Download Logo
Copy Logo

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕްލެޓްފޯމަށް ނަޒަރެއް

ހިންދު ޢަލީ 20 ފެބްރުއަރީ 2026

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. އެއިދާރާއިން ހާމަކުރި ގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީއާއި ގުޅިގެން އޮސްޓްރޭލިޔާ ހައިކޮމިޝަނާއި ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މިޕޯޓަލް ވެގެންދާނީ ދިވެހި ރައްޔިތުންނާއި ގާނޫނު ހަދާ މަޖިލީހާއި ސީދާ ގުޅުވައިދޭ ޑިޖިޓަލް ޗެނަލަކަށެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ފޮނުވުމަށް ބޭނުންވާނަމަ އެކަން ކުރަން ޖެހެނީ ފިޒިކަލްކޮށް ކަރުދާސް ފޯމްތައް މެދުވެރިވެއެވެ. އަދި މިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ. އޭގެ އިތުރުން އެކަންކުރަން ޖެހެނީ މަޖިލީހުގެ އިދާރާއަށް ގޮސްގެންނެވެ.

އީ-ޕެޓިޝަން ޕޯޓަލް ތައާރަފްކުރުމާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިޔައީއެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މިހާރު އެމީހެއްގެ އީފާސް ލޮގިން ބޭނުންކޮށްގެން އެމީހެއްގެ ގޭގައި ހުރެގެން ކޮމްޕިޔުޓަރު ނުވަތަ ފޯނު މެދުވެރިވެ ފަސޭހަކަމާއެކު އެކި ކަންކަމާއި ގުޅިގެން މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނެއެވެ.

މި އާޓިރަލްގައި އީ-ޕެޓިޝަން ޕޯޓަލްއަށް ތަފްސީލީ ނަޒަރަކުން ބަލާލާނަމެވެ. ޕޯޓަލް ބޭނުންކުރާނެ ގޮތާއި އޭގެ މައިގަނޑު ފީޗާސްތަކަށް އަލިއަޅުވާލައި ތަފްސީލީ ރިވިއުއެއް ހުށަހެޅުމަށް މަސައްކަތް ކުރާނަމެވެ.


ޕޯޓަލް ބޭނުންކުރާނީ ކިހިނެއް؟

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް ބޭނުންކުރަން ފުރަތަމަ ޖެހެނީ އީފާސް މެދުވެރިވެ ސިސްޓަމަށް ލޮގިން ކުރާށެވެ. މިއީ ރަސްމީކޮށް ސީރިއަސް މައްސަލަތަކުގައި ޕެޓިޝަން ހުށަހެޅިގެން ދާނެ ޕޯޓަލެއް ކަމުން، އީފާސްއިން ލޮގިންކުރުމުގެ ބޭނުމަކީ ޕެޓިޝަން ހުށަހަޅާ އަދި ޕެޓިޝަންގައި ސޮއި ކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމެވެ.

ލޮގިންވުމުން މައިގަޑު ބައިތަކެއްގެ ގޮތުގައި ފުރަތަމަ ޕޭޖުން ފެންނަނީ 2 އޮޕްޝަނެކެވެ. އެއީ އައު ޕެޓިޝަނެއް ހުށަހެޅުމުގެ އޮޕްޝަނާއި، ޕެޓިޝަނެއްގައި ސޮއިކުރުމުގެ އޮޕްޝަނެވެ. މީގެ އިތުރުން ފުރަތަމަ ޕޭޖުން މިހާރު ސޮއިކުރުމަށް ހުޅުވާލާފައިވާ ޕެޓިޝަންތަކުގެ ލިސްޓެއްވެސް ފެނެއެވެ. ޕެޓިޝަންގެ ހާލަތުން އަދި ދާއިރާއިން އަދި ތާރީހުން މިލިސްޓް ފިލްޓަރ ކުރެވޭނެ ފީޗަރ ހިމެނިފައިވެއެވެ.


އައު ޕެޓިޝަނެއް ހުށަހެޅުން

ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ އެއްވެސް މައްސަލައެއް އޮތް ނަމަ އައު ޕެޓިޝަނެއް ހުށަހަޅަންވީއެވެ. ޕޯޓަލްގައި ހިމެނޭ މައުލޫމާތުގައި ވާގޮތުން ޕެޓިޝަން ހުށަހެޅޭނީ، މަޖިލީހަށް ތައާރަފުކުރެވިފައިވާ ނުވަތަ ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުން، ނުވަތަ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން، ނުވަތަ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަސްލަހަތު ހިމެނޭ ކަމަކާ ގުޅޭގޮތުންނެވެ.

އައު ޕެޓިޝަނެއް ހުށަހެޅުމަށް ފުރަންޖެހޭ މައުލޫމާތުގެ ތެރޭގައި، ޕެޓިޝަންގެ ނަމާއި، ގުޅުން ހުރި ދާއިރާއާއި، ޕެޓިޝަންގެ ތަފްސީލާއި، އެކަމަށް ގެންނަން ބޭނުންވާ ހައްލު ހިމެނެއެވެ.

ޕެޓިޝަނެއް ހުށަހެޅުމުގެ އެކި މަރުހަލާތަކެއް ހިމެނެއެވެ.

(ހ) ޕެޓިޝަން ޑްރާފްޓް މަރުހަލާ

މިއީ ޕޯޓަލްގައި ޕެޓިޝަން އުފައްދާ މަރުހަލާއެވެ. މިހިސާބުން ޕެޓިޝަން އާންމު ރައްޔިތުންނަކަށް އަދި ނުފެންނާނެއެވެ. މިމަރުހަލާގެ އަމާޒަކީ ޕެޓިޝަނަށް ފުރަތަމަ ސަޕޯޓް ހޯދުމަށް ބޭނުންވާ 5 ފަރާތެއްގެ ސޮއި ހޯދުމެވެ.

ސިސްޓަމްގައި ޕެޓިޝަން އުފެއްދުމުން އެފަރާތަށް ސިސްޓަމުން ޖެނެރޭޓްކުރި ލިންކެއް ލިބެއެވެ. ޕެޓިޝަން އާންމު ކުރުމަށް ބޭނުންވާ 5 ފަރާތެއްގެ ސޮއި ހޯދާނީ މިލިންކު ބޭނުންކޮށްގެންނެވެ.

(ށ) ކޮމިޓީއަށް ހުށަހަޅާ މަރުހަލާ

ފުރަތަމަ 5 ސޮއި ލިބުމުން، ސިސްޓަމުން އޮޓޮމެޓިކުން އެޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވައެވެ. މިހިސާބުން އެޕެޓިޝަނަކީ ޝަރުތު ހަމަވާ ޕެޓިޝަނެއްތޯ ޗެކްކުރާނެއެވެ. ޝަރުތު ހަމަވާނަމަ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ތެރޭގައި ޕެޓިޝަން އާންމުކުރާނެއެވެ.

(ނ) ޕެޓިޝަނަށް ތާއީދު ހޯދުމަށް އާންމުކުރާ މަރުހަލާ

ކޮމިޓީއިން ޕެޓިޝަން ފާސްވުމުން، މިމަރުހަލާ ފެށުނީއެވެ. އެހިސާބުން ސިސްޓަމް މެދުވެރިވެ ޕެޓިޝަނަށް ތާއީދު ހޯދުމަށް އާންމުކޮށް ހުޅަވާލެވުނީއެވެ. އާންމުކުރުމާއެކު ދެން އޮންނާނީ އެޕެޓިޝަނެއް މަޖިލީހަށް ހުށަހަޅުމަށް، އެޕެޓިޝަނަކަށް ތާއީދުކުރާ އިތުރު ފަރާތްތަކުގެ ސޮއި ހަމަކުރުމެވެ.

ސޮއި ހަމަކުރަން 6 ހަފްތާގެ މުއްދަތެއް ލިބިގެންދެއެވެ. މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ތްރެޝްހޯލްޑް މިންވަރަށް ސޮއި ހަމަ ނުވާ ހާލަތުގައި ޕެޓިޝަން ސްޕޮންސަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އެހީ ހޯދަން ޖެހެއެވެ. މެންބަރެއްގެ ސްޕޮންސަރ ހޯދުމުގެ ފީޗަރ ވެސް ޕޯޓަލް ތެރެއިން ލިބިގެންދެއެވެ.

(ރ) މަޖިލީހަށް ހުށަހަޅާ މަރުހަލާ

މިއީ ޕެޓިޝަނެއްގެ އެންމެ ފަހުގެ މަރުހަލާއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސޮއި ހޯދަން ޖެހޭ އަދަދަށް ސޮއި ހަމަވުމުން، އެޕެޓިޝަން ރަސްމީކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުނީއެވެ. ޕެޓިޝަނާއި އެކު ލިބިފައިވާ ސޮއިގެ އަދަދަށް ބަލާފައި އެޕެޓިޝަނެއް "އާންމު" ނުވަތަ "ހާއްސަ" ޕެޓިޝަނެއްގެ ގޮތުގައި ގިންތި ކުރެވެއެވެ. ދެން ޕެޓިޝަންގައިވާ މައްސަލަ ބެލުމަށް ސަރުކާރުގެ ކަމާބެހޭ ވަކި މިނިސްޓްރީއަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅިގެންދާނެއެވެ.


ޕެޓިޝަންގައި ސޮއިކުރުން

މިޕޯޓަލްގައި ހިމެނިފައިވާ އެންމެ މުހިއްމު އެއް ފީޗަރއަށް ވެގެންދާނީ އެހެން ފަރާތަކުން ހުށަހަޅާފައިވާ ޕެޓިޝަންތަކަށް ތާއީދުކޮށް ސޮއިކުރުމުގެ ފީޗަރއެވެ. ޕޯޓަލްގައި މިފީޗަރ ބޭނުންކުރަން ވަރަށް ފަސޭހައެވެ. ތާއީދުކުރަން ބޭނުންވާ ޕެޓިޝަނެއްގެ ތަފްސީލު ބަލާލުމަށްފަހު ސޮއިކުރުމަށް ކަނޑައެޅިފައިވާ ބަޓަންއަށް ފިތާލުމުން އީފާސްގައި ރަޖިސްޓަރ ކޮށްފައިވާ އީމެއިލް އެޑްރެސްއަށް އޯޓީޕީއެއް ލިބެއެވެ. އޯޓީޕީ އެންޓަރ ކުރުމަށް ފަހު ސަބްމިޓް ކޮށްލުމުން ޕެޓިޝަންގައި ސޮއިކުރެވުނީއެވެ. އަދި ސޮއި ބަލައިގެންފި ކަމުގެ ނޮޓިފިކޭޝަން ސިސްޓަމުން ލިބެއެވެ.

ކޮށްފައިވާ ސޮއިއެއް އަނބުރާ ނަގަން ބޭނުންވާނަމަ އެކަންވެސް ޕޯޓަލްގައި ކުރެވެއެވެ. މިކަން ކުރުމަށް ޖެހެނީ ޕެޓިޝަންގައި ސޮއިކުރިއިރު ކުރި ފަދައިން ސޮއި ނަގަން ކަނޑައެޅިފައިވާ ބަޓަންއަށް ފިތުމަށްފަހު އޯޓީޕީ އެންޓަރ ކުރާށެވެ.


ޕޯޓަލްގެ ހާއްސަ ފީޗަރތައް

މި ޕޯޓަލްގައި އެކްސެސިބިލިޓީއަށް ފޯކަސްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕޯޓަލް ބޭނުންކުރުން ފަސޭހަ ކުރުމަށް ފީޗަރއެއް ހިމަނާފައިވެއެވެ. ޕޯޓަލްގައި ހިމެނޭ އެކަމަށް ކަނޑައެޅިފައިވާ ބަޓަންތައް ބޭނުންކޮށްގެން 2 ގުނައަށް ނުވަތަ 3 ގުނައަށް ޓެކްސްޓް ބޮޑުކުރެވޭ ފީޗަރ ހިމެނެއެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ ފޯނުގެ ސްކްރީނުގައި ކުދިކޮށް ލިޔުންތައް ލިޔެފައި ހުރުމުން އުނދަގޫ ކުރިމަތިވެދާނެ މީހުންނަށް ނުވަތަ ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެއެވެ.

ޕޯޓަލްގައި ހިމެނިފައިވާ ޝެއަރ ފީޗަރއަކީ ވެސް ވަރަށް ބޭނުންތެރި ފީޗަރއެއް ކަން ފާހަގަކުރަމެވެ. ޕެޓިޝަނަކާއި ބެހޭ މައުލޫމާތު ހިމެނޭ ޕޭޖުގައި ޕެޓިޝަންގެ ލިންކު މީހުންނާއި ހިއްސާކުރުމަށާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލިންކު ހިއްސާކުރުމުގެ ފީޗަރ ހިމެނިފައިވެއެވެ. ސޯޝަލް މީޑިއާ ޕްޓެފޯމްތައް ކަމުގައިވާ ފޭސްބުކް، ލިންކްޑްއިން އަދި އެކްސްގައި ޑައިރެކްޓްކޮށް ޕެޓިޝަން ލިންކު ހިއްސާކުރެވެއެވެ. މިއީ ޕެޓިޝަންތަކަށް ތާއީދު ހޯދުމަށް ބޭނުންވާ ސޮއި ހަމަކުރަން ބޭނުންތެރި ފީޗަރއެކެވެ.

އީ-ޕެޓިޝަން ޕޯޓަލްއިން ލިބޭނެ ފަސޭހަތަށް

މިޕޯޓަލް މެދުވެރިވެ އިލެކްޓްރޯނިކްކޮށް ޕެޓިޝަން ހުށަހެޅުމަށް ރައްޔިތުންނަށް ފުރުސަތު ހުޅުވިގެން ދިއުމުން އާންމުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޕެޓިޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ޕެޓިޝަން ހުށަހެޅުމާއި، ތާއީދު ހޯދުމަށް ބޭނުންވާ ސޮއި ހޯދުން ފަސޭހަވުމާއި، ޕެޓިޝަން ރިކުއެސްޓްގެ ސްޓޭޓަސް ފަސޭހައިން ބަލާލެވުން ހިމެނެއެވެ.

އަދި ޕެޓިޝަން ހުށަނޭނި ނަމަވެސް މަޖިލީހުގައި އެކި މަރުހަލާތަކުގައި ކުރިއަށްދާ ޕެޓިޝަންތަކުގެ މައުލޫމާތު އާންމުވުމަކީ ހުރިހާ ރައްޔިތުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. ކުރިން މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަންތަކުގެ މައުލޫމާތެއް ހާމަކަން ބޮޑު ގޮތެއްގައި ފެންނާކަށް ނުހުރެއެވެ. އެހެން ނަމަވެސް މިހާރު ޕޯޓަލް މެދުވެރިވެ ބަލާލަން ލިބުމަކީ ގިނަ ބަޔަކަށް މިޕްރޮސެސްގައި ބައިވެރިވުމަށް ލިބޭނެ ފުރުސަތެކެވެ.

ވެރިކަންކުރާ ރަށް މާލޭގައި ބަހުސްކުރެވޭ ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު މިޕޯޓަލްއިން ލިއްބައިދެއެވެ. މާލެއަށް ދަތުރުކުރަން ނުޖެހި، ބަސްބުނުމުގެ ބާރު ލިބި، އެކަމަށް ކުރަންޖެހޭ ހަރަދުތައް ލުއިވީއެވެ.

އިތުރަށް ފާހަގަކޮށްލަން ބޭނުންވާ މުހިއްމު ކަމަކީ، ރައްޔިތުންގެ އަތްމައްޗަށް ލިބޭ ބާރު އިތުރަށް ފަހިވުމެވެ. މީގެ މާނައަކީ ސީދާ މަޖިލިހުގެ ތަޅުމަށް މައްސަލަ ހުށަހެޅުމުގެ ބާރު ރައްޔިތުންނަށް ލިބޭލިބުމެވެ. ޕެޓިޝަން ހުށަހެޅުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އެންމެ މަތީ މިންވަރަށް ސޮއި ހަމަކޮށް ސީދާ މަޖިލީހުގެ ތަޅުމުގައި މައްސަލަ ބަހުސްކުރުމަށް މަޖުބޫރު ކުރުމުގެ ފުރުސަތު މިޕޯޓަލްއިން ރައްޔިތުންނަށް ލިބިގެންދެއެވެ.

މިސިސްޓަމާއި އެކު އާންމުކޮށް ޕެޓިޝަންތަކާއި އެކު ފޭކު ސޮއި ހިމެނޭ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެއެވެ. އީފާސް ވެރިފައިޑް އެކައުންޓްތަކުން ސަބްމިޓް ކުރުމަކީ މަޖިލީހުގެ އިދާރާއަށް، ޕެޓިޝަންގައި ހިމެނިފައިވާ ސޮއިތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފަސޭހަވެގެންދާނެ ކަމެކެވެ.

މިކަމަކީ ރައްޔިތުންގެ ނަޒަރުންވެސް މައުލޫމާތުގެ ސެކިޔުރިޓީ އަދި އިތުބާރު އިތުރުވެގެން ދާނެ ކަމެކެވެ. އީފާސް ބޭނުންކުރުމުގެ ސަބަބުން މީހާއަށް ނޭގި އެކި ކަންތައްތަކުގައި ސޮއި ފޯޖްކޮށް ހުށަހެޅުމުގެ މައްސަލަ ނެތިގެންދެތީއެވެ.


ޕޯޓަލް އިތުރަށް ރަނގަޅު ކުރުމަށް ހުށަހަޅާ ބައެއް ހިޔާލު

މި ޕްލެޓްފޯމަކީ ރައްޔިތުންގެ އަޑު ސީދާ މަޖިލިސްއަށް ގެނައުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކެވެ. މުހިންމު މައްސަލައަކަށް ޕެޓިޝަން ހުށަހެޅުމަށް ސޮއި ހޯދުމަށް ރައްޔިތު މީހާ އެކި މީހުން ކައިރިއަށް ގޮސް ސޮއި ހޯދުމުގެ ބުރަކަމަށް ލިބޭ ލުޔެކެވެ. މި އައު ޕޯޓަލަކީ ވަރަށް ވެސް ރަނގަޅު ފެށުމެކެވެ. ނަމަވެސް، އިތުރަށް ރަނގަޅު ކުރަން އަބަދުވެސް ޖާގަ އޮންނާނެތާއެވެ.

މިހާރު ޕޯޓަލްގައި ހިމެނިފައިވާ ޓެކްސްޓް ރީސައިޒް ކުރާ ބަޓަންތަކަކީ ޕޯޓަލް ގިނަ ފަރާތްތަކަށް ބޭނުންކުރުމަށް ފަސޭހަ ވެގެން ދާނެ ފީޗަރއެކެވެ. އެހެން ނަމަވެސް ޕެޓިޝަނެއްގެ މައުލޫމާތު އަޑުއެހޭނެ ފަދަ ފީޗަރއެއް ހިމެނުމަކީ ޕޯޓަލްގެ އެކްސެސިބިލިޓީ އިތުރަށް ރަނގަޅު ކުރަން ކުރެވިދާނެ ކަމެކެވެ. މިއީ ލޮލަށް ނުފެންނަ ފަރާތްތަކަށާއި، ލިޔުން ކިޔުމަށްވުރެ އަޑުއަހަން އިސްކަންދޭ އުމުރުން ދުވަސްވީ މީހުންނަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ.

މިޒަމާނުގައި މީހުން ޑިޖިޓަލް ޓޫލްސް ބޭނުންކުރާ ގޮތަށް ބަލާ، ޕެޓިޝަންތަކަށް ފޮލޯ ކުރުމުގެ ފީޗަރއެއް ހިމެނުމަކީ ގިނަ ބަޔަކަށް ރަނގަޅު ފީޗަރއަކަށް ވެދާނެއެވެ. އެގޮތުން އެފަރާތެއް ޝައުގުވެރިވާ ޕެޓިޝަނެއް ނުވަތަ ތާއީދުކުރަން ސޮއި ކުރި ޕެޓިޝަނެއްގެ އަޕްޑޭޓް ހޯދުމަށް ފަސޭހަވެގެން ދާނެއެވެ. މިޕްލެޓްފޯމް ގިނަ ދުވަހަށް ބޭނުންކުރަން ފެށި، ގިނަ ޕެޓިޝަންތަކެއް ހުށަހެޅިގެން ދިޔުމުން ވަކި ޕެޓިޝަނެއް ހޯދާ، ސްޓޭޓަސް ބަލުމަކީ ދަތިކަމަކަށް ވެސް ވެދާނެއެވެ. އަދި ކޮންމެ ފަހަރަކު ވަކި ޕެޓިޝަނެއްގެ އަޕްޑޭޓެއް ޗެކް ކުރަން ޕޯޓަލްއަށް ނުވަދެ ވެސް ފުދޭނެއެވެ. އެހެންކަމުން، ފޮލޯ ފީޗަރއަކީ ފައިދާހުރި ފީޗަރއަކަށް ވާނެކަމަށް ދެކެމެވެ.

ކޮންމެއަކަސް މިއީ ދިވެހިރާއްޖެ ފަދަ އެކި ކަންކޮޅުތަކަށް ރައްޔިތުން ފެތުރިފައިވާ ގައުމަކަށް ވަރަށް ބޭނުންތެރި ޕްލެޓްފޯމެކެވެ. މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި، އިލެކްޓްރޯނިކް ޕޯޓަލްއެއް ޕޮޒިޓިވް ގޮތެއްގައި ބޭނުންކުރުމުގެ ރަނގަޅު މިސާލެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.