ޓުއަރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގެ ރެކްރޫޓްމެންޓް މަސައްކަތްތަކަށް ހާއްސަ އޮންލައިން ޕްލެޓްފޯމް 'ރުކުރި' 31 ޖެނުއަރީ 2026 ދުވަހު އިފްތިތާހު ކޮށްފިއެވެ. މިއީ އައިލެންޑް ރެކްރޫޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އުފެއްދުމެކެވެ.
ރުކުރި އަކީ ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމް ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރެކްރޫޓްމަންޓް އެޕެކެވެ. އެޕް އުފެއްދި ފަރާތުން ހާމަކުރި ގޮތުގައި އެޕް އުފެއްދުމުގެ މަގުސަދަކީ މިދާއިރާގެ ހުރިހާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައިދިނުމެވެ. ރުކުރި އެޕް ތައްޔާރުކޮށްފައިވަނީ މޯބައިލް ޑިވައިސްތަކާއި ކޮމްޕިޔުޓަރތަކުގައި ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
އާންމު ގޮތެއްގައި މިދާއިރާގެ ވަޒީފާތަކަށް މީހުން ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ އުނދަގޫތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ، ވަޒީފާއަށް އެދޭ މީހުންގެ މައުލޫމާތު ވެރިފައި ކުރުމަށް ކުރަންޖެހޭ މެނުއަލް މަސައްކަތްތައް ގިނަވުމާއި، އެކަމަށް ނަގާ ވަގުތު ގިނަވުމެވެ. މިއެޕް އުފެއްދުމުގެ ބޭނުމަކީ ރެކްރޫޓްމަންޓް މަރުހަލާތަކުގައި އާންމުކޮށް ކުރިމަތިވާ މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. މިޕްލެޓްފޯމު މެދުވެރިވެ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ފަސޭހަކަމާއި އަވަސްކަމާއެކު ގުޅުވައިދީ، ދެފުށް ފެންނަ ގޮތެއްގައި ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއެޕް ހާއްސަކޮށްފައިވަނީ ތިންބާވަތެއް ފަރާތްތަކަށެވެ. އެއީ ވަޒީފާ ހޯދާ ފަރާތްތަކަށާއި، ވަޒީފާދޭ ފަރާތްތަކަށާއި ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށް ރުކުރި އެޕް ވެގެންދާނީ ޓުއަރިޒަމް ދާއިރާގެ ވަޒީފާތައް އެއްތާކުން ބަލާލެވޭ އަދި ވަޒީފާއަށް އެޕްލައި ކުރެވޭ ޓޫލްއަކަށެވެ. މިޕްލެޓްފޯމްގައި ވަޒީފާތައް ޕޯސްޓްކޮށްފައި ހުންނާނީ ގިނަ ކެޓަގަރީތަކަކުން ފިލްޓަރކޮށް ހޯދޭ ގޮތަށެވެ. މީގެ ތެރޭގައި ވަޒީފާއަދާ ކުރަންޖެހޭ ތަން، ވަޒީފާގެ ދަރަޖަ، ތަޖުރިބާގެ ދާއިރާ އަދި ކުންފުނީގެ ނަން ފަދަ ކެޓަގަރީތައް ހިމެނެއެވެ.
ތިންވަނަ ފަރާތެއް ނުވަތަ އެޖެންޓަކަށް ބަރޯސާނުވެ ވަޒީފާ ހޯދާ މީހުންނާއި ވަޒީފާދޭ ފަރާތްތަކާއި ސީދާ ކަނެކްޓްކުރުމަށް މިއެޕްއިން އެހީތެރިވެދޭނެއެވެ. މީގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކަށް ރެކްރޫޓްމަންޓް މަރުހަލާތައް އަވަސްކޮށްދީ ވަގުތު ސަލާމަތްކޮށްދޭނެއެވެ.
ވަޒީފާ ހޯދާ ފަރާތްތަކުން ޖެހޭނީ މިޕްލެޓްފޯމުގައި އަމިއްލަ ޕްރޮފައިލެއް އުފައްދާށެވެ. ޕްރޮފައިލްގައި ހިމެނެނީ ސީވީގައި އެކުލެވޭ މައުލޫމާތެވެ. މިސާލަކަށް ކާކުކަން އަންގައިދޭ ލިޔުމާއި، ތައުލީމީ ސެޓްފިކެޓްތަކާއި، ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި، ކުށުގެ ރެކޯޑް ފަދަ މައުލޫމާތެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށް މިއެޕްގެ އެންމެ ކަމުދާނެ ސިފައަކަށް ވެގެންދާނީ އެޕްލައިކޮށްފައިވާ ވަޒީފާތަކުގެ ސްޓޭޓަސް ރިއަލްޓައިމްކޮށް ޓްރެކްކުރެވުމެވެ. މީގެ ސަބަބުން ވަޒީފާ އަކަށް އެދި އެޕްލިކޭޝަނެއް ހުށަހެޅުމުން ޖަވާބު ނުލިބި ލަސްވެގެން ނުތަނަވަސް ވުމާއި، ޖަވާބު ހޯދުމަށް ތަންތަނަށް ގުޅަންޖެހުން ފަދަ އުނދަގޫތައް ނެތިގެންދާނެއެވެ.
މީގެ އިތުރުން ކުރިން އަދާކޮށްފާއިވާ ވަޒީފާތަކާއި ގުޅިގެން ކުރަންޖެހޭ ވެރިފިކޭޝަންތަކާއި ރެފަރެންސް ޗެކްކުރުން، ސީދާ ޕްލެޓްފޯމް މެދުވެރިވެ ފުރިހަމަކުރެވުމަކީ މިއެޕްގެ ހާއްސަ ކަމެކެވެ. މިއީ ވަޒީފާއަށް އެދޭ ކެނޑިޑޭޓުންގެ ޕްރޮފައިލްއަށް ކުރެވޭ އިތުބާރު ކަށަވަރު ކުރުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވާނެއެވެ. މިއީ ހާއްސަކޮށް ވަޒީފާގެ ތަޖުރިބާއަށް ބަރޯސާވާންޖެހޭ ޓުއަރިޒަމް ސިނާއަތުގެ ވަޒީފާތަކަށް ބޭނުންތެރި ފީޗަރއަކަށް ވެގެން ދާނެއެވެ.
ވަޒީފާދޭ ފަރާތްތަކަށް ރުކުރި އެޕްއަކީ ރެކްރޫޓްމެންޓްގެ ހުރިހާ މަރުހަލާއެއް ފެށުނީއްސުރެ ނިމެންދެން މެނޭޖްކުރެވޭނެ ޓޫލެކެވެ. ހުސްވެފައިވާ މަގާމްތައް ޕޯސްޓްކުރުމާއި، މީހުން ވަޒީފާއަށް އެޕްލައި ކުރުމުން އެޕްލިކޭޝަން ރިވިއުކުރުމާއި، ކެނޑިޑޭޓުން ޝޯޓްލިސްޓްކުރުމާއި، ކެނޑިޑޭޓުންނަށް މެސެޖު ފޮނުވާ މުއާމަލާތްކުރުން ފަދަ ގިނަ ކަންތައްތައްކެއް އެއް ޑޭޝްބޯޑަކުން ވަޒީފާދޭ ފަރާތްތަކަށް މެނޭޖްކުރެވޭނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މެނޭޖުކުރާ ކުންފުނީގެ ހުރިހާ މެންބަރުންގެ ޓީމް އެޕް ތެރެއިން އުފައްދާ، އެއްފަހަރާ އެޕްލިކޭޝަންތައް މެނޭޖުކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.
ރުކުރި އެޕްގެ ސަބަބުން ވަޒީފާދޭ ފަރާތްތަކަށް އީމެއިލް މެދުވެރިވެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ޖަމާކޮށް ވަޒަންކުރުމުގެ ބަދަލުގައި ހުރިހާ ކެންޑިޑޭޓުންގެ ޕްރޮފައިލްތައް އެއްތާކުން ބަލާލެވި، އަޅާކިޔާލަން ފަސޭހަވެގެން ދާނެއެވެ.
ރުކުރި ޕްލެޓްފޯމްގައި ހިމެނޭ ކެނޑިޑޭޓުންގެ ވަޒީފާގެ ރެފެރެންސް ހޯދުމާއި ވެރިފައި ކުރުމުގެ ފީޗަރއަކީ ވަޒީފާދޭ ފަރާތްތަކަށް ވެސް ވަރަށް މުހިއްމު ފީޗަރއަކަށް ވާނެއެވެ. އެއީ ޕްލެޓްފޯމް ތެރެއިން ކެނޑިޑޭޓުން ވަޒީފާ އަދާކުރި މުއްދަތު ކަށަވަރުކޮށް، ވަޒީފާއަށް ނެގުމުގެ ކުރިން ރެފެރަންސްތައް ޗެކްކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ. މީގެ އިތުރުން ހަމަ ޕްލެޓްފޯމް ތެރެއިން ކެނޑިޑޭޓުންނާއި މުއާމަލާތްކޮށް ވަޒީފާއަށް ހޮވުމުގެ އެކި މަރުހަލާތަކުގައި މެސެޖުވެސް ކުރެވޭނެއެވެ.
ފްރީލާންސްކޮށް ޓުއަރިޒަމް ދާއިރާގެ އެކި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ރުކުރި ޕްލެޓްފޯމްގައި ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ޕްލެކްސިބަލް ސްޓާފުންގެ ޑިމާންޑް ބޮޑު ދާއިރާއެކެވެ. ފްރީލާންސަރުން އަމިއްލައަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އަލިއަޅުވާލާ، ރުކުރި ޕްލެޓްފޯމުގައި ޕްރޮފައިލް ޕޯސްޓްކުރެވެއެވެ. އަދި ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ޕްރޮޖެކްޓްތަކުގެ ޕޯޓްފޯލިއޯ ޕްރޮފައިލްގައި ހިމެނެއެވެ. އެޕް މެދުވެރިވެ ފްރީލާންސަރުން ކޮށްފައިވާ މަސައްކަތްތަކުގެ ރެފެރަންސް ޗެކްކޮށް ވެރިފައި ކުރުމުގެ ފުރުތަސު ލިބެއެވެ.
ފްރީލާންސްކޮށްދޭ ހިދުމަތާއި ގުޅޭ މަސައްކަތެއް، ވަޒީދޭ ފަރާތަކުން ޕޯސްޓްކުރުމުން ޕްލެޓްފޯމް ތެރެއިން ޕްރީލާންސަރުންނަށް އެލަރޓް ލިބޭ ފީޗަރވެސް އެޕްގައި ހިމެނެއެވެ. މިބަޔަކީ ވަޒީފާދޭ ފަރާތްތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ބޭނުންވާ މަސައްކަތްތަކަށް، ކަމުގެ ތަޖުރިބާކާރު ފަރާތްތައް ފަސޭހައިން ހޯދުމަށް އެހީތެރިވެދޭނެ ބޭނުންތެރި ފީޗަރއެކެވެ.
ރުކުރި އެޕް ބޭނުންކުރާ ވަޒީފާދޭ ފަރާތްތަކާއި ފްރީލާންސަރުންނަށް ޕްލެޓްފޯމްގެ އަސާސީ ފީޗަރސްތައް ހިމެނޭ ހިލޭ ވަރޝަނަކާއި އިތުރު ޕްރީމިއަމް ފީޗަރސްތައް އެކުލެވޭ، ފައިސާ ދައްކައިގެން ބޭނުންކުރާ ވަރޝަންތަކެއް ހިމެނެއެވެ. ފައިސާ ދައްކާ ޕްލޭންތަކުގެ ތަފްސީލް ރުކުރި އެޕްގެ ސައިޓްގައި ހިމެނިފައިވެއެވެ. ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެއްވެސް ހަރަދެއް ނުކޮށް އެޕް ބޭނުން ކުރެވެއެވެ.
ޖުމްލަކޮށް ބަލާއިރު ރުކުރި އެޕަކީ ހަމައެކަނި ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ގުޅުވައިދޭ ޕްލެޓްފޯމަކަށް ވުރެ ފުޅާ އެޕެކެވެ. އެޕް އުފެއްދި އައިލެންޑް ރެކްރޫޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ފާހަގަ ކޮށްފައިވާ ގޮތުން؛
- މިއީ ލަގްޒަރީ ރިސޯޓްތަކުގެ އިސްމަގާމުތަކުން ފެށިގެން ގެސްޓްހައުސް، ރެސްޓޯރެންޓް އަދި ފަތުރުވެރިކަމުގެ ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަސޭހައިން އެއް ތަނަކުން ފެންނާނެ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ވަޒީފާ ހޯދާ ފަރާތާއި އެންމެ ގުޅޭ ވަޒީފާ ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.
- މިއީ ވަޒީފާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ވަޒީފާއަށް ކުރިމަތިލެވޭ، އަދި ވަޒީފާދޭ ފަރާތަށްވެސް އެއްތަނަކުން ހުރިހާ އެޕްލިކޭޝަނެއް މެނޭޖުކުރެވޭ އަދި އެހެންމެ ފަސޭހައިން ކެނޑިޑޭޓުންގެ މައުލޫމާތު ކަށަވަރު ކުރެވޭނެ ޕްލެޓްފޯމެކެވެ.
- މިއީ ވަޒީފާ ދޭ ފަރާތަށާއި، ވަޒީފާ އާއި މަސައްކަތް ހޯދާ ފަރާތަށްވެސް ދެފުށް ފެންނާނެ ނިޒާމެއް އެކުލެވިފައިވާ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ވަޒީފާއަށް އެދުމާއި، ހޮވުމުގައި ހިމެނޭ ހުރިހާ މަރުހަލާއެއް ހިނގާ ވަގުތު ރިއަލްޓައިމްކޮށް އަޕްޑޭޓް ބަލާލެވޭނެއެވެ. އޭގެ ސަބަބުން ދެ ފަރާތުގެ ދޭތެރޭގައި އޮންނަ އިތުބާރު އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެންވެސް ދެމެހެއްޓޭނެއެވެ.
- މިއެޕަކީ ޓުއަރިޒަމް ދާއިރާގައި ހިނގާ ރެކްރޫޓްމަންޓް ވޯކްފްލޯއާއި ޓެކްނޮލޮޖީއާއި ގުޅުވައިދޭ މިދާއިރާގައި ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދައިދޭ އެޕެކެވެ.
ރުކުރި ޕްލެޓްފޯމްގައި ފައިދާ ހުރި ގިނަ ފީޗަރސްތައް ހިމެނިފައި ވީނަމަވެސް މިފީޗަރސްތަކުގެ އަސްލު އަގު ވަޒަންކުރެވޭނީ ވީހާވެސް ގިނަ ބަޔަކު އެޕް ބޭނުންކުރަން ފެށުމުންނެވެ. އެހެން ކަމުން އެޕް އުފެއްދި ފަރާތްތަކުން މިހާރު ކުރަން އޮތް އެންމެ މުހިއްމު މަސައްކަތަކީ ހޮސްފިޓާލިޓީ ދާއިރާގެ އެކި ބާވަތުގެ ތަންތަން އޮޕްރޭޓްކުރާ ފަރާތްތައް ޕްލެޓްފޯމަށް އޮންބޯޑު ކުރުމުގެ މަސައްކަތް ކަމުގައި އެފަރާތުން ފާހަގަކުރެއެވެ. މީގެ އިތުރުން ބޭނުންކުރާ ފަރާތްތަކުގެ ފީޑްބެކަށް ބަލާ، ވެބް އަދި މޯބައިލްއެޕްގައި ފީޗަރސްތައް އިތުރަށް ފުޅާކޮށް މުއްސަނދުކުރުމާއި ފަސޭހަކުރުމުގެ މަސައްކަތްތައް މިހާރު ކުރެވޭކަމަށް އެފަރާތުން ފާހަގަކުރިއެވެ. ރުކުރި މޯބައިލް އެޕް ވެސް މިހާރު ބީޓާ ޓެސްޓިންގއަށް ތައްޔާރު ވެފައިވާކަމަށް ފާހަގަކުރިއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް