Download Logo
Copy Logo

1 އަހަރު ތެރޭގައި އޭއައިގެ އެހީގައި ހިސާބުގެ ދާއިރާއަށް ގެނައި އިންގިލާބު

ހިންދު ޢަލީ 02 ޖޫން 2026

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ވާހަކަ ދައްކާއިރު އާންމުކޮށް މީގެ ބޭނުންތައް ކަމަށް ވިސްނިފައި އޮންނަނީ ޗެޓްބޮޓްތަކާއި، ފޮޓޯ ނުވަތަ ވީޑިއޯ ޖެނެރޭޓަރުކުރާ ސިސްޓަމްތަކަށެވެ. ނުވަތަ އީމެއިލް އާއި އެކި ބާވަތުގެ ޑޮކިޔުމެންޓަތަކާއި ރިޕޯޓްތައް ލިޔުމަށް ބޭނުންކުރާ ވަސީލަތްތަކެއްގެ ގޮތަށެވެ.

އެހެން ނަމަވެސް ހިސާބު އިލްމުގެ ކޮމްޕްލިކޭޓެޑް މައްސަލަތައް ހައްލުކުރުމަށް އޭއައި ސިސްޓަމްތައް ބޭނުންކުރުން އެހާ އާންމެއް ނޫނެވެ. މީގެ ކުރިން ފެނިފައިވާ ބޮޑެތި އެލްއެލްއެމް މޮޑެލް ހިމެނޭ އޭއައި ސިސްޓަމްތަކަކީ، ހާއްސަކޮށް ހިސާބާގުޅޭ ސުވާލުތައް ކުރުމުން ހެލުސިނޭޝަންގެ މައްސަލަތައް ފެންނަ ސިސްޓަމްތަކެވެ. ނުވަތަ ހިސާބު މައްސަލައަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމުން ވަރަށް ގިނައިން ކުށް ފެންނަ ސިސްޓަމްތަކެވެ.

ކުރިން ހީވެފައި އޮތީ ހިސާބު އިލްމުގެ މައްސަލަތައް ހައްލުކުރުމަށް އިންސާނުންގެ ލެވެލްގެ ވިސްނުން ބޭނުންވާނެކަމަށެވެ. އިންސާނުންގެ އުފެއްދުންތެރިކަން ބޭނުންވާނެކަމަވެ. އުނދަގޫ ހިސާބު މައްސަލަތައް ހައްލުކުރެވެނީ އިންސާނުންގެ ތެރެއިން ވެސް ވަކި ލެވެލްއެއްގެ ތޫނުފިލިކަން ހުންނަ ބަޔަކަށް ކަމަށެވެ. އެކަމަށް ލޮޖިކްއާއި އިންޓިއުޝަން ފަދަ އިންސާނުންގެ ކިބައިން އެކަނި ފެންނަ ހުނަރު ބޭނުންވާކަމަށެވެ. ހިސާބު އިލްމުއެކުލެވޭ ޕަޒްލްތައް ހައްލުކުރުމަކީ އޭއައި ސިސްޓަމްތަކުށް މީގެ ކުރިން އުނދަގޫ ކަމެކެވެ.

އެހެންނަމަވެސް ޖުލައި 2025 އިން ފެށިގެން މިކަން ބަދަލުވާން ފަށައިފިއެވެ. އަދި އޭގެ ފަހުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިހީވާހީވުން މުޅިން ބަދަލުކޮށްލާ، ހިސާބުގެ ދާއިރާއަށް އޭއައި އިން އިންގިލާބެއް ގެނެސްފިއެވެ.

މިއާޓިކަލްގައި ބަލާލާނީ ހިސާބު މައްސަލަތައް ހައްލުކުރުމުގައި ކުށް ފެންނަ ސިސްޓަމްތަކުން މިދާއިރާގައި މޮޅު ރިސާޗް ޕާޓްނަރަކަށް އޭއައި ބަދަލުވި ގޮތުގެ ޓައިމްލައިނަށެވެ.

ޖުލައި 2025: ބައިނަލްއަގްވާމީ މެތަމެޓިކްސް އޮލިމްޕިއެޑްސް މުބާރާތް

މިބަދަލުގެ އެންމެ ބޮޑު ނިޝާން ފުރަތަމަ ފެނިގެން ދިޔައީ ހައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް މެތްސް އޮލިމްޕިއެޑްސް މުބާރާތުންނެވެ. އިންޓަނޭޝަނަލް މެތްސް އޮލިމްޕިއެޑްސް މުބާރާތަކީ ހިސާބަށް އެންމެ މޮޅު ދަރިވަރުންގެ މެދުގައި ކޮންމެ އަހަރަކު ބާއްވާ ހާއްސަ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރި ވަނީ ހިސާބަށް އެންމެ މޮޅު ޕްރޮޑިޖީ ލެވެލްގައި ހިމެނޭ ދަރިވަރުންނެވެ. މިއީ ދުނިޔޭގެ ލެވެލްގައި ބާއްވާ ހިސާބު މުބާރާތްތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް މުބާރާތެވެ.

ޖުލައި 2025 ގައި ހިސާބުގެ ދާއިރާއިން ދިރާސާކުރާ ފަރާތްތަކުން އެއަހަރުގެ މެތްސް އޮލިމްޕިއެޑްސް މުބާރާތުގައި އެކިއެކި އޭއައި މޮޑެލްތައްވެސް ބައިވެރިކުރުވިއެވެ. އެއީ އެ އޭއައި މޮޑެލްތައް ޕަރފޯމް ކުރާގޮތެއް ޓެސްޓުކޮށް އަޖުމަ ބަލާލުމަށެވެ. މިޓެސްޓުގެ ނަތީޖާއިން ގިނަ މީހުން ހައިރާންކޮށްލިއެވެ. މުބާރާތުގައި ހިމެނުނު އިންތިހާއަށް އުނދަގޫ 6 މައްސަލައެއްގެ ތެރެއިން 5 މައްސަލައެއް އޭއައި ސިސްޓަމްތަކުން ރަނގަޅަށް ހައްލުކުރިއެވެ. އަދި އޭއައި ސިސްޓަމްތަކުގެ ޕަރފޯމަންސް ފެނުނީ މުބާރާތުގައި ބައިވެރިވި ޒުވާން ޕްރޮޑިޖީ ނުވަތަ ޖީނިއަސް ލެވެލްގެ ދަރިވަރުންނާއި އެއް ފެންވަރެއްގައެވެ.

މިގޮތަށް ނަތީޖާތައް ދެއްކި ނަމަވެސް އެންމެ ފުރަތަމަ ބައެއް ދިރާސާވެރިން ބުނީ އެއީ އެހާ އިމްޕްރެސިވް ކަމެއް ނޫން ކަމަށެވެ. އެމީހުން ބުނީ މުބާރާތުގައި ހިމެނުނު އުނދަގޫ ހިސާބު މައްސަލަތަކަކީ އައު މައްސަލަތަކެއް ނޫން ކަމަށާއި، މީގެ ޖަވާބުތަކަކީ ވެސް ގިނަ ބަޔަކަށް އެނގޭ އެއްޗެހިތަކެއް ކަމަށެވެ. އަދި އެއީ އައު ހޯދުންތަކެއް ނޫންކަމަށެވެ. އެހެން ނަމަވެސް އޭއައި ސިސްޓަމްތަކުން ޖަވާބު ހޯދި ސްޕީޑްގެ ސަބަބުން މިމޮޑެލްތަކުގެ ކުޅަދާނަކަމާމެދު އުފެނު ޝައްކު އުފެދުނު ފަރާތްތަކަށް ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވިއެވެ.

ސެޕްޓެމްބަރ-ނޮވެމްބަރ 2025: އިތުރު ދިރާސާތައް

މުބާރާތުގައި ފެނުނު ނަތީޖާއަށް ފަހު މިމޮޑެލްތައް އިތުރަށް ޓެސްޓުކޮށް އަޖުމަ ބަލަން ފެށިއެވެ. ކުރިން ހިސާބު އިލްމުގެ މައްސަލަތައް ހައްލުކުރުމުގައި އޭއައި އަކީ ކުށް ގިނަ އެއްޗެއްކަމަށް ހިޔާލު ގެންގުޅުނު އަދި މާބޮޑަށް އޭއައި ބޭނުންނުކުރާ ހިސާބު އިލްމުވެރިންވެސް އޭއައިގެ ހުރި މިންވަރެއް ބަލާލުމަށް ޝައުގުވެރިވާން ފެށިއެވެ. އަޖުމަ ބަލަން ފެށި މަސައްކަތްވީ ހިސާބު އިލްމުގެ މައްސަލަތަކުގެ ނަތީޖާ ހޯދުމަށް އުފެދުނު އިތުރު ޝައުގުވެރިކަމަކަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އިތުރު މައްސަލަތައް ރަނގަޅަށް ހައްލުކޮށް ދިރާސާވެރިން ހައިރާންކޮށްލާ، ހީކުރިވަރަށް ވުރެ އެތައް ގުނައެއް ރަނގަޅަށް ނަތީޖާ ފެންނަންފެށިއެވެ. އަދި ކުރިން ހަފްތާތަކެއް ނުވަތަ މަސްތަކެއް ހޭދަވާ ކަންތައްތަކަށް އެންމެ ދުވަހެއްގެ ތެރޭގައި ހައްލު ހޯދަންފެށިއެވެ.

މިދިރާސާވެރިންގެ ތެރޭގައި ހިމެނޭ ހިސާބުގެ ދާއިރާއިން ފީލްޑްސް މެޑަލް ލިބިފައިވާ، ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ)ގެ ހިސާބު ޕްރޮފެސަރު، ޓެރެންސް ޓާއޯ ވެސް އޭނާ ކުރާ މަސައްކަތުގައި އެހީ ހޯދުމަށްޓަކައި އޭއައި ބޭނުންކުރަން ފެށިއެވެ. އޭނާ ބުނާގޮތުން އޭނާ އޭއައި ބޭނުންކުރީ ޑިޖިޓަލް އިންޓަރނެއް ގޮތަށެވެ. އޭނާގެ މަސައްކަތުގައި ތަކުރާރުކޮށް ކުރަންޖެހޭ (ގްރަންޓް) މަސައްކަތްތައް ފަސޭހަކުރުމަށެވެ.

އޭނާ ބުނާ ގޮތުން ކުރީ ޒަމާނުގައި ހިސާބު މާއްދާ ކިޔެވި އަދި ކިޔަވައިދިން ގޮތް އޭއައިގެ ސަބަބުން ވަރަށް އަވަހަށް ބަދަލުވެގެންދާނެއެވެ. އޭނާ އަދި އިތުރަށް ފާހަގަ ކުރީ އަދި މިހާތަނަށް އޭއައިގެ ސަބަބުން ހިސާބު އިލްމުވެރިންގެ ވަޒީފާއަށް ނުރައްކާވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިކުރިއެރުންތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ގިނަ މުއައްސަސާތަކެއްގައި ހިސާބު ކިޔަވައިދޭ ގޮތް ބަދަލުކުރަން ޖެހޭނެއެވެ. މިއީ ހަމަ އެހެން މާއްދާތަކަށް ވެސް އޭއައިގެ ސަބަބުން އަންނާނެ ބަދަލުތަކެކެވެ.

ޑިސެމްބަރ 2025: ނެސްޓެރޯވްސް މެތަޑްގެ ހައްލު

ހިސާބު ދާއިރާގެ މިއިންގިލާބީ ކުރިއެރުމުގައި، އިންސާނުންނާއި އޭއައި ޓީމެއް ގޮތަށް މަސައްކަތްކޮށްގެން ނެރެވުނު އެންމެ ފާހަކޮށްލެވޭ ނަތީޖާއަކަށް ވެގެން ދިޔައީ، 2025ގެ ޑިސެމްބަރު މަހުގެ ތެރޭގައި، ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ)ގެ ހިސާބު އިލްމުވެރިޔާ އަރނެސްޓް ރިޔު، ޗެޓްޖީޕީޓީ ބޭނުންކޮށްގެން 1983 ވަނަ އަހަރުން ފެށިގެން ހިސާބު ދާއިރާގައި ހައްލެއް ނުލިބި އޮތް ކޮމްޕްލެކްސް ފޯމިއުލާއެއް ހިމެނޭ މައްސަލައަކަށް ޖަވާބު ހޯދުމެވެ.

ހިސާބު އިލްމުގެ އޮޕްޓިމައިޒޭޝަން ދާއިރާގެ މިމައްސަލަ (ނެސްޓެރޯވްސް މެތަޑް) އަކީ 40 އެތަށް އަހަރު ވަންދެން އެކަމާމެދު ދިރާސާ ކުރެވެމުންދާ މައްސަލައެކެވެ. މިމައްސަލައަށް ޖަވާބެއް ހޯދުމަށްޓަކައި އޭއައިއިން، ކުރިން އިންސާނުން ނުވިސްނާ، އާދަޔާ ހިލާފު ހައްލެއް ހުށަހެޅިއެވެ. އަދި އެއަށް ފަހު، އަރނެސްޓް ރިޔު އެހައްލު އިތުރަށް ރަނގަޅުކޮށް ޒަމާންވީ އެމައްސަލަ ހައްލުކޮށްދިނެވެ.

ނެސްޓެރޯވްސް މެތަޑްގެ އޭއައި އެސިސްޓެޑް ހައްލާއި ބެހޭގޮތުން އަރނެސްޓް ރިޔުގެ އެކަޑަމިކް ކަރުދާސް ހިއްސާކުރިތާ ދުވަސްކޮޅެއް ފަހުން އޭނާ ޔޫސީއެލްއޭއިން ޗުއްޓީއެއް ނަގާ، އޯޕަންއޭއައިގައި ވަޒީފާ އަދާކުރަންފެށިއެވެ.

ފެބްރުއަރީ 2026: ފަރސްޓް ޕްރޫފް ޗެލެންޖު

ފެބްރުއަރީ 2026 ގައި ހިސާބު އިލްމުގެ ދިރާސާވެރިންގެ ގްރޫޕަކުން ގަސްދުކުރީ އޭއައި ގައި ހުރި ފެންވަރެއް ބަލާލުމަށްޓަކައި، ޓެކްސްޓް ފޮތުގައި ހިމެނޭ ޕަޒްލްތަކުގެ ބަދަލުގައި، އެންމެ ފަހުގެ އައު ސައިންޓިފިކް ރިސަރޗްގައި ހިމެނޭ އުނދަގޫ ހިސާބު އިލްމުގެ މައްސަލަތަކެއް ހައްލުކުރުމަށް އޭއައިއަށް ހަވާލުކުރުމަށެވެ. މިމަސައްކަތުގެ ނަމަކަށް ދިނީ "ފަރސްޓް ޕްރޫފް ޗެލެންޖު" އެވެ. މިދިރާސާވެރިންގެ ބުނީ މިއީ ދުނިޔޭގެ ފުރަތަމަ ފަހަރަށް އޭއައި އަކަށް ހުށަހެޅުނު ފައިނަލް އިމްތިހާނެވެ.

މިޗެލެންޖުގައި ދިރާސާވެރިން އޭއައި އަށް ހުށަހެޅީ ހިސާބުގެ އެކި ދާއިރާގެ، އެންމެ އުނދަގޫ، އެކަޑެމިކް ރިސާރޗް ފެންވަރުގެ 10 މައްސަލައެކެވެ. މިއީ މީގެ ކުރިން އެއްވެސް ގޮތަކަށް އިންޓަނެޓުގައި ޝާއިއުކޮށްފައި ނުވާ އައު މައްސަލަތަކެކެވެ. އަދި އޭގެ ކުރިން އެއްވެސް އޭއައި އެއް ޓްރެއިން ކުރުމަށް ވެސް އެފަދަ މައުލޫމާތެއް ބޭނުންކޮށްފައި ނުވެއެވެ. އެހެން ކަމުން އިންޓަނެޓުން މައުލޫމާތު ހޯދާ ކޮޕީ ކުރުމުގެ ފުރުސަތެއް އޭއައި އަކަށް ނުލިބެއެވެ. އަދި މިމައްސަލަތައް ހައްލު ކުރުމަށް އޭއައި އަށް ދިނީ 1 ހަފްތާގެ މުއްދަތެކެވެ. މިކަމުގެ ތަޖުރިބާކާރުން ލަފާކުރީ އޭއައިއަށް މީގެ ތެރެއިން އެންމެ މައްސަލައެއް ވެސް ހައްލެއް ނުވާނެކަމަށެވެ.

އެހެން ނަމަވެސް ނަތީޖާ ފެނުނު ގޮތުން ދިރާސީ ރިސާރޗްކުރާ ފަރާތްތަކަށް ލިބުނީ ހައިރާންކަމެވެ. ހުށަހެޅުނު 10 މައްސަލައިގެ ތެރެއިން 6 މައްސަލައެއްގެ ރަނގަޅު ހައްލު، އެއްވެސް އިންސާނެއްގެ އެހީތެރިކަމެއް ނެތި، އޭއައިއިން ނެރެދިނެވެ. މިކަމުގައި ބައިވެރިވި ދިރާސާވެރިންގެ ތެރެއިން، ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ޕްރޮފެސަރ، ޑެނިއަލް ލިޓް ވަނީ މިނަތީޖާގެ ތަފްސީލް އޭނާގެ ބްލޮގުގައި ޝާއިއުކޮށްފައެވެ. އޭނާ ބުނާގޮތުން މިކަމަށް ބޭނުންކުރި އޭއައިއަކީ، އާންމު ކޮމްޕިއުޓަރުގައި ހިމެނޭ ޓެކްނޮލޮޖީއަށް ވުރެ ވަރުގަދަ ޓެކްނޮލޮޖީއެކެވެ.


ހިސާބުގެ ދާއިރާއިން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ހަލުވިކޮށް އޭއައިގެ ގާބިލުކަން ފެނިގެން ދިޔުމަކީ އުފާވެރި ހަބަރެކެވެ. ނަމަވެސް، މިކަމުގައި ފަރުވާތެރިވުން ވެސް މުހިއްމެވެ. ޒަމާނުއްސުރެ ހަމައެކަނި އިންސާނުންގެ ހުނަރުން ހައްލު ކުރެވުނު ހިސާބުގެ މައްސަލަތަކާއި އެކު، އިންސާނުންނަށް އަގުހުރި ފިލާވަޅުތަކެއް ލިބި، ގިނަ ހުނަރުތަކެއް ތަރައްގީވެގެން ގޮސްފައިވާ ކަމީ ޝައްކެއްނެތް ކަމެކެވެ. ހިސާބުގެ އިލްމަކީ އެއާއި ގުޅިގެން ދުނިޔޭގައި ހިނގާ އެތަށް ކަމެއް ދޭހަކޮށްދޭ ބާރުގަދަ، މުހިއްމު އިލްމެކެވެ.

ކޮންމެ ކަމަކަށް އަވަސް ހައްލު ހޯދުމަށް އަވަސް އަރުވާލައިގެން، އިންސާނުންގެ ސިކުނޑިތަކުން ކުރާ މުހިއްމު ކަންތައްތައް މެޝިނުތަކާއި ހަވާލުކޮށް ދޫކޮށްލުމުން، ވަގުތީ މައްސަލަތައް ހައްލުވި ނަމަވެސް، ދުރު ރާސްތާއަށް ވިސްނާލައިފިނަމަ، އިންސާނުންނަށް ލިބެން އޮތް ހުނަރު ދަށްވެ، އަހަރުމެންގެ ވިސްނުން ބަލިކަށި ވެދާނެއެވެ.

މައްސަލަ ހައްލު ކުރުމަށް ޝޯޓްކަޓް ގޮތްތައް ހޯދަން އުޅެގެން، މާބޮޑަށް އޭއައިއަށް ބަރޯސާވެއްޖެނަމަ، އިންސާނީ ސިކުޑިތަކުގައި އެކުލެވޭ ހަގީގީ ޖީނިއަސް އުފެއްދުންތެރިކަން ނެތިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތެވެ. އަހަރުމެން ބޭނުންވަނީ ހައްލުތައް ހަމައެކަނި އެޑިޓްކުރާ ބަޔަކަށް ވުމުގެ ބަދަލުގައި މިފަދަ މޮޅެތި ހައްލުތައް ކްރިއޭޓް ކުރާ މީހުންނަށް ވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.