Download Logo
Copy Logo

ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026- ސްމޯލް މާކެޓްސް އެވޯޑު ލިބިއްޖެ

ސައިބަރޓެގް 08 ޖޫން 2026

ސިންގަޕޫރުގައި ބޭއްވި 'ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026' ގައި، މަގާމު ދިރާގަށް 'ޓެލްކޯ އޮފް ދަ އިޔަރ – ސްމޯލް މާކެޓްސް' އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި ދިރާގުން އަދާކުރަމުންދާ އިސް ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެކެވެ. މި ކެޓަގަރީގައި ކުދި އަދި ކުރިއަރަމުން އަންނަ މާކެޓްތަކުގެ ގިނަ ޓެލެކޮމް އޮޕަރޭޓަރުންނާ ވާދަކޮށް، ދިރާގުން ވަނީ މި ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ: "މި އެވޯޑްއިން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން އަޅުގަޑުމެންނަށް ކުރަށްވާ އިތުބާރު، އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް. ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑު ދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއިއެކު މިއަދު މިވަނީ ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބަރ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. ވީމާ މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް، އަދި އަޅުގަޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް."

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ ޓެލެކޮމް އޮޕަރޭޓަރުންނާއި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން އީޖާދީ ކަންކަމާއި، ކުރިއެރުމާއި، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާއިން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ދެވޭ އެވޯޑެކެވެ.

ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.