Download Logo
Copy Logo

"ކޯ.ލެބް 26" ގެ ނަމުގައި 4 ދުވަހުގެ ހާއްސަ ގައުމީ ހަރަކާތެއް ފައްޓައިފި

ހިންދު ޢަލީ 18 މޭ 2026

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން "ކޯ.ލެބް 26"ގެ ނަމުގައި ޤައުމީ ފެންވަރުގެ ހާއްސަ އިވެންޓެއް މިއަދު ފައްޓައިފިއެވެ. މިއިވެންޓަކީ ދިވެހިރާއްޖޭގެ އާންމު ހިދުމަތްތަކުގެ ނިޒާމުގެ ތެރެއަށް ޑޭޓާ އަދި އޭއައި ޓެކްނޮލޮޖީގެ ބޭނުން ހަރުދަނާ ގޮތެއްގައި އިތުރުކުރުމުގެ މަގުސަދުގައި ކުރެވޭ މަސައްކަތެކެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި، މިދާއިރާއާއި ގުޅޭ ފަންނީ ތަޖުރިބާކާރުންނާއި ޕާޓްނަރުން އެންމެން ގުޅިގެން ޤައުމީ ފެންވަރެއްގައި ނަތީޖާ ނެރުމަށް ކުރިއަށް ގެންދާ މަސައްކަތު ޕްރޮގްރާމެކެވެ.

މެއި މަހުގެ 18 އިން 21 އަށް، 4 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިހަރަކާތް ހިންގުމަށް ކަނޑައެޅިފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ.


ފުރަތަމަ ބައި (19-18 މެއި 2026)

ކޯ.ލެބް 26 ހަރަކާތުގައި ފުރަތަމަ ބައިގައި ހިމެނޭ މުހިއްމު އެއްކަމަކީ ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރ (އެންއޭޑީސީސީ) ރައްމީކޮށް އިފްތިތާހުކުރުމެވެ. އެންއޭޑީސީސީއަކީ މޯލްޑިވްސް 2.0 ޑިޖިޓަލް އެޖެންޑާގެ ދަށުން ބީއެމްއެލްއާއި މައިންޑްކޯއާއި ދެމެދު 4 އެޕްރީލް 2026 ގައި ކުރެވުނު ފަހުމުނާމާގެ ދަށުން އުފެއްދުނު ގައުމީ ވަސީލަތެކެވެ.

މިހަރަކާތުގެ ފުރަތަމަ ބައި މިއަދު ފަށާފައިވާއިރު، އިވެންޓް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ މުހައްމަދު ޝަރީފް އަދި މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވާހަކަ ދެއްކެވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވަނީ މޯލްޑިވްސް އޭއައި ލެބް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ. މިނިސްޓަރު ދެއްކެވި ވާހަކަގައި، މުސްތަޤްބަލަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން ގައުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މޯލްޑިވްސް އޭއައި ލެބަކީ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކަށް އެކުގައި އޭއައި އަދި ފަންނިއްޔާތާއި ގުޅޭ މަސައްކަތް ކުރުމަށާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ދެވޭ ދައުވަތެއް ކަމަށް ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ފުރަތަމަ ބައިގައި ދެން ކުރިއަށް ދާނީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް އޭއައި ބޭނުންކުރެވިދާނެ ޔޫސް ކޭސް ދެނެގަތުމަށް ބާއްވާ ސްޕްރިންޓް ސެޝަންއެކެވެ. މިސެޝަންގައި ސަރުކާރުގެ އިދާރާތަކަށް ދިމާވާ މުހިންމު ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް އުފެއްދިދާނެ ސޮލިޔުޝަންތަކާއި ބެހޭ ގޮތުން މަޝްވަރާތައް ކުރެވޭނެއެވެ. އަދި އެ ހައްލުތައް އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާއި، އޭގެ އަގާއި ފީސިބިލިޓީ އާއި ޔޫސަބިލިޓީ ފަދަ ކަންކަން ވަޒަންކޮށް ޔޫސް ކޭސް އިތުރަށް ތަރައްގީ ކުރެވޭނެއެވެ.

މިބައިގެ 2 ވަނަ ދުވަހު، 19 މެއި 2026 ގައި އޮންނާނީ އިދާރާތަކުން އުފެއްދި ޔޫސްކޭސްތައް ޕްރެޒެންޓްކުރުމެވެ. އެއަށް ފަހު ކޮންމެ ޔޫސް ކޭސްއަކަށް ތިން ދަރަޖައަކުން ވަޒަންކޮށް ޔޫސްކޭސްތައް ގައުމީ ލެވެލްގައި އިސްކަންދޭ ތަރުތީބެއް ކަނޑައަޅާ ޝޯޓްލިސްޓް ކުރެވޭނެއެވެ. ޔޫސްކޭސްތައް ޝޯޓްލިސްޓް ކުރުމަށް ވަޒަންކުރާނީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން (%40)، މިހަރަކާތުގެ ބައިވެރިންގެ ވޯޓަކުން (%30) އަދި އާންމު އޮންލައިން ވޯޓަކުން (%30) ސްކޯކޮށްގެންނެވެ.


2 ވަނަ ބައި (21-20 މެއި 2026)

މިބައިގައި ހިމެނޭނީ "ކޯ.ލެބް 26 ހެކަތޯން"ގެ ނަމުގައި ކުރިއަށްދާ ހެކަތޯންއެކެވެ. މިހެކަތޯންއަށް ހާއްސަކުރެވިފައިވަނީ އޭއައިގެ ބޭނުންކޮށްގެން، ކަނޑައެޅިފައިވާ 2 ދާއިރާއަކުން އީޖާދީ އުފެއްދުންތަކެއް އުފެއްދުމަށެވެ. އެއީ،

ދާއިރާ 1: ސަރުކާރުންދޭ އާންމު ހިދުމަތްތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ އީޖާދީ އުފެއްދުން ތަރައްގީކުރުން. އާންމު ހިދުމަތުގެ ދާއިރާއިން އިސްކަންދޭން ކަނޑައަޅާފައިވަނީ ސިއްހީ، ތައުލީމީ، ތިމާވެށި، މާލީ އަދި ފަތުރުވެރިކަމުގެ ދާއިރާތަކަށެވެ.

ދާއިރާ 2: ފިންޓެކް ހިދުމަތްތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ އީޖާދީ އުފެއްދުން ތަރައްގީކުރުން. މިބައިގައި ހިމެނެނީ ބީއެމްއެލްގެ ސްވައިޕް އޭޕީއައި ޕްލެޓްފޯމް ބޭނުންކޮށްގެން، ރައްކާތެރި ޑިޖިޓަލް ވަސީލަތްތައް ފަރުމާކުރުމެވެ.

މި ހެކަތޯން ވެސް ކުރިއަށްދާނީ އާންމުކޮށް އެހެން ހެކަތޯންތައް ކުރިއަށްދާ ފަދައިން ހުއްޓުމެއްނެތި 48 ގަޑިއިރު ވަންދެންނެވެ. ހެކަތޯންގައި ބައިވެރިވާ ޓީމުތަކުން އީޖާދީ ހައްލުތައް އުފައްދާނީ މިއިވެންޓްގެ ފުރަތަމަ ބައިގައި ސަރުކާރުގެ އިދާރާތަކުން ހުށަހަޅާ ޔޫސްކޭސް ޕްރެޒެންޓޭޝަންތަކަށް ބިނާކޮށް، އެޔޫސްކޭސްތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށެވެ. ބައިވެރިން މަސައްކަތްކުރާނީ މޯލްޑިވްސް އޭއައި ލެބްގެ ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރާ ޕްރޮޓޯޓައިޕްތައް ފަރުމާކުރާށެވެ.

ހެކަތޯން ކުރިއަށްދާއިރު ބައިވެރިންނަށް ތަޖުރިބާކާރު ފަންނީ މެންޓަރުންގެ އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ޑިޖިޓަލް ހިދުމަތް ޑިޒައިންކުރާ ފަރާތްތަކާއި، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް، ސޮފްޓްވެއަރ އާކިޓެކްޗަރ، ސިސްޓަމް އިންޓަރގްރޭޝަން، އޭއާއި އެލްގޮރިދަމް އަދި ޑޭޓާ ސައިންސްގެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުން ހިމެނެއެވެ.

ހެކަތޯންގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ފައިސާގެ އިނާމުތަކެއް ވެސް ކަނޑައެޅިފައިވެއެވެ. އެއީ އެއްވަނަ އަށް ހޮވޭ ފަރާތަކަށް 35 ހާސް ރުފިޔާ، ދެވަނައަށް 15 ހާސް އަދި ތިންވަނައަށް 10 ހާސް ރުފިޔާގެ އިނާމެވެ. މީގެ އިތުރުން، ހެކަތޯން ނިމުމަށް ފަހު، އެންމެ ފާހަގަކޮށްލެވޭ ހައްލުތައް ހުށަހަޅާ ޓީމުތަކަށް، އެމީހުންގެ ޕްރޮޓޯޓައިޕްތައް ގައުމީ ފެންވަރުގެ ފުރިހަމަ ސިސްޓަމްތަކަކަށް ބަދަލުކުރުމުގެ އަމަލީ ފުރުސަތާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީގެ ކުރިން ސަރުކާރުގެ އިދާރާތަކުން ގެންގުޅޭ އުސޫލަކީ ކޮންމެ އިދާރާއަކުން ވަކިވަކިން ޑިޖިޓަލް ޕްރޮޖެކްޓްތައް ހިންގާ، ވަކި ވަކި ސިސްޓަމްތައް އުފެއްދުމެވެ. އެހެންކަމުން ކޯ.ލެބް 26 ހަރަކާތުން ހާސިލްކުރަން ބޭނުންވާ މުހިއްމު އެއް މަގުސަދަކީ ކުރީގެ ވިސްނުން ބަދަލުކޮށްލާ، ކޮންމެ ފަހަރަކު ސުމަކުން ފެށުމުގެ ބަދަލުގައި އެކި ދާއިރާތަކަށް ބޭނުންކުރެވޭނެ ޝެއަރޑް އުފެއްދުންތަކެއް އުފެއްދުމަށް މަގުފަހި ކުރުމެވެ.

މިއިވެންޓްތަކުގެ ސަބަބުން ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެއީ ކުރު މުއްދަތެއްގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތައް އުފެއްދުމާއި، ކޮންމެ އިދާރާއަކުން ވަކިވަކިން ސިސްޓަމްތައް އުފެއްދުމަށް ހަރަދުކުރުމުގެ ބަދަލުގައި، ހުރިހާ އިދާރާތަކަށްވެސް ބޭނުންކުރެވޭނެ، އޭއައި ޓެކްނޮލޮޖީ ހިމެނޭ، ރީޔޫސަބަލް އުފެއްދުންތަކެއް ޑިވެލޮޕް ކުރެވިގެން ދިއުން ފަދަ ފައިދާތަކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.