ފޮޓޯ: ދިރާގު
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީޒަން 2 31 ޖެނުއަރީ 2026ވަނަ ދުވަހުގެ ރޭ ދިރާގު ހެޑްއޮފީހުގައި ލޯންޗްކޮށްފިއެވެ.
ޑީޖީޖީގެ ސީސަން ލޯންޗް އިވެންޓްގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި، ގޭމިންގ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި މީގެ އިތުރުން އެކި ގޭމިންގ ހަރަކާތްތައް ކުރިއަށްދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން މި އިވެންޓް އިތުރަށް ފުރިހަމަވެގެން ގޮސްފައިވެއެވެ.
2025 ވަނަ އަހަރަކީ ދިވެހި ގޭމިންގ ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. މި ގޮތުން 11,000އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވާއިރު، ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ވަނީ ދީފައެވެ.
ޑީޖީޖީގެ އަމާޒަކީ 2026 ވަނަ އަހަރު ގޭމިންގ ކޮމިއުނިޓީ އިތުރު އައު އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. މީގެ ތެރޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ކަމަށް ދިރާގުއިން ހާމަކުރއެވެ. މި ރަސްމިއްޔާތުގައި ޑީޖީޖީގެ "ލީޑަރބޯޑްސް" ތައާރަފުކޮށް، މި އަހަރުގެ ތެރޭގައި "ގިލްޑް ފީޗަރސް" ތައާރަފް ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
މި ހަފުލާގައި، ރާއްޖޭގެ އީ-ގޭމިންގ ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕަރޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފައެވެ. މި ގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރ "މިނީސޯ"، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތަކެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.