'ޑިޖިޓަލް ފޯ އޯލް' ގެ ނަމުގައި ސަރުކާރުން ވަނީ ދާދި ފަހުން ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ލިޓަރަސީ ކެމްޕެއިނެއް އިފްތިތާހުކޮށްފައެވެ. މިކެމްޕެއިން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެންނެވެ. އަމަލީގޮތުން މިކެމްޕެއިން ހިންގަނީ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ)ގެ ފިއުޗަރ އިންސްޓިޓިއުޓްއިންނެވެ.
މިކެމްޕޭނުގެ މަގުސަދަކީ ކޮންމެ ދިވެއްސަކަށް ވެސް ޑިޖިޓަލީ ކުރިއަރަމުން އަންނަ މިއަދުގެ ދުނިޔޭގައި ރައްކާތެރިކަމާއި ޔަގީންކަމާއެކު ބައިވެރިވާން ބޭނުންވާ އަސާސީ ޑިޖިޓަލް އަދި އޭއައި އާއި ގުޅޭ ގާބިލުކަމާއި ހުނަރުތައް އުނގަންނައިދިނުމެވެ.
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ތައާރަފްކުރި މިކެމްޕެއިން ލޯންޗް ކުރުމަކީ ދިވެހިންގެ މެދުގައި ޑިޖިޓަލް އަދި އޭއައި އާއި ގުޅޭ ހެލުންތެރިކަން އިތުރު ކުރުމަށް ކުރަންފެށި މުހިއްމު މަސައްކަތަކެވެ.
ހިލޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެއެވެ. ޕްރޮގްރާމް ކުރިއަށް ދާނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ.
- 2028 ވަނަ އަހަރުގެ ނިޔަލަށް 225،000 ދިވެހިންނަށް ޑިޖިޓަލް ހުނަރުތައް ފޯރުކޮށްދިނުން. އެއީ އަހަރަކު 75،000 މީހުންނެވެ.
- އާބާދީގެ 8 ގްރޫޕަކަށް އިސްކަންދީގެން ހުނަރުތައް ފޯރުކޮށްދިނުން. މީގެ ތެރޭގައި ސިވިލް ސާވަންޓުންނާއި އެސްއެމްއީ އޯނަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނެއެވެ.
- ޕްރޮގްރާމްގެ ފޯރުކޮށްދޭނީ 5 ގޮތަކަށެވެ. އޭގެ ތެރޭގައި އިން-ޕަރސަން ކޮމިއުނިޓީ ލަރނިންގ، ވަޒީފާ އިދާރާތައް މެދުވެރިކޮށް، ތައުލީމު ފޯރުކޮށްދޭ ތަންތަން އަދި އޮންލައިން ޗެނަލްތައް ހިމެނެއެވެ.
މިކެމްޕޭން އިންތިޒާމްކުރާ ފަރާތުން ސިފަކުރާގޮތުގައި މިއީ ހަމައެކަނި ޑިޖިޓަލް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތަކަށް ވުރެ ފުޅާ ހަރަކާތަކަށް ވާނެއެވެ. ހޭލުންތެރިކަމުގެ އިތުރުން މިއީ ގައުމީ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެކެވެ.
ސަރުކާރުން މިޕްރޮގްރާމް ސިފަކުރަނީ 1980 ގެ އަހަރުތަކުގައި ކުރިއަށް ގެންދިޔަ އަސާސީ ތައުލީމު އުގެނުމުގެ ޕްރޮގްރާމް ފަދަ ޕްރޮގްރާމެއްގެ ގޮތުގައެވެ. އެޒަމާނުގައި ލިޔުމާއި ކިޔުމުގެ ހުނަރު ރައްޔިތުންނަށް ފޯރުކޮށްދިން ފަދައިން މިޒަމާނަށް އެކަށޭނެ، ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ހުނަރުތަކަކީ ރައްކާތެރިކަމާއި ގާބިލުކަމާއިއެކު ޑިޖިޓަލްކޮށް ފޯރުކޮށްދޭ ހިދުމަތްތަކާއި އޭއައި ވަސީލަތްތައް ބޭނުންކުރުމެވެ. އަދި 1980ގެ އަހަރުތަކުގައި ހިންގި ޕްރޮގްރާމްގައި ލިޔަން ކިޔަން ނުދަންނަ މީހުން މަދުކުރި ފަދައިން، ޑިޖިޓަލް ފޯ އޯލް ކެމްޕެއިނުން ޑިޖިޓަލް ހުނަރު ދަށް ފަރާތްތަކަށް އެހުނަރުތައް ފޯރުކޮށްދީ، ރައްޔިތުންގެ މެދުގައި އޮތް ޑިޖިޓަލް ހުނަރުގެ ފަރަގު ކުޑަކުރެވޭނެއެވެ.
މިއީ ހަމައެކަނި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ފަސޭހަކުރުމުގެ ޕްރޮގްރާމެއް ނޫން ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ. އެފަދަ ހިދުމަތްތައް ބޭނުންކުރުމުގެ އިތުރުން، މީހުންގެ ރައްކާތެރިކަން އިތުރުކުރުމާއި، މިތަކެތި ބޭނުންކުރުމަށް ގިނަ ބަޔެއްގެ މެދުގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަކީ ވެސް މިޕްރޮގްރާމްގެ ބޭނުމެކެވެ.
މިޕްރޮގްރާމް ހިންގުމަށް ރާވާފައިވަނީ 3 އަހަރު (2028 - 2026)ގެ މުއްދަތައް 7 މަރުހަލާއަކަށް ބަހާލައިގެންނެވެ.
މިޕްރޮގްރާމްގެ ބިނާކޮށްފައިވަނީ ނޭޝަނަލް ޑިޖިޓަލް އެންޑް އޭއައި ކޮމްޕިޓެންސީ ފްރޭމްވޯކް (އެން-ޑެކް 1.0) ގެ މައްޗަށެވެ. މިއީ މިފަދަ ޕްރޮގްރާމްތަކަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މޮޑެލްތަކުގެ އަލީގައި، ދިވެހިރާއްޖޭގެ މާހައުލަށް އެކަށޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ގައުމީ ފްރޭމްވޯކެކެވެ. މިޕްރޭމްވޯކުގައި ޑިޖިޓަލް ހުނަރުގެ 6 ދާއިރާއަކަށް އަލިއަޅުވާލާނެއެވެ. އެއީ،
ޑިޖިޓަލް ހިދުމަތްތަކަށް އެންމެ އައު ފަރާތަށް ވެސް އަމިއްލައަށް ޑިޖިޓަލް ޑިވައިސްތައް ބޭނުންކުރުމާއި، އިންޓަނެޓަށް ކަނެކްޓްކުރުމާއި، މުހިންމު ޑިޖިޓަލް ޓޫލްތައް ބޭނުންކުރަން ދަސްކުރުން.
މިޒަމާނުގައި އިންޓަނެޓް މެދުވެރިކޮށް ލިބެން ހުރި ޑިޖިޓަލް އަދި އޭއައި ޖެނެރޭޓެޑް ކޮންޓެންޓުން މައުލޫމާތު ހޯދައި، އިވެލުއޭޓްކޮށް، މެނޭޖްކުރާނެ ގޮތްތައް ދަސްކުރުން.
މަސައްކަތުގައި އަދި ދިރިއުޅުމުގެ އެހެން ބޭނުންތަކުގައި، މީހުންނާއި މުވާސަލާތުކުރުމާއި، ހިދުމަތްތައް ހޯދުމާއި، މުޖުތަމައުގައި ބައިވެރިވުމަށް ބޭނުންވާ ޑިޖިޓަލް ޓޫލްސް ބޭނުންކުރަން ދަސްކުރުން.
ޓެކްނޮލޮޖީ ބޭނުންކުރުމުގެ ބޭރުން، ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޭއައި ބޭނުންކޮށްގެން ކޮންޓެންޓް އުފެއްދުމަށް ދަސްކުރުން.
ޑިޖިޓަލް ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި އަމިއްލަ ނަފްސާއި މައުލޫމާތުގެ ރައްކާތެރިކަން ދަސްކުރުން.
އައު ޑިޖިޓަލް ޓޫލްތަކާއި، އޭއައި ބޭނުންކޮށްގެން ދިމާވާ މައްސަލަތަކަށް ހައްލުހޯދުމާއި އިޖާދީ ތަކެތި އުފައްދަން ދަސްކުރުން.
އެން-ޑެކް ފްރޭމްވޯކްގެ ދަށުން ޕްރޮގްރާމްގެ ބައިވެރިން 3 ދަރަޖައަކަށް ގިންތި ކުރެވޭނެއެވެ. އެއީ،
- ފައުންޑޭޝަން (މީހެއްގެ އެހީއާއި އެކު އާދައިގެ ޑިޖިޓަލް އަދި އޭއައި ޓޫލްތައް ބޭނުންކުރުން)
- އިންޓަރމީޑިއެޓް (ކަނޑައެޅިފައިވާ މަސައްކަތްތައް އަމިއްލައަށް މިނިވަންކަމާއެކު ފުރިހަމަކުރުން)
- އެޑްވާންސްޑް (އުނދަގޫ ހާލަތްތަކުގައި އުފެއްދުންތެރިކަމާއެކު ޑިޖިޓަލް އަދި އޭއައި ޓޫލްތައް ބޭނުންކުރުމާއި، އެހެން މީހުންނަށް އެފަދަ ޓޫލްތައް ބޭނުންކުރަން އެހީތެރިވުމާއި، ޑިޖިޓަލް އަދި އޭއައި ޓޫލްތަކުގައި ހިމެނޭ ނުރައްކާތައް އެނގުމާއި އެތަކެތި ރަނގަޅުގޮތުގައި ބޭނުންކުރަން އެނގުން)
ޑިޖިޓަލް ހުނަރުތަކުގެ 6 ދާއިރާއަކުން ރައްޔިތުންނަށް ހުނަރުތައް ފުރިހަމަ ކުރަމުންދާ މިންވަރަކުން 'ޑިޖިޓަލް ސްކިލްސް ޕާސްޕޯޓެއް' ކޮންމެ ބައިވެރިއަކަށް ފޯރުކޮށްދެވޭނެއެވެ. މިޕާސްޕޯޓަކީ އެން-ޑެކް ފްރޭމްވޯކްގެ ދަށުން، ގައުމީ ލެވެލްގައި ބަލައިގަނެވޭ، ހުނަރުތައް ގިންތިކުރެވޭ ރެކޯޑެކެވެ.
ޕްރޮގްރާމް ކުރިއަށް ރޭވިފައިވާ ގޮތުން، ޕްރޮގްރާމް ފޯރުކޮށްދެނީ ޑެލިވަރީ ޕާޓްނަރުންގެ ގައުމީ ނެޓްވޯކެއް މެދުވެރިވެއެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ވެސް ލޯކަލް ކައުންސިލްތަކާއި، ސްކޫލްތަކާއި، ވޮކޭޝަނަލް ތައުލީމުދޭ މަރުކަޒުތަކާއި، އެންޖީއޯތަކާއި، އަމިއްލަ ކުންފުނިތައް ފަދަ ފަރާތްތައް މެދުވެރިކޮށް ޓްރޭނިންގ އޮފް ޓްރޭނަރސް (ޓީއޯޓީ) ޕްރޮގްރާމެއް ފުރިހަމަކޮށް ޑެލިވަރީ ޕާޓްނަރުންތަކެއް އުފައްދާނެއެވެ. އަދި ރައްޔިތުންނާއި ހަމައަށް ޓްރެއިނިންގ ފޯރުކޮށްދޭނީ ޓްރެއިންވެފައިވާ ޑިލިވަރީ ޕާޓްނަރުންނެވެ.
ޑިލިވަރީ ޕާރޓްނަރުންގެ ގޮތުގައި ގިނަ ބަޔަކު ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން މިކެމްޕެއިނުގެ ބައިވެރިންނަށް ހުނަރުތައް ދަސްކޮށްދިނުމުގައި ނުވަތަ އުނގަންނައިދިނުމުގައި ބައިވެރިވާ ފަރާތްތަކަށް 'ޑިޖިޓަލް ޗެމްޕިއަން'ގެ ޝަރަފު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މީގެ އިތުރުން ކަނޑައެޅޭ ވަކި މިންވަރަކަށް ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ރަށަކަށް 'ޑިޖިޓަލް އައިލެންޑް'ގެ ދަރަޖަ ދިނުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ޑިޖިޓަލް ފޯ އޯލް ކެމްޕޭން ފަންޑުކުރުމަށް ކަނޑައަޅާފައިވަނީ ޕާޓްނަރޝިޕް މޮޑެލްއަށެވެ. ކެމްޕޭން ހިންގާ ފަރާތުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެފަރާތުންވަނީ ޕްރޮގްރާމް ފަންޑު ކުރުމަށް ބޭންކުތަކާއި، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި އެހެނިހެން ކޯޕަރޭޓް އިދާރާތަކަށް ދައުވަތުދީ ފަންޑިންގގެ ފުރުސަތު ހުޅުވާލާފައެވެ.
ޕްރޮގްރާމް ފޯރުކޮށްދިނުމަށް ޕްލޭންކުރެވިފައިވާ ގޮތުން އާބާދީގެ 8 ގްރޫޕަކަށް 5 ޑެލިވަރީ މެތަޑަކަށް ކޮންޓެންޓް ފޯރުކޮށްދޭނެއެވެ. މިއީ ފަހަރުގައި މިޕްރޮގްރާމްގެ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެދާނެކަމަށް ދެކެމެވެ. އެގޮތުން އެއް ހުނަރުތަކެއް އެކި ގޮތްގޮތަށް ފޯރުކޮށްދިނުމުގައި އެއްގޮތްކަން ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކެމެވެ. ވަކިން ހާއްސަކޮށް ހުނަރުތައް ހާސިލްވިކަމަށް ޑިޖިޓަލް ސްކިލްސް ޕާސްޕޯޓް މެދުވެރިވެ، ރަސްމީ ރިކޮގްނިޝަންއެއް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އިރު، އެއް ހުނަރު ލިބިފައިވާ އެންމެން އެއް ފެންވަރެއް ކަމުގައި ބެލެވޭނެތީއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް