Download Logo
Copy Logo

ސައިންޓިފިކް ސުޕަރޕަވަރުގެ ރޭހުގައި ޗައިނާއިން އެމެރިކާ ފަހަތަށް ޖައްސާލަނީ

ހިންދު ޢަލީ 13 އޭޕްރީލު 2026

އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރާނެ ގޮތުގައި ސައިންސްއާއި ޓެކްނޮލޮޖީ ދާއިރާއިން އެންމެ ކުރިއަރާފައިވާ އެއް ގައުމަކީ އެމެރިކާއެވެ. އެހެން ގައުމުތަކުން އަބަދުވެސް ފޮލޯ ކުރަނީ އެމެރިކާއިން ކުރާ ކަންތައްތަކަށެވެ. އަދި މުސްތަގްބަލްގައި ކޮންމެ ގައުމަކުންވެސް ކުރަން ތަސައްވަރު ކުރަނީ އެމެރިކާއިން ކޮށްފައިވާ ކަންތައްތަކެއް ކުރުމަށެވެ. ނުވަތަ އެމެރިކާ ހިނގާ ފިޔަވަޅުތަކުން ހިނގާ އެއްހަމަ ކުރުމަށެވެ.

އެމެރިކާ އަކީ މިދާއިރާގައި އެންމެ ކުރިއަރާފައިވާ އަދި ގިނަ އެހެން ގައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާ ގައުމެކެވެ. ސްޕޭސް ދަތުރުތަކާއި އެއާއި ގުޅޭ ޓެކްނޮލޮޖީއާއި، އިންޓަރނެޓާއި، އާޓިފިޝަލް އިންޓެލިޖެންސާއި، ސިއްހީ ދާއިރާގެ ޓެކްނޮލޮޖީ ފަދަ ވަރަށް ގިނަ ދާއިރާއަކުން އެންމެ ބޮޑު ކުރިއެރުންތަކުގެ ހަބަރުތައް ފެންނައިރު ގިނަ ކަންތައްތަކެއްގައި ހިމެނޭ އެއްގޮތް ކަމަކީ އެކަންތައްތަކަކީ އެމެރިކާއާއި ގުޅުންހުރި ކަންތައްތައް ކަމެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރުންސުރެ، އެމެރިކާއަކީ އެހެން ގައުމަކުން ވާދަ ނުކުރެވޭ މިންވަރަށް މިދާއިރާއިން ކުރިއަރަމުން އައިސްފައިވާ ގައުމެކެވެ.

އެހެން ނަމަވެސް މިހާރު މިކަން މަޑުމަޑުން ބަދަލުވަމުންދާ ކަމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ. 2025 ގައި ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އައުމަށް ފަހު އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން ކުރިއަރަމުން އައި ކުރިއެރުންތައް ވަނީ މަޑު މަޑުން ދަށްވާން ފަށާފައެވެ.

ޓްރަމްޕް ވަނީ އެމެރިކާގައި ވަރަށް މުހިއްމު ސައިންޓިފިކް މަސައްކަތް ކުރާ އެތަށް މުއައްސަސާތަކެއްގެ މަސައްކަތްތައް ހުއްޓުވާ، އެތަންތަނުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންޑިންގ އެތައް މިންވަރަކަށް ކަނޑާލާފައެވެ. އެގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތްއަކީ އެންމެ ބޮޑަށް އަސަރުކުރި އެއް އިދާރާއެވެ. މީގެ ސަބަބުން މިއިދާރާއިން ގިނަ ބަލިތަކެއް ހުއްޓުވުމަށް ބޭނުންވާ، ވެކްސިން އުފެއްދުމަށް ކުރާ ސިއްހީ ދާއިރާގެ އެތަކެއް ދިރާސާތަކެއް ވަނީ ހުއްޓިފައެވެ. ނުވަތަ މަޑު ޖެހިފައެވެ.

އެމެރިކާގެ ޔޫނިއަން އޮފް ކޮންސަރންޑް ސައިންޓިސްޓްސް (ޔޫސީއެސް) ކިޔާ އޮގަނައިޒޭޝަނަކުން އަންދާޒާކުރާ ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި ގެނެވުނު ބަދަލުތަކާއި ގުޅިގެން އެމެރިކާގެ ފެޑެރަލް އެޖެންސީތަކުން ޕީއެޗްޑީ ފެންވަރުގެ 10،000 އަށް ވުރެ ގިނަ ސައިންޓިސްޓުންނާއި ދިރާސާވެރިންގެ ވަޒީފާ ވެސް ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީ މޫސުމާއި ބެހޭ ސައިންސާއި، ހަކަތައާއި ބެހޭ އިދާރާ އަދި ސިއްހީ ދާއިރާގެ މީހުންނެވެ.

މިދާއިރާއިން އެމެރިކާގެ ދުވެލި މަޑުޖެހެމުން ދިޔަ ދަނޑިވަޅުގައި، ޗައިނާއިން ދަނީ ރޭހުގައި ކުރިއަށް ޖެހެން ފަށާފައެވެ. ޗައިނާއިން ދަނީ އިނޮވޭޝަނަށް އިތުރު އަހައްމިޔަތު ކަމެއްދީ، ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން ދުނިޔޭގެ މައި މަރުކަޒަކަށް އެގައުމު ހެދުމަށް އަހަރަކު 800 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދު ކުރަމުންނެވެ. މީގެ ކުރީގައި ހީވެފައިވަނީ "މޭޑް އިން ޗައިނާ" ލޭބަލް ޖަހާފައިވަނީ ފެންވަރު ދަށް އުފެއްދުންތަކުގައި ކަމަށެވެ. އޭގެ ބަދަލުގައި މިހާރު އިލެކްޓްރިކް ކާރުތަކުގައި ހިމެނޭ ބެޓެރީއިން ފެށިގެން އަންނަން އޮތް ޖީލުގެ ބޭސްތަކާއި ހައިޓެކް ލެބްތަކެއްގައި އުފައްދާ އެތަކެއް ގިނަ ފެންވަރު ރަނގަޅު އުފެއްދުންތަކަކީ ޗައިނީޒް އުފެއްދުންތަކެވެ.


ޗައިނާގެ ކުރިއެރުން އަދަދުތަކުން ދަނީ ފެންނަމުން

ޗައިނާއިން ސައިންޓިފިކް ސުޕަރޕަވަރަކަށް ބަދަލުވަމުންދާކަމުގެ ހެކި ދަނީ ނަންބަރުތަކުން ފެންނަމުންނެވެ.

- ޗައިނާއިން އީޖާދީ އިނޮވޭޝަން އުފެއްދުމަށް އަހަރަކު 1 ޓްރިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓް ކުރޭ

އޯއީސީޑީއިން ޝާއިއުކޮށްފައިވާ 2024 ގެ ސައިންސް އެންޑް ޓެކްނޮލޮޖީ އިންޑިކޭޓަރސް އިން ދައްކާގޮތުގައި އެއަހަރުން ފެށިގެން މިދާއިރާގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް ކުރާ ހަރަދުގައި ޗައިނާއިން އުޅެނީ އެމެރިކާ އަށް ވުރެ ކުރީގައެވެ. އެގޮތުން 2024 ވަނަ އަހަރުން ފެށިގެން ޗައިނާއިން ދަނީ އައު އިޖާދީ އުފެއްދުންތައް ތަރައްގީކުރުމަށް އަހަރަކު 1 ޓްރިލިއަން ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކުރަމުންނެވެ. އަދި ޑޭޓާ އިން ދައްކާ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ޗައިނާގެ ސައިންސް ބަޖެޓް ކޮންމެ އަހަރަކު %14 ދަނީ އިތުރުކުރަމުންނެވެ. މިއީ އެމެރިކާގެ އަދަދުތަކާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 3 ގުނަ އިތުރު ރޭޓެކެވެ.


- މިދާއިރާއިން މީހުން ބިނާކުރުމުގައި ޗައިނާ އުޅެނީ ކުރީގައި

ސައިންސާއި ޓެކްނޮލޮޖީ ކުރި އަރާނީ ހަމައެކަނި އެކަމަށް ފައިސާ ހަރަދުކޮށްގެންނެއް ނޫނެވެ. ބާރު ދުވެއްޔެއްގައި މިކަމުން ކުރިއެރުމަށް ބާރުދުވެލީގައި މިދާއިރާއިން މީހުންވެސް ބިނާ ކުރަންޖެހެއެވެ. މިކަމުގައި ވެސް ޗައިނާއިން އުޅެނީ އެހެން ގައުމުތަކަށް ވުރެ ކުރީގައެވެ.

އެމެރިކާގެ ޔުނިވަރސިޓީތަކާއި އަޅާ ބަލާފައި ޗައިނާގެ ޔުނިވާސިޓީތަކުން ސައިންސް އަދި އިންޖިނިއަރިންގ ދަރިވަރުން ގްރެޖުއޭޓް ވާ އަދަދު 2 ގުނަ އިތުރެވެ.

އަދި މިއަހަރު ގްލޯބަލް ރޭންކިންގ އަށް ބަލާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 25 ރިސާޗް ޔުނިވާސިޓީގެ ތެރެއިން 19 ޔުނިވާސިޓީ މިހާރު ހުރީ ޗައިނާގައެވެ.


- ޗައިނާއިން ދަނީ ގްރީން އަދި "ސޯލާޕަންކް" ޓެކްނޮލޮޖީ އުފެއްދުމުގައި ކުރިއަރަމުން

ސޯލާޕަންކް ޓެކްނޮލޮޖީއަކީ ގުދުރަތީ ވަސީލަތްތަކާއި އެއްކޮށް މަސައްކަތް ކުރެވޭ ގޮތަށް ޓެކްނޮލޮޖީ އުފެއްދުމުގެ މުސްތަގުބަލެއް ގެނެސްދޭ ތަސައްވުރެކެވެ. މިބާވަތުގެ އުފެއްދުމުގައި ފޯކަސް ކުރަނީ ތިމާވެއްޓާއި ގުޅޭ، ފެހި އަދި ދެމެހެއްޓެނިވި ސާފު ހަކަތައިގެ ބޭނުންކޮށްގެން ޓެކްނޮލޮޖީ އުފެއްދުމަށެވެ. މިސާލަކަށް އަލްޓްރާ އެފިޝަންޓް ސޯލާ ޕެނަލްތަކާއި، އެޑްވާންސް ބެޓެރީތަކާއި، ވަރޓިކަލް ގާޑަން ފަދަ ތަކެތި އުފެއްދުމަށެވެ. މިބާވަތުގެ ޓެކްނޮލޮޖީ އުފެއްދުމުގެ އަމާޒަކީ ޓެކްނޮލޮޖީ އުފެއްދުމުގެ ތެރެއިން ގުދުރަތީ އިކޯސިސްޓަމްތައް ހަލާކު ކުރުމުގެ ބަދަލުގައި އެފަދަ ވަސީލަތްތަކާއި އެކުގައި މަސައްކަތް ކުރާނެ ތަކެތި އުފެއްދުމެވެ.

ސާފު ހަކަތަ އުފެއްދުމުގެ މަސައްކަތުގައި ވެސް ޗައިނާއިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. 2025 އަހަރުގެ ނަންބަރު ތަކުން ފެންނަ ގޮތުގައި، އެއަހަރުގެ ފުރަތަމަ 6 މަސް ދުވަހު، ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ސޯލަރ ޕެނަލް އިންސްޓޯލް ކުރި އަދަދުގެ ދެގުނަ އަދަދަކަށް ޗައިނާއިން އެކަނި ސޯލާ ޕެނަލް އިންސްޓޯލްކޮށްފައިވެއެވެ. އަދި ޗައިނާގައި 2025ގައި އިންސްޓޯލް ކުރި ސޯލަރ ޕެނަލްގެ ޖުމަލް އަދަދަކީ ގާތްގަނޑަކަށް 2024 ވަނަ އަހަރުގައި މުޅި ދުނިޔޭގެ އެހެން ހުރިހާ ގައުމަކުން ޖުމްލަކޮށް އިންސްޓޯލް ކުރި އަދަދާއި އެއްވަރުގެ އަދަދެކެވެ.

މިހާރު ދުނިޔޭގެ ބެޓެރި އުފެއްދުމުގެ މާކެޓުގެ ގާތްގަނޑަކަށް %60 ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. ޗައިނާއިން ވަނީ "ސޮލިޑް ސްޓޭޓް" އޭ ކިޔާ ބާވަތުގެ އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީ އީޖާދުކޮށްފައެވެ. އެއީ އެއް ފަހަރު ޗާޖުކޮށްގެން 800 އަށް ވުރެ ގިނަ މޭލު ދުއްވޭނެ ކަމަށް ލަފާ ކުރާ ބާވަތެއްގެ ބެޓެރީއެކެވެ.


- ޗައިނާއިން ދަނީ މިދާއިރާގައި އަދަދުތައް އިތުރު ކުރުމާއި އެއްވަރަށް ފެންވަރުވެސް މަތި ކުރަމުން

ކުރީގައި ޗައިނާގެ އުފެއްދުންތަކަކީ ހަމައެކަނި އަދަދު އިތުރު ކުރުމަށް ފޯކަސްކޮށްގެން އުފައްދާފައިވާ ފެންވަރު ދަށް ތަކެތި ކަމަށް ބުނެވެއެވެ. އަދި ޗައިނާއަކީ އެހެން ގައުމުތަކުގެ އުފެއްދުން ކޮޕީކޮށް ފެންވަރު ރަނގަޅު ތަކެތީގެ ދަށް ފެންވަރުގެ ކޮޕީ އުފައްދާ ބަޔަކަށް ވަނީ ނަން ވެފައެވެ. މިއީ ކުރިން ޗައިނާގެ ދިރާސާތަކަށާއި އެކަޑަމިކް ދާއިރާއިން ވެސް އެގައުމަށް ލިބޭ ދެރަ ނަމެކެވެ. ޗައިނާގެ ދިރާސާވެރިން އޭރު ނަންވަނީ އަދަދު ގިނަ ކުރުމަށް ގިނަ ޕޭޕަރުތައް ޝާއިއު ކުރާ ބަޔަކަށް ނަންވެފައެވެ. އަދި ޗައިނާއިން ޝާއިއުކުރާ ދިރާސީ ޕޭޕަރުތަކަކީ ފެންވަރު ދަށް، މަދުން ސައިޓް ކުރެވޭ ޕޭޕަރުތަކެއް ކަމަށް ވަނީ ވެފައެވެ.

އެހެން ނަމަވެސް މިހާރު ޗައިނާއިން ދަނީ މިނަން ވެސް ބަދަލު ކޮށްލާފައެވެ. މިހާރު ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ ދިރާސާތަކުގައި އެންމެ ގިނަ ބަޔަކު ސައިޓް ކުރާ ޕޭޕަރުތަކަކީ ޗައިނީޒް ދިރާސާވެރިންގެ ޕޭޕަރުތަކެވެ. އިންޖިނިއަރިންގ އަދި މެޓީރިއަލްސް ސައިންސްގައި ދިރާސާތަކުގެ %40 އަށްވުރެ ގިނަ ދިރާސާއަކީ ޗައިނާގެ އުފެއްދުންތަކެވެ.

ފާއިތުވި ގާތްގަނޑަކަށް ގަރުނެއްހާ ދުވަހު އަހަރުމެން ގަބޫލުކުރި ގޮތުގައި މުސްތަގުބަލަކީ އެމެރިކާއެވެ. ހާއްސަކޮށް ސައިންސާއި ޓެކް ދާއިރާގައި އެމެރިކާއާއި އެއްވަރު އެހެން ގައުމެއް ނެތެވެ. އަހަރުމެން ގަބޫލުކުރީ އިޖާދީ އެންމެ މޮޅެތި ހިޔާލުތަކާއި އެންމެ ރަނގަޅު އުފެއްދުންތައް އަބަދުވެސް ފެށޭނީ އެމެރިކާއިން ކަމަށެވެ.

އެހެން ނަމަވެސް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ޗައިނާއިން އެކި ދާއިރާއިން ކުރިއަރާ މިންވަރު ވެސް ދިޔައީ ފެންނަމުންނެވެ. ސައިންސް އާއި ޓެކްނޮލޮޖީ ދާއިރާގެ ފަންޑިންގއާއި ޓެލެންޓާއި ދިރާސާއާއި އުފެއްދުންތެރިކަން ފަދަ ހުރިހާ ކެޓަގަރީއަކުން އެމެރިކާގެ ނަތީޖާ ދަށަށް ގޮސް ޗައިނާ މިހާރު ކުރިއަރަނީ ވަރަށް ހަލުވި ދުވެލީގައެވެ.

އެންމެ ފަހުގެ ޑޭޓާއިން ފެންނަ ގޮތުގައި މިރޭހުގައި އެމެރިކާއަށް ވުރެ ޗައިނާ ކުރިއަރައިގެން އަންނާނެ މުސްތަގުބަލަކީ މިހާރު ވަރަށް ގާތުގައި އޮތް ހަގީގަތެކެވެ. މިކަމުގެ ސުންގަޑިއަކީ 2029 ވަނަ އަހަރެވެ. މީގެ 3 އަހަރު ފަހެވެ. އެމެރިކާ ފަހަތަށް ޖައްސާލާ ސައިންސް އަދި ޓެކްނޮލޮޖީ ދާއިރާއިން ޗައިނާ ސުޕަރޕަވަރއަކަށް ވާން ދެން މާ ގިނަ ދުވަހެއް ނެތެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.