މިއެޕްރީލް މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި ގުޅޭ ގޮތުން ގިނަ ބަޔަކު ނުދައްކާ ވާހަކައެއް ދައްކާލަން ހިނގާށެވެ. މިއީ އިންތިހާބުގެ ކެމްޕޭނަށް އެކި ކެންޑިޑޭޓުން ބޭނުންކުރި ޕޯސްޓަރުތަކުގައި، ލައިސެންސް ނެތި ފޮންޓު ބޭނުންކުރުމުގެ ވާހަކައެވެ.
އަކުރުޓައިޕްއިން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން މިއިލެކްޝަންގައި ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ލައިސަންސް ކުރެވިފައިވާ ފޮންޓު އެތަކެތީގެ ވެރިފަރާތުގެ ހުއްދަ ނުހޯދާ ބޭނުންކޮށްފައެވެ.
އަކުރުޓައިޕަކީ އެކިއެކި ޑިޒައިންތަކަށް ތާނަ ފޮންޓް ފަރުމާކޮށް އުފައްދާ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އާންމުކޮށް ދައްކާލުމަށާއި ވިއްކުމަށް ބޭނުންކުރާ މާކެޓްޕްލޭސްއެކެވެ. މިޕްލެޓްފޯމްގައި ހުރިހާ ބޭނުމަކަށް ހިލޭ ބޭނުންކުރެވޭ ފޮންޓާއި، އަމިއްލަ ބޭނުންތަކަށް ހިލޭ ބޭނުންކުރެވޭ ފޮންޓާއި ވިޔަފާރި ބޭނުންތަކަށް ނުވަތަ ޕްރޮމޯޝަންތަކަށް ގަނެގެން ބޭނުންކުރެވޭ ފޮންޓްތައް ހިމެނެއެވެ.
އަކުރުޓައިޕުން ކޮށްފައިވާ ޕޯސްޓްގައި ވާގޮތުން މިއިލެކްޝަންގައި އެޕްލެޓްފޯމްގައި ހިމެނިފައިވާ އެކި ފޮންޓުތައް ބޭނުންކުރި 173 ކެންޓިޑޭޓެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ފަައިސާ ދައްކައިގެން، އޮންނަ އުސޫލުން ބޭނުންކުރީ އެންމެ 5 ފަރާތެކެވެ. އަދި މިމައްސަލަ ސަމާލުކަމަށް ގެނައުމުން، 42 ފަރާތްތަކުން ފައިސާ ދެއްކިކަމަށްވެއެވެ. އަދި ބާކީ 126 ފަރާތަކުން ލައިސަންސްޑް ފޮންޓްތަކަށް ފައިސާއެއް ނުދައްކައެވެ.
އަކުރުޓައިޕުން ހާމަކޮށްފައިވާ ޑޭޓާއަށް ބަލާއިރު ހުރިހާ ޕާޓީއެއްގެ އަދި އަމިއްލަ ކެންޑިޑޭޓުންގެ ކެމްޕޭނު ޕޯސްޓަރުތަކުގައި ވެސް މިމައްސަލަ ފެނުނެވެ. ޖުމްލަ ގޮތެއްގައި ހުރިހާ ޕާޓީއަކަށް ބަލާލާއިރު ފައިސާ ދައްކައިގެން ފޮންޓު ބޭނުންކުރީ ގާތްގަޑަކަށް ކޮންމެ 3 ކެންޑިޑޭޓަކުން އެންމެ ކެންޑިޑޭޓެކެވެ. އޭގެ މާނައަކީ ކެންޑިޑޭޓުންގެ ބޮޑު އިންސައްތައެއް (%66) ބޭނުންކުރީ ލައިސަންސް ނެތިއެވެ.
ކެމްޕޭނުގައި އެންމެ ގިނައިން ބޭނުންކުރި ފޮންޓެއްގެ ގޮތުގައި ފާހަގަކުރީ މައުމޫން ޓައިޕް ފޮންޓެވެ. މިފޮންޓު ބޭނުންކޮށްފައިވާ 84 ކޭސް އެއް ފެނުނު ކަމަށް ވެއެވެ. އެހެން ނަމަވެސް މިފޮންޓް ގަނެގެން ބޭނުންކުރީ އެންމެ %15 ފަރާތެވެ. ދެން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ މަލަސް، ރޯނު އަދި ފަސްލު ފޮންޓެވެ. މިފޮންޓުތަކުގެ އަގަކީ 1500 ރުފިޔާއާއި 4050 ރުފިޔާ އާއި ދެމެދުގެ އަދަދުތަކެކެވެ.
އަކުރުޓައިޕުން ހާމަކޮށްފައިވާ ގޮތުގައި ފޮންޓުތަކުގެ ލައިސަންސް މައްސަލަތަކާއި ގުޅޭގޮތުން ގިނަ ފަރާތްތަކަކަށް ގުޅާ އެފަރާތްތަކުގެ ސަމާލުކަމަށް ގެނެވުނެވެ. އަދި މިޕްރޮސެސްގެ ތެރޭގައި 240 އަށް ވުރެ ގިނަ ފަރާތަކުން އެފަރާތާއި ގުޅާ، ފޮންޓް ލައިސެންސިންގ އާއި ބެހޭގޮތުން ގިނަ ސުވާލުތަކެއް ކޮށް، އިތުރު މައުލޫމާތު ހޯދިއެވެ. އަދި ބައެއް ފަރާތްތަކުން ފައިސާ ދައްކިއެވެ. މިކަމުން ހާމަވެގެން ދިޔައީ މިކަން އޮންނަ ގޮތް ނޭގޭ ބައެއް ފަރާތްތައް އުޅޭ ކަމަށާއި، މިޕްރޮސެސްގެ ތެރެއިން ގިނަ ބަޔަކަށް މިކަމުގެ ހޭލުންތެރިކަން އިތުރުވި ކަމަށެވެ.
އެހެން ނަމަވެސް ގިނަ ފަރާތްތަކެއްގެ ޖަވާބު ހުރީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށްވެސް ފާހަގަކުރެވުނެވެ. ފޮންޓު ގަންނަން ޖެހުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށާއި، ފޮންޓުތައް އަގުބޮޑު ކަމުން ފައިސާ ނުދައްކާ ބޭނުންކުރީ ކަމަށާއި، އަދި ފޮންޓެއް ނުގަންނާނެ ކަމަށާއި، ފައިސާ ބޭނުންނަމަ ކޯޓަށް ދާން ބުނި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
އަދި ބައެއް ފަރާތްތަކުން ފޮންޓް ބޭނުންކުރީ އޭއައިގެ އެހީގައި ފޮންޓް ޓްރޭސްކޮށްގެން ނުވަތަ ކޮޕީކޮށްގެންނެވެ. އެހެން ކަމުން ފޮންޓު ވައްތަރުވުމަކީ އިއްތިފާގެއް ކަމަށާއި، އެމީހުން ބޭނުންކުރި ފޮންޓަކީ ތަފާތު ފޮންޓެއް ކަމަށާއި، ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ވެސް ޖަވާބު ލިބުނެވެ.
މިފަދައިން ލައިންސަންސް ނުހޯދާ ފޮންޓު ބޭނުންކޮށްފައިވަނީ ހަމައެކަނި މިއިލެކްޝަންގައި ނޫންކަމަށް އަކުރުޓައިޕުން ހާމަކުރެއެވެ. މީގެ ކުރިން މަޖިލިސް އިންތިހާބުގެ ތެރޭގައި ވެސް މިމައްސަލަ ފެނުނުކަމަށް ވެއެވެ. އެހެން ނަމަވެސް މިއިލެކްޝަންގައި މިމައްސަލަ ވަނީ ދެގުނައަށް އިތުރު ވެފައެވެ. އަދި ކެމްޕޭނުގެ އިތުރުން ބައެއް ބޮޑެތި އިދާރާތަކުން ވެސް މިކަން ކުރާކަމަށާއި، މީގެ ކުރިން ބައެއް ކުންފުނިތައް މިމައްސަލައިގައި ޖޫރިމަނާކޮށްފައި ވާނެކަމަށް ވެސް އަކުރުޓައިޕުން ހާމަކުރިއެވެ.
ސޯޝަލް މީޑިއާގައި ހަލުވި ކަމާއެކު ކޮންޓެންޓް އުފެއްދުމާއި ޝެއަރ ކުރުމުގެ މިޒަމާނުގައި ގިނަ ބަޔަކަށް ހީވެފައިވަނީ ގޫގުލްކޮށްލައިގެން އިންޓަރނެޓުގައި ފެންނަ ހުރިހާ އެއްޗަކީ އެބަޔަކު ބޭނުން ކޮންމެ ކޮންޓެންޓެއްގައި ހިމެނިދާނެ ތަކެތި ކަމަށެވެ.
އެހެން މީހަކު ނަގާފައިވާ ނުވަތަ ކުރަހާފައިވާ ފޮޓޯއެއް، ނުވަތަ އުފައްދާފައިވާ ލަވައެއް، މިޔުޒިކެއް ފަދަ އެއްޗެއް ނަމަ، އެތަކެތި އަމިއްލަ ކޮށްލައިގެން ބޭނުން ނުކުރެވޭނެ ކަން ގިނަ ބަޔަކަށް އިނގެއެވެ. ރާއްޖޭގައި ވެސް ގިނަބަޔަކު މިކަމަށް މިހާރު ހޭލުންތެރިއެވެ. ދިވެހިންގެ ކްރިއޭޓިވް އުފެއްދުންތައް އެހެން ގައުމެއްގެ ނުވަތަ ރާއްޖޭގެ ވިޔަސް އެހެން މީހަކު ބޭނުންކުރާ ކަން ފާހަގަ ވެގެން ގިނަ މައްސަލަތަކެއް ހަބަރުތަކުންނާއި ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ ފެނިފައެވެ. އަދި މިއްސަލަތަކުގައި ގިނަ ބަޔަކު މިއީ ބޮޑު މައްސަލަ އެއްކަމަށް ގަބޫލު ކުރެއެވެ. އެހެން މީހެއް ނަގާފައިވާ ނުވަތަ ކުރަހާފައިވާ ފޮޓޯއެއް، އެއްވެސް ތަނެއްގައި ހިއްސާ ކުރާނަމަ ގިނަ ބަޔަކު އެއަށް ކްރެޑިޓް ދެއެވެ. އަދި އެހެން މީހަކު ލިޔެ ޕަބްލިޝްކޮށްފައިވާ ލިޔުމަކަށް ރިފަރ ކުރާ ނަމަ އެއަށް ވެސް ކްރެޑިޓްދެއެވެ.
އެހެން ނަމަވެސް ވަރަށް ގިނަ ފަހަރަށް އެކަމާ މެދު ފަރުވާ ކުޑަކުރެވި ނުވަތަ އަޅާ ނުލާ، އިތުރު ވިސްނުމަކާ ނުލާ ވަގަށް ނަގާ، ނުވަތަ ހުއްދަ ނެތި ބޭނުންކުރާ އެއް އުފެއްދުމަކީ ފޮންޓެވެ.
ހާއްސަކޮށް ފަސޭހައިން ލިބެން ހުރި އެއްޗެއްނަމަ އެއީ ހިލޭ ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ގަބޫލުކުރާ ބަޔަކު އުޅެއެވެ. ފޮންޓަކީ ފަސޭހައިން ހޯދާ، އެއްވެސް ހުރަހެއް ނެތި ޑައުންލޯޑްކޮށް އިންސްޓޯލް ކޮށްލެވޭ އެއްޗެއްކަމުން، އެއެއްޗަކީ އެހެން ބައެއްގެ ހުއްދަ ހޯދައިގެން ބޭނުންކުރަން ޖެހޭ އެއްޗެއްކަން ހަނދާން ނައްތާލާ، އަމިއްލަ ކޮށްލައެވެ.
އެހެން ނަމަވެސް ހުރިހާ ފޮންޓްތަކަކީ ޑިފޯލްޓްކޮށް ހިލޭ ލިބޭ ފޮންޓްތަކެއް ނޫނެވެ. ބައެއް ފޮންޓަކީ ލައިސަންސްކޮށްފައިވާ ތަކެއްޗެވެ. އެފަދަ ފޮންޓުތައް ބޭނުންކުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހެއެވެ. ހާއްސަކޮށް ވިޔަފާރީގެ ނުވަތަ އާންމު ބޭނުންތަކަށް ފޮންޓުތައް ބޭނުންކުރާ ނަމަ ފައިސާ ދައްކަން ޖެހެއެވެ.
ފޮންޓަކީ އާންމުކޮށް ކޮންމެވެސް އެހެން އުފެއްދުމުގެ ބައެކެވެ. އެހެން ކަމުން ޕްރޮޑަކްޓް ޑިޒައިންގެ އެންމެ މައިގަނޑު އެއްޗަށް ފޮންޓު ނުވާ ފަހަރު ދިމާވެއެވެ. އެހެން އުފެއްދުމުގެ ސަޕޯޓިވް ރޯލެއް އަދާކުރާ ނުވަތަ ބެކްގްރައުންޑްގައި ހިމެނޭ އެއްޗެއްކަމުން ގިނަ ބަޔަކު މިކަން ހަނދާން ނައްތާލަނީއެވެ. އަދި އެހެންކަމުން ފޮންޓު ހުއްދަ ނެތި ބޭނުންކުރުން ފަސޭހައިން ޖަސްޓިފައި ކޮށްލައެވެ.
ފޮންޓަކީވެސް ކްރިއޭޓިވް އުފެއްދުމެކެވެ. ކޮންމެ ވެސް މީހަކު ބުރަ މަސައްކަތުން އުފައްދާ އެއްޗެކެވެ. ފޮންޓު އުފެއްދުމަކީ ވެސް އެތަށް ވަގުތެއް ހޭދަވާ ކަމެކެވެ. ފޮންޓު އުފެއްދުމަކީ ވެސް ހުނަރެކެވެ. އެހެން އުފެއްދުންތައް ފަދައިން އުފެއްދުން ލައިސަންސް ކުރަނީ އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށެވެ. އަދި މިއީ ހަމަ އެހެން ހުނަރުތަކުން މީހުން ފައިސާ ހޯދާހެން، ފައިސާ ހޯދަން ބޭނުންކުރާ އުފެއްދުމެކެވެ.
ބޮޑެތި އިދާރާތަކުން ނުވަތަ ސިޔާސީ ޕާޓީތަކުން ނުވަތަ ވަކިވަކި ފަރުދުން ވިޔަސް، ހާއްސަކޮށް ކެމްޕޭންތަކުގައާއި ގިނަ ބަޔަކަށް ނުފޫޒު ފޯރުވަން އުފައްދާ ތަކެތީގައި، ފައިސާ ނުދައްކައި ފޮންޓް ބޭނުންކުރާއިރު، ކުރެވޭ މުހިއްމު ސުވާލެއް އެބައޮތެވެ. ހުއްދަ ނުހޯދާ ނުވަތަ ވަގަށް ނަގައިގެން ފޮންޓު ބޭނުންކުރާ ބަޔަކަށް އިތުބާރު ކުރެވޭ ހެއްޔެވެ؟ އެފަދަ ފަރާތްތަކުން ކެމްޕޭނުގައި ދައްކާ ވާހަކަތައް ގަބޫލު ކުރަންވީ ހެއްޔެވެ؟
ފޮންޓު ބޭނުންކުރުމުގައި ދެން ގިނަ ބަޔަކު ދެކޭ ގޮތުގައި، "އަމިއްލަ ބޭނުމަށް ހިލޭ" މިލޭބަލް ޖަހާފައިވާ ފޮންޓެއް ޑައުންލޯޑްކޮށްގެން ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އަމިއްލަ ބޭނުމުގައި ބޭނުންކުރަން ކަމަށް ބެލެވޭނީ، މިސާލަކަށް ކުއްޖެއްގެ އުފަންދުވަހުގެ ކާޑެއް ތައްޔާރުކުރުމަށް އެ ފޮންޓް ބޭނުންކުރުމެވެ. ނުވަތަ ޕްރައިވެޓް ލިޔުމެއްގައި ނުވަތަ ބްލޮގެއްގައި ބޭނުންކުރުމެވެ. އަމިއްލަ ވިޔަފާރިއެއްގެ ލޯގޯގައި، ކެމްޕޭނެއްގައި ކްލައެންޓެއްގެ ޕޯސްޓަރު ހެދުމަށް، ނުވަތަ ޔޫޓިއުބަށް ނޫނީ ޓިކްޓޮކަށް ލާން ވީޑިއޯއެއް ތައްޔާރުކުރުމުގައި ފޮންޓު ބޭނުންކޮށް، އެތަކެތިން ފައިދާ ލިބޭ ހިސާބުން ފެށިގެން "އަމިއްލަ ބޭނުމަށް ހިލޭ" ލޭބަލް އެޕްލައި އެއް ނުކުރެވޭނެއެވެ. އަދި ފޮންޓު ޑައުންލޯޑް ކުރި އިރު އެއްބަސްވި އެއްބަސްވުމާއި ހިލާފުވީއެވެ.
އެހާ ހިސާބުން މައްސަލަ ގާނޫނީ ވެސް ވާނެއެވެ. އަދި އެކަމާއި ގުޅުވައިގެން ދައުވާ ވެސް ކުރެވޭނެއެވެ. ކޯޓަށް ވެސް ދެވޭނެއެވެ. މިހާ ހިސާބުން މިކަންތައް އެހާ ހެއްވާ ކަމަކަށް ނުވެއެވެ. މިއީ ވަރަށް ސީރިއަސް ކަމެކެވެ.
އަމިއްލަ ބޭނުންތަކުގެ ބޭރުން، ފައިދާއެއް ލިބޭ އެއްވެސް ކަމަކަށް އެހެން ފަރާތެއްގެ ފޮންޓެއް ބޭނުން ކުރަމުންދާނަމަ ކުރަންޖެހޭ ކަންތައް ވަރަށް ސާފެވެ. ފޮންޓު ބޭނުންކުރުމާއި ގުޅޭ ލައިސަންސް ޗެކްކުރާށެވެ. އަދި އޭގައިވާ ޓަރމްސް ރަނގަޅަށް ކިޔާ ފަހުމްވާށެވެ. އަދި ފައިސާ ދައްކަން ޖެހޭ ހާލަތުގައި ފައިސާ ދައްކާށެވެ.
ކޮންމެއަކަސް ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވަނީ އަކުރުޓައިޕް މާކެޓްޕްލޭސްގައި ހިމެނޭ ފޮންޓްތަކަކީ ފޮންޓް ޑިޒައިންކުރި ފަރާތްތަކުގެ ފިކުރީ މުދަލެވެ. އަދި އަކުރުޓައިޕުން ހާމަކުރިގޮތުގައި ޑިޒައިނަރުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ފޮންޓްގެ އަގު ނުދައްކާ އެތަކެތި ބޭނުންކުރާ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ވިސްނަ އެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް