އިންޑިއާގެ އަދާނީ ގްރޫޕުން ދަނީ މެޓާ، ގޫގުލް އަދި ވޯލްމާޓްގެ ފްލިޕްކާޓާ އެކު ގުޅިގެން ޑާޓާ ސެންޓަރު އެޅުމުގެ މަޝްވަރާ ތައް ކުރަމުންނެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ކްލައުޑް ކޮމްޕިއުޓިން އަށް ބޭނުންވާ ހައިޕަރސްކޭލް ފެސިލިޓީސްތަކަށް ބޭނުންވާ ބިމާއި އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުގައި ވަކި ސަރަހައްދުތަކެއް ރިއަލްއެސްޓޭޓް އުސޫލުން ހޯދުމުގެ މަސައްކަތް އެކުންފުނިން މިހާރު ދަނީ ކުރަމުންނެވެ. މި ޑިޖިޓަލް އިންފްރާސްޓްރަކްޗާ މަޝްރޫއަށް އަދާނީ ގްރޫޕުން 100 ބިލިއަން ޑޮލަރު ހަރަދު ކުރުމުގެ ރާވާފައިވަކަމަށް ގިނަ މަސްދަރު ތަކުން ބުނެފައިވެއެވެ. މި ގްރޫޕްގެ އަމާޒަކީ އިންޑިއާގެ އިގްތިސާދީ ކުރިއެރުމާއި އޭއައި އިންފްރާސްޓްރަކްޗާ އަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ދުނިޔޭގެ ޓެކް ކުންފުނިތަކަށް މުހިންމު ޕްރޮވައިޑަރެއްގެ ގޮތުގައި ވެގެންދިއުމެވެ.
އިންޑިއާގެ ބިމުގެ ތަނަވަސްކަމާއި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސާދުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ޓެކްނޮލޮޖީ ކުންފުނިތަކަށް ބޮޑު ނަޒަރެއް އިންޑިއާއަށް ހުއްޓިފައިވެއެވެ. މި ޝައުގުވެރިކަން އިތުރުވުމާއި އެކު ޗައިނާ އިން އޯވަސަޕްލައި ކުރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު މިފަދަ ފެސިލިޓީތައް ގާއިމް ކުރުމުގެ ވާދަވެރިކަން އިތުރުވެފައިވެއެވެ.
އެޖްކޯނެކްސް އާއި އެކު އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކަމަށްވާ އަދާނީކޮނެކްސް އިން ގޫގުލްއާ އެކު ބޮޑު ޕާޓްނަރޝިޕެއް ގާއިމް ކޮށްފައިވާ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އިއުލާންކޮށްފަ އެވެ. އިންޑިއާގެ އެންމެ ބޮޑު އޭއައި އިންފްރާސްޓްރަކްޗާ ހަބް ވިޝާކާޕަޓްނަމްގައި ތަރައްގީ ކުރުމަށް ގޫގުލް އިން ވަނީ 15 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފަ އެވެ. މެޓާ އާއި ފްލިޕްކާޓާ އެކު ކުރެވުނު މަޝްވަރާތަކަކީ ގުޅިގެން މަސައްކަތް ކުރުމުގެ އާ މަރުހަލާއެއް ކަމަށް ބެލެވެ އެވެ. އަދާނީ، މެޓާ އަދި ވޯލްމާޓްގެ މަންދޫބުން މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހެދި ނަމަވެސް، ގޫގުލްގެ ބެލެނިވެރިޔާ އަލްފަބެޓް އިން ބުނީ މި މަރުހަލާގައި އިއުލާން ކުރާނެ އާ އިންވެސްޓްމަންޓެއް ނެތް ކަމަށެވެ.
އިންޑިއާގެ ޑޭޓާ ސެންޓަރު ސެކްޓާގައި ވާދަވެރިކަން ބޮޑުވެފައެއެވެ. މިގޮތުން މުކޭޝް އަންބާނީގެ ރިލަޔަންސް އިން މިހާރުވެސް 11 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު އެމެޒޯން އިން 2030 ވަނަ އަހަރުގެ ނިޔަލަށް 12.7 ބިލިއަން ޑޮލަރު މި ދާއިރާއަށް އިންވެސްޓް ކުރުމަށް ނިންމާފައި ވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.