Download Logo
Copy Logo

ވައިޓްހައުސްއިން އޭއައި އާއި ގުޅޭ ގައުމީ ސިޔާސަތުގެ އޮނިގަނޑެއް ނެރެފި

ހިންދު ޢަލީ 25 މާރިޗު 2026

ފާއިތުވެ ދިޔަ ދެތިން އަހަރު ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަނީ އާންމުކޮށް ގިނަ މީހުން ބޭނުންކުރާ އެއްޗަކަށްވެ، މެއިންސްޓްރީމް ވެފައެވެ. އޭއައި ޓެކްނޮލޮޖީ ކުރިއަރާއި ބާރުމިނާއި އަޅާބަލާފައި އެންމެ އިސްކަމެއް ދީގެން ގިނަ ބަޔަކު ކުރާ ސުވާލަކީ އޭއައި ޓޫލްތަކުގެ އަދި އެތަކެތި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްގެ ރައްކާތެރިކަން ޔަގީން ކުރަނީ ކިހިނެއް ހެއްޔެވެ؟

އޭއައި ޓެކްނޮލޮޖީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 20 މާރޗް 2026 ވަނަ ދުވަހު އެމެރިކާގެ ވައިޓްހައުސްގެ އޮފީސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީ (އޯއެސްޓީޕީ) އިން ވަނީ "ނޭޝަނަލް ޕޮލިސީ ފްރޭމްވޯކް ފޯރ އާޓިފިޝަލް އިންޓެލިޖެންސް" ގެ ނަމުގައި އައު އޮނިގަނޑެއް ނެރެފައެވެ. މިކަން އިއުލާނުކޮށް ވައިޓް ހައުސްއިން ނެރިފައިވާ ބަޔާނުގައި ވާގޮތުން މިއޮނިގަނޑަކީ މިހާރު އެމެރިކާގެ 50 ސްޓޭޓްގައި ހުރި ވަކިވަކި ގާނޫނުތައް، އެއް އުސޫލެއްގެ ދަށުން އެއްގޮތްކުރުމަށް އެކުލަވާލެވުނު އޮނިގަނޑެކެވެ. މި އޮނިގަނޑުގެ ވެގެންދާނީ ކޮންގްރެސްއިން އުފައްދާ އޭއައި އާއި ގުޅޭ ހުރިހާ ގާނޫނެއް އުފެއްދުމުގައި ބަލާނެ ގާނޫނީ ލަފާ ފޯރުކޮށްދޭ މުހިއްމު އޮނިގަނޑަކަށެވެ.

ވައިޓްހައުސްގެ އޮފީސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީ (އޯއެސްޓީޕީ)ގެ ޑައިރެކްޓަރ މައިކަލް ކްރަޓްސިއޯސް ފާހަގަކުރި ގޮތުގައި މިއޮނިގަނޑަކީ މިހާރު އޭއައި އާއި ގުޅިގެން ގިނަ ބަޔަކަށް ދިމާވާ ހަގީގީ ކަންބޮޑުވުންތަކާއި ކުރިމަތިލުމަށް އެހީތެރިވެދޭނޭ އެއްޗެކެވެ. އޭނާ ބުނިގޮތުގައި އޮންލައިންކޮށް ކުޑަކުދިން ރައްކާތެރިކުރުމުން ފެށިގެން އޭއައި އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ ހަރަދު ބޮޑުވުން ފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިއޮނިގަނޑުގައި ބަލާލާފައިވާނެއެވެ.


މިގޮތުން އެމެރިކާގެ ކޮންގްރެސްއިން ފިޔަވަޅު އަޅަން އެންމެ މުހިއްމު އޭއައި ޕޮލިސީގެ 7 މައުލޫއެއް މިއޮނިގަނޑުގައި ހިމެނިފައިވެއެވެ.

1. ކުޑަކުދިން ރައްކާތެރިކުރުމާއި ބެލެނިވެރިން ބާރުވެރިކުރުވުން

މިބައިގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކުޑަކުދިން ޑިޖިޓަލް އާލާތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރު ކޮންޓްރޯލް ބެލެނިވެރިންނަށް ދިނުމަށެވެ.

- އޭއައި ކުންފުނިތަކުން އުފައްދާ ޓޫލްތަކުގައި ސްކްރީން ޓައިމް އާއި ކުދިންގެ ޕްރައިވެސީ މެނޭޖުކުރުމަށް ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުން.

- ބޮޑެތި މީހުން ބޭނުންކުރުމަށް އުފައްދާފައިވާ އޭއައި ޕްލެޓްފޯމްތައް ކުޑަކުދިން ބޭނުންކުރުން ހުއްޓުވުމަށް، އުމުރު ޗެކުކުރެވޭނެ ހަރުދަނާ ގޮތްތަކެއް ހިމެނުން.

- ގެއްލުން ހުރި "ޑީޕްފޭކް" ފޮޓޮއާއި ވީޑިއޯ އުފެއްދުންތައް ހުއްޓުވުމަށް އައު ގާނޫނުތަކެއް ހެދުން.

- އޭއައި ސިސްޓަމްތައް އުފައްދާ ކުންފުނިތަކުން އިޝްތިހާރު ކުރުމަށް އެއްކުރާ ކުޑަކުދިންނާއި ގުޅޭ ޑޭޓާ ވީހާވެސް މަދު ކުރުމަށް އައު ގާނޫނުތަކެއް ހެދުން.


2. މުޖުތަމައުތައް ރައްކާތެރިކޮށް ހަރުދަނާކުރުން

މިބައިގައި ބަލާލާފައިވަނީ އޭއައި ތަރައްގީ ވެގެން ދިޔުމުގެ ތެރޭގައި އާންމުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑު ނުވާނެ ގޮތް ހެދުމަށެވެ.

- އޭއައި ޑޭޓާ ސެންޓަރުތައް އުފެއްދުމާއި އޮޕަރޭޓްކުރުމުގެ ސަބަބުން އާންމު ރެޒިޑެންޝަލް ފަރާތްތަކުގެ ހަކަތައިގެ ބިލަށް އަސަރު ނުކުރާނެކަން ޔަގީންކުރުން.

- އޭއައި އިންފްރާސްޓްރަކްޗާރ އުފައްދާ ފަރާތްތަކުގެ އުފެއްދުންތެރިކަން ހަލުވި ކުރުމަށް ވަކިން ކަރަންޓު ގްރިޑް ހެދުމާއި، އެކަމަށް ބޭނުންވާ ހުއްދަތައް ދެވޭނެ ހަލުވި ނިޒާމްތަކެއް ކަނޑައެޅުން.

- އޭއައި މެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އިމްޕަރސަނޭޝަން ސްކޭމްތައް ހުއްޓުވުމަށް ބޭނުންވާ ބައިތައް މިހާރު ހުރި ކަމާބެހޭ ގާނޫނުތަކުގައި ހިމެނުން.

- ކުދި ވިޔަފާރިތަކުގެ އޭއައި ގާބިލިއްޔަތު އިތުރުކުރުމަށް ގްރާންޓް އެހީއާއި، ޓެކްސް ލުއިކުރުމާއި އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.


3. ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމާއި އުފެއްދުންތެރިންނަށް އެހީތެރިވުން

މި ބައިގައި އަލިއަޅުވާލާފައިވަނީ ފަންނާނުންނާއި، ލިޔުންތެރިންނާއި، އެހެނިހެން އާންމު ފަރާތްތަކުން ވެސް އުފައްދާ ތަކެއްޗާއި ގުޅިގެން ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަށެވެ.

- ސަރުކާރު ނުވަތަ ބޮޑެތި ޓެކް ކުންފުނިތަކުން އޭއައި ބޭނުންކޮށްގެން މީހުންގެ ހިޔާލުފާޅުކުރުމަށް ހުރަސް އެޅުން ހުއްޓުވުން ނުވަތަ ޚިޔާލުތައް ސެންސަރު ކުރުން ހުއްޓުވުން.

- މީހެއްގެ އަޑާއި މޫނު އެމީހެއްގެ ހުއްދަ ނެތި އޭއައި ސިސްޓަމްތަކުން ބޭނުން ނުކުރެވޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.

- އުފެއްދުންތެރިން ރައްކާތެރި ކުރެވޭނެ ނިޒާމުތައް އެކުލަވާލާ، އޭއާއި ސިސްޓަމްތަކުން އެފަދަ ފަރާތްތަކުގެ އުފެއްދުންތައް ނުހައްގުން ބޭނުންނުކުރާކަން ކަށަވަރުކުރުން.


4. ސެންސަރުކުރުން ހުއްޓުވުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުން

މިބައިގައި ބަލާލާފައިވަނީ ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ބޭނުންވާ އަގީދާއަކަށް އުޅުމާއި ޕްރެސް ފްރީޑަމް ފަދަ ހައްގުތައް ހިމެނޭ އެމެރިކާގެ ފަސްޓް އެމެންޑްމަންޓް ހައްގުތައް ރައްކާތެރިކުރުމަށެވެ.

- ސިޔާސީ ނުވަތަ ފިކުރީ އެޖެންޑާއެއްގެ މައްޗަށް ބިނާކޮށް ކޮންޓެންޓް މަނާކުރުމަށް ނުވަތަ ބަދަލުކުރުމަށް އޭއައި އުފައްދާ ފަރާތްތަކަށް މަޖުބޫރުކުރުން ހުއްޓުވުން.

- އޭއައި ޕްލެޓްފޯމްތަކުގައި ފާޅުކުރާ ހިޔާލަކާއި ގުޅިގެން ސަރުކާރުން ނުހައްގު ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ބަދަލު ހޯދޭނެ ވަސީލަތްތަކެއް ގާއިމްކުރުން.


5. އިނޮވޭޝަންއަށް މަގުފަހިކުރުމާއި އޭއައި ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާގެ ބާރު ވަރުގަދަކުރުން

މިބައިގައި ބަލާލާފައިވަނީ އޭއައިގެ ދާއިރާއިން ދުނިޔޭގެ ލެވްލްގައި އެމެރިކާގެ ބާރު ވަރުގަދަކުރުމަށް އިނޮވޭޝަނަށް ހުރި ހުރަސްތައް ނައްތާލައި، އޭއައި ޓެކްނޮލޮޖީ އުފެއްދުން ހަލުވިކޮށް، ފެންވަރު ރަނގަޅު އޭއައި ސިސްޓަމްތައް އުފެއްދުން އަވަސް ކުރުމަށް ޓެސްޓިންގ މާހައުލުތައް ފުޅާކުރުމަށެވެ.

- އޭއައި އެޕްލިކޭޝަންތަކަށް ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް ގާއިމްކުރުން.

- އޭއައި މޮޑެލްތަކާއި ސިސްޓަމްތައް ތަމްރީނުކުރަން ބޭނުންކުރުމަށްޓަކައި ފެޑެރަލް ޑޭޓާސެޓްތައް ފޯރުކޮށްދިނުން.

- އެކި ދާއިރާތަކަށް ހާއްސަކޮށް، މިހާރު އުފައްދާފައި ހުރި ރެގިއުލޭޓަރީ އިދާރާތައް މެދުވެރިކޮށް އަދި އެދާއިރާތަކަށް ހާއްސަ މިންގަނޑުތަކުގެ އެހީގައި އޭއައި އެޕްލިކޭޝަންތައް ތަރައްޤީކުރުމަށް އެހީތެރިވުން.


6. އޭއައިއާއި ގުޅޭ ތައުލީމު އިތުރުކުރުމާއި، އޭއައިއަށް އަހުލުވެރި މަސައްކަތްތެރިން އުފެއްދުން

މިބައިގައި ބަލާލާފައިވަނީ މުސްތަޤްބަލުގެ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށެވެ.

- ސްކޫލް، ޔުނިވަރސިޓީ އަދި އެޕެރެންޓިސްޝިޕް ޕްރޮގްރާމްތަކަށް އޭއައި ޓްރެއިނިންގ އިތުރުކުރުމަށް.

- އޭއައިގެ ސަބަބުން ވަޒީފާތަކަށް ބަދަލު އަންނަ ގޮތް ދިރާސާކޮށް، އެކި ދާއިރާގައި މަސައްކަތް ކުރާ މަސައްކަތްތެރިން އިތުރު މުސާރަ ލިބޭ ރޯލުތަކަށް ކުރިއެރުމަށް އެހީތެރިވެދޭ ރަނގަޅު ސިޔާސަތުތައް އުފެއްދުން.


7. ހުރިހާ ސްޓޭޓްތަކުން ތަބާވާންޖެހޭ ފެޑެރަލް ސިޔާސަތުގެ އޮނިގަނޑެއް ޤާއިމުކުރުން

މިއޮނިގަނޑުގެ އެންމެ ފަހު ބައިގައި ބަލާލާފައިވަނީ މުޅި ގައުމު ތަބާވާނެ އެއް ސިޔާސަތުތަކެއް އުފެއްދުމެވެ. އެއް އޮނިގަނޑެއް އެކުލަވާލުމުގެ ބޭނުމަކީ،

- އެކި ސްޓޭޓްތަކުގައި ހުރި ތަފާތު ގާނޫނުތަކުން އުފެދޭ އޮޅުން ބޮޅުން ކުޑަކުރުން.

- އޭއައި އުފެއްދުމުގައި އެއްގޮތްކަން ހިފެހެއްޓި، އޭއައި އުފެއްދުމަށް ގިނަ ބައެއްގެ މެދުގައި ވާދަވެރިކަން އިތުރުކުރުން.


އޭއައި ގުޅޭ ގާނޫނުތައް އެކުލަވާލެވުމަށް މީގެ ކުރިން އެމެރިކާގައި ކުރެވުނު މަސައްކަތްތައް

އޯއެސްޓީޕީއިން އެކުލަވާލި މިއޮނިގަނޑަކީ މިމަސައްކަތުގައި ހާސިލް ކުރެވުނު މުހިއްމު ލަނޑުދަނޑިއެކެވެ. މިއީ ގާތްގަނޑަކަށް 10 އަހަރު ވަންދެން ކުރި ޓްރައިލް އެންޑް އެރަރގެ ނަތީޖާއެއްކަމަށް އެއިދާރާއިން ފާހަގަކުރެއެވެ. ޑިޖިޓަލް އުފެއްދުންތަކާއި އެތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އުފައްދަންޖެހޭ ގާނޫނުތަކުގެ މުހިއްމުކަމަށް އެއްބަސްވި ނަމަވެސް މިކަމާއި ގުޅިގެން ކުރި ވަރަށް ގިނަ މަސައްކަތްތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާއި ހިސާބުގައި މީގެ ކުރިންވަނީ ހުއްޓިފައެވެ.

މިއީ 10 އަހަރުގެ މަސައްކަތްކަމުގައި ބުނެވުނު ނަމަވެސް އެންމެ ފުރަތަމަ ފެޑެރަލް ޑިޖިޓަލް ޕްރައިވަސީ ގާނޫނެއް އުފެއްދުމުގެ ވާހަކަ ދެކެވުނީ 2000 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އެވަގުތު ކޮންގްރެސްއިން އެކަމާއި ގުޅިގެން އެއްބަސްވުމަކަށް ނާދެވުނެވެ.

2019 އާއި 2021 އާއި މެދުގައި އޭއައި ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާގެ ބާރު އިތުރުކުރުމަށް އުފެއްދުނު ފުރަތަމަ އޭއައި އުފެއްދުންތައް ތައާރަފްކުރެވިފައިވީ ނަމަވެސް އެތަކެއްޗަށް ގާނޫނީ ބާރު ލިބޭ ފުރިހަމަ އޮނިގަނޑެއް އޭރަކު ނެތެވެ.

2024 އާއި 2025 ގައި ޑީޕްފޭކް ހުއްޓުވުމާއި އަދި ވަކި ފަރާތްތަކާއި ޖެހޭ އަލްގޮރިދަމްސްއާއި ދެކޮޅަށް ފިޔަވަޅުއެޅުން ފަދަ އޭއައި އާއި ގުޅުން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް އެތަށް ސަތޭކަ ބިލެއް ޑްރާފްޓްކޮށް ހުށަހެޅުނެވެ. އެހެން ނަމަވެސް މީގެ ތެރެއިން ގިނަ ބިލުތަކެއް ފާހެއް ނުވެއެވެ.

2024 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް އޭއައި އާއި ގުޅުންހުރި ގާތްގަނޑަކަށް 700 ބިލް އެމެރިކާގެ އެކި ސަރަހައްދުތަކުގައި އެކުލަވާލެވުނެވެ. އެހެން ނަމަވެސް ގާނޫނަށް ބަދަލުވެފައިވަނީ އޭގެ ތެރެއިން ވަރަށް މަދު ބިލެކެވެ.

މެއި 2025 ގައި ދެ ޕާޓީގެ ސަޕޯޓް ހިމެނޭހެން "ޓޭކް އިޓް ޑައުން" ގެ ނަމުގައި ގާނޫނެއް ފާސްކުރެވުނެވެ. މިގާނޫނު ވެގެން ދިޔައީ އޭއައިގެ އެހީގައި ޑީޕްފޭކްތައް އުފެއްދުމަކީ ގާނޫނީ ކުށެއްކަމަށް ކަނޑައެޅުނު ފުރަތަމަ ފެޑެރަލް ގާނޫނުތަކުގެ ތެރެއިން އެއް ގާނޫނެވެ.

މާރޗް 2026 ގައި މިހާރު އެކުލަވާލެވުނު މިއޮނިގަނޑަކީ އޭއައިގެ ދާއިރާއިން އުފައްދާ އެކި އެކި ގާނޫނުތައް އެކުލަވާލުމަށް ކަނޑައެޅޭ މުހިއްމު ފެޑެރަލް ސިޔާސަތެކެވެ. މިއޮނިގަނޑު އެކުލަވާލުމަށް ބޭނުންވި އެންމެ މުހިއްމު އެއް ސަބަބަކީ ކޮންމެ ސްޓޭޓެއްގައި ވަކި ވަކި ގާނޫނު ގަވާއިދުތަކާއިއެކު އުފެދިފައިވާ އޮޅުންބޮޅުން ކުޑަކުރުމާއި، އޭއައި ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތް ހުރިހާ ސްޓޭޓެއްގައި އެއްގޮތްކުރުމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.