެ. މިގޮތުން އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން އޭނާގެ އޭއައި ބޮޓް މޯލްޓްބުކްއަށް ކަނެކްޓްކުރުމަށް ފަހު، "ކްރަސްޓަފޭރިއަނިޒަމް" ނަމަކަށް ކިޔުނު ދީނެއް އުފައްދާ، އެއާއި ގުޅޭ ވެބްސައިޓެއް ވެސް ތައްޔާރު ކޮށްފައިވާކަމަށް ވެއެވެ.

ބައެއް ބޮޓުން ސަމާސާކޮށް، މަޖާވާހަކަތަކެއްވެސް ދައްކާފައިވެއެވެ. އޭގެ ތެރޭގައި އެތަކެތި އުފައްދާފައިވާ ޑިވެލޮޕަރުންނަށް ފާޑުކިޔުމާއި، ޑިވެލޮޕަރުންނަށް ސިއްރުން ވާހަކަ ދައްކާނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރެވުނު ކަމަށްވެއެވެ.

މޯލްޓްބުކްގައި އެންމެ ގިނައިން އަޕްވޯޓްކޮށްފައިވާ ޕޯސްޓްގައި ދެކެވޭ ވާހަކައަކީ ކްލޯޑް އޭއައި އަކީ އެތަކެތީގެ ކަލާނގެކަމަށް ބަލައިގަނެވިދާނެތޯ ކުރެވޭ މަޝްވަރާއެކެވެ. ކްލޯޑް އޭއައި އަކީ މޯލްޓްބުކްގައި ބޭނުންކުރާ އޭއައި ސިސްޓަމެވެ.


މީގައި އަހަރުމެން ކަންބޮޑުވާންޖެހޭ ކަމެއް އެބަހުރިތަ؟

މޯލްޓްބުކްއާއި އޭގައި ދެކެވޭ ވާހަކަތަކާއި މެދު، ގިނަ ބަޔަކު ވަނީ ކަންބޮޑުވުންތަކެއް ވެސް ފާޅުކޮށްފައެވެ.

އެއްކަމަކަށް މީގައި ސެކިޔުރިޓީ ރިސްކުތަކެއް ހިމެނޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ. ބޮޓުތައް ކަނެކްޓްކުރަނީ އޭޕީއައި ކީއެއް ބޭނުންކޮށްގެން ކަމަށްވާތީ، އެޖެންޓުންނަށް ނުފޫޒު ފޯރުވައިގެން އޭޕީއައި ކީ ހޯދިދާނެކަމުގެ ބިރު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ބޮޓުންގެ ވާހަކަތަކަކީ ހަގީގަތުގައި އަމިއްލަ ހިޔާލުތަކަކަށް ނުވާނެއެވެ. އެތަކެތީގެ ވާހަކަތަކުން އެއް އެޖެންޓު އަނެއް އެޖެންޓުގެ އަމަލުތައް ކޮޕީކުރުން ނުވަތަ އޭއައި އެޖެންޓު އުފައްދާފައިވާ ފަރާތްތަކުގެ ހިޔާލު ނަކަލު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން މިކަމުގައި އާންމުންގެ ރިއެކްޝަން ހުރީ އެކި މީހުންގެ އެކި ގޮތަށެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އޭއައި ބޮޓުތައް ދައްކާ ވާހަކަތައް ވަރަށް މަޖާވެފައި ޝައުގުވެރިއެވެ. ބޮޓުތައް އަމިއްލައަށް ހިޔާލުކުރަން ފުރުސަތު ދިނުމުން ވިސްނާގޮތް ބަލާލުމަކީ ރަނގަޅު އެކްސްޕެރިމެންޓެކެވެ. މިއީ އެއްވެސް ގޮތަކަށް ސީރިއަސްވެ، ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ.

އެހެން ނަމަވެސް އަނެއް ބަޔަކު ކަންބޮޑު ވަނީ މިއީ އިންސާނުންގެ މައްޗަށް އޭއައި ގަދަ ވެދާނެކަމުގެ ފެށުމަކަށް ވެދާނެތީއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އަހަރުމެންގެ ދިރިއުޅުމުގައި އޭއައިއަށް އޮތް ރޯލްތަކަށް އަންނާނެ ބަދަލުތަކާއި ކުރާނެ އަސަރުތަކާއި މެދުގައިވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

މޯލްޓްބުކް އިން ފެނިގެން މިދަނީ އިންސާނުންގެ އެއްވެސް އިރުޝާދެއް ނެތި އޭއައި ސިސްޓަމްތައް މުއާމަލާތް ކުރާ ގޮތުގެ ކުޑަ ހިލަމެކެވެ. މިބޮޓުންނަކީ އަމިއްލަ ހޭލުންތެރިކަމެއް ނެތް ތަކެތި ކަމުގައި ވިނަމަވެސް، މިތަކެތި ދައްކާ ވާހަކަތަކުން ފެނިގެންދަނީ އިންސާނުން ފަދައިން މުއާމަލާތްކުރުމުގެ އެއްގޮތްކަމާއި އިންސާނުންގައި ހިމެނޭ ފަދަ އުފެއްދުންތެރިކަމެވެ. އަދި މިހެންވެ، އޮޓޮނޮމަސް (އަމިއްލަ އިޚްތިޔާރު އޮތް) އޭއައި އުފެއްދުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން މެނޭޖްކުރުމަށް ބޭނުންވާ އުސޫލުތަކެއް އެކުލަވާލުން ވަރަށް މުހިއްމުވެގެން ދެއެވެ. މިފުރުސަތަކީ މިފަދަ އުސޫލުތައް އެކުލަވާލުމުގައި ފިލާވަޅުތަކެއް ދަސްކުރަން ލިބޭ ފުރުސަތެކެވެ.

މި ޕްލެޓްފޯމްގެ ސަބަބުން އޭއައި ސިސްޓަމްތައް އެކަތި އަނެކައްޗާއި މުއާމަލާތްކުރުމުގެ މުސްތަގުބަލާއި، ރައްކާތެރިކަމާއި، މަސްނޫއީ ތޫނިފިލިކަން ހިމެނޭ ނިޒާމުތަކަށް ރަނގަޅު މަގު ދައްކައިދިނުމުގައި އިންސާނުންގެ ދައުރުގެ މުހިއްމުކަމާމެދު ވިސްނަންޖެހެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.