Download Logo
Copy Logo

ސޮނީ ޕްލޭސްޓޭޝަން 5 ގެ އަގު ބޮޑުކޮށްފި

ހުސެއިން އާރިފް 29 މާރިޗު 2026

ސޮނީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްލޭސްޓޭޝަން5ގެ އަގު 100 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ސްޓޭންޑާޑް ޕީއެސް5ގެ އަގަކީ 649.99 ޑޮލަރަށް އަދި ޑިޖިޓަލް އެޑިޝަންގެ އަގަކީ 599.99 ޑޮލަރެވެ. ޕީއެސް5 ޕްރޯގެ އަގު 150 ޑޮލަރަށް އަރާނެ އެވެ. އިނގިރޭސި ވިލާތް، ޔޫރަޕް އަދި ޖަޕާނުގައި ވެސް މިފަދައިން އަގުތައް ވަނީ ބޮޑުކޮށްފައެވެ. ޕްލޭސްޓޭޝަން ކޮންސޯލް މިވަނީ މީގެ އަހަރެއްހާ ދުވަސް ކުރީގެ އަގުތަކަށް ވުރެ 30 ޕަސެންޓް އަގުބޮޑު ވެފައެވެ.

ސޮނީން ބުނީ ދުނިޔޭގެ އިގުތިސާދީ މައިދާނަށް ކުރިމަތިވެފައިވާ ޕްރެޝަރުތަކުގެ ސަބަބުންނާއި ވިޔަފާރީގެ ޕާޓްނަރުންގެ އަތުން އެމެރިކާ އިން ޓެރިފް ނެގުމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އީރާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައާއި އިލެކްޓްރޯނިކް ސާމާނު އުފެއްދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މީގެ އިތުރުން އީރާނުން ގަތަރުގެ ގުދުރަތީ ގޭސް އުފައްދާ މަރުކަޒަކަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ އޮޕަރޭޝަންތައް ހުއްޓާލައި، ހީލިއަމް އެކްސްޕޯޓް ކުރާ މިންވަރު ވަނީ 14 ޕަސެންޓް ދަށްކޮށްފަ އެވެ. ދުނިޔޭގެ ހީލިއަމްގެ ތިންބައިކުޅަ އެއްބައި ސަޕްލައި ކުރަނީ ގަތަރެވެ. އަގުތަކަށް މިވަގުތު ބަދަލު ގެނެސްފައިވަނީ މި ސަބަބު ތަކާއިހުރެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ސޮނީން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނީ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޖުތަމައަށް އަސަރު ކުރާކަން އެނގޭ ކަމަށާއި އަދި މިގޮތަށް ނިންމީ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށާއި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމް ކުޅުންތެރިންނަށް އީޖާދީ އަދި ފެންވަރު ރަނގަޅު ގޭމިން އެކްސްޕީރިއަންސް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވާދަވެރި މައިކްރޮސޮފްޓުން ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ މާ ކުރިން މިދިޔަ ސެޕްޓެމްބަރު މަހު އެކްސްބޮކްސްގެ ބައެއް މޮޑެލްތަކުގެ އަގު ބޮޑުކޮށްފަ އެވެ. މި ބަދަލާއި އެކު، ސޮނީއަށް ބޮޑު ފައިދާއެއް ލިބިފައިވެެެއެވެ. މިގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ފައިދާ ވަނީ 11 ޕަސެންޓް އިތުރުވެފަ އެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.