Download Logo
Copy Logo

ޑިޖިޓަލް އައިޑެންޓިޓީގެ ބިލާއި މޯލްޑިވްސް 2.0 ބިލު މަޖިލީހަށް ހުށަހަޅައިފި

ހިންދު ޢަލީ 20 ޖޫން 2026

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ޒަމާނީކޮށް، ސަރުކާރުގެ އިދާރާތަކުގެ ހިންގުން ޑިޖިޓަލް ބަދަލުތަކަށް ފެއްތުމަށް ބޭނުންވާ މުހިއްމު 2 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. 14 ޖޫން 2026 ގައި މަޖުލީހަށް ހުށަހެޅުނު މި 2 ބިލަކީ ޑިޖިޓަލް އައިޑެންޓިޓީގެ ބިލާއި، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލެވެ.

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ކުރާ އޮންލައިން މުއާމަލާތްތަކުގައި ހިދުމަތް ހޯދާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށް ބޭނުންކުރާ ރަސްމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު ހިންގާނެ ގޮތްތަކާއި އުސޫލުތައް ބަޔާންކުރުމެވެ.

މި ގާނޫނުގެ ދަށުން، އޮންލައިންކޮށް މުއާމަލާތްތައް ހިންގާ ފަރާތްތަކަކީ ކޮންބައެއްކަން ކަށަވަރުކުރެވޭނެ ރައްކާތެރި އޮނިގަނޑެއް އެކުލަވާލެވޭނެއެވެ. މިގާނޫނު ހިނގާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގައި ހުރުމުގެ ހުއްދައަށް އެދޭ އަދި ދިރިއުޅޭ ބޭރު މީހުންނަށާއި، އަދި މިފަރާތްތަކަށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކުގެ މައްޗަށެވެ.

މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމުގެ އަސާސީ އައިޑެންޓިޓީ ޑޭޓާބޭސްތަކެއް ނުވަތަ ސިސްޓަމްތަކެއްގެ ގޮތުގައި ބަލާނީ ތިރީގައިވާ ނިޒާމުތަކެވެ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ރަޖިސްޓްރީ ކުރުމުގެ ނިޒާމް

- ވާރކް ޕަރމިޓް ރަޖިސްޓްރީ ކުރުމުގެ ނިޒާމް

- ވީޒާ ރަޖިސްޓްރީ ކުރުމުގެ ނިޒާމް

- އަސާސީ އައިޑެންޓިޓީ ޑޭޓާބޭސްއެއްގެ ގޮތުގައި ކަނޑައަޅާ އެނޫން އައިޑެންޓިޓީ ނިޒާމުތައް

މި ބިލު ތަންފީޒުކުރުމުގައި ސަރުކާރުގެ އެކި އިދާރާތަކަށް ޒިންމާތައް ބަހާލާފައިވެއެވެ. އެގޮތުން ސިޔާސަތުތައް ކަނޑައަޅާ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދާއިރާގެ ވަޒީރެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް ހިންގާ އަދި ގާނޫނު ތަންފީޒުކުރުމުގެ އެންމެހާ މަސްއޫލިއްޔަތެއް ހަވާލުކުރަނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އަށެވެ.

މި ބިލުގައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ފަންނީ ލަފާދޭ ކޮމިޓީއެއް އުފައްދަންޖެހެއެވެ. މި ކޮމިޓީގައި ހިމެނޭނެ ކަމަށް ކަނޑައަޅާފައިވަނީ ތިރީގައިވާ ފަރާތްތަކެވެ.

- މިނިސްޓްރީ

- މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް)

- ނޭޝަނަލް ސައިބަރ ސެކިޔުރިޓީ އެޖެންސީ (އެންސީއެސްއޭ)

- ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)

- ޑީއެންއާރު ފިޔަވައި އައިޑެންޓިޓީގެ މައުލޫމާތު ފޯރުކޮށްދޭ އެހެން އިދާރާތައް

- ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި

- ލާޖް-ސްކޭލް ހިދުމަތްދޭ ފަރާތްތައް ތަމްސީލު ކުރާ ފަރާތެއް

- ސްމޯލް-ސްކޭލް ހިދުމަތްދޭ ފަރާތްތައް ތަމްސީލު ކުރާ ފަރާތެއް

- މަދަނީ ޖަމްއިއްޔާތައް ތަމްސީލު ކުރާ ފަރާތެއް


މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު

ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅީ ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.

މި ބިލުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދާއި ސަރުކާރުގެ ހިންގުން 'ޑިޖިޓަލް-ފަސްޓް' ސިޔާސަތެއްގެ ދަށުން ފުރިހަމަ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމެވެ. މިއީ މިހާރު ސަރުކާރުން 'މޯލްޑިވްސް 2.0' ގެ ނަމުގައި އެކުލަވާލާއި، އަދި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް ހިންގުމަށާއި، އޭގެ ދަށުން ޑިޖިޓަލް ގަވަރނަންސްގެ ނިޒާމުގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ކުރުމަށް 'މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް' އިދާރާ އުފައްދާ، އެއިދާރާއަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ބޭނުންވާ ގާނޫނީ ބާރު ދިނުމަށް އެކުލަވާލެވޭ ބިލެކެވެ.

މިބިލުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް އިދާރާގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީއެއް އައްޔަންކުރަންޖެހެއެވެ. މިމަގާމަށް މީހަކު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މީގެ އިތުރުން މިގާނޫނުގެ ދަށުން ޑިޖިޓަލް ގަވަރނަންސް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. މިކޮމިޓީގެ ބޭނުމަކީ އެމްޑީއެސްއިން އެކުލަވާލަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމަށާއި، ޑިޖިޓަލް ޓްރާންފޮމޭޝަންގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި އަދި އެއިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކާއި ބޭނުންވާ ފަންނީ ލަފާ ދިނުމެވެ. މިކޮމިޓީ އެކުލަވާލަނީ ކޮމިޝަނަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީއާއިއެކު ދާއިރާގެ ވަޒީރެވެ. މިގާނޫނަށް އަމަލުކުރަން ފަށާތާ 45 ދުވަސް ތެރޭގައި މިދެންނެވުނު ކޮމިޓީ އެކުލަވާލަން ޖެހެއެވެ.

މި އެޑްވައިޒަރީ ކޮމިޓީގައި 7 މެންބަރަކު ހިމެނޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެއީ،

- ކޮމިޝަނަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ

- ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)

- ނޭޝަނަލް ސައިބަރ ސެކިޔުރިޓީ އެޖެންސީ (އެންސީއެސްއޭ)

- އައިސީޓީ ދާއިރާގެ ނުވަތަ އެއާއި ގުޅުން ހުރި ދާއިރާއަކުން ފަންނީ، ތައުލީމާއި ތަޖުރިބާ ހުރި 3 މާހިރުން

- އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މާހިރެއް

އަދި މިބިލުގައި ބަޔާންކުރާގޮތުން މޯލްޑިވްސް 2.0 އާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް، 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އަކުންނެވެ.

މިކައުންސިލްގައި ހިމެނެނީ ތިރީގައިވާ ފަރާތްތަކެވެ.

- ރައީސުލްޖުމްހޫރިއްޔާ

- ޓެކްނޮލޮޖީ ދާއިރާގެ ވަޒީރު

- އިގްތިސާދީ ދާއިރާގެ ވަޒީރު

- ކޮމިޝަނަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ

- ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެކްޒެކެޓިވް

- ނޭޝަނަލް ސައިބަރ ސެކިޔުރިޓީ އެޖެންސީ (އެންސީއެސްއޭ)ގެ ޗީފް އެކްޒެކެޓިވް

- އައިސީޓީ ދާއިރާގެ ފަންނީ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަރާތެއް


ރައްޔިތުންގެ މަޖުލީހުގެ ވެބްސައިޓްގައި ވާގޮތުން މި 2 ބިލު ވެސް މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ، 15 ޖޫން 2026 ގައި މަޖުލީހުގެ ތަޅުމަށް ހުށަހަޅާ، ފުރަތަމަ ކިޔުމުގެ މަރުހަލާގައެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.