ފޮޓޯ : މެޓާއޭއައި
އެމެރިކާގެ މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި، އެޕިކް ގޭމްސްއަށް ކުރިމަތިވެފައިވާ މާލީ އަދި ހިންގުމުގެ ދަތިތަކުން އަރައިގަތުމަށް، ވޯލްޓް ޑިޒްނީ ކުންފުނިން ކޮށްފައިވާ 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް އެކުންފުނިން ބޮޑު އުންމީދެއް ކޮށްފިއެވެ.
މިދިޔަ މަހު އެޕިކް ގޭމްސް އިން ވަނީ 1,000 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 500 މިލިއަން ޑޮލަރުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ކުންފުނިން އިއުތިރާފުވެފައިވާ ގޮތުގައި، ފަހަކަށް އައިސް ނެރުނު ގިނަ އާ ގޭމްތަކާއި ފޯޓްނައިޓްގެ އަޕްޑޭޓްތައް ވަނީ ފެއިލްވެފައެވެ. މިގޮތުން އޭޕްރީލް 16 ގައި ފޯޓްނައިޓް ބެލިސްޓިކް މޯޑާއި ފެސްޓިވަލް ބެޓްލް ސްޓޭޖް އުވާލުމަށް ނިންމާފައިވާއިރު، ރޮކެޓް ރޭސިންގ ގޭމް އޮކްޓޯބަރު މަހު ހުއްޓާލާނެއެވެ.
އެޕިކްގެ ސީއީއޯ ޓިމް ސްވީނީ ވިދާޅުވީ، ފޯޓްނައިޓަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ގޭމް ކަމުގައިވީ ނަމަވެސް، ކޮންމެ ސީޒަނަކާއެކު ކުރިން ހުރި ފޯރިއާއި "މެޖިކް" ގެނެސްދިނުމަށް މިހާރު ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
މި އަޑިގަނޑުން އަރައިގަތުމަށް އެޕިކްގެ އެންމެ ބޮޑު އުންމީދަކީ މީގެ ދެ އަހަރު ކުރިން ޑިޒްނީއާއެކު ފަށާފައިވާ ގުޅުމެވެ. ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގުޅުމުގެ ދަށުން ނެރޭ ފުރަތަމަ ގޭމް 2026 ވަނަ އަހަރުގެ ނޮވެމްބަރުގައި ނެރުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ޑިޒްނީގެ ކެރެކްޓަރުން ހިމެނޭ ގޮތަށް ކުޅޭ "އާކް ރެއިޑަރސް" ސްޓައިލްގެ ޝޫޓިންގ އެކްސްޓްރެކްޝަން ގޭމެކެވެ. މީގެ އިތުރުން މަދުވެގެން އިތުރު ދެ ގޭމެއް ތައްޔާރުކުރަމުންދާއިރު، ޑިޒްނީން ޓައިމްލައިނާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، ތިންވަނަ ގޭމްގެ ރިސޯސްތައް ވަނީ ފުރަތަމަ ދެ ގޭމަށް ބަދަލުކޮށްފައެވެ.
ކުންފުނީގެ އެތެރޭގެ މަސްރަހު ގޯސްވެފައިވާކަމަށް ބައެއް މުވައްޒަފުން ވަނީ މައުލޫމާތުދީފައެވެ. މުވައްޒަފުން ބުނާގޮތުގައި އެޕިކް އިން ގިނަ ޕްރޮޑަކްޓްތައް ބާޒާރަށް ނެރެނީ ފުރިހަމަނުވަނީސް ("ވާޝަން 0.5" ގެ ގޮތުގައެވެ). އަދި ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ޑިޒްނީ ޕްރޮޖެކްޓްގެ މުވައްޒަފުން ހިމެނުމުން، ބާކީ ތިބި މީހުންނަށް ވަނީ ވަގުތުގެ ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައެވެ. މިކަމުގެ ޒިންމާ މުވައްޒަފުން އަޅުވަނީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޑެން ވޯގަލްގެ ބޮލުގައެވެ.
ނަމަވެސް އެޕިކްގެ ސީނިއަރ ޑައިރެކްޓަރ ލިޒް މާކްމަން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މީޑިއާ ރިޕޯޓުތަކުން ޑިޒްނީއާއެކު އޮތް ގުޅުމުގެ ހަގީގީ ތަސައްވުރު ނުފެންނަ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ޑިޒްނީގެ އާ އެންޓަޓެއިންމަންޓް ޔުނިވާސްއެއް ބިނާކުރުމަށް ކަމަށެވެ. ޑިޒްނީންވެސް ވަނީ ދެކުންފުނީގެ ގުޅުން ވަރަށް ބަދަހިކަމަށް ބުނެފައެވެ.
2017 ވަނަ އަހަރު އެންމެ 10 ހަފްތާގެ ތެރޭގައި އުފެއްދި ފޯޓްނައިޓް ބެޓްލް ރޯޔަލް އިން ދެ އަހަރު ތެރޭ 9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ. އަދި 2022 ގައި ކުންފުނީގެ އަގު 32 ބިލިއަން ޑޮލަރަށް އެރިއެވެ. ނަމަވެސް މިއަދު އެޕިކް ގޭމްސް ސްޓޯރަށް 8 އަހަރު ފަހުންވެސް ލިބެނީ ކުޑަ ފައިދާއެކެވެ. މޮބައިލް ސްޓޯރަށް އުންމީދުކުރި 100 މިލިއަން އިންސްޓޯލްގެ ބަދަލުގައި ލިބުނީ 50 މިލިއަން އިންސްޓޯލްއެވެ. އަދި 2025 ގައި ތަޢާރަފްކުރި AI ޑާތު ވޭޑަރ ކެރެކްޓަރގައި ގިނަ ބަގްތަކެއް ހުރެ، ކުންފުންޏަށް ވަނީ ޓެކްނިކަލް މައްސަލަތަކާ ކުރިމަތިވެފައެވެ.
މި ހާލަތުގައިވެސް އެންމެ އުޖާލާކޮށް އޮތީ ޑިޒްނީއަށް ލިބުނު ފައިދާއެވެ. ފޯޓްނައިޓާއެކު ހެދި ކޮލެބަރޭޝަންތަކުގެ ސަބަބުން ޑިޒްނީ ޕްލަސް (Disney+) ގެ ސަބްސްކްރައިބަރުން ވަނީ އުންމީދުކުރި ވަރަށްވުރެ ބޮޑަށް އިތުރުވެފައެވެ. މާވެލް، ސްޓާ ވޯޒް އަދި ޕިކްސަރ ފަދަ ބްރޭންޑްތަކާއެކު، ފޯޓްނައިޓް މިހާރު ވެފައިވަނީ ޑިޒްނީގެ ފިލްމުތަކާއި ސީރީޒްތައް ޕްރޮމޯޓްކުރާ ވަރުގަދަ މާކެޓިންގ ޕްލެޓްފޯމަކަށެވެ.
މި ޑީލްގެ އިސްކޮށް ހުންނެވި ޑިޒްނީގެ އާ ކޯ-ޗެއަރ ޖޯޝް ޑި'އަމާރޯ މަގާމާ ހަވާލުވެވަޑައިގަތީ އެޕިކްގެ މުވައްޒަފުން ވަކިކުރި ދުވަސްވަރުކަން ފާހަގަކޮށްލެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.